ހައި ކޯޓް: މުލިއާގެ ކައިރީގައި އައިއީޑީއެއް ބޭއްވި މައްސަލާގައި ޖަލަށްލި އެކަކުގެ ހުކުމް ވަނީ ދަމަހައްޓާފައި -- ފޮޓޯ/މިހާރު
23 މެއި 2019 - 14:55
މުލީއާގެ ކައިރީގައި ބޮމެއް ބޭއްވި މައްސަލައިގައި ޖަލަށްލި މީހުންގެ ތެރެއިން އެކަކުގެ ޖަލު ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.
އަމިއްލަ އަށް ހަދާފައިވާ އައިއީޑީއެއް ނޮވެމްބަރު، 2015 ގައި މުލީއާގެ ކައިރީގައި ޕާކް ކޮށްފައި އޮތް ވެހިކަލެއްގައި ބޭއްވި މައްސަލައިގައި ތިން މީހަކު 17 އަހަރަށް އަދި އެކަކު 20 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2016 ގައި ހުކުމްކުރި އެވެ.
އެއީ ހއ. ހޯރަފުށީ އާރޯ، އަހުމަދު މަމްދޫހާއި މ. ހީރޯ، މުހައްމަދު އުބައިދު އިބްރާހިމާއި ތ. ތިމަރަފުށީ ވިލާ، ޒިހާން އަހުމަދާއި ހ. މިޓާޒް، ތަލްއަތު މުހައްމަދުގެ މައްޗަށެވެ. އޭގެ ތެރެއިން އުބައިދު 17 އަހަރަށް ޖަލަށްލާން ކުރި ހުކުމާއި މަމްދޫހް 20 އަހަރަށް ޖަލަށްލާން ކުރި ހުކުމް ބާތިލްކޮށް، ހައި ކޯޓުން އެ ދެ މީހުން ކުރިން އޮތީ މިނިވަންކޮށްފަ އެވެ.
އޭގެ ތެރެއިން ތަލްއަތުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އަމިއްލަ އަށް ހަދާފައިވާ އައިއީޑީއެއް މުލީއާގެ ކައިރީގައި އޮތް ވެހިކަލެއްގައި ބޭއްވުމުގައި އޭނާ ބައިވެރިވި ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގައި އިއުތިރާފްވެފައިވާ ކަމަށާއި އެކަމުގައި ތަލްއަތު ބައިވެރިވި ކަމުގެ ހެއްކާއި ގަރީނާ އެ މައްސަލާގައި ހުށަހަޅާފައިވާ ކަމަށް ހުކުމުގައި ވެ އެވެ.
ތަލްއަތާއި އެ މައްސަލާގައި ހިމެނޭ އިތުރު މީހަކު ބައިވެރިވެގެން، އެ ވެހިކަލްގެ ބެޓެރި މަތީގައި އެއްޗެއް ބޭއްވި މަންޒަރު ވީޑިއޯ ފުޓޭޖުން ފެންނަ ކަމަށާއި އެ ދުވަހު އޭނާ ލައިގެން ހުރި ތަކެތި އޭނާ ދިރިއުޅުނު ގެއިން ފެނުނު ކަމަށް ތަހުގީގުގައި ބައިވެރިވި ފުލުހަކު ހެކިބަސް ދީފައިވާ ކަމަށް ހުކުމުގައިވެ އެވެ. އަދި އެ މައްސަލާގައި ވީޑިއޯ އެނަލިސިސް ހެދި ފުލުސް މީހާގެ ހެކިބަހުގައި، އެ ވީޑިއޯ އިން ފެންނަ މީހާ އާއި ތަލްއަތާ ގުޅުވޭނެ ހަ ސިފައެއް ވައްތަރުވާ ކަމަށް ބުނެ ހެކިބަސް ދީފައިވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެތަނުގައި ބޭއްވި އައިއީޑީ އަކީ އަސްލު އެއްޗެއް ނޫނެވެ. އެއީ މަޖަލަށް އެތަނުގައި ބޭއްވި ފޭކް އެއްޗެއް ކަމަށް ތަލްއަތު ދަށު ކޯޓުގައި ބުނެފައި ވިޔަސް، އެ މައްސަލައާ ގުޅިގެން އެމްއެންޑީއެފުން ތައްޔާރުކުރި ރިޕޯޓުގައި، އެތަނުން ފެނުނީ އަސްލު އައިއީޑީއެއްގައި ފުރިހަމަވާ ހުރިހާ ބައިތަކެއް ފުރިހަމަވާ އެއްޗެއް ކަމަށް ބުނެފައިވާ ކަމަށް ހުކުމުގައި ވެ އެވެ.
މީގެ އިތުރުން، އެ ރިޕޯޓާ ގުޅިގެން ކޯޓުގައި ހެކިބަސް ދިން ސިފައިންގެ އެކްސްޕާޓުގެ ހެކިބަހުގައި ވެސް، އެއީ އަސްލު ގޮވާ އެއްޗެއް ކަމަށް ބުނެފައިވާ ކަމަށާއި އެހެންވެ، އެ އައިއީޑީ އަކީ އަސްލު ގޮވާ އެއްޗެއް ކަން ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ހައި ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި އެ ހުކުމުގައިވަނީ ކްރިމިނަލް ކޯޓުގެ ހުކުމުގައި ތަލްއަތުގެ މައްޗަށް ކޮށްފައިވާ ހުކުމުގެ އެ ބަޔަށް ތާއީދު ކުރާ ކަމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހުސައިން ޝަހީދާއި އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުއައިބެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ިއިބްރާ
24 May 2019
އެމްޑީޕީގެ އެކްޓިވިސްޓެއް. ގައުމު ހަލާކުކުރަނީ.
ދޮން ބުޅާ
23 May 2019
ޖުޑީޝަރީއަށް ނުފޫޒް ފޯރުވާގެން ޔާމީނު ކުރަން އުޅުނު އެއްމެ ބޮޑުކަން ތަށް ވަނީ ފެއިލް ވެފައެވެ.ނަޤާބިލް ކޮރަޕްޓް މީހުން ތަކެއް ޖުޑީޝަރީގެ އިސް މަޤާމު ތަކަށް ޢައްޔަން ކޮށްގެން ނެރެން އުޅުނު ނަތީޖާ ވީ ސުމަކަށެވެ.
ބޯއީ ދީދީ
23 May 2019
ޙުސެއިން ޝާހިދު އަކީ ކޮން އިރަކު އެތަނަށް ވަން ބޭފުޅެއް..ނޭގޭނެ ނު.. ދަށު ކޯޓަކުން ފެނިފައެއް ނުވޭ ވިއްޔާ އެވެ.