މުނިފޫހިފިލުވުން / ބޮލީވުޑް

ޖޯން އަބްރަހަމްގެ ފުޓްބޯޅަ ފިލްމު "1911" ގެ ޑައިރެކްޝަން ނިކިލް އަދުވާނީ އަށް

އިންޑިއާގައި 1911 ގައި ބޭއްވި ތާރީހީ ފުޓްބޯޅަ މެޗަކަށް ބިނާކޮށް ޖޯން އަބްހަރަމް ޕްރޮޑިއުސްކޮށް، ލީޑް ރޯލް ކުޅޭ ފިލްމު "1911" ގެ ޑައިރެކްޝަނާ ނިކިލް އަދުވާނީ ހަވާލުވެއްޖެ އެވެ.

އޭނާ އަކީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ނިކިލްގެ އެންމެ ފަހުގެ ފިލްމު "ބަތުލާ ހައުސް" ގެ ވެސް ޑައިރެކްޓަރެވެ. "1911 ވެގެން ދާނީ ނިކިލް، ޖޯންއާ އެކު ޑައިރެކްޓްކުރާ ތިން ވަނަ ފިލްމަށެވެ.

އެ ފިލްމުގެ ޑައިރެކްޝަނާ ނިކިލް ހަވާލުވީ އޭނާގެ ފިލްމު ކުންފުނި އެއްމޭ އެންޓައިންމަންޓާއި ޖޯންގެ ޖޭއޭ އެންޓަޓައިންމަންޓްގެ އިތުރުން ޓީ ސީރީޒް ގުޅިގެން ހަ ފިލްމެއް ހަދަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެއްބަސްވުމެއް ވެސް ހަދާފައި ވަނިކޮށެވެ. އެ އެއްބަސްވުމުގެ ތެރޭގައި "1911" ވެސް ހިމެނެ އެވެ.

"ކަލް ހޯ ނަ ހޯ" އާއި "ޑީ ޑޭ" އަދި "ކައްޓީ ބައްޓީ" ފަދަ ފިލްމުތައް ގެނެސްދިން ނިކިލް އާއި ޖޯން އެންމެ ފުރަތަމަ އެކީގައި މަސައްކަތް ކުރީ 2007 ގެ "ސަލާމޭ އިޝްގް" އެވެ.

ޖޯން ހަދަން އުޅޭތާ ގިނަ ދުވަސްތަކެއްވެފައިވާ "1911" އަކީ ކުރިން އޭނާ ޕްރޮޑުސްކުރި 2012 ގެ "ވިކި އާއި ޖޯން ޕްރޮޑިއުސްކޮށް، ލީޑް ރޯލް ކުޅުނު 2013 ގެ "މެޑްރާސް ކެފޭ" ގެ ޑައިރެކްޓަރު ސުޖިތު ސިރްކާ ޑައިރެކްޝަނާ ހަވާލުވި ފިލްމެކެވެ.

އެކަމަކު އެކި ފަހަރުމަތިން އޭނާ އެކި ޕްރޮޖެކްޓަތަކުގައި ބިޒީވެގެން "1911" ނުހެދި އޮތީ އެވެ.

އެހެންވެ ނިކިލްއާ ހަވާލުކޮށްގެން ފިލްމު ހަދަން ނިންމުމަށް ފަހު، ޖޯން ބުނީ އޭނާ މިހާރު ހުރީ ވަރަށް ހިތްހަމަޖެހިފައި ކަމަށެވެ.

ޖޯން އަދި ޝިބްދާސް.

ފިލްމާ ބެހޭ ގޮތުން ނިކިލް ބުނީ "1911" ގެ ސްކްރީންޕްލޭގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ފަހުކޮޅު ކަމަށެވެ.

"މިއީ ފުދޭވަރަކަށް ރިސާޗް ވެސް ކުރަން ޖެހޭ ޕްރޮޖެކްޓެއް. އެހެންވީމާ ސްކްރިޕްޓް މުޅިން އެއްކޮށް ފައިނަލްކުރަން ފުދޭވަރަކަށް ވަގުތު ނަގާނެ،" އޭނާ ބުންޏެވެ.

ނިކިލް ބުނި ގޮތުގައި "1911" އަކީ އިންޑިއާގެ ގައުމީ ރޫހާއި ގައުމިއްޔަތާ ވެސް ގުޅިފައި އޮތް ކަމަކަށް ބިނާކޮށް ހަދާ ފިލްމަކަށްވާތީ، ވަރަށް އަސްލާ އެއްގޮތް، ފުރިހަމަ ފިލްމެއް ގެނެސްދޭން މަސައްކަތް ކުރާނެ އެވެ.

"މިއީ އިންޑިއާ އަށް މިނިވަންކަން ލިބުމުގެ މާ ކުރީގެ ވެސް ވާހަކައެއް. އަދި މިނިވަންކަމުގެ ޖޯޝާއި ރޫހު ވެސް އޮތް ދުވަސްވަރެއްގެ ވާގަކަ ކިޔައިދޭ ފިލްމަކަށްވާތީ ވަރަށް ބޮޑަށް ތައްޔާރުވެގެން ފިލްމުގެ މަސައްކަތް ފަށާނީ،" އޭނާ ބުންޏެވެ.

"1911" ގައި ކިޔައި ދޭނީ އޭރު އިންޑިއާގައި ރަސްކަންކުރަމުން އިނގިރޭސީންގެ ފުބްބޯޅަ ޓީމް އީސްޓް ޔޯކްޝަޔާ ރެޖައިންމަންޓާއި އިންޑިއާގެ މޯހަން ބަގަންސްއާ ދެމެދު އައިއެފްއޭ ޝީލްޑް ކަޕްގައި ކުޅެވުނު މެޗްގ 2-1 އިން އިންޑިއާ ކާމިޔާބުކުރަން ދެއްކި ހިތްވަރު ގަދަ ވާހަކަ އެވެ. އޭރު އިންޑިއާގެ ޓީމްގެ އެންމެ އިސްކޮށް ހުރީ ޝިބްދާސް ބަދުރީ އެވެ.

ފިލްމުގައި ޖޯން ކުޅޭނީ ޝިބްދާސްގެ ރޯލެވެ. ޖޯންއަކީ ކުރިން ވެސް ފުޓްބޯޅަ ފިލްމެއް ކުޅެފައިވާ އެކްޓަރެކެވެ. އެއީ 2007 ގެ "ދޭ ދަނާ ދަން ގޯލް" އެވެ.

ޖޯންގެ ކުރިއަށް އޮތް ފިލްމަކީ ނޮވެމްބަރު 8 ގައި ރިލީޒްކުރާ ކޮމެޑީ ފިލްމު "ޕާގަލްޕަންތީ" އެވެ. ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުގެ ޑައިރެކްޓަރަކީ އަނީސް ބަޒްމީ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454