ހުޅުލޭ އެއާޕޯޓުން ފުރައިގެން ދުބާއީއަށް ދާން ނައްޓާލި އީކޭ ފްލައިޓް އަނބުރާ އެއާޕޯޓަށް ޖައްސާފައި.---ފޮޓޯ: ކިޔުންތެރިއެއް
30 އޯގަސްޓް 2016 - 00:02
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ފުރައިގެން ދުބާއީ އަށް ދާން ނައްޓައިލި އެމިރޭޓްސްގެ ފްލައިޓް ކުއްލި ހާލަތުގައި އަނބުރާ އެއާޕޯޓުގައި މިރޭ ޖައްސައިފި އެވެ.
މުޅިއެކު 362 މީހުންނާއެކު ހުޅުލެއިން މިރޭ 11 ޖެހިއިރު ފުރި މި މަތިންދާބޯޓުގައި ހުރި ދިވެހި ފަސިންޖަރަކު "މިހާރު" އަށް ބުނީ އެ ބޯޓު އަނބުރާ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ 21 މިނިޓް އުދުހުމަށް ފަހު ކަމަށެވެ.
"އަނބުރާ ޖެއްސީ ކީއްވެ ކަމެއް ނޭނގޭ. ބޯޓު ޖެއްސުމާ ހަމައަށް ވެގެން އުޅޭ ގޮތެއް، ބޯޓުގައި ތިބި މީހުންނަކަށް ނޭނގޭ،" އޭނާ ބުންޏެވެ.
"މިހާރު"އާ ވާހަކަ ދެއްކި މީހާ ބުނިގޮތުގައި ބޯޓު ޖެއްސިއިރު އެއާޕޯޓް އޮތީ ވަރަށް ބޮޑަށް ކުއްލި ހާލަތަކަށް ގެނެސްފަ އެވެ. އެގޮތުން އެމްބިއުލެންސާއި ފަޔާ ފައިޓަރުން ތައްޔާރީ ހާލަތުގައި ތިބި ކަމަށް އޭނާ ބުންޏެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ ބޯޓު ކުއްލި ހާލަތުގައި ޖެއްސީ "ކާގޯ ބައިގައި އަލިފާނުގެ ކަމެއް އުޅޭ ކަމަށް ޝައްކު ކުރެވިގެން" ކަމަށެވެ. އެކަމަކު މިހާތަނަށް ބެލިބެލުމުން އެފަދަ ކަމެއް ފާހަގަ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޯޓުގައި އެއްވެސް ކަމެއް އުޅޭތޯ ޔަގީން ކުރުމަށް ފަހު، މި ބޯޓުގައި ދަތުރުކުރާ އެންމެން މާދަމާ ހެނދުނު 10 ޖަހާއިރު ފުރަން ހަމަޖެހިފައިވާ ކަމަށް އެމިރޭޓްސްއިން އަންގާފައިވާ ކަމަށް ބޯޓުން ދަތުރުކުރި ދިވެއްސަކު ބުންޏެވެ.
ކުއްލި ހާލަތުގައި މިރޭ ހުޅުލެ އެއާޕޯޓަށް ޖެއްސި އީކޭ ފްލައިޓް: ފަސިންޖަރުންނާއެކު މާދަމާ ހެނދުނު 10 ޖަހާއިރު ފުރާނެ.---ފޮޓޯ: ކިޔުންތެރިއެއް
"ހަމަ މި ބޯޓުގައި މާދަމާ ހެނދުނު 10 ޖަހާއިރު ދުބާއީއަށް ފުރާނެކަން ވަނީ އަންގާފައި. ބޯޓުން ދަތުރުކުރި މީހުން މާދަމާ ހެނދުނު ފުރުމާ ހަމައަށް އެކި ހޮޓާތަކުގައި ބައިތިއްބަން އެމިރޭޓްސް އިން ވަނީ ނިންމާފައި. ޔަގީނުން ވެސް ބިޒްނަސް ކްލާހާއި ފަސްޓް ކްލާހުން ދަތުރުކުރާ އެންމެން ވަނީ ޖެން ހޮޓަލަށް މިހާރު ފޮނުވާފައި. ދެން ތިބި މީހުން ވެސް އެހެން ހޮޓާތަކަށް ފޮނުވަމުން އެބަދޭ،" އޭނާ ބުންޏެވެ
.ހުޅުލޭ އެއާޕޯޓުގައި ކުއްލި ހާލަތުގައި ޖެއްސި އީކޭ ފްލައިޓަކީ ކޮލަމްބޯގައި ޓްރާންސިޓް ކުރުމަށް ފަހު އައި ބޯޓެކެވެ. ހުޅުލޭ އެއާޕޯޓުން ފުރައިގެން މަތިންދާބޯޓު ދާން އޮތީ ސީދާ ދުބާއީއަށެވެ.
ފަހަކަށް އައިސް އީކޭގެ ފްލައިޓްތައް ކުއްލި ހާލަތުގައި ޖެއްސުން އާންމުވެފައިވާއިރު، މިދިޔަ މަހުގެ ފަހުކޮޅު ވެސް ދުބާއީން މާލެ އައި ބޯޓެއް ވަނީ އިންޑިއާގެ މުމްބާއީއަށް ކުއްލި ހާލަތުގައި ޖައްސައިފަ އެވެ. އެ ފަހަރު ބޯޓު މުމްބާއީއަށް ޖައްސަން ޕައިލެޓް އެދުނީ ކޮކްޕިޓާއި ކެބިން އިން ދުން އަރާތީ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެ އެވެ. އެއީ އެ ހާލަތުގައި އިންޑިއާ ކަނޑު ހުރަސް ކުރުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެތީ އެވެ.
މީގެ އިތުރުން އިންޑިއާގެ ޓްރިވެންޑްރަމުން ފުރައިގެން މި މަހުގެ ތިންވަނަ ދުވަހު ދިޔަ އެމިރޭޓްސްގެ ބޯޓެއް ވަނީ ދުބާއީގައި ކްރޭޝް-ލޭންޑިންއެއްގައި ޖައްސައިފަ އެވެ. ދުބާއީގައި ބޯޓު ޖެއްސުމާއެކު އެ ފަހަރު އަލިފާން ރޯވި ނަމަވެސް ފަސިންޖަރުން ވަނީ ސަލާމަތްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯނުއެދުރު
30 August 2016
އެއްވެސް ބަޔަކަށް ގެއްލމެއްނުލިބި ސޭފްލޭންޑިން އެއް ހެދުން ކަމަށް ޓަކާ ﷲ އަށް ހަމްދުކުރަން...އއާޕޯޓް މިފަދަ ކަމެއް ދިމާވެދާނެކަމަށް ބަލާ ވަރަށް ފުރިހަމަޔަށް ތައްޔާރުވެފައިވާކަންް ރޭ ހާމަވި..ހޢްސަކޮށް..އައިއެންއައޭގެ ފަޔާރ އެމްއެންޑީއެފް ..ފާހަގަކުރަން ކުރިޔަށް އޮތްތާވެސް ތަފާތު ސެނާރިއޯ...މިސާލަކަށް އެމަރޖެންސީ ލޭންޑިން ، ހައިޖެކިން ، މިހެންގޮސް ކޮންމެ ކަމެއް ވެސް ދިމާވެދާނެކަމަށް ޓުރޭނިން ހެދިފަ ރޭ ފެނުންގޮތަށް ތައްޔާރު ވެފަ ތިބޭނެކަމަށް އުންމީދުކުރަން
ބޮޑު ވަރު
30 August 2016
އެމިރޭޓްސް އިން އިންޑިއާ އަދި ރާއްޖެ ހިމެނޭ ސެކްޓަރުތަކަށް ދަތުރު ކުރަނީ ވަރަށް ބޮޑަށް ބައު ވެފައިވާ ފްލައިޓު ތަކެއް ކަމަށް އިންޑިއާ ނޫހެއްގައި އޮތްވާ ދެކުނިން. ޓްރިވެންޑުރަމުން ފްރައިގެން ގޮސް ޑުބާއީގައި ޖައްސަނިކޮށް އަލިފާންރޯވެ އަދާ ހުލުވި ބޯޓަކީވެސް ވަރަށް ބޮޑަށް ބާ ވެފައިވާ ބޯޓެއް . އެ ބޯޓުން މީހުން ސަލާމަތްވީ ފަޅުވެރިން ހުށިޔާރު ކަމުން .
ހުޅުލޭ ބޮޑުމީހާ
30 August 2016
އިންޑިއާ ނޫސްތަކުގައިހުންނަ ވާހަކަ ގަބޫލް ކުރާކަށް ނުވާނެ އެމިރޭޓްސްގެ ބޯޓުތަކަކީ އެންމެޒަމާނީ B-777 ގެ އެއާރ ކްރާފްޓް ދެން އެ ބޯޓްތައް ބައުވާންވީ ސަބަބެއް ނޭނގޭ އެނގޭކަމަކީ އަހަރުމެންނަ ފެންނަ އެމިރޭޓްސްގެ ފްލައިޓްތައް ވަރަށްއާ. އަބަދުވެސް އެންމެފަހުގެ މަތިންދާބޯޓުތައް ހުޅުލެއަށް އެންމެ ފުރަތަމަޖައްސަނީ އެމިރޭޓްސްގެ ބޯޓްފަހަރު. ދެންއޮތީ އެންމެ އަވަހަށް ރާއްޖެއަށް އޭ380 އެއްވެސް ޖަސްނީ އެމިރޭޓްސްއިން . ބަލަމާ ދޯ :)
ާަހަމީ
30 August 2016
ވަރަށް ބޮޑަށް އޮޅިފަތިހިރީ. އެމިރޭޓްސްގަ އެއާލަައިން ތަކުން ބަލާ ފެންވަރާ ގާތަށްވެސް ބާ ބޯޓެށް ނުހުންނާނެ.