ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން.-- ފޮޓޯ: އޭއެފްޕީ
16 ޖޫން 2019 - 09:54
ލަންޑަން (ޖޫން 16) - ޔޫރޮޕާ ލީގުގެ ފައިނަލުގައި ޗެލްސީ އާއި އާސެނަލް ބައްދަލުކުރި މެޗު އަޒަރުބައިޖާންގެ ބަކޫގައި ކުޅެން ނިންމުމުން އެކަމާ ހިތްހަމަނުޖެހި އިނގިރޭސި ޓީމުތަކުން ކަންތައް ކުރިގޮތާ މެދު ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ހިތްހަަމަނުޖެހުން ފާޅުކުރައްވައިފި އެވެ.
އަޒަރުބައިޖާނުގެ ބަކޫގައި މިދިޔަ މަހު ކުޅުނު ފައިނަލް މެޗުން ޗެލްސީ 4-1 އިން އާސެނަލް ބަލިކުރިއިރު، އެ ދެ ޓީމަށް ޔުއެފާ އިން އެ މެޗަށް ހަމަޖެއްސި 12،0000 ޓިކެޓްގެ ތެރެއިން ދެ ބައި ކުޅަ އެއްބައި ޓިކެޓް ވަނީ އަނބުރާ ޔުއެފާއާ ހަވާލުކޮށްފަ އެވެ. އާސެނަލާއި ޗެލްސީގެ ސަޕޯޓަރުން މެޗު ބަލަން ނުދިޔައީ ބަކޫގެ މާހައުލާ މެދު ހިތްހަމަ ނުޖެހިގެންނެވެ.
އަޒަރުބައިޖާނާއި އާރްމީނިއާއާ ދެމެދު އުފެދިފައިވާ ސިޔާސީ ހިތްހަމަނުޖެހުންތަކުގެ އާސެނަލަށް ކުޅޭ އާރްމީނިއާގެ ހެންރިކް މިކިތާރްޔަން އަށް ޔޫރޮޕާ ލީގު ފައިނަލް ކުޅެން އަޒަރުބައިޖާނަށް ނުދެވުނެވެ. ވިސާ މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑުކަމުން ޔުއެފާގެ ވެސް އެއްބާރުލުމެއް ނުލިބޭތީ މިކިތާރްޔަން ނިންމީ ޓީމާ އެކު ނުދާށެވެ.
އޮކްސްފޯޑް ޔުނިވާސިޓީގައި ހުކުރު ދުވަހު އޮތް ޕެނަލެއްގައި ވާހަކަ ދައްކަވަމުން ކެފެރިން ވިދާޅުވީ އިނގިރޭސި ޓީމުތަކުން ދެއްކި ބަހަނާ އޭނާ އަށް ބަލައިނުގަނެވޭ ކަމަށެވެ.
"ފައިނަލުގައި އިނގިރޭސި ޓީމުތައް ކުޅޭއިރު އެ ހުންނަ ޝަކުވާތަކަށް އަހަރެމެން ބަލަން. އިނގިރޭސިން ބޭނުމެއް ނުވޭ ފުޓްބޯޅަ އަށް އެ އޮންނަ ފޯރި ހުރިހާ އެންމެނަށް ހަމަހަމަވާކަށް. މިސާލަކަށް ކޮންމެ މީހެއް ވެސް ސުވާލުކުރަނީ ކީއްވެހޭ ބަކޫ (އަޒަރުބައިޖާން)ގައި ފައިނަލް ކުޅުނީ. އަހަރެން ބުނާނީ އެ ގައުމުގައި ވެސް ފުޓްބޯޅަ އަށް ލޯބިކުރާ މީހުން އުޅެޔޭ އެ މީހުންނަށް ވެސް މި ކުޅިވަރުން ފުރުސަތު އޮންނަންވާނެއޭ،" ކެފެރިން ވިދާޅުވި އެވެ.
އިނގިރޭސި ޓީމުތަކަށް ފާޑުކިޔުމުގެ ގޮތުން ކެފެރިން ވަނީ މިސާލެއް ދައްކައިފަ އެވެ.
"މިސާލަކަށް ލަންޑަނުގައި އަޒަރުބައިޖާން ދެ ޓީމު ކުޅޭ ފައިނަލެއް އޮވެފިއްޔާ އެއްވެސް މައްސަލައެއްގެ އަޑެއް ނީވޭނެ. އެ މީހުން އައިސް ކުޅޭނެ އުފަލާ އެކީ. އަހަރެމެން އަޒަރުބައިޖާނުގައި ކުޅެން ނިންމީ އޭގެ އެއް އަހަރު ކުރިން. މެޗު ކުޅުނު ސްޓޭޑިއަމް އަކީ 70،000 ސަޕޯޓަރުންނަށް ވަދެވޭ ދަނޑެއް. އަހަންނަށް އެނގޭ ގޮތުގައި އިންގްލެންޑުގައި އޮތީ އެ އަށް ވުރެން ގިނަ މީހުންނަށް ވަދެވޭ އެންމެ ދަނޑެއް،" ކެފެރިން ވިދާޅުވި އެވެ.
މިދިޔަ ޖެނުއަރީ މަހު ޔުއެފާގެ ރައީސަކަށް ދެ ވަނަ ދައުރު އިންތިހާބުވި ކެފެރިން ވިދާޅުވީ އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ޔޫރަޕްގެ 12 ސަރަހައްދެއްގައި ބާއްވާއިރު ބައެއް މެޗުތައް ބަކޫގައި ކުޅެން ރޭވި ނިންމުމަށް ބަދަލެއް ގެންނަން ނުވިސްނާ ކަމަށެވެ.
"އަހަރެމެން ފުޓްބޯޅަ ކުރިއަރުވާނީ ހަމައެކަނި އިންގްލެންޑް ނޫނީ ޖަރުމަނުގައެއް ނޫން. އެންމެނަށް ހަމަހަމަ އުސޫލެއްގެ ތެރެއިން،" ކެފެރިން ވިދާޅުވި އެވެ.
ޔުއެފާ އިން މިދިޔަ އަހަރު އަލަށް ފެށި ޔުއެފާ ނޭޝަންސް ލީގުގެ ފޯމެޓަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި މިހާރު އޮތްގޮތުން ބައެއް ޓީމުތަކަށް މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު އޮތީ އެންމެ އިންސާފުވެރިކޮށް ނޫން ކަމަށް ކެފެރިން ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައްޓޭ
16 June 2019
ބަލަ މިކިތާރިޔަން އަށް ކުޅެވޭ ގޮތް ހަމަޖައްސައި ނުދީ ކޮންހާ އަނގައެއް ތަޅާކަށް؟ އެންމެންނަށް ހަމަހަމަވާ ވާހަކަ ދައްކާއިރު އޭނަ ބާކީ ކުރެވުނީ ކީއްވެ؟ ދެން ޕިޗްތަކުގެ ވާހަކަ ދައްކަނީ ހަމަ އެކަނި އިނގިރޭސި ޓީމުތަކުންނެއް ނޫން. މެސީމެން ޕިޗުގެ ވިނަގަނޑު އަތަށް ލައިގެން އުޅުނު ހަނދާން ނެތުނީތޯ؟ -އާރސެނަލް ފޭން-
އެމްސީ
16 June 2019
މިކްތާރިއަންއަށް ކުޅެވޭނެ މާހައުލެއް އޮތީ ހަމަޖައްސާދީފަ. އަޒަރުބައިޖާނުން ވިސާވެސްދިން. އޭނާ ނުޅެން އަޒަރުބައިޖާންއަށް ނުދިއުމީ އޭނާ އަމިއްލައަށް ނިންމި ނިންމުމެއް. ބައްޓޭއަށް މިކަން ނޭންގި އޮތުމަކީ ބައްޓޭއަށް މިފަދަ މައުލޫމާތު ލިބިފަ ނެތްކަމުގެ އަލިގަދަހެއްކެ. ދެންވެސް ކޮމެންޓްކުރުމުގެ ކުރިން މައުލޫމާތު ހޯދާލާފަ އެއްޗެކީ ބުނަން ހަދާންކޮށްދެން