ސިނގިރޭޓް ފޮއްޓެއްގައި ސިއްހަތުގެ އިންޒާރު ދީފައި-- މިހާރު ފޮޓޯ
22 މެއި 2019 - 16:50
މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން ވަކިން ސިނގިރޭޓް ވިއްކުން މަނާވާނެކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުންނަށް ހަނދާންކޮށްދީފި އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ވަކިން ސިނގިރޭޓް ވިއްކުން މަނާކުރުމާއި ސިނގިރޭޓް ފޮށީގެ ބޭރުގައި ފޮޓޯ ޖެހި އިންޒާރާ ނުލައި ސިނގިރޭޓް ވިއްކުން މަނާކުރަން ދީފައިވާ މުއްދަތުގައި އެކަން ތަންފީޒުކުރާނެ ކަމަށެވެ.
ގަވާއިދުގައިވާ ގޮތުން ސިނގިރޭޓު ފޮށި ބަންދުކޮށްފައި ހުންނަން ޖެހޭނީ ކޮންމެ ފޮށްޓެއްގައި 20 ސިނގިރޭޓަށް ވުރެ މަދު ނުވާނެ ގޮތަކަށެވެ. ބިޑި ޕެކްކޮށްފައި ހުންނަން ވާނީ ކޮންމެ ޕެކެޓެއްގައި 50 ބިޑި އަށް ވުރެ މަދު ނުވާނެ ގޮތަކަށެވެ. ދުންފަތުގެ އެހެން ބާވަތްތަކުގައި މަދުވެގެން 30 ގްރާމް ހިމެނެން ޖެހެ އެވެ.
ސިނގިރޭޓް ފޮށީގެ ބޭރުގައި އިންޒާރުގެ ފޮޓޯ ޖެހުމުގެ ބައި ތަންފީޒުކުރަން ހަމަޖައްސާފައި ވަނީ އަންނަ ޖުލައި 31 ވަނަ ދުވަހު އެވެ. އެ މުއްދަތުގެ ފަހުން ރާއްޖެ އަށް ސިނގިރޭޓް އެތެރެކޮށް ވިއްކޭނީ ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތަށް އިންޒާރުގެ ފޮޓޯއާ އެކުގަ އެވެ. އެކަމަކު އެ މުއްދަތުގެ ކުރިން ރާއްޖެ ގެނެސްފައިވާ ސިނގިރޭޓް ވިއްކޭނެ އެވެ. އިންޒާރުގެ ފޮޓޯ ނުޖަހައި ހުންނަ ސިނގިރޭޓް ފޮށި ވިއްކުން އެއްކޮށް މަނާވާނީ އަންނަ ނޮވެމްބަރު 30 ވަނަ ދުވަހުން ފެށިގެންނެވެ.
އެ ކަންކަމާ ހިލާފުވާ ނަމަ، އެ ކުށް ކުރުމަށް ބޭނުން ކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ 10 ގުނަ އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ދެ ވަނަ ފަހަރަށް ގަވައިދާ ހިލާފުވެއްޖެ ނަމަ، އިތުރަށް 5،000ރ. އަދި ތިން ވަނަ ފަހަރަށް، 10،000ރ. އިން ޖޫރިމަނާކޮށް، ހަތަރު ވަނަ ފަހަރަށް 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
ގަވައިދުގައި ވަނީ ޖޫރިމަނާގެ އިތުރުން ދުންފަތް މުއާމަލާތް ކުރުމަށް ދޫކޮށްފައިވާ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުމާއި ހުއްދަ ބާތިލް ކުރުމާއި ހުއްދައިގައި ހިމެނޭ ވަކިވަކި ކަންކަން ހިފެހެއްޓުމަށް ހުރަހެއް ނެތް ކަމަށެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، މައްސަލަ ކޯޓަށް ހުށަހެޅޭނެ އެވެ. ވަކިން ސިނގިރޭޓް ވިއްކުން މަނާކުރުމުގެ ގަވާއިދު ތަންފީޒުކުރުމުގެ ވަގުތު ކައިރިވެފައިވާއިރު، މިދިޔަ ހަފުތާގައި، މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރަން ނިންމައިފަ އެވެ. އެކަމަކު އެ އުސޫލަށް އަމަލުކުރަން ފަށާނީ ހަ މަސް ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންއޮތްގޮތް
22 May 2019
ތިކަން ހިނގާނެބާ؟ ތިކަމާއިގުޅޭ ނުހިނގާ އެތަކެއް ޤަވާޢިދު މިހާރުވެސް ހެދިފައެބަހުރި. މިފަހަކަށްއައި ސަރުކާރުތަކުގައިއުޅުއްވާ ވެރިން ޤަވާޢިދު ހައްދަވައެވެ. އެކަމަކު ތަންފީޒުކުރެވޭތަނެއް ނުފެނެއެވެ. މިބުނިކަހަލަ ޤަވާޢިދު ހިނގާތަންފެންނަނީ ދެރަސޮރުގެމައްޗަށެވެ. ޓްރެފިކް ޤަވާއިދާއި ސިނގިރޭޓުބުއިމުގެ ޤަވާޢިދާއި ޚިލާފުވެގެން ހިފަހައްޓާމީސްމީހުން އަންނަ ފޯނުކޯލަކަށް ނުވަތަ މެސެޖަކަށް ޖެހެނީ ދޫކޮށްލާށެވެ. ޕާކުކުރުންވެސް ހަމަމިހިންނެވެ!
މިއޮއް
22 May 2019
އަނެއް ހަކަންތަކާ މިޖެހުނީ. މިއީ ހިންގޭނެ ގަވާއިދެއް ބާ. ހިވަނީ ސިނގިރެޓްބުއިން މަނާ ބޯޑް ހަރުކުރުން ކަހަލަ ހަމެއްހެން.
ފަޅުމަސް
22 May 2019
މުޅި ރާއްޖޭގެ ތާރީޚަށް ބަލާއިރުވެސް، "ސްމޯކިންގ އޭރިޔާ" ހަދައިގެން ދައުލަތުގެ އިދާރާތަކުގައި ސިނގިރޭޓް ބޯން ފެށީ، އެމްޑީޕީން ރާއްޖޭގެ ވެރިކަމަށް ފުރަތަމަ އައި ފަހުން.. އޭގެ ފަހުން، ސަރުކާރުގެ އިދާރާގެ ގޯތި ތެރޭގައިވެސް ބޮނީ.. ރައްޔިތުން ޚިދުމަތް ހޯދަން ވަދެ ނިކުމެ ހަދަން އޮންނަ، ގޭޓު ދޮރުމަތީގައިވެސް ބޮނީ.. މި އަނބުރާ ގޭހަކީ، ވަކިބަޔަކަށް މަންފާއެއް ހޯދައި ދިނުމަށް ކުރާ ކަމެއްކަމުގައި ވުމަކީ އެކަށީގެންވާކަމެއް.. ބަލަމާ..
ޅަފަޅޯ
22 May 2019
1990ގެ އަހަރުތަކުން ފެށިގެން ގިނަމިނިސްޓްރީއާއި އޮފީސްތަކުގައި ސްމޯކިންގ ރޫމް ހުރޭ އަދި އެކޮޓަރިތަކުގެ ބޭނުން ވަރަށްބޮޑަށް ހިފާ.
ވަން
22 May 2019
އަންނިއިރުގައި ފުރަތަމަ ރައީސް އޮފީހުގައި ސިގިރޭޓްބުއީ..
ޗޯކީ ބެރީ
22 May 2019
ތިކަން ވާނެބާ؟
ކޯރާޑި
22 May 2019
މިހެން ހެދީމަ ސިގެރެޓް ވިކޭވަރު ވާނީ ގިނަ. މި އެތެރެ ކުރުން މަނާ ނުކުރަން މިއުޅެނީ ކީއްވެބާ؟
އަލިބެއްޔާ، އެކުވެރިސުވައިދީބް
22 May 2019
މަރުހަބާ! ވަރަށް ރަނގަޅު ނިއްމުމެއް.. ހަމަގައިމު ވެސް ނޭވާލާން ހާދަ ފަސޭހައެއް ވާނެއޭ. އުއްމީދު ކުރަނީ ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް މިކަން ބަރާބަރައް ތަންފީޒު ކޮށްދެއްވާނެ ކަމަށެވެ.
ރަނގަޅު
22 May 2019
ވާނެބާ.
ވިއްކާކިޔާނެ ނުވިއްޔާކިޔާނެ
22 May 2019
ވިއްކަންވެސް ވިއްކާނެ، ބޯންވެސް ބޯނެ. ގަވާއިދުވެސް ގާނޫނުވެސް ފޮތުގައި އޮންނާނެ. ބަލާނެ މީހަކުވެސް އަޅާލާނެ މީހަކުވެސް ނުހުންނާނެ. ދިވެހިން ބުނާ ގޮތަށް ތިންހަތްދުވަސް ހަމަވާދުވަހަށް ފަހު ދެން ތިޔަ ގަވާއިދާ ގާނޫނުގެ ވާހަކަ ދައްކާނެ މީހަކު ނުހުންނާނެ. އޮތްކަންވެސް ނުދަންނާނެ.