ސްޓާބަކްސްގެ އެހީގައި ކިޔެވި ދަރިވަރުންތަކެއް ގްރެޖުއޭޝަނެއްގައި.
04 އެޕްރީލް 2019 - 07:33
އެމެރިކާގެ މަޝްހޫރު ކޮފީ ޗެއިން ސްޓާބަކްސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން އެމެރިކާގެ ތައުލީމީ ސެޓްފިކެޓެއް ހޯދަން ބޭނުންވާ އިނގިރޭސި މުވައްޒަފުންނަށް ހިލޭ ޓިއުޝަން ފީ ދޭން ނިންމައިފި އެވެ.
އަންގާރަ ދުވަހު ސްޓާބަކްސް އިން ބުނި ގޮތުގައި އެރިޒޯނާ ސްޓޭޓް ޔުނިވަސިޓީ (އޭއެސްޔޫ) އިން ހިންގާ އޮންލައިން ޕްރޮގްރާމްތަކުގައި ކިޔަވާ އެ ކުންފުނީގެ އިނގިރޭސި މުވައްޒަފުންގެ ޓިއުޝަން ފީ އެއްކޮށް، ސްޓާބަކްސް އިން ދައްކައި ދޭނެ އެވެ.
މި ޕްރޮގްރާމްގެ ދަށުން، އޮކްޓޯބަރުގައި ފަށާ ކޯސްތަކުން 100 މުވައްޒަފަކަށް ފުރުސަތު ދޭން ނިންމާފައިވާ އިރު، ޓިއުޝަން ފީ އަށް އެޕްލައިކުރާ މުވައްޒަފުންނަކީ މަދުވެގެން ތިން މަހު ސްޓާބަކްސްގައި މަސައްކަތްކޮށްފައިވާ އަދި ބެޗްލާޒް ޑިގްރީއެއް ނެތް މީހަކަށް ވާން ޖެހޭނެ އެވެ. މީގެ ދަށުން 40 ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ލިބޭ އިރު އޭގެ ތެރޭގައި ބެޗްލާ އޮފް ސައިންސާއި ބެޗްލާ އޮފް އާޓްސް ވެސް ހިމެނެ އެވެ.
ދެހާސް ސާދައިގައި އޭއެސްޔޫ އާއި ސްޓާބަކްސް ގުޅިގެން، މީހުން ބިނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެ ޔުނިވަސިޓީގެ ޕްރޮގްރާމްތަކުގައި މިހާތަނަށް ސްޓާބަކްސްގެ 18،000 މުވައްޒަފުން ބައިވެރިވެ، އޭގެ ތެރެއިން 2،400 އަށް ވުރެ ގިނަ މުވައްޒަފުން ގްރެޖުއޭޓްވެފައިވެ އެވެ.
ސްޓާބަކްސް އިން ޔޫރަޕާއި މެދުއިރުމައްޗާއި އެފްރިކާ އަށް ކަނޑައަޅާފައި ހުންނަވާ ރައީސް މާޓިން ބްރޮކް ވިދާޅުވި ގޮތުގައި އެ ކުންފުންޏަކީ އަބަދު ވެސް މުވައްޒަފުން ކުރިއަރުވަން މަސައްކަތް ކުރާ ކުންފުންޏެކެވެ.
"އަހަރެމެންގެ އެންމެ ބޮޑު ރައުސުލްމާލަކީ މުވައްޒަފުން،" އޭނާ ވިދާޅުވިި އެވެ. "އެހެންވީމާ މުވައްޒަފުންނަށް ކިޔަވައިދީގެން ގާބިލު ބަޔަކަށް ހަދަން ސްޓާބަކްސް އިން އަބަދުވެސް ބޮޑު އިސްކަމެއް ދޭނެ."
ސްޓާބަކްސްގެ އެހީގައި ކިޔެވި ދަރިވަރުންތަކެއް ގްރެޖުއޭޝަނެއްގައި.
އޭނާ ވިދާޅުވި ގޮތުގައި މާލީ ދަތިކަމާ ހުރެ ސްޓާބަކްސްގެ އެއްވެސް މުވައްޒަފަކު ކިޔެވުމުން މަހުރޫމުވުމަކީ އެދޭ ކަމެއް ނޫނެވެ. އެހެންވެ އެ ފުރުސަތު އަބަދު ވެސް ފަހިކޮށް ދޭނެ ކަމަށް މާޓިން ވިދާޅުވި އެވެ.
"މިއަށް ވުރެ ވަކި ބޮޑު އިންވެސްޓްމަންތެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
ސްޓާބަކްސް އިން ބުނި ގޮތުގައި އެ ކުންފުނީގެ އިނގިރޭސި މުވައްޒަފުންނަށް ޓިއުޝަން ފީ ހިލޭ ދޭ ޕްރޮގްރާމަށް އެޕްލައި ކުރުމުގެ ފުރުސަތު އަންނަ ޖޫން މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިމާގެގައުމުރަނގަޅުކޮށްބަލަ
04 April 2019
ވެރިމީހާ އެމެރިކާގެ ވެރިކަމަށް އަރަންވެގެން ކުރާ ކެމްޕޭނުގެ ބައެއްތީ، ހެޔޮކަމަކުންނޫން