ރިޕޯޓް / އީދު ފާހަގަކުރުން

ސޯދުބެ އާއި އާދަމްބެގެ އީދު ހަނދާން؛ މާ އުފާވެރި

ލިޔުންތެރިޔާ ސޯދުބެ: ކުރިން އީދު ފާހަގަކުރުމަކީ އެންމެން އެކުވެ، ފޯރީގައި ކުރާ ކަމެއް ކަމަށް ވިދާޅުވި.

ހަނދު ހޯދުމަކީ އީދު އުފަލުގެ ފެށުމެވެ. ރޯދަ މަހުގެ 29 ވަނަ ދުވަހުގެ ހަވީރު ރައްޔިތުން އެންމެން އަތިރިމައްޗަށް ޖަމާވާނެ އެވެ. ހަނދު ހޯދާށެވެ. ހަނދު ފެނުމާ އެކު އީދު އިއުލާން ކުރަން ހުޅު ރޯކުރާނެ އެވެ. ކުރިން ހަނދު ފެންނަ ރަށަކަށް، ކައިރި ރަށްރަށުގެ މީހުން ދަތުރު ހަދާފައި "ހަނދު ބަލާ" ވެސް ދެ އެވެ. މޫސުމް ގޯސްވެ ކަނޑު ގަދަ ވެއްޖެ ނަމަ "ހަނދު ހިފައިގެން" ނުދެވި ވެސް ކިތަންމެ ފަހަރަކު މަޑުކުރަން ޖެހި އީދު ނަމާދު ލަސްވެފައި ވެސް އެބަ ހުއްޓެވެ. އެ ރަށަކަށް އީދު ވާނީ "ހަނދު ހިފައިގެން" ދެވުނު އިރަކުންނެވެ.

މިއީ ސަމާސާ ވާހަކަތަކެއް ނޫނެވެ؛

މިއީ، ދިވެހި މުދައްރިސް، އަބްދުﷲ ސޯދިގު (ސޯދުބެ) އާއި ޅެންވެރިޔާ އާދަމް އަބްދުއްރަހުމާން (އުތީމު އާދަމްބެ) މެން ފޯރީގައި އީދު ފާހަގަކުރެއްވި އިރު ކަން ހިނގި ގޮތެވެ. ޅެންވެރި ދެ ބޭފުޅުންގެ ސިކުނޑީގައި މިހާރު ވެސް ހުރި ހަނދާންތަކެވެ.

އޭރު އޮންނަ ގޮތަށް ހަނދު ބެލުމުގެ ފޮނި އިންތިޒާރެއް، އީދު ހުޅެއް، ކެއުމުގެ ބޮޑު ޖާފަތެއް، ފޯރިއެއް ވެސް މިހާރަކު ނެތެއް ނޫން ހެއްޔެވެ؟ މި ސަގާފަތް އުވެމުން ގޮސް ރާއްޖޭގައި އީދު ވެސް މިއޮތީ ޒަމާނީ ވެފަ އެވެ. ދިވެހިންގެ އީދު ފާހަގަކުރުން މިހާރު އޮންނަނީ ދިރިއުޅޭ މާހައުލުން ބޭރުވެލަން ދަތުރަކުން ފުއްދާލުމެވެ. މި ވެސް ދެން ގޮތެކެވެ.

ސޯދުބެ އާއި އާދަމްބެ ގާތުގައި އަހަރެން ހަމައެކަނި އަހާލީ ކުރިން އީދު ފާހަގަކުރުން އޮންނަ ގޮތެވެ. ދެ ބޭފުޅުންގެ ހަނދާނުގައި ހުރި ނުހަނު ގިނަ ހާދިސާތަކުން ޚުލާސާއެއް ކިޔައި ދެއްވި އެވެ. ވާހަކަ ޝައުގުވެރިވެފައި މާ އުފާވެރި އެވެ.

"ހަނދު ބަލާ" ކުރާ ދަތުރު

ޝައްވާލް މަހުގެ 1 ވަނަ ރޭ ނުވަތަ ހަނދު ފެނިއްޖެ ކަން ކަނޑައަޅަން މިހާރުގެ އިލްމީ ވަސީލަތްތަކެއް ކުރިއަކުން ނުހުރެ އެވެ. ފަލަކީ އިލްމުވެރިންގެ ބަހެއް އެނގޭނެ ގޮތެއް ނޯވެ އެވެ. މާލޭގައި ވެސް ހަނދު ކޮމިޓީ ނުކުމެ އުޅުނީ އަތިރިމައްޗަށެވެ. ކުޑައިރާއި ޒުވާން އުމުރުގެ ބޮޑު ބައެއް ހއ. އުތީމުގައި ހޭދަކުރެއްވި އާދަމްބެމެން ވެސް އޭރު ކުރައްވާ ކަމަކީ ޖަމާއަތް ހަދާފައި ހަނދު ހޯދަން ނުކުތުމެވެ. ހަނދު ހޯދަން ނުކުންނަންވީ ވަގުތާއި ތަން، ސަންގުފުމެ ވެރިން އަންގާނެ އެވެ. އެ ވަގުތަށް ހުސްވެ ރައްޔިތުން އަތިރިމައްޗަށް ދިއުން މަޖުބޫރެވެ.

"އެ ނުކުންނަ އިރަކު ނޭނގެ ހަނދު ފެންމަތިވާނެ ކަމެއް ނުވަތަ ނޫން ކަމެއް. އެ ދުވަސްވަރު މީހުން ބަލާ މިންގަނޑުތަކެއް ހުރޭ، އެ މީހުން ބުނާނެ، 28 ވިލޭރޭ ފަތިހު އިރުމަތި ފަރާތު އުދަރެހުން ފެނުނު ހަނދެއް ހޯދަން 29 ވަނަ ދުވަހު ހުޅަނގު ފަރާތު އަތިރިމައްޗަށޭ ނުކުންނަން ވާނީ،" އާދަމްބެ ވިދާޅުވި އެވެ.

އުތީމު އާދަމްބެ: ރަށްރަށުގައި ކުރިން އީދު ފާހަގަކުރުން އޮންނަނީ މިހާރަށް ވުރެން މާ އުފާވެރިކޮށް ކަމަށް ވިދާޅުވި.

ކަރުމައްޗަށް ޖަހައިގެން ހަނދު ފެންނަން ދެން ރައްޔިތު އެންމެން އަތިރިމަތީގައި ތިބެ އެވެ. މަޣުރިބު ނަމާދަށް ދާނީ ވެސް ހަނދު ބަލަން ވަކި ބަޔަކު ބައިތިއްބާފަ އެވެ. އެ މީހުން ނަމާދަށް ދާނީ، ކުރިން ދިޔަ ޖަމާއަތް އެނބުރި ގޮސް، ހަނދު ބެލުމުގެ ކަންތަކާ އަލުން ހަވާލުވުމުންނެވެ. އަވަހަށް ހަނދު ހޯދަން، ރަށް ވަށައިގެން ހިނގާ ބަޔަކު ވެސް ތިބެ އެވެ.

ކުރިން ހަނދު ފެންނަ ރަށަކުން، ކައިރި ރަށްތަކުގެ މީހުންނަށް އަންގަން އޮންނަނީ ވެސް މޮޅު ގޮތެކެވެ. ހިކި ފަނުގައި އަލިފާން ރޯކޮށްފައި އަތިރިމަތީގައި ހޫރަނީ އެވެ. ދެން އަލި ފެންނަ ރަށަކަށް، "ހަނދު ބަލައި" ކައިރި ރަށްތަކުން ދަތުރުކޮށްފައި ދާނެ އެވެ. އެއީ އެ މީހުން ހުޅު ރޯކުރީ ކޮން ސަބަބަކާ ހުރެތޯ ޝައްކެއް ނެތް މިންވަރަށް އަހައި އޮޅުން ފިލުވާށެވެ. ދެން އެނބުރި އަމިއްލަ ރަށަށް އަރަން ޖެހެނީ "އީދު ހަނދު ހިފައިގެން" ކަމަށް ވާތީ އެވެ.

"ހަނދު ބަލައި ދިޔަ މީހުން ރަށަށް އައިމަ ރައްޔިތުންނަށް ހަބަރު ސާފުވާނީ. ދެން އެވީ އީދު ކުރަން،" އާދަމްބެ ވިދާޅުވި އެވެ.

ހަނދު ބަލަން ނުކުންނަ ރޭ، ރައްޔިތުންނަށް ވެރިން އަންގާ ވަރުގަދަ އެންގުމެއް ވެސް އޮވެ އެވެ. އެއީ އެ ރެއަށް އިރޮއޮއްސި ހަނދު ސާބިތުވެ ނޫނީ އިރު އެރުމުގެ ކުރިން އެއްވެސް ގެއެއްގެ ބަދިގެއިން އަލި ކަމެއް ނުނެރުމެވެ. އެގޮތަށް އަލިކަން ނެރޭ ގެތަކުގެ މީހުންނަށް އަދަބު ދިނުން ވެސް ބައެއް ރަށްރަށުގައި އޮންނަ ކަމަށް ވެ އެވެ.

ހަނދު ފެނުމާ އެކު ބޯކިބާ އަޅައި އީދަށް ތައްޔާރުވާނެ އެވެ. އީދު ނަމާދަށް އާ ހެދުން ލާނެ އެވެ. ހުވަނދުލައި ނަލަ ހެދޭނެ އެވެ. ކެއުމުގެ ވާހަކަ ދެން ދައްކާނެ ކަމެއް ނެތެވެ.

"މިހާރަށް ވުރެ މާ ބޮޑަށް ވެސް އުފާވެރި އިނގޭތޯ އޭރު އީދު،" މި ޖުމްލައާ އެކު އާދަމްބެގެ އީދު ޚުލާސާ ނިންމާލެއްވި އެވެ.

މާލޭގައި މާފަންނު ސްޓޭޑިއަމްގައި މިދިޔަ އަހަރު ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދު ކުރަނީ.---ފޮޓޯ/މިހާރު

ސޯދުބެގެ އުފާވެރި ހަނދާންތައް

"އީދު އައީ ހިނިތުންވަމުން، މާމަލުގައި ނަލަ ކުލަ ޖައްސަމުން...."

އީދުގެ އުފާވެރިކަން ދިވެހިންނަށް އެންމެ ބޮޑަށް އިހްސާސް ކުރެވޭނީ ސޯދުބެގެ މި ޅެމުންނެވެ. އެއީ މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުއްހަންނާނު ކިޔާފައިވާ ލަވައެކެވެ. ޓީވީންނާއި ރޭޑިއޯ އިން އީދު ދުވަހު ފޮނުވާ އެންމެ އާންމު ލަވަ އެވެ.

އީދު ތަޖުރިބާއާ ގުޅޭ ގޮތުން ސުވާލުކުރުމާ އެކު ދެއްވީ އެ ވާހަކަ ދައްކަން ގެއަށް އައުމުގެ ދައުވަތެކެވެ.

ތާރީޚީ ކަންކަމަށް ޝައުގުވެރިކަން ހުންނަ ކުޅިވަރު ލިޔުންތެރިޔާ، މުހައްމަދު ހަމްދޫނާ އެކު ގޮސް ސޯދުބެއާ ބައްދަލުކުރި އިރު، އިންނެވީ ވާހަކަ ކިޔައިދެއްވަން ތައްޔާރަށެވެ. ކުރީގެ ހާދިސާތަކާއި ތަޖުރިބާ ހިއްސާކުރައްވައި ނަސޭހަތް ދެއްވުމަކީ އަޅުގަނޑުމެންނާ ބައްދަލުވާ ކޮންމެ ފަހަރަކު ސޯދުބެ އުފަލުން ކުރައްވާ ކަމެކެވެ. ސޯދުބެގެ މައުލޫމާތުގެ ޚަޒާނާ، ހިފެހެއްޓުމެއް ނެތި ހުޅުއްވައި ދެއްވާނެ އެވެ. އެ މީހަކަށް ވަގުތު އޮތް މިންވަރަކަށް މައުލޫމާތު މުއްސަނދިކުރަންވީ އެވެ.

ގޭގެ ސިޓިން ރޫމުގައި އަތުރާފައި ހުރި ގިނަ ޅެންތަކާއި ލިއުންތަކާއި ވާހަކަތަކުގައި ސިފަކޮށްދީފައިވާ ވަރަށް ވުރެން މާ ގިނަ ވާހަކަ ސޯދުބެ ދެނެވަޑައިގަންނަވާ ކަން ކިޔައިދެއްވާ ޖޯކުތަކުން އެކަނި ވެސް ސާފެވެ. އީދުގެ ސޮފްހާ ސޯދުބެ ފެއްޓެވީ އީދު ކުކުޅުންނެވެ.

މާލެ އާއި ރަށުގައި ވެސް އީދު ފާހަގަކުރާ ގޮތް ސޯދުބެ ހަނދާނުން ނުފޮހެވެ އެވެ. އުމުރުގެ ބޮޑު ބައި މާލޭގައި ހޭދަކުރެއްވުމާ އެކު ގިނަ ހަނދާންތައް ގުޅިފައި ވަނީ މާލެއާ އެވެ.

ސޯދުބެގެ ހަޔާތުގެ ހަނދާންތަކާ ބެހޭ ފޮތެއް ނެރުމުގެ ހަފުލާގައި ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު

އީދަށް ކުކުޅު ކަތިލުމަކީ، ސޯދުބެ ވިދާޅުވި ގޮތުގައި، ބޮޑު ފޯރިގަނޑެކެވެ. އީދު ވިލޭރެ އާއި އީދު ދުވަހު ހެނދުނު މާލޭގައި އެއް އަޑަކަށް އޮންނަނީ ކުކުޅުތައް ހަޅޭއްފަޅޭއްލެވުމެވެ. އެއް ގެއިން އަނެއް ގެއަށް ދުވެ ކުކުޅު ހިފުމެވެ. ކިތަންމެ ހަނި ދޭތެރެއަކަށް ފިލަން ވަދެ އޮތަސް ފަހަތުން ދުވެ އަތުލާނެ އެވެ.

"މިހާރު މި ލިބޭ [ފިނިކުރި] ކުކުޅުހެނެއް ނޫން. އޭރު ތިބޭނީ ކަސްރަތުކޮށްގެން، ތިބޭ ސިއްހަތު ރަނގަޅު ކުކުޅު. އެއް ގެއިން އަނެއް ގެޔަށް އުދުހިލާފައި އުޅޭނީ. ކާލަން، އަނގަޔަށް މީރުވާނެ،" ސޯދުބެ ވިދާޅުވި އެވެ.

އީދު ނަމާދުން ފައިބައިގެން ފުރަތަމަ ކަމަކަށް އޮންނަނީ ކުކުޅު ކަތިލުމެވެ. އޭރު އީދު އައި ކަމަށް ވާނީ ކޮންމެ ގެއެއްގައި ވެސް ކުކުޅެއް ކަތިލުމުންނެވެ.

ކުކުޅު ކަތިލުމުގެ ތެރޭގައި ސޯދުބެމެން ގޭގައި ނިކަން މަޖާ ކަންކަން ވެސް ހިނގި އެވެ. އެއް ފަހަރަކު، ކުކުޅުގެ ކަރު ބުރިކޮށްލަން ހިފަހައްޓައިގެން ހުރި މީހާ އަތްދިއްޔޯއިއޭ ކިޔައި ހަޅޭއްލަވައިގަތުމުން ހޭވެރިކަންވެ ބަލައިލި އިރު ބުރިވެފައި އޮތީ އޭނާގެ އިނގިއްޔެވެ.

"ﷲ އަކްބަރު ކިޔައި ކަތިލި އިރު ޝަހީދުކޮށްލެވުނީ އެ ކުއްޖާގެ އިނގިލި. ކުކުޅު ތެޅެމުން ތެޅެމުން އެއް ގޭގެ ފުރާޅުމަތިން އަނެއް ގޭގެ ފުރާޅުމަތިން ރައްކާވެއްޖެ. ދެން އެ ދުވަހު އެ ދިމާވީ ކުޑަ ކަމެއް ނޫނޭ. އަނެއްކާ އެއް ގެއިން އަނެއް ގެއަށް ފަހަތުން ދުވެގެން އެ ކުކުޅު ހިފަން ޖެހުނީ،" ސޯދުބެ ވިދާޅުވި އެވެ.

ހެނދުނު ހެނދުނާ އެއް އަޑަކަށް ގޭގެއިން އިވޭނީ، ސޯދުބެ ވިދާޅުވި ގޮތުގައި، ހަވާދު ފުނޑާ އަޑެވެ. ކުކުޅު ރިހަ އަށް ތައްޔާރުވުމެވެ.

ކުކުޅު ކަތިލުމަށް ފަހު ފިރިހެން ގްރޫޕްތަކުގެ ކެއުމުގެ ފޯރި ފެށުނީ އެވެ. ގްރޫޕް ހަދާފައި ގޭގެ އަށް ދާނެ އެވެ. އީދު ބޮނޑިބަތާއި ބޯކިބާތައް ހުންނާނީ ފޮތިފޮތިކޮށް ކާން ތައްޔާރުކޮށްފަ އެވެ. ސޯދުބެމެން ބޮނޑިބަތްކޮޅެއް ނެތް ހެއްޔޭ ގޮވާލާ އިރަށް ތަށިތައްޓަށް އަޅައިގެން ގެނެސްދެނީ ނަން ހުސްކޮށެވެ.

"ވަރަށް އުފާވެރި ވަގުތުކޮޅެއް އެއީ ދެން. އެއް ގެއިން އަނެއް ގެޔަށް ކާއެއްޗެހި ބަދަލުކުރާނެ. ވަރަށް އެކުވެރިވާނެ،" ސޯދުބެ ވިދާޅުވި އެވެ.

އެންމެ އަހުވަ ލައްވާލަނީ ގޭގޭގައި ސަލަވާތް ކިޔަވާ މުދިންބެ އަށެވެ. ހުރިހާ ގެތަކެއްގައި ހެން އޭރު ސަލަވާތް ކިޔަވާ އިރު، ކޮންމެ ގެއަކުން ވެސް ކެއުމަކީ މުދިންބެ އަށް މަޖުބޫރު ކަމެކެވެ. ނުކައިފިއްޔާ އެ ގެއަކުން މުދިންބެއާ ދޭތެރޭގައި ވިސްނަފާނެ ގޮތަކާ މެދު އޮންނަ ބިރަކުން ވެސް ސަލާމަތްވެވޭނެ ގޮތެއް ނޯވެ އެވެ.

"މުދިންބެ ބަނޑު ފުރި، ނުކެވިގެން ދެން ހަދާ ގޮތަކީ ރޯ ފަން ފަތުރައި އޭގެ މަތީގައި ބަނޑުވަތަށް ޖަހައިގެން އޮންނަނީ. ރޯ ފަން މަތީގައި އޮތީމަ ތަންކޮޅެއް އަވަހަށް ކާއެއްޗެހި ހަޖަމުވާނެއޯ. އެހެން އޮއްވާ ވެސް 'މުދިންބޭ އަހަރެންގޭ ސަލަވާތޭ' ބުނާއިރަށް ހަމަ ބުނާނެ، އާ ހިނގާ، ދެވޭތޯ ވާނީ ބަލަން ދޯ، އޭރު ކާއެއްޗެހި މަތިން އަރާވަރުން އުޅޭނީ. އަނެއްކާ ގޮސް އެ ގެއިން ވެސް އެބަ ކައޭ،" ހިނިފުޅުވަޑުވަމުން ބައެއް ހާދިސާތައް ސޯދުބެ ކިޔައިދެއްވި އެވެ.

ބައެއް ގޭގެ އަށް ސަލަވާތް ކިޔަވާން މުދިންބެ ދަނީ، އަނގަ ތެރެއަށް އަތްކޮއްޕައި ހޮޑުލައިގެން ކާއެއްޗެހި ބޭރުކޮށްފަ އެވެ. އެ ވަރުން ވެސް ދޫކޮށެއް ނުލާނެ އެވެ.

ކެއުންތަކަށް ފަހު ކުޅިވަރު ކުޅުމާއި ހާލު ބެލުމާއި އެކުވެރިކަން ބަދަހިކުރުން އޮވެ އެވެ. ފަނުން ބޮޑު މަހާއި ކަކުނިތައް ވިޔެ، ބޮޑު މަސް ބޭނުން ވެސް އޮވެ އެވެ. ސިފަ ވަކި ނުވާ ވަރަށް ގައިގައި ދެލި ހާކައިގެން މާލި ނެރުމާއި އެ ނޫން ވެސް ޝައުގުވެރި އެތައް ކަމެކެވެ.

ސޯދުބެގެ ވާހަކަ ނިންމާލެއްވީ އީދު ހަނދު ބެލުމުގައި ދިމާވި މަޖާ ވާހަކައަކުންނެވެ.

"[މާލޭގައި] އީދު މިސްކިތް އިމާރާތް ކުރި ތަނާ ކައިރީގައި، މީހަކު ހުރީ އެ މިސްކިތް ބަލަން، ހަދާފައި ހުރިލެއް ރީތި ކަމުން. އެހެން ހުއްޓައި މާލޭގެ ފޯރާ މީހަކު ދަމުން އޭނައާ ދިމާލަށް ބުނެލީ، ތިޔަ އުޅެނީ ކީއް ކުރަން. ތިއުޅެނީ ތީގެ އެއްޗެއް [މިސްކިތެއް] ހަދަން ކަމަށްތަ؟ އޭނަ އަޅައެއް ނުލާ. އެހެން މި ބުނީ ހަނދު ބަލާ ޕާޓީގެ މީހެއް. އޭނާ އަތިރިމަތީގައި ހަނދު ބަލަން ހުއްޓައި އެއްކަލަ މުސްކުޅި ބެ އަށް އޭނާ ފެނިއްޖެ. ގޮސް އޭނާ ކޮއްޓާލާފައި އަހައިފި، ތިޔަ އުޅެނީ ތީގެ އެއްޗެއް ހަދަން ކަމަށް ތަ؟"

18 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 4%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފް

05 June 2019

'''ހަނދު ބަލަން ނުކުންނަ ރޭ، ރައްޔިތުންނަށް ވެރިން އަންގާ ވަރުގަދަ އެންގުމެއް ވެސް އޮވެ އެވެ. އެއީ އެ ރެއަށް އިރޮއޮއްސި ހަނދު ސާބިތުވެ ނޫނީ އިރު އެރުމުގެ ކުރިން އެއްވެސް ގެއެއްގެ ބަދިގެއިން އަލި ކަމެއް ނުނެރުމެވެ. އެގޮތަށް އަލިކަން ނެރޭ ގެތަކުގެ މީހުންނަށް އަދަބު ދިނުން ވެސް ބައެއް ރަށްރަށުގައި އޮންނަ ކަމަށް ވެ އެވެ.'' އެ ޒަމާނުގަ ހުދްމުޙްތާރުކަން ހުރި މިންވަރު ވަރަށް ރަނގަޅަށް ދޭހަވޭ.

The name is already taken The name is available. Register?

ބުޅާ

05 June 2019

އެޒަމާނުގަ މިދެމީހުން އެކަނިތަ ހަނދުބަލަނީ މުޅިރާއްޖޭގަ؟

The name is already taken The name is available. Register?

ޢަލިމަނިކުފާނު

04 June 2019

ކޮމެންޓު2. ޢީދު އަންނަންވާއިރަށް ލިބުނު މިންވަރަކުން އައު ހެދުން ފަހާނެ. ޢީދުނަމާދަށް މީސްމީހުން ފިރިހެން ދަރިންނާއެކު މިސްކިތަށް ދާއިރު ރަށުތެރެއިން ދުވާނީ ހުވަނދުގެ މީރުވަސް. ޢީދުދުވަހަކީ އެކުވެރިކަން އާލާކޮށް ޢާއިލީ ގުޅުން ވަރުގަދަކޮށްދޭ ދުވަހެއް. ބޮޑެތި މީހުންނާއި ކުޑަކުދިން ތަފާތު ކުޅިވަރުތައް ކުޅޭނެ. މަންޑި، ކުއްލި، ތިންމުގޯލި، ސުވާ، ދުވުން، ދަފިނެގުން، ލަނގިރިޖެހުން، ތިންފައި ރޭސް، ފަލިރޭސް، ފެތުން ފަދަ ކުޅިވަރު ކުޅޭނެ. އަދިވެސް ބައިވަރު.

The name is already taken The name is available. Register?

ޢަލިމަނިކުފާނު

04 June 2019

ކޮމެންޓު 1. އަހަރެމެން ބޮޑެތިވެގެން އައިއިރު އަމިއްލަ ރަށުގައިވެސް ވަރަށް ފޯރި ހުންނަ ކަމެއް ހަނދު ބެލުމަކީ. ރަށުގެ ކުދި ބޮޑުން ގުރޫޕު ގުރޫޕަށް ނިކުންނާނެ ހަނދު ހޯދަން ރަށުގެ ހުޅަނގުފަރާތަށް. ހުޅަނގުފަރާތުގައި ހުންނަ ބޮޑެތި ގަސްގަހަށާއި ރުއްރުކަށް ވެސް އަރާނެ އެކަމުގައި. ލިބުނު މިންވަރަކުން ކޮންމެ ގެއަކުވެސް މީރު ކާއެއްޗެތި ހަދާނެ. ގޭގެއަށް ކާއެއްޗެތި ގެންދާނެ. ގޭގެއަށް ޒިޔާރަތް ކުރާނެ. ފުރަތަމަ ޢާއިލީ ގޭގެއަށް. އެއަށްފަހު ރައްޓެހިންގެ ގެޔަށް.

The name is already taken The name is available. Register?

ހަސަދު

04 June 2019

މިހުރިހާކަމެއް ހަލާކުވެތިޔައީ ކިހިނެތްވެބާ. އައި ވެރިއެއްގެ ސަބަބުންބާ!!!. މާލެ ހަލާކުވީ ކީއްވެބާ! އައި ވެރިއެއްގެ ސަބަބުންބާ!!. މިހިރީ މިހާރު ކުރަންވެއްޖެ ސުވާލުތައް.

The name is already taken The name is available. Register?

މަހާރަދުން

04 June 2019

އޭރު އަހަރުމެން ނަށް ދޭނީ ކުކުޅުގެ ކަރު ސާޅިސް ދުވަސް ނުވަނީސް ކުކުޅު ކާން ލިބޭނޭ ކިޔާފަ އަހަރުމެން ސާޅީސް ނުވަނިސް ކުކުޅު ކާހިތުން އެ ކަރަކާ ހިފަން ތިއްބާ ބޮޑެތިމަސް ކޮޅު ކާލަނީ ބޮޑަށް ތިބޭމީހުން. ސޮލަވާތް ކިޔަވާ މުދިންބެ ނުނިޔަތެއްލާފާނެތީ ކުކުޅުގެ ކުރަނޑިއާ މޭ ކޮޅުވެސް އަހަރުމެންނަކަށް ލައްވައެއް ނުލާނެ. މިހާރު އަމިއްލަ އަށް ގަނެގެން ކާލެވޭ ވަރުވީއިރު ޑޮކްޓަރު މަނާ ހަނޑުލާ ހަކުރާ ފުށައް ދަންދެން

The name is already taken The name is available. Register?

އިސްޕިރޭނު

04 June 2019

މިހާރު ދެން ތިދުވަހް ނާންނާނެ. 1979ގައި އުފަންވީ މީހެއްކަމުން އަހަންނަށްވެސް ރާއްޖޭގެ ތިކަހަލަ ބައެއް ކަންކަން ހަނދާން ހުރުމުގެ ނަސީބު އެބަހުރި. އެކަމަކު މިހާރު އަހަރުމެންގެ ކާބަފައިންނަކީ އެއްވެސް ބައެއް ނޫން. ގޮތަކަށް ފިޔަވަޅެއް އަޅަލެވުނަސް އެބަ ބުނޭ ތީ ބިދުއައެކޭ. ހަރާމްކަމެކޭ.

The name is already taken The name is available. Register?

ރަދީފުގެދަރި ކުމާރު

04 June 2019

ކޮންމެ އީދުދުވަހަކު ސޯދުބެ އަރާނެ ނޫހަށް.....

The name is already taken The name is available. Register?

އެޓޮމް

04 June 2019

ގޮންމުށުގެ ބާރުން އަތޮޅުވެރިކަން ކުރުމަކީ ޢީދު އުފަލާއި ބީރެއްޓެހިކަމެއް ކަމަށް ދަންނަވަން

The name is already taken The name is available. Register?

ޢައްޓަމަސް

04 June 2019

މަގޭ ދެކުދިން ކަމަކީ ގުހިންގާ މީހުނާ ގޭ އެންމެން ގަޔައް ކުލަޖެހުން ދެތިން ބޮންދުންގަޔައްވެސް އެޖަހައިފި ހައެއްކަ ފުޅި ކުލަހުސް ވެއްޖެ ރަށުތެރޭގަ ކުލަ ނެތް ގެޔެއް ކުއްޖެއް ބޮޑެއްނެތް މުޅި ރަށުގެ ބިންގަންޑު މިވަނީ އެކިކުލަތަކުން ޖަރީވެފަ ހީވަނީ އިންޑިޔާގެ ދީވާލީއެއް ފާހަގަ ކުރާހެން ކިތައްމެނުރުހުނަސް މިނޫން ގޮތެއް ދެން ނެތީއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454