ބޮމުގެ ހަމަލާތަކަށް ފަހު ލަންކާ ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ
29 ޖޫން 2019 - 11:40
ކޮލަމްބޯ (ޖޫން 29) - އެޕްރީލް މަހުގެ ފަހުކޮޅު ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު ޓޫރިޒަމް ރަނގަޅުވަމުން އަންނަ ކަމަށް އެ ގައުމުގެ ފިނޭންސް މިނިސްޓަރު މަންގަލަ ސަމަރަވީރާ ވިދާޅުވެއްޖެ އެވެ.
އެޕްރީލް 21 ވަނަ ދުވަހު ލަންކާގެ ތިން ފައްޅިއަކާއި ލަގްޒަރީ ތިން ހޮޓަލަށް އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ނިސްބަތްވާ ބަޔަކު އަމިއްލަ އަށް މަރުވެގެން ދިން ހަމަލާތަކަށް ފަހު އެ ގައުމުގެ ޓޫރިޒަމް ވަރަށް ބޮޑަށް އަޑިއަޅާލި އެވެ. އެކަމަކު ސަމަރަވީރާ ވިދާޅުވީ ލޯކަލް ޓޫރިޒަމް ވެސް ރަނގަޅު ކަމަށާއި ޔޫރަޕްގެ މާކެޓް ވެސް އަލުން ރަނގަޅުވާން ފަށާފައިވާ ކަމަށެވެ.
ސަމަރާވީރާ ކުރިން ވިދާޅުވެފައި ވަނީ ބޮމުގެ ހަމަލާތަކާ ގުޅިގެން ޓޫރިޒަމް އާމްދަނީ މި އަހަރު 30 ޕަސެންޓް ދަށަށްދާނެ ކަމަށެވެ. އެއީ ގާތްގަނޑަށް 1.5 ބިލިއަން ޑޮލަރެވެ. އެކަމަކު ސަމަރާވީރާ ވިދާޅުވީ މިހާރު ލަފާކުރެވޭ ގޮތުން ގެއްލުން އެއް ބިލިއަން ޑޮލަރަށް ވުރެ ވެސް ކުޑަވާނެ ކަމަށެވެ.
"މިހާރު ލަފާ ކުރެވެނީ ކުރިން ލަފާކުރި ވަރަށް ވުރެ ހާލަތު ރަނގަޅު ކަމަށް. ބުކިންސްތައް ރަނގަޅުވާން ފަށައިފި،" އޭނާ ވިދާޅުވި އެވެ.
ލަންކާ ޓޫރިޒަމް އަލުން ކޮޅަށް ޖެހުމަށް ސަރުކާރުން ވެސް ވަނީ އިންޑަސްޓްރީ އަށް ލުއިގޮތަކަށް ލޯނު ހަމަޖައްސައިދީފަ އެވެ.
ލަންކާގެ ބޮޑު ވަޒީރާއި ރައީސްގެ ސިޔާސީ ކޯޅުންގަނޑާ ހެދި އެ ގައުމުގެ އިގްތިސާދު މިދިޔަ އަހަރު ވަނީ 3.2 ޕަސެންޓަށް ދަށްވެފަ އެވެ. ސަމަރަވީރާ ވިދާޅުވެފައި ވަނީ ސިޔާސީ ހަމަނުޖެހުމާ ހެދި އިގްތިސާދަށް އެއް ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނު ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީރުބަހުރު
30 June 2019
ހުސްދޮގު ހަދަނީ ނުވާނެ ރަގަޅެއް. މީހުން ގެންދަން ތި އުޅެނީ.
ސަންޕަ އަހަންމަދު
29 June 2019
ލުތުފީ މިކޮޅަށް ގެނައިމާ އަދި އިތުރަށް ރަނގަޅުވެގެންދާނެ.