މާލޭގެ މަގެއްމަތިން ޓެކްސީއެއް ދަތުރުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
16 އެޕްރީލް 2019 - 16:49
ޓެކްސީގައި މީޓަރު ބޭނުންކުރަން ފެށޭނީ ކުރިއަށް އޮތް ދެ ތިން މަހުގެ ތެރޭގައި ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޓްރާންސްޕޯޓުގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ މީޓަރުގެ ގޮތުގައި ބޭނުންކުރާނެ މޮބައިލް އެޕްލިކޭޝަނުގަައި ހުންނަންޖެހޭ ބައިތަކާއި އެކަމާ ގުޅޭ ތަފްސީލް އަންނަ މަހުގެ ތެރޭގައި އާއްމުކުރާނެ ކަމަށެވެ.
ޓެކްސީތަކުގައި ބޭނުންކުރެވޭނީ، ސަރުކާރުން ހުއްދަ ދީފައިވާ އެޕްލިކޭޝަންތައް އެކަނި ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.
ރާއްޖޭގައި މިހާރު ވެސް ޓެކްސީކުރަން ބޭނުންކުރެވޭނެ ބައެއް މޮބައިލް އެޕްލިކޭޝަން ގެންގުޅެ އެވެ. އެ އެޕްތައް މެދުވެރިކޮށް ފަސޭހައިން ޓެކްސީ ބުކްކުރެވި އެ ދަތުރުކުރާ ގޮތް ބެލެ އެވެ. ނަމަވެސް ޓެކްސީ ދަތުރުކުރާ ދުރުމިނަށް ނުބަލައި އަގު ނެގުމަކީ އެންމެ އެދެވޭ ކަމެއް ނޫންކަމަށް ބައެއް މީހުން ދެކެ އެވެ.
މާލޭގައި ޓެކްސީ ދަތުރަކަށް ނަގަނީ 25ރ. އެވެ.
އާދިލް ވިދާޅުވީ ޓެކްސީ އެޕްލިކޭޝަނުގައި ހުންނަން ބޭނުންވާ ކަންތައްތައް އިއުލާނުކުރުމުން، މިހާރު ބޭނުންކުރާ އެޕްލިކޭޝަން އެ ފެންވަރަށް ތަރައްގީކުރެވޭނެ ކަމަށެވެ. އެގޮތުން އެ އެޕްލިކޭޝަންތައް ހުށަހެޅުމުން، މިނިސްޓްރީން ގަބޫލުކުރާ ފެންވަރަށް ފެތޭ ނަމަ ހުއްދަ ދޭނެ ކަމަށް ވިދާޅުވި އެވެ.
"އަންނަ މަހުގެ ތެރޭގައި، އެޕްލިކޭޝަންގައި ހުންނަންޖެހޭ ކަންތައްތަކާއި މިންގަނޑުތައް އިއުލާނުކުރާނަން. އޭގެ ދެ ތިން މަސް ފަހުން އަދި ޓެކްސީގައި މީޓަރު ބޭނުންކުރަން ފަށާނީ،" އާދިލް ވިދާޅުވި އެވެ.
"މިނިސްޓްރީގެ މިންގަނޑުތަކަށް ފެތޭނަމަ، އެ އެޕްލިކޭޝަންތަކަށް ހުއްދަދޭނެ. އެ ވެދާނެ ދެ ތިން އެޕްލިކޭޝަނަކަށް ވެސް،"
އޭނާ ވިދާޅުވިގޮތުގައި އެޕްލިކޭޝަނުގައި ހަމައެކަނި މިނިސްޓްރީ އަށް ބޭނުންކުރެވޭ އަދި މިނިސްޓްރީ އަށް ކޮންޓްރޯލް ކުރެވޭނެ ކަންތައްތަކެއް ހުންނަންޖެހޭނެ ކަމަށެވެ. އޭގެ ތެރޭގައި ޓެކްސީ އަގުތައް ހިމެނެ އެވެ. އާދިލް ވިދާޅުވީ ކިލޯމީޓަރަކަށް ނަގާނެ އަގު ކަނޑައެޅުމުގެ ބާރު ޓެކްސީ ސެންޓަރު ނުވަތަ ޑްރައިވަރުންނަށް ކޮންޓްރޯލެއް ނުކުރެވޭނެ ކަމަށެވެ.
"ޓެކްސީ ދަތުރުކުރީ ކިހާ ގަޑިއަކުތޯ އަދި އެ ދިޔަ ތަންތަން ބެލޭނެ ގޮތްތައް އޮންނަންޖެހޭނެ. ބޭނުންތެރި ފީޗާސްތައް ހިމެނޭ އެޕްލިކޭޝަނަކަށް ވެގެންދާނެ،" އާދިލް ވިދާޅުވި އެވެ.
ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ކުރިން ވިދާޅުވި ގޮތުގައި ޓެކްސީތަކުގައި މީޓަރު ހަރުކޮށްގެން ދަތުރުކުރާ ގޮތަށް ބަދަލުކުރަނީ އެ ޚިދުމަތް ފޯރުކޮށްދިނުމަށް ދިމާވާ ދަތިތަކާއި ޚިދުމަތް ހޯދުމުގައި އާއްމުންނަށް ދިމާވާ ދަތިތަކަށް ބެލުމަށް ފަހު އެވެ. މީޓަރު ޓެކްސީ ބޭނުންކުރިއަސް އެ އަގު ބޮޑެއް ނުވާނެ ކަމަށާއި އަގެއް ކަނޑައަޅާނީ އާއްމުންނާއި ޑްރައިވަރުންނަށް ވެސް ދަތިނުވާނެ ގޮތަކަށް ކަމަށް އޭނާ ކުރިން ވިދާޅުވި އެވެ.
ޕިކަޕުން ދަތުރުކޮށްދޭ އަގު ވެސް ބޮޑު ކަމަށާއި އެހެންވެ އެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަރީރާ
17 April 2019
އަސްލު މާލޭގައި ދުއްވާ އެއްޗެތި ގިނަވެގެން ދިޔައީ ޓެކްސީ ތަކުގެ ސަބަބުން
ހޭބަލިމިތުރު
17 April 2019
ދެތިންމަސް ފަހުންނޭ.... ދެތިން އަހަރުފަހުންވެސް ނުވާނެ. ތިޔަޓެކްސީތަކާ ޕާޓޭންތައް ނޫނިއްޔާ ކޮންޓްރޯލް ނުކުރެވުނު އެއްޗެއްއެބައޮތްތަ؟. މިނިސްޓަރ ވެސް ނޭގެ ކިތައްފުރޮޅުލީ އެއްޗެއްގެ ދަށުވެގެންކަމެއް. ދެއްކި ހުރިހާވާހަކައެއް ދުމައް.
ހިޔާލު
17 April 2019
މިޤައުމަކަށް ކޮންމެހެން ގިނަ ޓެކްސީތަކެއް ބޭނުމެއްނުވާނެ. އިންޑިޔާ ލަންކާގަ ދުއްވާ ކަހަލަ އޮޓޯ މިޤައުމަށް ތައާރަފް ކުރަންވީ. އޭރުން ކުޑަ ހަރަދެއްގަ ދަތުރުކުރެވޭނެ. މަގުތައް ކާރުތަކުން ތޮއްޖެހުން މިހާރައްވުރެ ރަނގަޅުވާނެ.
ފޫބި
16 April 2019
ބަލަ ޕަބްލިކް ޓްރާންސްޕޯޓް ފަސޭހަކޮށްދީބަލަ. އޭރުން ކީއްކުރާ ޓެކްސީއެއް. 15 ނުވަތަ 20މީހުންގެ މިނީބަސްތައްތައާރަފްކޮށް ބަސް ސްޓޮޕްގައި 10 މިނިޓަށް ވުރެ ގިނައިރުނުވާގޮތަށް އަވަސްކުރީމަ ކީއްކުރާ ޓެކްސީއެއް. މިހާރު އަމިއްލަކުންފުނިތަކުންވެސް އެކަންކޮށްފާނެ.
ކަޅުބެ
16 April 2019
މިހާރު ހުރި އެޕުތަކަށް ޓެކްސީ އެދުމުން ނާދޭ
ރެ-ޕި-ޑް-ފަ-ޔާ-ޒް
16 April 2019
ދެން ބަލަން ތިބެއްޗެ ތި މީޓަރެއް ހަރުކުރީމާ ވާނެ ގޮތް. މީޓަރު ހަލާކުވެއްޖެއޭ ކިޔާފަ ނުވަތަ ގަސްދުގައި ދިގު ރޫޓަކުން ގޮސްގެން ގިނަ ފައިސާ ހޯދާނީ
ނުކިޔަވާސަންގޯރު
16 April 2019
ނިކަމެތި ރައްޔިތުން އެއްތަނުން އަނެއްތަނައް ނުދެވިފަމިތިބީ. ޑީސަންޓު އެއްގަމު ދަތުރުފަތުރު ކުރާނިޒާމެއް މާލޭގަ ގާއިމުކުރަން ނުކެރިގެން މިއުޅެނީ ކިހިނެއްވެގެންތަ؟ ޖަވާބު ހޯދަންއެބަޖެހޭ!
ރުމާލު10
16 April 2019
ޓެކްސީކުރާގިނަ މީހުންނަކީ ވަރަށް ފޮނި ޒާތްކޮޅު ބޮޑު ނާތަހުޒީބު ބައެއް.
ޙަނާ
16 April 2019
ޓްރާންސްޕޯޓް މިހާރު ވަރަށް ސްލޯ. ޥައުދު ގެ 100 ދުވަހު ތެރޭގައި ތަޢާރަފް ކުރަން ބުނި ބަސްތަށް ކޮބާތޯ. ޢާންމުންނަށް ބޭނުންވާ ގަޑިތަކުގައި ޓެކްސީ ނުލިބޭ!.
މަގުފުޅާޓިނު
16 April 2019
ދެންދޯ، އާއްމުން ބޭނުންވާ ގަޑިތަކަށް ޓެކްސީ ހަމަޖެއްސުމަކީ ކާކުގެ ކަމެއްބާ!؟
އަލި
16 April 2019
ތީ ވާނެ ކަމެއްބާ؟؟. ޓެކްސީދަށުވެފަ ހުރިހާ ސަރުކާރެއްވެސް..