ލައިފްސްޓައިލް / މުޙައްމަދު، ޞައްލަﷲ ޢަލައިހި ވަސައްލަމް

ކީރިތި ނަބިއްޔާގެ ނަމޫނާ: ޚާދިމުންނަށް ހެޔޮކޮށް ހިއްތެވި

ޑރ. ސަޢުދުﷲ ޢަލީ

31 މެއި 2019 - 10:02

1 comments

ކިރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ޚާދިމުންނާ ދޭތެރޭ މުޢާމަލާތު ކުރެއްވީ ވަރަށް ވެސް އޯގާތެރިކަމާ އެކު އެންމެ ހެޔޮ ގޮތުގަ އެވެ. އެކަލޭގެފާނު ހަދީސް ކުރައްވަނީ، "އެއީ ތިޔަބައި މީހުންގެ އަޚުންނެވެ. ﷲ ވަނީ ތިޔަބައި މީހުންގެ ބެލެހެއްޓުމުގެ ދަށުގައި އެ މީހުން ލައްވައިފަ އެވެ. ފަހެ އެމީހުންނަށް ތިޔަބައި މީހުން ކައިބޮއެ އުޅޭ އެއްޗަކުން ކާންބޯން ދޭށެވެ!. އަދި ތިޔަބައި މީހުން ލައި އުޅޭ ފޭރާމަކުން އެމީހުންނަށް ވެސް ފޭރާން ދޭށެވެ! އެމީހުންނަށް ކުޅަދާނަ ނުވާ މިންވަރުން ތަކުލީފު ނުޖައްސާށެވެ! ތަކުލީފެއް ޖައްސަން މަޖުބޫރު ވިއަސް އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭށެވެ! (މުސްލިމް).

މިކަންކަމަށް އަމުރު ކުރެއްވުމުގެ އިތުރުން އެކަލޭގެފާނު އެމީހުންނާ މުޢާމަލާތު ކުރެއްވުމުގައި ބައްލަވަމުން ގެންދެވީ އެއީ ހަމަ ގޭގެ އަހުލުންނެކޭ އެއްފަދަ ބައެއްގެ ގޮތުގަ އެވެ. އެމީހުންގެ އިންސާނިއްޔަވަންތަކަން އިހުސާސް ކުރެވޭ ގޮތުގަ އެވެ. މިގޮތުން އެމީހުންނަށް އޯގާތެރިކޮށް ހިއްތަވަ އެވެ. އެމީހުންނަށް ކޯފާ އިސްނުކުރައްވަ އެވެ. އެމީހުންނަށް ކުށެއް ކުރެވުނަސް އިސްލާހު ކުރަން އިރުޝާދު ދެއްވަ އެވެ. އެމީހުން މާފަށް އެދިއްޖެ ނަމަ މާފުކޮށްދެއްވަ އެވެ.

އަނަސްގެފާނު ވިދާޅުވެފައިވެ އެވެ. "ތިމަންކަލޭގެފާނު ރަސޫލާ އަރިހުގައި ދިހަ އަހަރު ޚިދުމަތް ކުރީމެވެ. ދުވަހަކުވެސް އެކަލޭގެފާނު ރުހިވަޑައިނުގެން ބަހެއް ވިދާޅެއް ނުވެ އެވެ. އުއްފުގެ މިންވަރު ވެސް ވިދާޅެއް ނުވެ އެވެ. ތިމަން ކުޅަ ކަމަކާ މެދު ތިކަން ތިހެން ތިޔަ ކުރީ ކީއްވެތޯ ވެސް ނާއްސަވަ އެވެ. ތިމަން ކަމެއް ނުކުރުމުން ތިކަން ނުކުރެއްވީ ކީއްވެތޯ ވެސް ނާއްސަވަ އެވެ."

ޚާދިމަކު ބަލިވެއްޖެ ނަމަ ގޮވާލައްވަން ވަޑައިގަންނަވަ އެވެ. އެމީހުންނަށް ދީން ދަސްކޮށްދެއްވަ އެވެ. އެމީހުންގެ ހައްގުތައް އެމީހުންނަށް އޮޅުންފިލުވައިދެއްވަ އެވެ. އެމީހުންނަށް އަނިޔާ ކުރާ މީހުންނަށް އިންޒާރު ދެއްވަ އެވެ. އެމީހުންގެ އުޖޫރަ އެމީހުންގެ ގައިން ހިއްލާ ދާ ހިކުމުގެ ކުރިން ދެއްވަން މީސްތަކުންނަށް އެންގެވުމާ އެކު އެގޮތަށް އެކަލޭގެފާނު އަމަލު ކުރައްވަ އެވެ. އެމީހުންގެ ހައްގުތައް އަދާކުރެއްވުމުގައި އެއްވެސް މިންވަރަކަށް އަނިޔާވެރިވެވަޑައި ނުގަންނަވަ އެވެ.

ޢާއިޝަތުގެފާނު ވިދާޅުވާ ގޮތުގައި ކީރިތި ރަސޫލާ ދުވަހަކުވެސް އެއްޗެއްގައި ނުޖައްސަވަ އެވެ. އެކަލޭގެފާނުގެ އަނބިކަނބަލެއްގެ ގައިގައިވެސް އަދި ޚާދިމެއްގެ ގައިގައިވެސް ނުޖައްސަވަ އެވެ. ކީރިތި ރަސޫލާ އަކީ، ޚާދިމެއްގެ ގޮތުގައި ޣައިރު މުސްލިމަކު އުޅުނަސް އެމީހަކަށް ވެސް ރަޙުމް ކުރައްވާ ބޭކަލެކެވެ. މިގޮތުން ޔަހޫދީ ޣުލާމަކު ވަރަށް ބޮޑަށް ބަލިވުމުން އޭނާ އަށް ޒިޔާރަތް ކުރެއްވި އެވެ. އަދި އޭނާ އަށް އިސްލާމްދީނުގެ ހިދާޔަތު ލިބޭތޯ މަސައްކަތް ކުރެއްވި އެވެ. އަދި އެކަން ކާމިޔާބުވުމުން އެކަލޭގެފާނު ﷲ އަށް ޙަމްދު ކުރެއްވި އެވެ.

މީގެ އިތުރުން ޚާދިމުންގެ ޚިދުމަތް ބަލައިގަތުމުގެ ގޮތުން އެކަލޭގެފާނު އިނާމު ދެއްވަ އެވެ. އެމީހުންނަށް ހެޔޮ ދުޢާ ކޮށްދެއްވަ އެވެ. މިގޮތުން، މުދަލާއި ދަރިން އިތުރު ކޮށްދެއްވުމަށާއި ދެއްވާ ރިޒުގުގައި ބަރަކާތް ލެއްވުމަށް އެދި އަނަސްގެފާނަށްޓަކައި ދުޢާ ކުރެއްވި އެވެ. ޚާދިމުންގެ ގޮތުގައި ތިބޭ އަޅުންނަށް އިޙުތިރާމު ކުރެއްވުމުގެ ގޮތުން އަޅުންގެ ނަން ވެސް ބޭނުން ނުކުރައްވަ އެވެ. އޭގެ ބަދަލުގައި އެކަލޭގެފާނު އިރުޝާދު ދެއްވަނީ "ޣުލާމް" ނުވަތަ "ފަތާ" ކިޔުއްވުމަށެވެ. މާނައަކީ ޒުވާން ކުއްޖާ އެވެ. އާދެ، މިކަންކަމުން ކަށަވަރުވެގެންދަނީ އެކަލޭގެފާނު ޚާދިމުންނަށް ހެޔޮކޮށް ހިއްތަވާ މިންވަރެވެ. މިއީ ނަމޫނާ ލިބިގަންނަން ޖެހޭ ކަމެކެވެ.

1 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 91%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 9%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބްރާ

11 June 2019

ޞައްލަﷲ ޢަލައިހިވަސައްލަމް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454