ޚަބަރު / ހައްޖު

މި އަހަރުގެ ހައްޖު ދުވަހަކީ ސެޕްޓެމްބަރު 11

މިއަހަރުގެ ހައްޖުގައި ބައިވެރިވާ ދިވެހިންގެ ބަޔަކު، ޞަފާ އާއި މަރުވާއާ ދެމެދު ސައުޔު ކުރުމަށް ފަހު، ސަފާ ފަރުބަދަ މަތީގައި ދުއާ ކުރަނީ. ހައްޖު މަސް ފެށޭނީ މާދަމާ --މިހާރު ފޮޓޯ: އަހްމަދު އަބްދުﷲ ސަައީދު

މި އަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމުގައި ސައޫދީ އަރަބިއްޔާގެ ސަރުކާރުން ރޭ ނިންމުމާ ގުޅިގެން މި އަހަރުގެ ހައްޖު ދުވަހަށް ވާނީ ހިނގަމުން މިދާ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހެވެ.

ސައޫދީ އަރަބިއްޔާގެ ރަސްމީ ކަލަންޑަރު ބުނާ ގޮތުން މިއަދަކީ ހައްޖު މަހުގެ ފުރަތަމަ ދުވަހެވެ. ނަމަވެސް އިއްޔެގެ އިރު އޮއްސުމަށް ފަހު، ހަނދު ނުފެނުމާ ގުޅިގެން މިއަދަކީ ޒުލްގައިދާ މަހުގެ 30 ވަނަ ދުވަސް ކަމަށާއި ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަސް (މާދަމާ) ކަމުގައި ސައޫދީ އަރަބިއްޔާގެ ހައި ކޯޓުން ރޭ ވަނީ ކަނޑައަޅައިފަ އެވެ. އެހެންކަމުން މިއަހަރުގެ ބޮޑު އީދު ދުވަހަށް ވާނީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހެވެ.

މާދަމާ ހައްޖު މަސް ފެށޭ އިރު، ދުނިޔޭގެ އެކި ގައުމުތަކުން މި އަހަރުގެ ހައްޖުގައި ބައިވެރިވާ ގިނަ މީހުން މިހާރު ތިބީ މައްކާ އަށް އައިހެވެ. ސައޫދީ ސަރުކާރުން ބުނާ ގޮތުގައި މިއަހަރުގެ ހައްޖުގައި ވެސް ދެ މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވާނެ އެވެ.

ހައްޖުވެރިންގެ ބަޔަކު ގެފުޅުގެ ވަށައިގެން ޠަވާފް ކުރަނީ. --މިހާރު ފޮޓޯ: އަހްމަދު އަބްދުﷲ ސަައީދު

ރާއްޖޭން މިއަހަރު ހައްޖުގައި ބައިވެރިވާ 2000 މީހުން ވެސް މިހާރު ތިބީ މައްކާގަ އެވެ. އެއީ ސަރުކާރުގެ ހައްޖު ކުންފުނީގެ ހަވާލުގައި އައި 1000 މީހުންނާއި އަމިއްލަ ފަސް ކުންފުންޏެއްގެ ހަވާލުގައި އައި 1000 މީހުންނެވެ.

މިދިޔަ އަހަރުގެ އީދު ދުވަހު، މިނާގެ ތެރޭގައި ފިތިބާރުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާތީ އާއި، ޓެރަރިޒަމްގެ ނުރައްކާ ބޮޑުވެދާނެ ކަމަށް ބަލާފައި ތިން ގައުމެއްގެ މީހުން ހައްޖަށް އައުން ސައޫދީން މިއަހަރު ވަނީ މަނާކޮށްފަ އެވެ. އެއީ އީރާނާއި ސީރިޔާ އަދި ޔަމަނެވެ. މި ތިން ގައުމުން މިއަހަރު ސައޫދީ އަށް އެއްވެސް މީހަކު ހައްޖަށް އައުމަށް ވިސާ ދުލެއް ނުކުރާނެ އެވެ.

ހައްޖުގެ އަޅުކަން ފެށެން ހަފުތާއަކަށް ވީއިރު، ހައްޖުގެ އަޅުކަން އޮންނަ ސަރަހައްދުތައް ތައްޔާރު ކުރުމުގެ މަސައްކަތް ސައޫދީ ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ. އެ ގޮތުން އަރަފާތު ބިމުގައި ހައްޖުވެރިން ތިބުމަށް ފޭލިގެތައް ޖެހުމާއި މިނާގައި ފޭލިގެތައް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އަދި ހައްޖުވެރިން ދަތުރުކުރާ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ނިމުމަކަށް އައިސްފަ އެވެ.

ހައްޖުވެރިންގެ ބަޔަކު ސަފާ ފަރުބަދަ މަތީގައި ދުއާ ކުރަނީ. --މިހާރު ފޮޓޯ: އަހްމަދު އަބްދުﷲ ސަައީދު

ސައޫދީ ސަރުކާރުގެ މޫސުމާ ބެހޭ އިދާރާގެ ވެރިޔާ އަބްދުލްއަޒީޒް ބިން އުމަރުލް ޖާސިރްއާ ހަވާލާދީ ސައޫދީގެ ބައެއް ނޫސްތައް ބުނާ ގޮތުގައި މިއަހަރުގެ ހައްޖުގެ ދުވަސްތަކުގައި ވެސް މައްކާ ސަރަހައްދާއި އަރަފާތާއި މިނާގައި ވެސް ހޫނުމިން 40 ޑިގްރީ އަށް ވުރެ މަތިވާނެ އެވެ.

ނަމަވެސް މި ދުވަސްވަރަކީ ސައޫދީ އަރަބިއްޔާގެ ސަރަހައްދުގައި ވިއްސާރަ ވިލާތައް އުފެދިފައިވާ ދުވަސްވަރަކަށް ވުމުން، ރޭގަނޑުގެ ވަގުތުގައި ފިނިހޫނުމިން މެދު މިންވަރަކަށް ތިރިވާނެ ކަމަށް ވެސް ސައޫދީގެ މޫސުމާ ބެހޭ އިދާރާ އިން ބުނެ އެވެ. މިއީ ހޫނު ދުވަސްވަރަކަށް ވިޔަސް، މައްކާގެ އިރުމަތީ ސަރަހައްދާއި މިނާ، މުޒްދަލިފާ ސަރަހައްދަށް ވެސް ބައެއް ފަހަރު، ގުގުރުމާ އެކު ވާރޭ ވެހުން އެކަށީގެންވާ ކަމަށް ބުނެ އެވެ.

0 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 6%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454