ބާލިން ކްލައިމެޓް ކޮންފަރެންސްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ
05 ޖޫން 2019 - 14:32
ދުނިޔެ މިހާރު ހޫނުވަމުންދާ މިންވަރަށް ހޫނުވާ ނަމަ ރާއްޖެ ފަދަ ގައުމުތައް ނެތިގެން ދާނެ ކަމަށާއި ހޫނުވާ މިންވަރު ކުޑަކުރެވޭނެ ކަމުގެ އުއްމީދުގައި އިންތިޒާރުގައި ތިބެވެން ނެތް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ދިމާކޮށް ޖަރުމަނުގެ ވެރިރަށް ބާލިންގައި ފެށި ކްލައިމެޓް ކޮންފަރެންސްގައި ރާއްޖޭ ތަމްސީލްކުރައްވަމުން ޝާހިދު ވިދާޅުވީ ދުނިޔެ ހޫނުވަމުންދާ މިންވަރާއި އެކަމުގެ ނަތީޖާ އެނގި ސާފުވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ވަގުތެއް ނެތް. [ފިޔަވަޅުތައް އެޅޭނެ ކަމުގެ]އުއްމީދުގައި އެ އިންތިޒާރުގައި ތިބެވޭކަށް ދިވެހިރާއްޖެ ފަދަ ގައުމުތަކަށް ވަގުތެއް ނެތް،" އޭނާ ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ދިރާސާކުރާ ބައިނަލް އަގުވާމީ އެޖެންސީ އައިޕީސީސީ އިން އެންމެ ފަހުން ނެރުނު ރިޕޯޓްގައި ބުނެފައިވާ ގޮތުން ދުނިޔޭގެ ފިނި ހޫނުމިން މިހާރު ހުރި މިންވަރުގައި ދެމެހެއްޓުނަސް ކަނޑުގެ ލޮނުގަނޑު ދާނީ އުފުލެމުންނެވެ. ދުނިޔޭގެ ފިނިހޫނުމިން މިހާރު ހުރީ އެ ރިޕޯޓްގައިވާ ގޮތުން ސިނާއީ އިންގިލާބުގެ ކުރިން ހުރި ވަރަށް ވުރެ 1.5 ޑިގްރީ ސެލްސިއަސް މަތިކޮށެވެ. އެކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ މި ހާލަތުގައި ވެސް ރާއްޖެ ފަދަ ގައުމުތަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވާނެ ކަމަށެވެ.
"ދެން އަޅުގަނޑުމެން ޚިޔާލަށް ގެންނަމާތޯ [ސިނާއީ އިންގިލާބުގެ ކުރިން ހުރި ވަރަށް ވުރެ] ދެ ޑިގްރީ ސެލްސިއަސް މަތި ވެއްޖެ ނަމަ ހާލަތު އޮންނާނެ ގޮތް؟ އޭރުން ކަނޑުގެ ލޮނުގަނޑު 30 އިންޗިއަށް އުފުލޭނެ. މިކަމުގެ ސަބަބަބުން ދިވެހިރާއްޖޭގެ ދެމި އޮތުމަށް ނުރައްކާ ވާނެ،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަ ކުރުމަށް އެންމެ ފަހުން ގާއިމުކުރި މުއާހަދާ، ޕެރިސް އެގްރިމެންޓާއި އެ މުއާހަދާ ތަންފީޒު ކުރުމަށް އެކުލަވައިލި ރޫލްބުކްގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހިތްވަރެއް ލިބިފައިވާ ކަމަށެވެ. އެ މުއާހަދާއާ އެއްގޮތަށް އަޅާ ރަނގަޅު ފިޔަވަޅުތަކެއްގެ ސަބަބުން ސިނާއީ އިންގިލާބުގެ ކުރިން ހުރި ވަރަށް ވުރެ ދެ ޑިގްރީ ސެލްސިއަސް މައްޗަށް ނުދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ބާލިން ކްލައިމެޓް އެންޑް ސެކިއުރިޓީ ކޮންފަރެންސް"ގެ ނަމުގައި ފެށި ކޮންފަރެންސްގައި ބައިވެރި ވެވަޑައިގެންނެވުމަށް ޝާހިދު ޖަރުމަނަށް ވަޑައިގެންނެވީ ހޯމަ ދުވަހު އެވެ. އޭނާގެ ދަތުރުފުޅުގައި ޖަރުމަނުގެ ބައެއް އިސް ބޭފުޅުންނާ ބައްދަލުކުރައްވަން ވަނީ ހަމަ ޖެހިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުތިބެ ކީއްތަކުރަނީ
07 June 2019
"ދުނިޔެ ހޫނުވުން ކުޑަކުރެވޭނެ ކަމުގެ އިންތިޒާރުގައި ތިބެން ވަގުތެއް ނެތް" މިހެން މީނާ ބުނެފައި ދުނިޔެ ހޫނުކުރާ މީހުން އަތުން މިލިޔަނުން ބިލިޔަނުން ލާރިނަގަިގެން ހުރެ ތިމަންމެންގެ މައްޗަށް ބާރެއް ނުފޯރާ ކަންކަމުގެ މައްޗަށް ބޮޑާ ބަސްބުނަނީތަ؟
ކެކެ
06 June 2019
މިނިސްޓަރު ދެން ފެންޖަހާ ދެންވީނު ދުނިޔެއަށް..
ސަލީމާ
06 June 2019
މިސަރުކާރުގެ އެންމެ ހަރަދުބޮޑު މިނިސްޓަރ. ހޯދާ އެހީ އޮންނަނީ އެހޯދަން ދަތުރުކޮށް ހުސްވެފަ. މިޒަމާނުގައި އޮފީހުގަ ތިބެގެން މިޝަންތަކާ ރަސްމީ ވާހަކަ ދެއްކޭނެ،.
އާރ1
06 June 2019
މީ އެންވައިރުމެންޓް މިނިސްޓަރުތަ؟ ނޫނީ ރައީސްތަ؟
ބޮޑުމީހާ
06 June 2019
މަޑުނުކޮށް އަހަރުމެން ކީއްތަކުރާނީ؟ ފުރަަތަމަ މިރާއްޖޭގަ ހުރި މައްސަލަތަކަށް ހައްލުހޯދަން އުޅެބަލަ. ތިއުޅެނީ 400000 މީހުންނަށް ބޯހިޔާވެހިކަން ނުދެވިގެން ދެން ކިހިނެއް ދުނިޔެ ހޫނުވާ މައްސަލައަށް ހައްލުހޯދައިދެވޭނީ
ކަނަމަނަ
05 June 2019
މިޤައުމުގައި އެންވައަރމެންޓް މިނިސްޓަރެއް ނުހުރޭތަ؟ ހުރިހާތާކަށް މިދަނީ އެކަކު. ނުވޭތަ ކަނޑުގެ ދިރުންތަކާބެހޭ ބައްދަލުވުމަކަށް ދާކަށް. ފިޝަރީޒް އެންޑް ފޮރިން މިނިސްޓަރ އަކަށް ވެގެން.
އަޝްރަފު
05 June 2019
އަސްލުވެސް ތިބެވޭކަށްނެތް! ތިޔަ ޤައުމުގަވެސް މިހާރު މާގިނަ ވަޤުތު ހޭދަ ކުރެވިއްޖެ. އަވަހަށް އަނެއް ޤައުމަށް ނައްޓާލާ! ޓްރާންސިޓް އަށް މާލެއަށް ޖައްސާލަން ހަނދާން ކުރަންވާނެ އެކަމަކު!
ޖަމަލު
05 June 2019
މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އެންޑް އެންވަޔަރަންމަންޓް
ސަންޕަ އަހަންމަދު
05 June 2019
ރޯދަ ނިމުނަކަސް ބުނަންއުޅޭއެތި ބޮޑުކަމުން ނުބުނެވޭނެ.
2Dhivesseh
05 June 2019
ކޮބާ. މިހާރު ރައީސް ނަޝީދު އެއް ނޫންތަ މީހަކީ - ކިހިނެއްބާ މިވަނީ!!