އީރާނުގެ ބަންދަރު އައްބާސްގައި ޓޫރިސްޓުންތަކެއް މި އަހަރުގެ އެޕްރީލް މަހު ސެލްފީއެއް ނަގަނީ. --ފޮޓޯ:އޭއެފްޕީ
01 ޖުލައި 2019 - 10:10
ތެހެރާން (ޖުލައި 1) - ޗައިނާގެ ޓޫރިސްޓުން އީރާނަށް ދަތުރުކުރާ އިރު މީގެ ފަހުން ވިސާ ނަގަން ނުޖެހޭ ގޮތަށް ތެހެރާނުން ހަމަޖައްސައިފި އެވެ.
އީރާނުގެ ރަސްމީ މީޑިއާ އިން ބުނީ މި ބަދަލު ގެނައީ އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން، ޓޫރިޒަމް ފުޅާކުރަން ކުރާ ކަމެއްގެ ގޮތުގައި ކަމަށެވެ.
"ޗައިނާ މީހުން ވިސާ ނަގަން ނުޖެހޭ ގޮތަށް ކެބިނެޓުން ވަނީ ފާސްކޮށްފައި،" ރަސްމީ ނޫސް އެޖެންސީ އިރްނާ އިން ބުންޏެވެ.
އީރާނުގެ ޓޫރިޒަމް ބޯޑުގެ ވެރިޔާ އަލީ އަޝްގަރުު މުނެސަން ވިދާޅުވީ އަހަރެއްގެ ތެރޭގައި ޗައިނާގެ ދެ މިލިއަން ޓޫރިސްޓުން ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ޓޫރިޒަމް ސެކްޓާ ސަލާމަތްވާނެ ކަމަށާއި އިގްތިސާދަށް ކުރިމަތިވެފައިވާ ބުރަޔަށް، ޓޫރިޒަމް ދާއިރާ އިން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައި ވަނީ އީރާނުގެ ތެލުގެ ސެކްޓަރަށާއި ބައިނަލްއަގުވާމީ ފައިނޭންސް ޓްރާންސެކްޝަންތަކަށެވެ.
އިރްނާ އިން ބުނީ މާޗް މަހާ ހަމައަށް ނިމިދިޔަ 12 މަސް ދުވަހު ޗައިނާގެ 52،000 ޓޫރިސްޓުން އީރާނަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
ޓޫރިސްޓުން އިތުރު ކުރުމުގެ ގޮތުން އީރާނަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ޕާސްޕޯޓްގައި ތައްގަނޑު ނުޖަހާ ގޮތަށް ވެސް ދާދި ފަހުން އެ ގައުމުން ވަނީ ހަމަޖައްސައިފަ އެވެ. އެއީ އީރާނަށް ޒިޔާރަތްކޮށްފައިވާ މީހެއް ނަމަ އެމެރިކާ އަށް ވަނުން މަނާކުރަމުންދާތީ އެވެ.
ޗައިނާ އަކީ ދުނިޔޭގެ ގައުމުތަކާ އެކު އީރާނުން 2015 ވަނަ އަހަރު ސޮއިކުރި ނިއުކްލިއާ އެއްބަސްވުމުގެ ބައިވެރިއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަބުރުކަލޯ
01 July 2019
މީތި ސަޅި. ހަބޭސް.