މާދަމާ ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލުނުކުރާ މީހުންގެ ދުވަހާއި ދުންފަތުގެ އާ ގަވާއިދާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން (ކ-2) އަދި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
30 މެއި 2019 - 14:57
ދުންފަތާ ދެކޮޅަށް މި އަހަރު ގިނަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށާއި އޭގެ ސަބަބުން ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
މާދަމާ ފާހަގަކުރާ، ދުންފަތާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގަ އާއި ދުންފަތުގެ އާ ގަވާއިދާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ދުންފަތާ ދެކޮޅަށް މި ސަރުކާރުން ފުރަތަމަ ފެށި މަސައްކަތަކީ ދުންފަތުގެ ގަވާއިދު ގެޒެޓު ކުރުން ކަމަށެވެ. އެ ގަވާއިދަށް މާދަމާ އިން ފެށިގެން އަމަލުކުރަން ފަށާއިރު އެއީ ބޮޑު ކާމިޔާބީއެއް ކަމަށް އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދުންފަތާ ދެކޮޅަށް މީގެ ކުރިން ކުރަން ނުކެރުނު ކަންކަން މި ސަރުކާރުން ވަނީ ކޮށްފަ އެވެ.
ސިނގިރޭޓު ފޮށީގެ ބޭރުގައި ޖަހަން ނިންމާފައިވާ އިންޒާރުގެ ފޮޓޯ.
މާދަމާ އަމަލުކުރަން ފަށާ "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދު" ގައިވާ ގޮތުން އެންމެ ފުރަތަމަ ތަންފީޒުކުރަން ފަށާނީ ވަކި ސިނގިރޭޓް ވިއްކުމާ ބެހޭ ބަޔަށެވެ. އެ ގަވާއިދަށް މިރޭ ދަންވަރު 12:00 އިން ފެށިގެން އަމަލުކުރަން ފަށާއިރު ސިނގިރޭޓް ފޮށީގެ ބޭރުގައި އިންޒާރުގެ ފޮޓޯ ޖެހުމުގެ ބައި ތަންފީޒުކުރަން ހަމަޖައްސާފައި ވަނީ އަންނަ ޖުލައި 31 ވަނަ ދުވަހު އެވެ.
އިންޒާރުގެ ފޮޓޯ ނުޖަހައި ހުންނަ ސިނގިރޭޓް ފޮށި ވިއްކުން މުޅިން މަނާވާނީ އަންނަ ނޮވެމްބަރު 30 ވަނަ ދުވަހުން ފެށިގެންނެވެ.
އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެ ކުށް ކުރުމަށް ބޭނުން ކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ 10 ގުނަ އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ދެ ވަނަ ފަހަރަށް ގަވައިދާ ހިލާފުވެއްޖެ ނަމަ، އިތުރަށް 5،000ރ. އަދި ތިން ވަނަ ފަހަރަށް، 10،000ރ. އިން ޖޫރިމަނާކޮށް، ހަތަރު ވަނަ ފަހަރަށް 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
މާދަމާ ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލުނުކުރާ މީހުންގެ ދުވަހާއި ދުންފަތުގެ އާ ގަވާއިދާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު
އަމީން ވިދާޅުވީ ގަވާއިދު ތަންފީޒުކުރުމުގައި ސަރުކާރުން ފުރިހަމަ އަށް މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް އަމިއްލަ އަށް ގަވާއިދަށް ތަބާވުމުގެ ސިޔާސަތު ނެރެންޖެހޭ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދުންފަތާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް މި އަހަރަށް ރާވާފައިވާ ކަމަށެވެ. ރާއްޖޭގެ ބޮޑު ބަޔަކީ ޒުވާން އާބާދީއަކަށް ވާއިރު، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އާބާދީ ބޮޑުކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ މަސައްކަތް ކުރަނީ އެކަމުގެ ހަގީގަތް ގަބޫލުކޮށްގެން ހުރެ ކަމަށް ވިދާޅުވި އެވެ.
"މި ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި އެކަމަށް ހޭލުންތެރިކުރުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ކުރުމަށް މިހާރު ވެސް ވަނީ ރޭވިފައި. އޭގެ ފުރަތަމަ ފިޔަވަޅު މިހާރު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވަނީ،" އަމީން ވިދާޅުވި އެވެ.
"ސަރުކާރުގެ ސިޔާސަތުގައި ވެސް މީހުން ދުންފަތާ ދުރުކުރުމަކީ މުހިއްމު ކަމެއް."
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބޯޑުގެ ވައިސް ޗެއާމަން ޑރ. އާމިނަތު އަރޫނާ ވިދާޅުވީ ދުންފަތަކީ ފުއްޕާމޭގެ ދުޅަހެޔޮކަމަށް އެންމެ އަސަރުކުރާ އެންމެ ނުރައްކާތެރި ވިހަތަކުގެ ތެރޭގައި ހިމެނޭ ވިހައެއް ކަމަށެވެ.
މާދަމާ ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލުނުކުރާ މީހުންގެ ދުވަހާއި ދުންފަތުގެ އާ ގަވާއިދާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން (ވ) އަދި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބޯޑުގެ މެމްބަރު، އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަފްއާލް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު
އޭނާ ވިދާޅުވި ގޮތުގައި، ވަކި ސިނގިރޭޓް ވިއްކުން ހުއްޓާލުމުން، ޅައުމުރުގައި ދުންފަތުގެ އިސްތިއުމާލުކުރަން ފެށުން މަދުކުރެވޭނެ އެވެ. ދަރިވަރުންގެ އިންޓަވަލަށް ދޭ ރުފިޔާ އިން ސިނގިރޭޓް ގަނެވޭއިރު، އެގޮތަށް ވިއްކުން ހުއްޓާލުމުން މަދުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"ވަކި ސިނގިރޭޓް ވިއްކުމަކީ ޒުވާނުންނަށް، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ވެސް އެޅޭ ހުރަހެއް. ބޮޑެތި ދިރާސާތަކުން ވެސް އެކަން ދައްކާފައިވާ ކަން ފާހަގަކުރައްވަމުން އަރޫނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސިނގިރޭޓު ފޮށީގެ ބޭރުގައި ގްރެފިކް ހެލްތު ވޯނިން ޖެހުމަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި ނުކުރާ މީހުންނަށް ވެސް ފައިދާވާ ކަމެއް ކަމަށެވެ. މިހާރު ސިނގިރޭޓް ފޮށީގައި ޖަހާފައި ހުންނަ ހަމައެކަނި ލިޔުންކޮޅަކީ ގިނަ މީހުން ކިޔާ އެއްޗެއް ނޫން ކަމަށާއި މަންޒަރެއް ނަމަ ގިނަ މީހުންނަށް ފަސޭހަ އިން ބަލައިލެވޭނެ ކަމަށް ވިދާޅުވި އެވެ. ލިޔުންކޮޅަކުން ހަގީގީ ގެއްލުމެއް ނުފެންނާނެކަން އަރޫނާ ފާހަގަކުރެއްވި އެވެ.
ސިނގިރޭޓު ފޮށީގެ ބޭރުގައި ޖަހަން ނިންމާފައިވާ އިންޒާރުގެ ފޮޓޯ
ދުންފަތް ކޮންޓްރޯލްކުރާ ބޯޑުގެ މެމްބަރު، އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުގެ ހައްގު ހޯދައިދިނުމަށް ކުރެވޭ އެންމެ މުހިއްމު މަސައްކަތަކީ ދުންފަތް ކޮންޓްރޯލްކުރުން ކަމަށެވެ. އޭނާ ވިދާޅުވީ ގައިންގަޔަށް ނާރާ ބަލިތަކަށް އެންމެ ބޮޑަށް ހިއްސާކުރާ އެއް ކަމަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށް ވާއިރު އެއީ ދުޅަހެޔޮ ޖީލެއް ބިނާކުރަން ވެސް ކުރެވޭ އެންމެ މުހިއްމު މަސައްކަތްތައް ކަމަށް ވިދާޅުވި އެވެ.
ދުންފަތް ކޮންޓްރޯލް ކުރަން ފިޔަވަޅުތައް އަޅާއިރު، އެހެން ގައުމުތަކުގައި ތަފާތު ގިނަ ޓެކްސް ނަގާކަން ފާހަގަކުރައްވަމުން އަފްއާލް ވިދާޅުވީ، ރާއްޖެެ އަދި ވެސް އޮތީ ދެކުނު އިރުމަތީ އޭޝިއާގެ އެހެން ގައުމުތަކާ ބަލާއިރު ދުންފަތުން ޓެކްސް ނެގޭ މަދު ގައުމުގެ ގޮތުގައި ކަމަށެވެ.
ދުންފަތް ހުއްޓުވުމަށް އަޅާ ކޮންމެ ފިޔަވަޅަކީ ރަނގަޅު ފިޔަވަޅެއް ކަމަށާއި އެހެން އަޅާ އެކި ފިޔަވަޅުތަކުގައި ދުންފަތާ ދެކޮޅު އާބާދީއަކަށް ރާއްޖެ ހެދޭނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ. ދުންފަތާ ގުޅުންހުރި އެކި ބަލިތަކުގައި މަރުވާ މީހުންގެ އަދަދު މަދުނުވާއިރު އެކަމަށް އަމިއްލަގޮތުން ވެސް މަސައްކަތްކުރަންޖެހޭ ކަމަށް އަމީން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏަރު
30 May 2019
މިހާރު ތިކަމާ އެއްވަރަށް ސައިކަލް ހަދާ ގަރާޖުތކުގެ އުނދަގޫވެސް ބޮޑު އެއީވެސް ޙައްލުކުރަންޖެހޭ ކަމެއް.
ނަފީއު
30 May 2019
މަނާކޮށްބަލައެތެރެކުރުން
އެލްޖޭ
30 May 2019
މީ ވަރައްމަޖާ ކަމެއް ވަކި ސިގިރެޓް ވިއްކުން މާނާ ވުމާ އެކު ހުރިހާ ކަޑާ ތަކުން 4 ރުފިޔާ އައްވިއްކި ސިގެރެޓް 5 ރުފިޔާ އައް ބަދަލު ކޮއްލީ މިހާރު 5 ރުފިޔާ އައް ލިބޭނެ ކަމައް ކަޑަތަކުން އަންގަނީ
ނަސްރީނާ
30 May 2019
ދުންފަތުގެ ސަބަބޔން މުޅި ރާއްޖެ ހަލާކުވަނީ. އަވަހަށް ތިކަން ހުއްޓުވާ. މިނިސްޓަރއަށް އަޅުގަނޑުގެ އިކްތިމާސަކީ މަދަރުސާ ކައިރީގައާއު ހޮސްޕިޓަލް ކައިރީގަ ނުބޮވޭ ގޮތްބހައްދަވައިދެއްވާށޭ. ހެލްތުން ތިލުރައްވާ ބުރަ މަސައްކަތަށް ޝުކުރުއަދާކުރަން.
ޓީ100
30 May 2019
މިހާރުވެސް މަނަލޭ ތިތަންތާ ދުންފަތުގެ އިސްތިއުމާލު ކުރުން.
މުރާދު
30 May 2019
ހެލްތުމިނިސްޓްރީއިން ތިހާރަގަޅުކަމެއް މިފަހަކަށް އައިސް އަދި ނުކުރޭ. ސިގިރެޠް އެތެރެކުރުންވެސް މަނާކުރަންވީ. މިނިސްޓަރ އަމީންއަށް ތިކަން ކުރެވޭނީ. ތިޔަކެބިނެޓްގަވެސް އެބަތިބި ތުންފަތާއި އެެއްކޮޅުމީހުންވެސް.
ގަޓު ސަރުކާރު
30 May 2019
އެއްވެސް ސަރުކާރަކަށް ކުރަން ނުކެރުނުކަމެއް ތި ގުރެފުކް ހެލްތު ވޯނިން އަކީ. ތިޔަބުނާ ގަޓު ޔާމީނަށްވެސް ނުކެރުނު. ނިކަމެތި އިބޫވެރިކަމާއި ހަވާލުވުމާއި އެކު ސިގިރެޓާއި ދެކޮޅަށް ނުކުންނަން ކެރިއްޖެ. ޝުކުރިއްޔާ މިނިސްޓަރ އަމީން.
ދޮން އާމިރު
30 May 2019
ދުންފަތުގެ މައްސަލައެއްނޫން މިއުޅުނީ. މިއުޅެނީ އެއްދާން ނުވެގެން މި މާލޭގަ.
ހަރަމް
30 May 2019
އަމީން ތި ކުރާ މަސައްކަތަށް ސާބަސްދެން. ތިފަދަ ހަރުދަނާ ސިޔާސަތުތަކުތަކާ އެކީ ތި މިނިސްޓްރީ ކުރިއަށް ގެންދެވިއްޖިއްޔާ ޒަމާންތަކެއް ވަންދެން ވަޅުޖެހިފައި އޮތް ހެލްތު ހަމަޔަކަށް އެޅޭނެ.
އައިސްތު
30 May 2019
ނަތީޖާ މާ ބޮޑަށްވެސް ނިކުންނާނެ. ތި ފޮޓޯތައް ފެންނަ ކޮންމެ ފަހަރަކު ހަމަ ހިތަށް އަރާނެ ތިމަންގެ ނަފްސު މި ހާލަތައް ވައްޓާލަން މި އުޅެނީ ތިމަންނަ އަމިއްލައަށް ނޫންހޭ. ވަރަށް ރަނގަޅު ނިންމުމެއް.
ޒަމީރު
30 May 2019
ވަކި ސިނގިރޭޓް ވިއްކުން ހުއްޓާލުމަކީ ވަރަށް ރަނގަޅު ސިޔާސަތެއް. ވަކި ސިނގިރޭޓް ގަންނަން ލިބޭތީ އާންމު ގޮތެއްގައި ސްކޫލު ކުދިން މި ސިނގިރޭޓް ބުއިމުގެ ވަބާގައި ޖެހެނީ. މަންމަ އަތުން އިންޓަވަލް ގަންނަން ލިބޭ 10ރ އަށް ސިނގިރޭޓެއް ގަަތުމަކީ މާ ބޮޑު ކަމަކަށް ނުވާނެ ކުރިން، ނަމަވެސް މިހާރު އެ 10ރ އަށް ސިނގިރޭޓް ފޮށްޓެއް ގަތުމަކީ ވާނެ ކަމެއް ނޫންތާ.. އަދި ފޮށްޓެއް ގަނެގެން އެ ފޮރުވައިގެން އުޅެންވެސް އުދަގޫ ވާނެތާ