ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ރޭ މައުމޫން ހައްުޔަރުކޮށްގެން ގެންދަނީ
05 ފެބުރުއަރީ 2019 - 22:46
މިދިޔަ އަހަރުގެ ފެބްރުއަރީ 5 ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެމަނިކުފާނާއި އާއިލާގެ މެންބަރުން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރު ކުރުމުގައި ޒިންމާވާންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅައިދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު އެދިވަޑައިގެންފި އެވެ.
ސިޔާސީ ހައްޔަރީން ދޫކުރުމަށް އަމުރުކޮށް ސުޕްރީމް ކޯޓުން އަމުރެއް ނެރުމުން އެއަށް ތަބާނުވެ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. މައުމޫންގެ އިތުރުން އެމަނިކުފާނުގެ ދަނބިދަރިފުޅު މުހައްމަދު ނަދީމާއި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ އެ އަމުރާ ގުޅުވައިގެން ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެ އަމުރު ވެގެން ދިޔައީ ޔާމީންގެ ވެރިކަން ބަލިކަށިކޮށްލި އަމުރަކަށެވެ. އަދި އެ އަމުރު ތަންފީޒުކުރުމަށް ބައިނަލްއަގުވާމީ ޕްރެޝަރާ ކުރިމަތިވި އެވެ.
"ކުއްލި ހާލަތު އިއުލާން ކުރުމުގެ އެންމެ ބޮޑު މަގްސަދަކަށްވެފައި އޮތީ އަޅުގަނޑު ހައްޔަރުކުރުންކަން ވަރަށް ސާފުކޮށް ހާމަވެގެން ދިޔަ،" މިއަދު ނެރުއްވި ބަޔާނުގައި މައުމޫން ވިދާޅުވެފައިވެ އެވެ.
މައުމޫން ވިދާޅުވީ "ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ރާއްޖޭގެ ގާނޫނު އަސާސީގެ އުސޫލުތަކާ ހިލާފަށް އަދި ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ވެސް ނަގާލައި އަދުލް އިންސާފުގެ ނިޒާމް ފުނޑުފުނޑު ކޮށްލައިފަ" ކަމަށެވެ.
One year ago today a state of emergency was unlawfully declared in Maldives for the sole purpose of incarcerating me and others without legal grounds. We were subsequently freed by the High Court. 1/2
— Maumoon Abdul Gayoom (@maumoonagayoom) February 5, 2019
މައުމޫން ވިދާޅުވެފައި ވަނީ ހައްޔަރުކޮށް އެމަނިކުފާނުގެ ބޮލުގައި އަޅުވާފައި ވަނީ ދޮގު ތުހުމަތުތަކެއް ކަމަށެވެ. އެހެންކަމުން އެމަނިކުފާނާ ދެކޮޅަށް ފިޔަވަޅު އެޅި މީހުންނަށް ހައްގު އަދަބު ދިނުމަށް މައުމޫން ގޮވާލެއްވި އެވެ.
"އެހެން ނޫނީ ކުރިއަށް އޮތް ތަނުގައި ވެސް ބާރުގައި ތިބޭ މީހުން މި ބާވަތުގެ އަނިޔާވެރި ގައިރު ގާނޫނީ ކަންތައްތައް ކުރުމަކަށް ޖެހިލުމެއް ނުވާނެ،" މައުމޫން ވިދާޅުވެފައިވެ އެވެ.
މައުމޫން ހައްޔަރުކޮށް ޖަލުގައި ބެހެއްޓުމަށް ފަހު، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާކޮށް އެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޖަލަށް ހުކުމް ވެސް ކުރި އެވެ. ނަމަވެސް ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ. އަދި މީގެ އިތުރުން ޓެރަރިޒަމްގެ ދައުވާ ވެސް މައުމޫންގެ މައްޗަށް ކުރި އެވެ. އެ ދައުވާ މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ.
ފެބްރުއަރީ 1 ގެ އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ފަނޑިޔާރުން ހައްޔަރުކުރީ ސިފައިން ސުޕްރީމް ކޯޓުގެ ދޮރު ވައްޓާލައިގެން ވަދެ އެވެ. އަމުރު ނެރުނީ ރިޝްވަތުގެ ބަދަލުގައި ކަމަށް ތުހުމަތުކޮށް ފަނޑިޔާރުން ހައްޔަރުކުރި ނަމަވެސް އެ ތުހުމަތު ސާބިތެއް ނުވި އެވެ. ނަމަވެސް އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅިކަމުގެ ކުށް ސާބިތުވުމުން ދެ ފަނޑިޔާރުންގެ މަގާމު ވަނީ ގެއްލިފަ އެވެ، އެ ދެ ފަނޑިޔާރުން މިހާރު ތިއްބެވީ ގޭ ބަންދުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
06 February 2019
ކޮބާ މަނިކުފާނުގެ ވެރިކަމުގައި އަނިޔާ ލިބުނު މީހުންނަށް އިންސާފު. އެކަން ނުބަލާ ތިމާއަށް ކަމެއްވީމާ ބޮޑުކަމަކަށް ވެއްޖެ ދޯ
ތައްޚާނު
06 February 2019
ހުކުމް ނެރުނު ދެފަނޑިޔާރުން އަދިވެސް ތިބީ ގޭބަނދުގަ. ޙުކުމް ބާތިލްކުރި 3 ފަނޑިޔާރުން ތިބީ ޢިއްޒަތުގަ. ވަލުދޮރާށިން ވަން މީހުން ތިބިގޮތުގަ. މަހުޖަނުންގެ ވަކިތަކުން މުޅި މަޖިލިސް ސަލާމަތް ކޮށްގެން ނޫނީ އިންސާފު ނުލިބޭނެ.
ތާހާ
06 February 2019
ތަނެއް ދޮރެއް ވާއެއް ނުވާއެއް ނޭނގި، ނިދާފައި ތިއްބައި ގެންގޮސް ޖަލުގައި އުމުރުގެ ބޮޑުބައި ހޭދަކުރަން ޖެހުނު މީހުންނަށް ބަދަލު ދޭކަށް ނުޖެހޭތަ؟ ކޮބާ އެކަން ހިންގުމުގައި އިސްކޮށް އުޅުނު މީހާ.
ހަސަނު
06 February 2019
ސިފައިން ބޭނުންކޮށްގެން ގަދަ ބާރުން ޖުޑީޝަރީގެ މައްޗަށް އަތްގަދަކޮށް އުއްތަމަ ފަނޑޮޔާރު ހުރަގެއަށް ލުމަކީ އާދައިގެ ކަމެއްނޫން.. އެއީ ވަރަށް ބޮޑު އަދަބެއް ލިބެންޖެހޭނެ ކަމެއް.. އެކަން ކުރިމީހުންގެ އިތުރުން އެކަމުގެ ރޭވުންތައް ރޭވުމުގާ ބައިވެރިވި މީހުންނަށް އަދަބު ދޭންޖެހެ.. އަދި ރިޔާސީ އިންތިހާބަށް ފަހު އެ އިންތިހާބުގެ ނަތީޖާ އަބުރާލުމަށް ކުރި މަސައްކަތްތަކާ، ވެރިކަމުގަ ގަދަބާރުން ދެމިހުރުމަށް ރޭވި ރޭވުމަކީވެސް ކުށެއް..
ޑޮނާޑު
06 February 2019
ކޮމިސަންތަކެއް ހައްދަވައިގެން ބަރާބަރައް ލުސާރަތައް ހިގަމުންފޮނިވާހަކަތައް ދެކެވެމުންދޭ އެކަމަކު ނަތީޖާގެކުޑަމިންވަރެއްއްވެސްރައްޔިތުންނަކައްނުފެނޭ މައުމޫނުގެވެރިކަންނިމިއަންނިވެރިކަމުގާ އެމްޑީޕީސަރުކާރުން ކުރީގަ ވެސް މިކޮމިސަންއުފެއުފެއްދި 3 އަހަރުވަންދެންމުސާރަދިން ނަތީޖާ ދިޔައީ 0 ކައްމިފަހަރުވެސްވާނީއެހެން
އަހްމަދު
06 February 2019
ސްޕްރީމް ކޯޓުން ނެރުނު އަމުރަކީ ރަގަޅު އަމުރެއްކަން، ސްޕްރީމް ކޯޓުން މިހާރު ވަނީ ސާބިތުކޮށްދީފަ، އެހެންކަމަށްވާނަމަ އެހުކުމް ތަންފީޒްނުކުރި އޭރުގެ ސަރުކާރުގެ އިދާރާތަކުގައިތިބިމީހުނަށް ފިޔަވަޅު ނާޅާނަމަ،ފިޔަވަޅުއެޅުމަށް ސްޕްރީމްކޯޓުން އަމުރެއް ނެރެންޖެހޭ، އިންސާފު ގާއިމުކުރާސަރުކާރުގެ ބަރުހެލިކަމުން،ރައްޔިތުން މާޔޫސްވެއްޖެ.
ރުޅި
06 February 2019
ވޯޓް ހޯދަންއުޅުއިރު އޭރުގެ ސަރުކާރުގެ ހާދަގިނަ ކަންކަމެއް ޤާނޫނާ ޚިލާފަށް ކުރާކަމަށް ޓީވީތަކަށް އަރައިގެން އަދި ޖަލްސާތަކުގައިވެސް ގޮވަމުން ގެންދިޔައޭ. އެކަމަކު މިއަދު ފެންނަނީ އޭރުގެ އެއްވެސް ކަމަކީ ހަގީގަތެއް ނޫންކަން ދައްކަން ހިމޭންކަންމަތީ އެއްވެސް ކަމެއް ބަލަން ބޭނުންނުވޭ ބުނާފަދަގޮތަކަށް އަމަލުކުރަމުންދާތަން. މިއީވެސް ރައްޔިތުން މާޔޫސްކުރުވާ ކަމެއް.
އީދުކަޅުބެ
06 February 2019
އަފުރެމެންގެ ޙާލަތު، އަފުރެމެން އަމިއްލައަށް ބަދަލުކުރީ އުއްމީދުތަކެއް އޮވެގެންނެވެ. ނަމަވެސް އަފުރެމެން އެދޭ އެއްވެސް ކަމެއް އަދި ޙާޞިލުވެދާނެކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. މުއައްސަސާތަކުގައި ތިބި މީހުން އަފުރެމެން ރައްޔިތުންނަށް ކުރަނީ ޖެއްސުމެވެ. ޤާނޫނާއި ޤަވާއިދު އޮތީ އެމީހުންގެ ހިތުތެރޭގައެވެ. ލިޔެފަހުރި އެއްޗެއް އެމީހުން ޤަބޫލެއް ނުކުރެއެވެ. ރައްޔިތުންނާމެދު ހަދަނީ ހަދާނެގޮތެކެވެ.
ކަތީއްބެ
06 February 2019
އަފުރެން މިތިބީ ހިޔަންޏަށް މުޑިނެގިފަ، އަފުރެމެން މިތިބީ ބަޔަކު ކުޅުނު ކުޅިގަނޑެއްގެ ތެރޭގައި އޮޅުންބޮޅުންވެ، ރަނގަޅާއި ނުބައި ވަކިނުވާ ހިސާބުގައި، އަފުރެމެން ލޮލުގައި އެޅިފައިވާ ފަރުދާ ކެހި ސާފުވަނީ ދަޅައެޅުނު ބައްތިތަކުގެ ވިދުވަރު ފަނޑުވި ދުވަހަކުން.
ބޮޑު ނުރައްކާ
06 February 2019
ކަލޭ ތީ ބޮޑު ނުރައްކަލެއް. އެހެންވީމަ ކަލޭ ހައްޔަރު ކުރަން ޖެހޭނީ ކުއްލި ނުރައްކަލުގަ.
މިސްރާބު
06 February 2019
މަނިކުފާނު އެހެން ފަރާތްތަކަށް ތިޔަކަން ބެލުމަށް ނުއަންގައި އަމިއްލަ އިސްނެގުމުގައި މައްސަލަ ކޯޓަކަށް ވައްދަންވީ ނޫންތޯ؟ އެކަމަކު އެކަމެއް ނުކުރާނެ ދެއްތޯ. އެއީ ނުކުރެވޭނެ ކަމެއްކަން ޚުދު މަނިކުފާނަށް ވެސް އިނގޭވިއްޔާ!