ކޮލަމްބޯގެ އުތުރުން އޮންނަ މިނުވަންގޮޑާގައި ސައިކަލެއް ސިފައިން ޗެކްކުރަނީ. --ފޮޓޯ:އޭއެފްޕީ
16 މެއި 2019 - 14:46
ކޮލަމްބޯ (މެއި 16) - ސްރީ ލަންކާގެ އެކި ސަރަހައްދުތަކުގައި ހަމަޖެހުން ގާއިމް ކުރުމުގެ މަސައްކަތް ކުރުމަށް ސިފައިންނާއި ފުލުހުން ނުކުމެއްޖެ އެވެ.
މިދިޔަ މަހު ދިން އީސްޓާ ބޮމުގެ ހަމަލާ އަށް ފަހު މުސްލިމުންނާ ދެކޮޅަށް ދޭ ހަމަލާތައް އިތުރުވެފައިވާތީ ބައިނަލްއަގުވާމީ ގޮތުން ވެސް ލަންކާ އަށް ދަނީ ޕްރެޝަރު ކުރިމަތިކުރަމުންނެވެ.
ސިފައިންގެ ތަރުޖަމާން ސުމިތު އަތަޕައްތޫ ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރު ލަންކާގައި އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމަށެވެ. ފުލުހުން ބުނީ ސާޗް އޮޕަރޭޝަންތައް ސަލާމަތީ ފަރާތްތަކުން ކުރިއަށް ގެންދާނެ ކަމަށެވެ.
ފުލުހުން ބުނީ ހަމަނުޖެހުންތަކާ ގުޅިގެން އިއްޔެ ހަވީރާ ހަމައަށް 112 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެންމެ ބޮޑަށް ހަމަނުޖެހުން ހިންގާފައި ވަނީ ނޯތު-ވެސްޓަން ޕްރޮވިންސް (އެންޑަބްލިއުޕީ) ގަ އެވެ. އެ ޕްރޮވިންސްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިތުރު 5،500 ފުލުހުން ވަނީ ނެރެފަ އެވެ.
ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ސަރުކާރުން ވަރުގަދަ ކުރީ ހުރިހާ ދީންތަކެއްގެ މީހުންނަށް ވެސް ހިމާޔަތް ދިނުމަށް ކޮލްމްބޯގައި ތިބޭ ޔޫރަޕްގެ ގައުމުތަކުގެ އެމްބަސެޑަރުން ގޮވާލާފައި ވަނިކޮށެވެ.
ބޮމުގެ ހަމަލާތަކަށް ފަހު ލަންކާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy