ޚިޔާލު

ކޮލަމް 7: ތިން ލައްކަ ރުފިޔާގެ އަނެއް ފަރާތް!

"ހިޔާ މަޝްރޫއު" ދަށުން ފްލެޓް ލިބުނު ކަމުގެ ލިޔުން ހޯދުމަށް ހައުސިން މިނިސްޓްރީ ކުރިމަތީގައި ބަޔަކު މަޑުކޮށްލައިގެން: ގެދޮރަށް ސަލާން ޖަހާތާ ވެސް ކިތަންމެ ދުވަހެއް ވެއްޖެ -- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ބީއެމްއެލް އިން ދޫކުރި 15،000ރ.ގެ ލޯނު އާންމުން ނެގީ ކީއްކުރަން ހެއްޔެވެ؟ ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުމަށެވެ. ދެން ދޫކުރި 50،000ރ. ގެ ލޯނު ނެގީ ވެސް ހަމަ އާމްދަނީން ނުފުދިގެންނެވެ. އޭގެ ފަހުން ދޫކުރި އެއް ލައްކަ ރުފިޔާގެ ލޯނު ވެސް ނެގީ ހަމަ ނުފުދިގެންނެވެ. ދެން ތައާރަފުވި ތިން ލައްކަ ރުފިޔާގެ ލޯނު ވެސް ނަގާނީ، ހަމަ ނުފުދިގެންނެވެ. އެ އަދަދު ބޭންކުން މައްޗަށް ޖައްސަމުން އެ ދަނީ އާންމުން ދަރަންޏަށް ފައިސާ ބޭނުންވާ މިންވަރަށް ބަލައިފަ އެވެ. މާނައަކީ، ދިރިއުޅުމުގެ ދަރަންޏާއި، ނުފުދިގެން އުޅޭ ވަރު މިދަނީ ދުވަހުން ދުވަހަށް އަދި އަހަރުން އަހަރަށް މައްޗަށް ކަމެވެ.

ބީއެމްއެލް އިން ތިން ލައްކަ ރުފިޔާގެ "ލުއި ލޯނު" ބޮޑު އިންޓަރެސްޓަކާ އެކު، އަދި ބޮޑު އާމްދަނީއެއް ލިބޭ މީހުންނަށް އެކަނި ދޫކުރަން ނިންމުމާ އެކު އާންމުން ހަޅޭއްފަޅޭއް ޖަހަމުން ދަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހު އެމްއެމްޕީއާރުސީގެ ރިޕޯޓް ނެރުނެވެ. އެއާއެކު މޫނަށް ރަތް ކުލަ އަރާފައި ތިބި މީހުންްގެ ރުޅިގަނޑު އިތުރަށް ފަޅައިގެން ދިޔަ އެވެ. މިއީ، އާންމުންގެ ފުދުންތެރިކަމާ ގުޅިފައި އޮތް ދެ މައްސަލައެކެވެ. އެއްކޮޅުން އެ ލޯނަކީ އާންމުންގެ ފުދުންތެރިކަމަށް ކުޑަ ނަމަވެސް ހައްލެއް ލިބިގެންދާނެ އެއްޗެކެވެ. އެ އުންމީދުގައި ތިއްބާ އޭގައި އަތްލެވޭ ވަރެއް ނުވި އެވެ. ދެވަނަ ކަމަކީ، ރައްޔިތުން އެހާ ފަގީރު ހާލުގައި އުޅެމުން ދާއިރު، ބާރުގަދަ ބަޔަކު އެ ރައްޔިތުންގެ އެތައް ބިލިއަން ރުފިޔާއެއް "ފެންފޮދަކާ ވެސް ނުލައި" ކާލި މައްސަލަ އެވެ.

ތިން ލައްކަ ރުފިޔާގެ ލޯނާ ހަމައަށް ބީއެމްއެލް އިން ދިޔައީ ވަރަށް ބޮޑަށް ވިސްނައިފައި ކަން ޔަގީނެވެ. އެވަރުގެ ލޯނެއް، އެހާ ބޮޑު އިންޓަރެސްޓެއްގައި ދޫކުރާނީ ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ. އޭގެ ކުރިން ބީއެމްއެލުން ދޫކުރި 15،000 ރުފިޔާގެ ލޯނު ފަތު އަޑު ކިޔާފައި ހިނގި ކަމަށް ވެ އެވެ. އަދި 50،000 ރުފިޔާގެ ލޯނާއި އޭގެ ފަހުން އެއް ލައްކަ ރުފިޔާ ވެސް ހަމަ އެހާމެ ކާމިޔާބެވެ. ދެން މިއައީ، އެ ސިލްސިލާގެ ތެރެއިން އައި ތިން ލައްކަ ރުފިޔާގެ ލޯނެވެ. މި ލޯނަށް ދަހިވެތިވެފައި އެތައް ހާސް ބަޔަކު ތިބިކަން އާންމުން އެކި ތަންތާނގައި ފާޅުކޮށްފައި ހުރި ހިޔާލުތަކުން އެނގެ އެވެ.

ހަގީގަތަށް ވިސްނާލަމާ ހިނގާށެވެ! ގައުމުގެ އެންމެން މިތިބީ މަޖުބޫރީ ހާލަތެއްގަ އެވެ. ހުރިހާ ކޮޅަކުން މިއޮތީ ސަލާމަތް ނުވާ ހިސާބަށް ގޮސްފަ އެވެ. އިއުލާންކޮށްލާ އެންމެ އާދައިގެ ވަޒީފާއަކަށް އެތައް ސަތޭކަ ބަޔަކު ކުރިމަތިލާ އިރު، ވަޒީފާ ނުލިބިގެން އެތައް ހާސް ބަޔަކު ދެކޮޅަށް ދުވެ ނަގަނީ އެވެ. އަނެއްކޮޅުން އަތްމަތި ދަތިވެގެން، ބޭންކުން ނެގި ލޯނުތައް ނުދެއްކިގެން މީސްމީހުން ކޮޅުކޮޅަށް ދުވަނީ އެވެ. އިންސްޓޯލްމެންޓަށް ނަގާފައިވާ ތަކެތީގެ ދަރަނިތައް ފުނިޖެހި، އެ ނުދެއްކިގެން ތެޅިފޮޅެނީ އެވެ. ފައިސާ ލިބޭނެ އިތުރު ދޮރެއް ނެތެވެ. ސައުވީސް ގަޑިއިރު ބުރަ މަސައްކަތް ކުރިޔަސް، ލިބެނީ ދިރިއުޅުމުގެ ހަރަދާ ނުބައްދަލު އާމްދަނީއެކެވެ. ހަލާލު ގޮތުގައި ފައިސާ ހޯދަން ކިތަންމެ މަސައްކަތެއް ކުރިޔަސް ކުރަން ހުރި ހަރަދުތައް މާ ބޮޑެވެ. ދައްކަން ޖެހޭ ބިލްތަކާއި އާންމު ދިރިއުޅުމަށް ބޭނުންވާ އެންމެ އަސާސީ ތަކެތީގެ އަގު ދުވަހުން ދުވަހަށް މައްޗަށް ދަނީ އެވެ.

ރައްޔިތުން ވަނީ ހަގީގަތުގައި ނިކަމެތިވެފަ އެވެ. ގަބޫލުކުރަން ބޭނުންވިޔަސް ނުވިޔަސް، އަޅުގަނޑު މި ހަދަނީ ވަރަށް ބޮޑު ތެދެކެވެ؛ ސަރުކާރުގެ އެއްވެސް މުވައްޒަފަކަށް މިހާރު އެހެން ކޮންމެވެސް ގޮތަކުން ފައިސާ ނުލިބި މި މާލެއަކު ދިރިއެއް ނޫޅެވޭނެ އެވެ. އަޅުގަނޑަށް ވިސްނޭ އެކައްޗަކީ ރައްޔިތުންގެ ފަގީރުކަން އިންތިހާ އަށް މައްޗަށް ގޮސްފައިވާ ވަރެވެ.

އެކަމަކު އެ ނިކަމެތިކަމާއި ފަގީރުކަން ރައްޔިތުން ލިބިގަތީ އެ މީހުން އަމިއްލައަކަށް ނޫނެވެ. ރައްޔިތުން މަގުމައްޗަށް ނުކުމެ "ސަލާން" ޖަހަން މި މަޖުބޫރުވީ ވެސް ހަމަ ސަރުކާރުތަކުގެ ނުކުޅެދުންތެރިކަމުންނެވެ. ޚަރަދުތައް ބޮޑު ވަނީ ސަރުކާރުން ރައްޔިތުންގެ ބޭނުންތައް ފުއްދައިނުދޭތީ އެވެ. ބޯހިޔާވަހިކަން ނުލިބިގެން މި އުޅެނީ ބޯހިޔާވަހިކަން ގަސްތުގައި ފޯރުކޮށްނުދޭތީ އެވެ. ކަރަންޓް ބިލާއި ފެން ބިލް ބޮޑުވެ، ދެން ހުރި ހުރިހާ އެއްޗެހީގެ އަގު މައްޗަށް އަރައި، ޓެކްސްތައް ގިނަ ވަނީ ސަރުކާރަށް ގޮތްހުސްވެގެންނެއް ނޫނެވެ. އެއްގޮތަކީ، އަޅުގަނޑު ގަބޫލު ކުރަނީ ސަރުކާރުތަކުން ރައްޔިތުންނަށް އަޅާނުލަނީ އެވެ! އިހުސާސް ނުދަންނަނީ އެވެ!

ބޮޑު އިންޓަރެސްޓެއް އެރިޔަސް، އެއްކަލަ ތިން ލައްކަ ރުފިޔާގެ ލޯނު ނަގަން ޖެހެނީ މި ދެންނެވި ސަބަބުތަކާ ހެދި އެވެ. މީހުންނަށް ދަރާފައިވާ އެ މީހުންގެ ދިރިއުޅުން ސަލާމަތް ކުރަން އެބަ ޖެހެ އެވެ. ހަގީގަތަކީ، އެ ލޯނު ނަގަން ދައުލަތުން ރައްޔިތުންނަށް މަޖުބޫރު ކޮށްފައިވާ ކަމެވެ. ލޯނާ ނުލައި ރައްޔިތުންްނަށް ނޫޅެވޭ ވަރު ވޭތުވެދިޔަ ސަރުކާރުތަކުން މި ވަނީ ކޮށްފަ އެވެ. އެހެން ނޫނީ، ވިޔަފާރީގެ ބޭނުންތަކަށް ދޫކުރާ ލޯނުތައް ނަގައިގެން ދިރިއުޅުމުގެ ހަރަދުތަކެއް ހަމައެއް ނުޖައްސާނެ އެވެ.

އަޅުގަނޑަށް މައްސަލައަކީ ލޯނެއް ނޫނެވެ. އަދި ލޯނުގެ އިންޓަރެސްޓް ބޮޑުވުމެއް ވެސް ނޫނެވެ. ނުވަތަ ބީއެމްއެލްގެ މައްސަލައެއް ވެސް ނޫނެވެ. އަޅުގަނޑުގެ މައްސަލައަކީ ދިވެހި ރައްޔިތުންނަށް ޖައްސަމުންދާ ތަކުލީފުތަކެވެ. މި ގައުމަކީ ރައްޔިތުންގެ ތެރެއިން އެތައް ހާސް ބަޔަކު (އެނގިފައިވާ ގޮތުގައި ހަމައެކަނި ބީއެމްއެލްގެ ލުއި ލޯނުތަކާއި އިންސްޓޯލްމަންޓްތަކަށް ބަލާއިރު) މިހާ ހާލުގައި އުޅެން ޖެހޭ ގައުމެއް ނޫނެވެ. މައްސަލައަކީ ގެދޮރުގެ މައްސަލަ ކަމަށް ވަންޏާ ރާއްޖޭގެ ތިން ލައްކައެއްހާ މީހުންނަށް ހުޅުމާލޭގައި ގެދޮރު އަޅައިދިނުމަކީ (ރާއްޖެ އަށް ލިބޭ އާމްދަނީ އަށް ބަލާއިރު) ނުވާ ވަރުގެ ކަމެއް ނޫނެވެ. ފެނާއި ކަރަންޓާއި ތަކެތީގެ އަގުހެޔޮ ކުރުމަކީ ނުވާނެ ކަމެއް ވެސް ނޫނެވެ. އެކަމަކު ސިޔާސީ ބޭނުންތަކަށް ޓަކައި، ކޮންމެ ސަރުކާރަކުން ވެސް އެކަން ނުކުރެވޭނެހާ ވާހަކަތަކެއް ދެއްކުމަށް ފަހު އެކަން ނުކޮށް ތިބެނީ އެވެ. އަނެއްކޮޅުން ސަރުކާރުތަކަށް އައިސްފައި (އެމްއެމްޕީއާރުސީގެ ޚިޔާނާތް ގޮތަށް) އެ މީހުން "ކައިފައި" ރައްޔިތުންނަށް ކާން ދޭނެ އެއްޗެއް ބާކީ ނުވަނީ އެވެ! -- އަޅުގަނޑު ގަބޫލުކުރާނީ އެހެންނެވެ.

ވައުދުތައް ވުމަށް ފަހު އެތައް ސަރުކާރެއް އައިސް ހިނގައްޖެ އެވެ. މެނިފެސްޓޯތައް ބަލާއިރު ދައުރު ނިމޭއިރު ރައްޔިތުން ތިބޭނީ އަތްމަތި ތަނަވަސް ވެފަ އެވެ. އެކަމަކު އާޚިރު ނަތީޖާ އަކީ ފަސް އަހަރު، 10 އަހަރު އަދި 30 އަހަރު ހޭދަކޮށްފައި ވެރިމީހާ ފައިބައިގެން ދާއިރު ވެސް، ރައްޔިތު މީހާ އަށް މާ ބޮޑު އެނގުމެއް ނުވުމެވެ. ދިރިއުޅުމަށް ހެޔޮ ބަދަލެއް ނާންނަތާ ހައްތާ ވެސް ދަނީ ދަށަށެވެ.

ބީއެމްއެލްގެ ތިން ލައްކަ ރުފިޔާގެ މައްސަލާގައި ރައްޔިތުންގެ ފާޑުކިޔުން އިންތިހާ އަށް ދިޔައީ މިދެންނެވި ސަބަބުތަކާ ހެދި އެވެ. އެ ނެގޭކަށް ނެތެވެ! ނުނަގައި ވާކަށް ވެސް ނެތެވެ!

35 ކޮމެންޓް, 57 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 88%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްދުﷲ

18 February 2019

މިލިއުމަށް އަޅުގަނޑު ވަރަށް ތާއީދު.

The name is already taken The name is available. Register?

ފުއް

18 February 2019

މީގަ އުޅެނީއެންމެ ގޯހެއް. އެއީ އިންޓަރެސްޓް އާއިއެކު ނެގިފައިވާ ލޯނުތަކެވެ. މަތިން ތިރިއަށެވެ. ސަރުކާރުން ފެށިގެން ޢާއްމު ނިކަމެތި މީހާއެވެ. މިކަމުގަ ނުޖެހުމަށާއި މިއީ މާﷲ ޙަރާމް ކުރައްވާފައިވާ ވިޔަފާރީގެ މުޢާމަލާތެކެވެ. ރިބާ އެވެ. ރިބާގައި ޖެހެފިނަމަ މީހާ ނިކަމެތި އަނދަވަޅަކަށް ވެއްޓޭނެއެވެ. ދެން ބުނާނީ މިނޫންގޮތެއްނެތޭއެވެ. މިގޮތްވެސް ގޮތަކަށްނުވެ ބައެއްގެ އަޅުވެތިވީއެވެ.

The name is already taken The name is available. Register?

ރިބާ

18 February 2019

ބޭންކުން އިންވެސްޓުކުރުމަށް ނުވަތަ އެސެޓެއް ގަތުމަށް ދޫކުރާ ލޯނަކަށް ނަގާ ކުޑައިންޓަރެސްޓަކީ ރިބާތޯ ނުވަތަ ނޫންތޯ އިލްމުވެރިންގެ ރައުޔު ތަފާތުވިޔަސް، ބީއެމްއެލް އިން ލުއިލޯނޭ ކިޔާފަ ބޮޑު އިންޓަރެސްޓްގައި ފައިސާއަށް ފައިސާ އަބުރާ ދޭގޮތަށް ދޫކުރާ ލޯނުގެ ބިޔަބޮޑު އިންޓަރެސްޓަކީ ހަރާމް ރިބާ ކަމާމެދު ގިނަ އިލްމުވެރިން އެއްބަސްވޭ. މި އިސްލާމީ ގައުމުގެ ގައުމީ ބޭންކުން މިފަދަ ޖާހިލު ޒަމާނުގެ އަމަލެއް މިކުރަނީ ހަމަ އެތާގެ ވެރިންގެ ޖާހިލު ކަމުން.

The name is already taken The name is available. Register?

ޟިހާ

18 February 2019

ﷲ އެންގެވިގޮތަށް ޢަަމަލުތައް ނުބެެހެއްޓޭތީ މައްސަލައަކީ. ރިބާއެކުލެވޭ ލޯނު ނެގުން ހުއްޓާލަނވީ.

The name is already taken The name is available. Register?

މުއިއްޒު

18 February 2019

އައި ފޯނެއް ނެރެލާއިރަށް ތަނެއް ދޮރެއް ބަލައިނުލާ ގަނެލަންވާނެ، ލޯނު ނަގައިގެންނަމަވެސް.

The name is already taken The name is available. Register?

ސަމަރޭ

18 February 2019

ލޯނު ކިތަންމެހާވެސް ބޭނުން.. އަނބިދަރިންކޮޅު ގޮވައިގެން އެމީހުން ހިނިތުންވެފައިވާތީ އަބަދުމެ ދެކާ ހިތްވޭ.. ނަމަވެސް ރިބާގެ ވާހަކަ އިވުމާއި އެކު ބިރުންގޮސް ލޯނުގެ ފިކުރު ސިކުނޑިން ފިލާދޭ.. ރިބާ ކެއުމަށް ވުރެ ބިކަ ހާލުގައިވާން މާ އައުލާކަން ބޮޑު. ގައުމުގެ

The name is already taken The name is available. Register?

ޕޮލިސީފެއިލްޑް

18 February 2019

ރާއްޖޭގައި ދިވެހިންނަށް ވަޒީފާ ނުލިބިގެން އުޅެނީ އެއީ ރާއްޖޭގެ ރައްޔިތުން ގޯސް ކޮށް ސަރުކާރުން ސްޕެޝަލީ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓްގެ ބޮޑުން ތައް ވާހަކަ ދައްކާތީއޭ އެނޫން ނަމަ ރާއްޖޭގައި ވަޒީފާ ނެތް އެކަކު ވެސް ނުހުންނާނެއޭ ރާއްޖޭގެ ދިވެއްސަކަށް ރިސޯރޓްގެ މަތީ ފަންތީގެ ވަޒީފާ އެއް ނުލިބޭ މެދު ފަންތީގެ ވަޒީފާ އެއް ނުލިބޭ ކޭޓަރ ގްލޯބަލް އަދި ޖޮބް މޯލްޑިވްސް ގައި މަގާމް އިޝްތިހާރު ކުރި ނަމަވެސް ދިވެއްސަކު ޝޯރޓް ލިސްޓް ވެސް ނުކުރޭ

The name is already taken The name is available. Register?

ސަކީނާ

18 February 2019

ގޭގެ ކުލި 12000 އާމްދަނީ 10000 ދެން މަޖުބޫރުވަނީ ކޮންމެވެސް ގޮތަކަށް ފައިސާހޯދައިގެން މަހުންމަހަށް އެހެން ޙަރަދުތައް ހަމަޖައްސަން. މުއްސަދި ރާއްޖޭގެ ރައްޔިތުންގެ ނިކަމެތިކަމާއެވެ. އަވަސް ހައްލެއް ބޭނުން

The name is already taken The name is available. Register?

މަރޭ

18 February 2019

މިހާ ކުޑަ ކުޑަ ޢާބާދީ އަކުން އެހާބޮޑު ފައިދާއެއް ، ބޭންކަކުން ނަގާނަމަ ވަރައްގިނަ ރައްޔިތުން މިހާރު ތިބޭނީ ފަޤީރުވެ ނިކަމެތި ވެފަ. ލަދުން އެ ރައްޔިތުންނަށްވެސް ހާމަ ކުރަން ނުކެރެނީ.

The name is already taken The name is available. Register?

ގަދަ

18 February 2019

"(ރާއްޖެ އަށް ލިބޭ އާމްދަނީ އަށް ބަލާއިރު) ނުވާ ވަރުގެ ކަމެއް ނޫނެވެ." ބަލަ ތިންލައްކަ މީހުންނަށް ގެ އަޅާދިނީމަ ދިހަ ބާރަ ބުރިޔަށް ގެ ނަގާފަ ހުރި މުއްސަދިންގެ ގެ ކުއްޔަށްހިފަނީކާކު؟ ގަސްތުގަ ސިސްޓަމް ރާވާފަ އޮތްގޮތޭ އެއީ ކޮއިފުޅާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454