ކެރެލާ ފުލުހުންގެ ހިދުމަތަށް ނެރުނު ރޮބޮޓް.
22 ފެބުރުއަރީ 2019 - 07:16
އިންޑިއާގެ ކެރެލާ ސްޓޭޓްގައި ފުލުހުންގެ ހިދުމަތަށް ރޮބޮޓެއް ނެރެ، އޭގެ ބޭނުންކުރަން ފަށައިފި އެވެ.
އަންގާރަ ދުވަހު ކެރެލާގެ ޗީފް މިނިސްޓަރު ޕިނަރާއީ ވިޖާޔަން ވެސް ބައިވެރިވަޑައިގެންނެވި ހަފުލާއެއްގައި ރަސްމީކޮށް ލޯންޗް ކުރި ރޮބޮޓް ފުލުހަށް ދީފައިވާ ނަމަކީ "ކޭޕީ-ބޮޓް: ހިއުމަނައިޑް" އެވެ.
މި ރޮބޮޓް ތައްޔާރުކުރީ ކެރެލާގެ ޕޮލިސް ޑިޕާޓްމަންޓްގެ ޕޮލިސް ސައިބަޑްރޯމް އާއި އެސިމޯވް ރޮބޮޓިކް ޕްރައިވެޓް ލިމިޓެޑް ގުޅިގެންނެވެ. އޭތި ތައްޔާރުކޮށްފައި ވަނީ ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީ ވެސް ހިމަނައިގެންނެވެ.
ކެރެލާ ފުލުހުން ބުނި ގޮތުގައި މި ރޮބޮޓަކީ އިންސާނަކާ ދާދި އެއްކަހަލަ ގޮތަކަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރާނެ އެއްޗެކެވެ. އެކަމަކު މި ވަގުތު ރޮބޮޓް ފްރަންޓް ލައިނަށް ނެރުމުގެ ބަދަލުގައި ބޭނުން ކުރަނީ އިދާރީ މަސައްކަތްތަކަށެވެ.
އެގޮތުން އެކި ކަންކަމާ ގުޅިގެން ކެރެލާ ޕޮލިސް ޑިޕާޓްމަންޓަށް ދާ މީހުންނަށް މައުލޫމާތު ފޯރުކޮށްދީ، މުއާމަލާތް ކުރުމުގެ ކަންކަން "ކޭޕީ-ބޮޓް" ކުރާނެ އެވެ. އޭގެ ތެރޭގައި ރިސެޕްޝަނުގެ ހިދުމަތާއި މައްސަލަތަކުގައި ގެންދެވޭ މީހުންގެ މައުލޫމާތުތައް ރިކޯޑްކޮށް ފޮޓޯ ނެގުމާއި އެޕޮއިންޓްމަންޓް ހަދައި ދިނުން ފަދަ ކަންކަން ކުރާނެ އެވެ.
"މި ރޮބޮޓްގެ ސަބަބުން ފުލުހުންގެ އިދާރީ ހިދުމަތްތައް ދިނުމުގައި އަވަސްވެފައި ފަސޭހަވެގެން ދާނެ" ކެރެލާ ފުލުހުންގެ އެޑިޝަނަލް ޑިރެކްޓަރު ޖެނެރަލް އޮފް ޕޮލިސް (އޭޑީޖޭޕީ) މަނޯޖް އަބްރަހަމް އެންޑީޓީވީ އަށް ވިދާޅުވި އެވެ. "މީގެ މަސައްކަތް އިންސާނަކު މަސައްކަތް ކުރާ ގޮތާ މާ ބޮޑު ތަފާތެއް ނުހުންނާނެ. އެހެންވެ މީގެ ނަމަކަށް ހިއުނައިޑް ވެސް ބޭނުންކޮށްފައި އިނީ."
އޭނާ ވިދާޅުވި ގޮތުގައި ކެރެލާ ފުލުހުންގެ އަމާޒަކީ މާ ދުރު ނޫން މުސްތަބުލެއްގައި ރޮބޮޓްގެ ހިދުމަތް ފުޅާކޮށް މައްސަލަތައް ތަހުގީގު ކުރުމުގަ އާއި ޓްރެފިކް ބެހެލެއްޓުން ފަދަ ކަންކަމުގައި ވެސް ބޭނުން ކުރުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާނުން އެއްފަރާތް
22 February 2019
ގެރިއާއި ރޮބަޓަށް ދެން ޖޮބް ވެސް ދޭނީ، އިންސާނުން އެއްފަރާތް ނުކުރޭ.
މޫސަ12
22 February 2019
ލަޓިބުރި ޓުރެއިނިން ތިއައްވެސްބޭނުންވާނެ، ދެންއެއްވެސް ހަމައެއް ލަމައެއް ހުރެގެންނުވާނެ