މަރުވެފައިވާ މީހެއްގެ ހަށިގަނޑު އެމްބިއުލާންސަކަށް އަރުވަނީ: މަރުގެ މައްސަލައެއްގައި ސުވާލުތަކެއް އުފެދި ފުލުހުންނަށް ވަނީ ހުށަހަޅާފައި. -- ފައިލް ފޮޓޯ: މިހާރު
31 ޖުލައި 2019 - 23:57
މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު ހއ. ބާރަށު މީހެއްގެ މަރާ މެދު އާއިލާ އިން ސުވާލު އުފައްދައި ފުލުހުންނަށް ހުށަހަޅައިފި އެވެ.
ހއ. ބާރަށު އަލީ މުހައްމަދު ،52، ގެ މަރާ މެދު އާއިލާ އިން ސުވާލު އުފެއްދީ އާއިލާ އިން ބުނި ގޮތުގައި އޭނާގެ ހަށިގަނޑު އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔައީ ކާކުކަން އެ ހޮސްޕިޓަލަށް ބުނެދެވިފައި ނުވާތީ އާއި ހަށިގަނޑުގައި ޒަހަމްތަކެއް ހުރުމުންނެވެ.
ބާރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ޝަމީމް "މިހާރު" އަށް ވިދާޅުވީ އޭނާގެ އަނބިކަނބަލުންގެ ބޭބެ އަލީ މުހައްމަދު މަރުވީ މާލޭގައި ދެތިން ހަތަރު މީހަކު ހިއްސާކުރާ ކޮޓަރިއެއްގެ ތެރޭގައި ކަމަށެވެ. އޭނާގެ މަރުވި ޚަބަރު ލިބިގެން މާލެ އަށް އައި އިރު ހަށިގަނޑު އޮތީ ސަހަރާ އަށް ގެންގޮސްފައި ކަމަށާއި ބޭރުފުށުން ބައެއް ޒަހަމްތައް ފެންނަން ހުރުމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުއްވީ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ސުވާލު އުފެދެނީ އަލީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ކާކުކަން ވެސް ހޮސްޕިޓަލުގެ ރެކޯޑްތަކުން އެނގެން ނެތުމުން. އަނެއްކާ ހޮސްޕިޓަލުން އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައެއް ވެސް ނެތް. އެކަމަކު އޭނާގެ މޫނުމަތީގައި ޒަހަމްތަކެއް ހުރި،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމާއި އާއިލާ އިން ކަންބޮޑުވާ އަނެއް ކަމަކީ އަލީ މަރުވެފައި އޮތް ކޮޓަރީގައި އެތައް ބަޔަކު އުޅޭ އިރު އެއިން އެއްވެސް މީހަކު އާއިލާއާ އެއްވެސް މުއާމަލާތެއް ނުކުރުމެވެ.
"އަލީ ގެންގުޅުނު ތަކެތި ބަލާ އަޅުގަނޑުމެން އެ ގެއަށް ދިޔައިން. ކޮޓަރީގައި އުޅުނު އެކަކު ވެސް އަޅުގަނޑުމެންނާ ވާހަކަ ވެސް ނުދައްކާ. އަލީ ދަންނަ ކަމަކަށް ވެސް އެމީހުން ނުހަދާ. މިއީ ވެސް ސުވާލު އުފެދޭ ކަމެއް،" ޝަމީމް ވިދާޅުވި އެވެ.
ފުލުހުން ބުނީ މަރުވެގެން އާ ސަހަރާއަށް ގެންގޮސްފައި އޮތް 52 އަހަރުގެ ފިރިހެނެއްގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމަށް އާއިލާއަށް ފާހަގަ ކުރެވިގެން އިއްޔެ މެންދުރު ފަހު ރިޕޯޓްކުރި ކަމަށެވެ. އެކަމަކު އޭނާ މަރުވީ ގުދުރަތީ މަރަކުން ކަމަށް މިހާތަނަށް ބެލެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މިގޮތަށް ހުށަހެޅޭ މަރުގެ ކޮންމެ މައްސަލައެއްގައި ވެސް ފުލުހުން ބަލަން ޖެހޭ ކަންތައްތައް ބަލައި ރެކޯޑް ކުރާނެ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާ އަލިފު
03 August 2019
ޕޮލިހުން މަސައްކަތް ވަރަށް ކަންފަސޭހަ ވާނެ. ގުދުރަތީ މަރެކޭ ބުނެފާ ނިންމާލީމަ ނިމުނީ. އިތުރު ކަމެއް ކުރާކަށް ނުޖެހޭނެ އޭރަކުން.
ދިއެޓޯލްޑޮޓްކޮމް
01 August 2019
އާއިލާމީހުނަށް ފެންނަ ޒަހަމްތައް ފުލުހުންނަށް ނުފެންނަނީބާ؟ ގުރުދަތީ މަރަކަށްވިޔަސް ޒަހަމްތަކެއް ހުރިއްޔާ އެކަން ބަލަންޖެހޭނުން! ފުލުހުން އައިނުއަޅަންވީނުން އަޖައިބެއްނުން
ހުސެން231
01 August 2019
ތަންކޮޅެއް ކުރިން ނިޔާވި ކޯރޑިނޭޓާ ކުއްޓުގެ މައްސަލަވެސް ބަލަން ޖެހޭ.
ހަންސަން
01 August 2019
ދުނިޔެދޫކުރިމީހާއަކީ މަޝްހޫރު ނުވަތަ ފައިސާވެރި ނުވަތަ ނުފޫޒުގަދަމީހެއްނަމަ މިޚަބަރު ވަރަށް ހޫނުވީސް!!!ސޯޝަލްމީޑިއާ؟؟؟
ހުސޭނީ
01 August 2019
ބޭފުޅާ.. މަޝްހޫރު މީހުންގެ ވާހަކަ މީހުން ދައްކާނީ.. ސޯޝަލްމީޑިއާގަ އުޅޭ މީހުން ގޯސްވަނީކީ އެއްނޫން!
ރަދީފް
01 August 2019
''ކޮޓަރީގައި އުޅުނު އެކަކު ވެސް އަޅުގަނޑުމެންނާ ވާހަކަ ވެސް ނުދައްކާ. އަލީ ދަންނަ ކަމަކަށް ވެސް އެމީހުން ނުހަދާ.'' ހަމަ މީހާރު މިމީހުން ހިފާ ހައްޔަރު ކުރަން ޖެހޭ.
ބޭރުމީހާ
01 August 2019
ކޮބާ ސޫދު އަވަހަށް ކުރިޔަށް ބާރަށް ކުރިިޔަށް ގެންދަވާ