ކުޅިވަރު / އަންޑަ 21 ޔޫތު ޗެމްޕިއަންޝިޕް

ސައްތައިން ސައްތަ ރެކޯޑަކާ އެކު އީގަލްސް ފައިނަލަށް

ދަ ގްރާންޑޭ ކޮޅަށް ލަނޑު ޖެހުމަށް ފަހު އީގަލްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކެޕްޓަން ހަސަން ރާއިފް (ހަންނަ)ގެ ދެ ލަނޑާ އެކު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތައިން ސައްތަ ރެކޯޑަކާ އެކު އީގަލްސް އިން އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން މިރޭ ޖާގަ ހޯދައިފި އެވެ.

އެފްއޭއެމުން 21 އަހަރުން ދަށަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އީގަލްސް އިން މި ފަހަރުގެ ފައިނަލުން ފުރުސަތު ހޯދީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެންނެވެ. އަންނަ އަންގާރަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި އީގަލްސް ކުޅޭނީ މިއަދު އެންމެ ފަހުގެ ޗެމްޕިއަން ގްރީން ސްޓްރީޓްސް ކަޓުވާލުމަށް ފަހު ފައިނަލުން ފުރުސަތު ހޯދި ޓީސީ ސްޕޯޓްސް ކްލަބާ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ މިނިޓްގައި އީގަލްސްގެ ކީޕަރު ހުސެއިން އަލީފް އޭރިއާ ބޭރުން ބޯޅައިގައި އަތްލުމުން ރެފްރީ އަހުމަދު އަފްސަހު ވަނީ އޭނާ އަށް ރީނދޫ ކާޑު ދައްކައިފަ އެވެ. އެ ފައުލުން ލިބުނު ހިލޭ ޖެހުމުން ދަ ގްރާންޑޭގެ އައިމަން ތައުފީގު ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މެޗުގެ ފުރަތަމަ ހާފަށް ބަލާއިރު އީގަލްސް އިން ކުރީ މެޗުތަކުގައި ދެއްކި ކުޅުން ދައްކަން އުނދަގޫވި އެވެ. ދަ ގްރާންޑޭ އިން އީގަލްސްގެ ކުޅުން ހުއްޓުވުމުގައި ދިޔައީ ކުރި ހޯދަމުންނެވެ. ހާއްސަކޮށް އީގަލްސްގެ ކެޕްޓަން ހަސަން ރާއިފް (ހަންނަ) އަށް ލިބޭ ބޯޅަތަކުގައި ދަ ގްރާންޑޭ ކުޅުންތެރިން ދިޔައީ ސަމާލުވަމުންނެވެ.

އީގަލްސް އަށް ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް އެންމެ ފުރަތަމަ ލިބުނީ މެޗުގެ 39 ވަނަ މިނިޓްގައި އެ ޓީމުގެ ފޯވާޑް މުހައްމަދު އަޒުމޫނަށެވެ. އޭރިއާ ތެރެއިން ހަންނަ ހުސްކޮށްލާފައި އަޒުމޫނަށް ތަނަވަސްކޮށްދިން ފުރުސަތުން އޭނާ ފޮނުވާލި ބޯޅައިގައި ބާރެއް ނެތުމުން ދަ ގްރާންޑޭގެ ކީޕަރު ޒައިދާން އަހުމަދު ވަނީ އެ ބޯޅަ ފަސޭހަކަމާ އެކު އަތަށް ނަގައިފަ އެވެ.

އީގަލްސް އިން ފުރަތަމަ ހާފުގެ ފަހު ވަގުތު ލީޑުނެގީ އަޒުމޫން ވައްދާލި ގޯލުންނެވެ. މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަޒުމޫނު މި ލަނޑު ޖެހީ ކޯނަރަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ބޮލުންނެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން މިނިޓެއްގެ ތެރޭ އީގަލްސް އިން ވަނީ ލީޑުފުޅާކޮށްފަ އެވެ. ލިބުނު ޕެނަލްޓީ އަކުން މި ލަނޑު ޖެހީ ހަންނަ އެވެ. މި ޕެނަލްޓީ އަކީ އީގަލްސްގެ ހައިޝަމް ހަސަން އަށް އޭރިއާ ތެރެެއިން ދަ ގްރާންޑޭ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުގައި އެންމެ ބޮޑު މައްސަލައެއް ޖެހުނީ މެޗުގެ 70 ވަނަ މިނިޓްގައި އީގަލްސްގެ ކީޕަރު އަލީފަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދެއްކުމުންނެވެ. އޭނާ އަށް ކާޑު ދެއްކީ ބޯޅަ ހޯދަން އުޅުމުގެތެރޭގައި ދަ ގްރާންޑޭ ކުޅުންތެރިއަކަށް ފައުލުކުރި ކަމަށް ބުނެ އެވެ. އެކަމަކު އެ ބޯޅައިގައި އެންމެ ފުރަތަމަ ބޮލުން ޖެއްސީ ކީޕަރު އަލީފް އެވެ. ދަ ގްރާންޑޭ ކުޅުންތެރިއާ އައިސް ފަހުން އަލީފް ގައިގައި ޖެހިގަތުމުން ރެފްރީ އަފްސަހަށް އޮޅުނީ އެވެ. އެ ނިންމުމާ މެދު އީގަލްސްގެ ބެންޗުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

އީގަލްސްގެ އެއް ކުޅުންތެރިއަކު މަދުވުމުން ދަ ގްރާންޑޭ އިން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. ދަ ގްރާންޑޭ އިން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް މެޗުގެ އިތުރުވަގުތުގެ ގޮތުގައި ދެއްކި 12 މިނިޓްގެ ތެރެއިން ތިން ވަނަ މިނިޓްގައި އީގަލްސް އިން ވަނީ ތިން ވަނަ ލަނޑެއް ޖަހައިފަ އެވެ. އޭރިއާ ތެރެއިން ހަންނަ އަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިފަ އެވެ.

އީގަލްސްގެ އިއްސެ (ވ) ދަ ގްރާންޑޭގެ ސައުދު ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދަ ގްރާންޑޭ އިން މި މެޗުގައި ޖެހި ހަމައެކަނި ގޯލު އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ކާމިޔާބުކުރީ އަހުމަދު ޒިދާން އެވެ. ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅަ ޒިދާން ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭގެ ފަހުން މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހަންނަ، އޭނާގެ ހެޓްރިކް ފުރިހަމަ ކުރަން ލިބުނު ފުރުސަތުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ދަ ގްރާންޑޭގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ ފުރަތަމަ ހާފުގައި ޕްލޭނާ އެއްގޮތަށް އެ ޓީމުން ރަނގަޅަށް ކުޅެމުން ދަނިކޮށް ކަންތައްތައް ބަދަލުވީ ފަހު ވަގުތު ވަން ގޯލަކުން ކަމަށާއި އަނެއްކާ ދެ ވަނަ ހާފް ފެށިތަނުން ޕެނަލްޓީ އަކުން އީގަލްސް އިން އިތުރު ލަނޑެއް ޖެހުމުން އުނދަގޫ ހާލަތެއް ކުރިމަތިވި ކަމަށެވެ.

"އީގަލްސްގައި ތިބީ މި ފަދަ މުބާރާތްތަކުގެ ތަޖުރިބާ ލިބިފައިތިބި ހުނަރުވެރި މޮޅު ކުޅުންތެރިން. އެ ކުޅުންތެރިންގެ ތަފާތު ދައްކައިފި. ލިބުނު ފުރުސަތުތަކުގެ ބޭނުން ވެސް ހިފައިފި. މިއީ މި ޓީމު (ދަ ގްރާންޑޭ) އަށް އަލަށް މުބާރާތެއްގައި ކުޅެގެން ލިބުނު ރަނގަޅު ކާމިޔާބެއް. ތަޖުރިބާއެއް،" ކުރިން ފުރަތަމަ ޑިވިޝަނުގައި ގިނަ ޓީމުތަކަށް ކޯޗުކޮށްދިން ނާދު ބުންޏެވެ.

އީގަލްސްގެ އެސިސްޓަންޓް ކޯޗު އިބްރާހިމް ސައީދު (ކަކާ) ބުނީ އެ ޓީމުން މަސައްކަތްކުރަނީ ހަމައެކަނި މި މުބާރާތުގެ ތަށި އުފުލާލުމަށް ނޫންކަމަށާއި އީގަލްސްގެ ސީނިއާ ޓީމަށާއި ގައުމީ ޓީމުތަކަށް ފެންވަރު ރަނގަޅު ކުޅުންތެރިން ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މި މެޗުތަކުގައި ކުޅުންތެރިންނަށް ގޯސްތަކެއް ހެދޭނެ ކަމަށާއި އެކަންތައް ތަކުރާރުނުވެ ކުރިއަށްދިއުމުން އޭގެ ނަތީޖާ ރަނގަޅަށް ފެންނަ ކަމަށް ބުންޏެވެ.

އީގަލްސް އަކީ މުބާރާތުގެ ފޭވަރިޓް ކަމަށް ގިނަ ބަޔަކު ދެކެނީ އީގަލްސް ކުރިން މުބާރާތްތަކުގައި ހޯދާފައިވާ ކާމިޔާބީތަކަށް ވުރެ މި ފަހަރު ވެސް ޓީމުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން އެކުވެގެން ކުރި މަސައްކަތުން ކަމަށެވެ.

5 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާރީ

17 February 2019

ސާންތި މެންގެ ނުފޫޒުން އަންޑަ 19 ޓީމް އެއްކޮށް މި އޮންނަނި އީގަލުސްގަ. އެހެން ޓީމަކަށް އޭގެން ކުޅުންތެރިޔަކު ގޮސްފިންޔާ ގައުމީޓީމަކަށް ނާރުވާނަމޭ ކިޔާ ބިރު ދަށްކާފަ އޮންނަނި. މީ ހަގީގަތް. މޮޅުނުވިއްޔާ ދެރަ.

The name is already taken The name is available. Register?

މޮޓްސް

17 February 2019

"މިއީ ހަގީގަތް." މިއީ 21 އަހަރުންދަށުގެ މުބާރާތެއް. 19 އަހަރުންދަށުގެ ގައުމީ ޓީމަށް ކުޅެވޭ އުމުރު ފަހަނައަޅައިގޮސް ތިބި ކުދިން ހައްތާވެސް ޓީމުގައި ތިބީ. ތިޔައީ ހަމަ ނަފުރަތު.

The name is already taken The name is available. Register?

އިއްސޭ

17 February 2019

މިމުބާރާތަށް އެންމެ ފުރަތަމަ ތައްޔާރުވާންފެށީ އީގަލްސް. އެހެން ޓީމްތައް ކުޅުންތެރިން ހޮވުމަށް ޓްރަޔަލް ބާއްވަން ނުފަށަނީސް، އީގަލްސް ވަނީ ޕްރެކްޓިސްކުރަން ފަށާފަ. މިފެންނަނީ ރަނގަޅަށް ތައްޔާރުވުމުގެ މުހިއްމުކަން. ކޮންމެއަކަސް، ވަރަށް ހުނަރުވެރި ކުޅުންތެރިންކޮޅެއް އަނެއްކާވެސް ފެނިގެން ހިނގައްޖެ. އުއްމީދަކީ އަންނަ މަހު އޮންނަ އޭއެފްސީ 23 އަހަރުންދަށުގެ ކޮލިފައިންގައި މިކުޅުންތެރިން ވިދާލާނެކަމަށް.

The name is already taken The name is available. Register?

ބޯޅަ

17 February 2019

މުހައްމަދު އަޒުމޫން (އަޗޫ) އަކީ ކުޑަ އާބާދީ އެއް އޮންނަ ނަލަނަލަ ށ.ނަރުދޫގެ ފަޚުރު.....

The name is already taken The name is available. Register?

ނާދުބެ

17 February 2019

މި މުބާރާތުގައި މިފަހަރު ބ.އޭދަފުށި ވާދަކޮށް މާޒިޔާ، ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް އަދި ޕޮއިންޓުން ގުރީންސްޓްރީޓްސް އާއި އެއްވަރުވެ، ލަނޑުގެ ތަފާތުން ކަޓާގެން ދިޔަކަމުގައިވިޔަސް ފާހަނގަ ކޮށްލަންޖެހޭ ކަމެއްއެބައޮތް. އެއީ ފައިނަލްގައިކުޅޭ 2 ޓީމުގަވެސް އޭދަފުއްޓަށް ނިސްބަތްވާ 2 ކުޅުންތެރިން މުހިއްމު ދައުރެއް އަދާކުރާނެތީވެ. މިހެންވެ “މޯލްޑިވްސް ބުރެޒިލް” އޭދަފުއްޓަށް މިކިޔަނީ، ބުރެޒިލް ހެން ގިނަ ކުޅުންތެރިން އުފައްދާތީވެ. މަރުހަބާ އީގަލްސް އަދި ޓީސީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454