"ކޮޑަކިޅި" އަށް ބަޔަކު އެރި މަޖާކުރަނީ: ފައިދާތަކެއް ހޯދިދާނެ ގުދުރަތީ ވަސީލަތެއް -- ފޮޓޯ: އަޒްލީން/ފޭސްބުކް
09 ޖުލައި 2019 - 08:15
ކިސަޑުގަނޑަށް އެރިލުމަކީ ފުވައްމުލަކަށް މިހާރު ގިނަ ބަޔަކު ދާން ބޭނުންވާ އެއް ސަބަބެވެ. އެ ރަށު މީހުން ވެސް އުފަލަކަށް މިހާރު އާއްމުކޮށް ކޮށް އުޅޭ ކަމެކެވެ. ބަންދު ދުވަސްތަކުގައި އާއިލާތައް ވަގުތު ހޭދަކުރަނީ އެ ކިސަޑުގަނޑުގަ އެވެ. މޫދަށް ދާ ފަދައިން އެތަނަށް އެރިލުމަށް ގޮސް އުޅެ އެވެ. ގުދުރަތީ އެތައް ރީތި ކަމެއް ލިބިފައިވާ ފުވައްމުލަކު ކިސަޑުގަނޑަށް މީހުން އާއްމުކޮށް އެރިއުޅޭތާ ދެ ތިން އަހަރެއް ވެއްޖެ އެވެ.
އެއް ބަޔަކު ބުނާ ގޮތުގައި އެއީ ބޮޑު ނަފާއެއް ހޯދިދާނެ ތަނެކެވެ.
އެ ކިސަޑުގަނޑަކީ ފުވައްމުލަކު ބަންޑާރަކިޅި އާއި ދަޑިމަގި ކިޅިއާ ޖެހިގެން އޮންނަ "ކޮޑަކިޅި" އެވެ. ބަންޑާރަކިޅިއާ އެކު ހިމާޔަތްކުރި ސަރަހައްދުގެ ތެރޭގައި ކޮޑަކިޅި ވެސް ހިމެނެ އެވެ. ގާތްގަނޑަކަށް 50 ފޫޓުގެ އެ ކިސަޑުގަނޑުގެ ބައެއް ހިސާބުތަކުގެ ފުންމިނުގައި ހަ ފޫޓު ހުރެ އެވެ. އެހެން ހިސާބުތަކުގައި އާއްމު މީހެއްގެ އިސްކޮޅު ޖެހެ އެވެ.
"ކޮޑަކިޅި" އަށް ބަޔަކު އެރި މަޖާ ކުރަނީ: އެތަން ޓޫރިޒަމްގައި ވެސް ބޭނުންކުރެވިދާނެ-- ފޮޓޯ: އަޒްލީން/ފޭސްބުކް
ފުވައްމުލަކު މޭޔަރު އަބްދުﷲ ފަލާހު ޝަރީފް ވިދާޅުވި ގޮތުގައި ކޮޑަކޮޅިއަކީ މަގުބޫލު ސަރަހައްދެއް ނަމަވެސް މިހާތަނަށް އެތަނުން ނަފާއެއް ހޯދަން މަސައްކަތްތަކެއް ކުރެވިފައެއް ނެތެވެ. ނަމަވެސް ތިމާވެއްޓާ ރައްޓެހި ޓޫރިޒަމް ފުޅާކޮށް ނަފާ ހޯދުމުގެ މަޝްވަރާތައް ސަރުކާރާ އެކު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިގްތިސާދީ ނަފާ ހޯދޭނެ ގޮތްތަކެއް އަޅުގަނޑުމެން މިދަނީ ބަލަމުން. މަޝްވަރާތައް އެބަ ކުރެވޭ އެކި ފެންވަރުގައި،" ޓޫރިޒަމް އެހާ ބޮޑަށް ފުޅާވެފައި ނުވާ ފުވައްމުލަކުގެ މޭޔަރު ވިދާޅުވި އެވެ.
އިނގިރޭސި ބަހުން ނަމަ އެއީ "މަޑް ބާތު" އެވެ. ވަރަށް ކުރީ ޒަމާނުންސުރެ އެކި ކަންކަމަށް ކިސަޑުގަނޑުގެ ތެރެއަށް އިންސާނުން އެރިއުޅުނެވެ. ހާއްސަކޮށް ގައިގައި ރިއްސުމާއި އާތުރައިޓްސްގެ ފަރުވާތަކަށް އެކަން ކުރެ އެވެ. އެއީ ސްޓްރެސްއާ ދުރުވެ ރިލެކްސް ވުމުގެ ގޮތުން ވެސް ކުރާ ކަމެކެވެ. މީގެ އިތުރުން ހަންގަނޑު ރީތިކޮށް އަދި ޒުވާންކޮށް ބަހައްޓަން ވެސް މަޑް ބާތު ބޭނުންކުރެ އެވެ.
ޔޫރަޕްގެ ގައުމުތަކުން މިހާރު އަންނަނީ އެކަންކަން ޕްރޮމޯޓުކުރަމުންނެވެ. ހާއްސަކޮށް އަލިފާންފަރުބަދަތައް ހުންނަ ހިސާބުތަކާއި ދުވަސްވީ ކުޅިތައް ހުންނަ ސަރަހައްދުތަކުގަ އެވެ. ގައިގައި ރިއްސުން ފަދަ މައްސަލަތަކުގެ އިތުރުން ސިއްހީ އެހެން މައްސަލަތަކަށް ހައްލު ހޯދަން ވެސް ހާއްސަ ތެރަޕިއުޓިކް ކްލިނިކްތަކުން މަޑް ބާތުގެ ހިދުމަތް މިހާރު ދެ އެވެ.
"ކޮޑަކިޅި" އަށް ބަޔަކު އެރި: މިއީ ދިވެހިންގެ މެދުގައި މިހާރު މަގުބޫލު ތަނެއް-- ފޮޓޯ: މުހައްމަދު ޖުނައިދު/ފޭސްބުކް
މޫދާއި ރީތި ދޮންވެލިގަނޑުތަކުގެ އިތުރުން އަވި ޕްރޮމޯޓްކޮށްގެން ދުނިޔެމަތީ ސުވަރުގޭގެ ގޮތުގައި ނަފާ ހޯދާ ރާއްޖެއިން މިއީ ވެސް ތަޖުރިބާކޮށްލުން ރަނގަޅު ކަމެކެވެ. މިއީވެސް ރާއްޖޭގައި ފުޅާ ކުރެވިދާނެ ތަފާތު ޓޫރިޒަމަކަށް ވާނެ ކަމަށް އެ ދާއިރާގެ ތަޖުރިބާކާރުން ދެކެ އެވެ.
މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވީ މަޑު ބާތިން އަކީ ދުނިޔޭގައި މިހާރު ކުރިއަރަމުން އަންނަ ޓޫރިޒަމަކަށް ވާއިރު އެކަން ފުވައްމުލަކުގައި ފުޅާކުރެވިދާނެ ކަމަށެވެ.
"ޓޫރިޒަމަކީ ހަމައެކަނި ސަން، ސޭންޑް، ސީއެއް ނޫން. ފުވައްމުލަކުން ލިބެން އެހުރީ ގުދުރަތީ މަޑު. މިއީ އެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ކުރެވިދާނެ ކަމެއް،" އެ ކުޅީގެ ހާލަތު ބައްލަވާފައިވާ ރާއިދު ވިދާޅުވި އެވެ.
ބަންޑާރަކިޅީގައި ބަޔަކު ޑިންގީއެއް ދުއްވަނީ: އެތަނާ އިންވެގެން އޮންނަ ކޮޑަކިޅިއަކީ ވެސް މަގުބޫލު ތަނެއް-- ފޮޓޯ: އަސަދު ފޮޓޯގުރަފީ
އޭނާ ވިދާޅުވި ގޮތުގައި އެފަދަ ޓޫރިޒަމެއް ތައާރަފު ކުރުމުގެ ކުރިން ކުރަން ޖެހޭ ކަންތައްތަކެއް ވެސް އެބަ ހުއްޓެވެ. އެގޮތުން ފުރަތަމަ ކަމަކަށް އެ ކިސަޑުގަނޑުގެ ޓެސްޓްތައް ހަދައި އޭގައި އެކުލެވިގެންވާ މިނެރަލް އާއި ފެނުގެ މިންވަރު ދެނެގަންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ތަފާތު މީހުން ޓްރީޓްމަންޓް ނަގާނީ. ބައެއް މީހުން ތިބެދާނެ ވަކި މިނެރަލްސްއަކަށް އެލާޖިކްވާ. އެހެންވީމަ އެތަނަށް އެރޭއިރު ޓޫރިސްޓުންނަށް އެނގެންވާނެ މިއީ ކޮން ކަހަލަ މަޑްއެއްކަން. މީގައި ހުރީ ކިހާ އަދަދެއްގެ މިނެރަލްސްއެއްކަން،" ރާއިދު ވިދާޅުވި އެވެ.
""ސައިންޓިފިކް ހެއްކެއް ހޯދަން ޖެހޭ. ނުރައްކާތެރި އެއްޗެއް ހުރިތޯ ނެތްތޯ ޔަގީންކޮށްފައި ޓޫރިސްޓުން އެރުވަން ވާނީ."
މަޑު ބާތިން އަކީ މުއްސަނދިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ކަމެއްކަން ފާހަގަކޮށް ރާއިދު ވިދާޅުވީ ފުވައްމުލަކުގައި އެ ޓޫރިޒަމް ފަށަން ވިސްނާއިރި އެ ސިޓީގައި ޓޫރިސްޓް ފެސިލިޓީސްތައް ގާއިމްކުރަން ޖެހޭ ކަމަށެވެ. އެގޮތުން މިހާރަށް ވުރެ ގިނަ ޓޫރިސްޓު ބެޑް އެތަނުގައި ތައާރަފްކުރުމާއި ޓޫރިސްޓުން ބޭނުންވާނެ އެހެނިހެން ހިދުމަތްތައް ލިބޭ ތަނަކަށް އެ ސިޓީ ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮޑަކިޅީގެ މަގުބޫލުކަން ދިވެހިންގެ މެދުގައި މިހާރު ބޮޑެވެ. ދެން އޮތީ ގުދުރަތީ އެ މުއްސަނދިކަމުގެ ފައިދާ މާލީ ގޮތުން ރަށަށް ލިބޭނެ ފުރުސަތު ހޯދުމެވެ. ހިތްގައިމު ފުވައްމުލަކަކީ ހާއްސަ ތަނެއްގެ ގޮތުގައި ހެދޭނެ އެކަހަލަ އެތައް ސިފައެއް އެރަށުގައިވެ އެވެ. ބޭނުންވަނީ އާ ވިސްނުމާއި އަމަލީ މަސައްކަތްތަކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހުސިން ހަމީދު
09 July 2019
ނުރައްކާތެރި އެއްޗެއް ހުރިތޯ ނެތްތޯ ދިވެހި މީހާ ބަލާކަށް ބޭނުންވާހެނެއް ހީނުވޭ ދޯ
އެހެންތޯ
09 July 2019
ހަމަ ކޮންމެ އެއްޗެއް ފެންނައިރަށް ކީއްވެތަ ވިއްކާލަން ތިއުޅެނީ؟ ކީއްތަވާނީ އެތަން ބޭއްވިއްޔާ؟ އަހަރެމެންގެ އުމުރުން މިދުނިޔޭގައި ދިރިއުޅެން އޮތީ ގިނަވެގެން 100 އެއްހާ އަހަރު. ތިތަންތަން މީގެ ކުރިން އެތަކެއްސަތޭކަ އަހަރުގައިވެސް ހުރި. އަދި އިރާދަކުރެއްވިއްޔާ ހުންނާނެވެސްމެ. އަހަރުމެންގެ އުމުރުގައި ތިތަނުން ނުނެގުނު ފައިދާއެއް ނުނެގޭނޭ ހީކުރުމަކީ ގޯހެއް! އަދި އެތައްޖީލެއް އަންނަން އެބައޮތް. އަޅެ ހަލާކުކޮށްނުލާ މަޑުކޮށްލަބަލަ!
ޗަކަ
09 July 2019
އަހުމަދު ސާއިލް އަލީ ! މިއީ ތޯ ދުނިޔޭގައި މަޝްހޫރު މަޑްބާތަކީ؟ ތިތަނުން ނުކުމެދާނެ ސިއްޙީ ކަންކަމާއި ދޭތެރޭ ޑޮކްޓަރެއްގެ ޙިޔާލެއް އަޅެ ހޯދާލަބަލަ.
މާންބެ
16 July 2019
ގޮސް ކައްސާލީ ޗަކަ. ޗަކަ. ވަޅުގަނޑަކަށް ޗަކަ. ދެރަނުވާން ވެގެން ގަސްތު ފުންމާލީ ވަޅުގަނޑަކަށް ޗަކަ.
ވާލުސޮރު
09 July 2019
ޓުއަރިސްޓުން ނުދާނެ މީހުންގެ އެކުވެރިކަމެއްނެތް ތަންތާކަށް، ފުއައްމުލަކު ކަހަލަ އާބާދި ބޮޑު ރަށެއްގަ ހާދަ ކަމެއް ނުވޭ.
ރަށު މަންޖެ
09 July 2019
ތިތަނަށްއެރޭމީހުން ހީސްލާ ހަދާފަ ހުންނާނީ..ސުވާލަކީ ފެންދައުރުވާ އުސޫލުން ހީސްތައް ދައުރުވާނެހޭ
ސަލީމް
09 July 2019
ދިރާސާ ކުރަން.... -ކިސަޑު ޑިނާރ، ކިސަޑު ސޫޕް،ކިސަޑު ބިރިޔާނީ، ކިސަޑު ސޯސް ،.ކިސަޑު ޗޮކްލެޓް ، ކިސަޑު ކިއްލި، -ކިސަޑު ކޮސްމެޓިކްސް، ކިސަޑު ފޭސް ވޮޝް ،ކިސަޑު ބޮޑީ ވޮޝް، ކިސަޑު ހެއަރ ކްރީމް،ކިސަޑު ޝަވާރ ޖެލް&ކްރީމް -ކިސަޑު ޑްރިންކްސް، ކިސަޑު ބުލް، ކިސަޑު މޮހީތޯ، ކިސަޑި ކޫލާރ، ކިސަޑު ފްރެޝް
ފިސާރިކަނބަލެއް
09 July 2019
ހާހާހާ ތިއީ އަހަރުމެން ފުވައްމުލަކަށް ޒިޔާރަތްކުރި މެހުމާނުންނަށް ލަނޑުދިން ތަންތަން، އެމީހުން ގޮވައިގެންގޮސް ވައްޓާލަނީ ކިސަޑުގަނޑަށް، އެތަން ބލާފަކާ ނޭނގޭނެ ފުންމިނެއް، ދެން ކުޅިއަށްއެރިފަ އަންނަނީ
ބުޓާނީ
09 July 2019
ތިތަނުގައި ހަނޑޫ ހެދޭތޯ ބަލަ
ދަނޑިމަގު
09 July 2019
ތިކަން ނުކުރުމަށް އެދެން! އެއީ އަހަރެމެންނަކަށް ތިކަމުން ދެން ދިމާވެދާނެ މައްސަލަތައް ހައްލު ކުރުމުގެ ގާބިލުކަން ނެތީމައި! ތިތަނަން މީހުން ގިނަވެ ރަށު މީހުންނަށް ތިތަން ބޭނުންނުކުރެވި ކުނި ގިނަވެ ތަން ހަޑިވީމައި އެންމެން ތިބޭ ނީ ކުދި ކިޔާލަ ކިޔާލާ!! މަންފާ ލިބޭނީ ހިތްވަރު ހުރިމީހަކަށް، މަސަތްކަތް ކުރާ މީހާއަށް. ރިސްކު ނަގާ މީހާއަށް. ދެންތިބި މީހުން ގޮވާނީ ތިތަނުން "ރައްޔިތުންނަށް ވީ ކޮންފައިދާއެއްހޭ"!
މާންބެ
16 July 2019
ހަމަ އެންމެ ބޮޑުއަގުގަ "އެފްވީއެމް މަޑްބާތް ހަޓް" ހަދާނެ މީހަކަށް ވިއްކާލަން ފެނޭ. ފުވައްމުލަކު އެއްކޮށް ވެސް ވިއްކާލަންވީ ހަމަ. ލިބޭ ލާރިކޮޅެއްނުން އެއީ ދައުލަތަށް. ނުވިއްކަންވީ އެއްވެސް ސަބަބެއް ނުފެނޭ.
ދިސްވޭއޭ
09 July 2019
މި ކިސަޑުގަނޑުން ނަފާ ހޯދިދާނެތޯ އެއީ ސުވާލު އުފައްދަން ޖެހޭނެ ކަމެއް ނޫނޭ ތިޔާ ކިސަޑު ގަނޑަށް ބަލަހައްޓައިގެން ތިއްބަސް ތިޔާ ކަމެއް ނުވާނެއޭ ތިޔާ ކިސަޑު ގަނޑުން ދީބަލަ 5 ހާސް އަކަފޫޓްގެ ޕްލޮޓްސް ތައް ކަނޑާފައި ރަށު މީހުންނަށް ހިލޭ 50 އަހަރަށް ދެން އެ ޕްލޮޓް ގައި ދަނޑު ގޮވާން ކުރަން އެމެންނަށް އަންގާބަލަ އެއިރުން ތިޔާ ކަން ވާނެ ކަން އެއީ ކަށަވަރުގެ ޔަގީންވާ ކަމެކޭ...