ރިޕޯޓް / ދަތުރުފަތުރު

އެއް ލޯންޗުން އަނެއް ލޯންޗަށް ފުންމަމުން މާލެއަށް!

ދާދި އިހަކަށް ދުވަހު ތަޖުރިބާ ކުރި ކަމެކެވެ؛

ކައިރި ރަށަކުން މާލެ އައިސް ލޯންޗު މަޑުކޮށްލީ ބޭންކް އޮފް މޯލްޑިވްސް ކުރިމައްޗަށްވާ ގޮތަށް، ހަ ނަމްބަރު ޖެޓީއަށެވެ. އޭރު އެ ސަރަހައްދު ޖެޓީ ކައިރީ ލޯންޗުތަކުން އޮތީ ފުރިފަ އެވެ. އެހެންވެ، އުޅަނދު ކައިރި ކުރެވެން ނެތިގެން މަޑުކުރަން ޖެހުނީ ހަތަރު ލޯންޗު ދުރަށެވެ. އަތުން ބޮޑު ދަބަހެއް ހިފައިގެން، އެއް ލޯންޗުން ފުންމާލައިގެން އަނެއް ލޯންޗަށް އަރަން އުޅުމުގެ ތެރޭގައި ދަބަސް ވެއްޓުނީ މޫދަށެވެ.

މިއީ ލޯންޗު ފެރީތަކުގައި ރަށްރަށުން މާލެ ދަތުރުކުރާ މީހުންނަށް އާ ކަމެއް ނޫނެވެ. އެތައް ސަތޭކަ ބަޔަކު ކޮންމެ ދުވަހަކު ލޯންޗުތަކުގައި މާލެ އަރާ ފޭބުމަށް މި ތަކުލީފު އުފުލަން ޖެހެ އެވެ. ފަޅުތެރޭން ޖާގަ ނުލިބުމުން، ޖެޓީއާ ގާތް ނުކުރެވިގެން ގިނަ ފަހަރަށް ލޯންޗު މަޑުކޮށްލަން ޖެހެނީ ދެތިން ލޯންޗު ދުރުންނެވެ. ދެން މާލެ އަރަން ނުވަތަ ފައިބަން ޖެހެނީ އެއް ލޯންޗުން އަނެއް ލޯންޗުން ފުންމަމުންނެވެ. ކޮންމެވެސް މީހެއްގެ އަތުގައި ހިފައިގެން، އެހެން ހުރަސް ކުރާއިރު މޫދަށް ވެއްޓިދާނެ ކަމުގެ ބިރު އޮވެ އެވެ. އެކަމަކު މި ވަގުތަށް މި ނޫން ގޮތެއް ނެތެވެ.

ހަ ނަމްބަރު ޖެޓީ ސަރަހައްދުގައި އޮތް ލޯންޗަކުން ބަޔަކު މާލެ ފައިބަނީ: މިއީ އުނދަގޫ ކަމެއް

އެތައް ލޯންޗެއް، އެއް ސަރަހައްދަކުން

ރާއްޖޭގެ ހުރިހާ ރަށަކަށްހެން މިހާރު ލޯންޗުތައް ދަތުރު ކުރެ އެވެ. އެ ހުރިހާ ލޯންޗެއް މާލެ އައިސް މީހުން ބޭލުވުމަށް ނުވަތަ އެރުވުމަށް ހުއްދަ ދީފައި އޮންނަނީ ހަ ނަމްބަރު ޖެޓީން އެކަންޏެވެ. ދަތުރު ނުކުރާ ގިނަ ލޯންޗުތައް ވެސް އަޅާފައި އޮންނަނީ ހަމަ އެ ދިމާލުގަ އެވެ. ފުރާ އަދި މާލެއަށް ލަފާ ލޯންޗުތަކުން ކޮންމެ ދުވަހަކު ފަޅުތެރެ އޮންނަނީ ތޮއްޖެހިފަ އެވެ.

އުތުރުގެ ގިނަ އަތޮޅުތަކަކަށް ފެރީގެ ހިދުމަތް ދޭ ސްޕީޑް ބޯޓު، ރިލެކްސް ކިންގުން ވާހަކަ ދެއްކި އަލީ ރިޝާން ބުނިގޮތުގައި ހަ ނަމްބަރުު ޖެޓީ ކައިރިއަށް، ތޮށިގަނޑާ ކައިރިއަށް ލޯންޗު މަޑުކޮށްލަން ލިބެނީ މަދު ފަހަރަކު އެވެ. ދެން ކޮންމެ ފަހަރަކު ވެސް ޖާގަ ލިބެނީ ދެތިން ލޯންޗު ދުރުންނެވެ

ރިޝާން ބުނީ ލޯންޗުގައި ބަލި މީހަކު ނުވަތަ އުމުރުން ދުވަސްވީ މީހަކު ބާލަން ޖެހިއްޖެ ނަމަ، އެއް ލޯންޗުން އަނެއް ލޯންޗަށް އުފުލުމަކީ އުނދަގޫ އަދި ނުރައްކާތެރިކަމެއް ކަމަށެވެ. އެ ފަދަ ހާލަތްތައް އޭނާގެ ލޯންޗުގެ ފަޅުވެރިންނާއި ދަތުރުވެރިންނަށް ވެސް ވަނީ ކުރިމަތިވެފަ އެވެ.

"މީހުން ވެސް ވަރަށް ގިނައިން ކުރާ ޝަކުވާއެއް އެއީ. އެކަމަކު އެ ނޫން ތަނެއް ނޯވޭ އަޅުގަނޑުމެންނަކަށް މިހާރަކު،" އުތުރުގެ ހަތަރު އަތޮޅަކަށް ދަތުރުކުރާ ލޯންޗުގެ ވެރިފަރާތުން ބުންޏެވެ.

ލޯންޗުތައް ގާތްކުރުމަށް ހަ ނަމްބަރު ޖެޓީ ސަރަހައްދު ހާއްސަކޮށްފައި އޮތް ނަމަވެސް، އެތަނުގެ ޖާގަ ނޯންނާތީ ބައެއް ލޯންޗުތައް އެއް ނަމްބަރު ޖެޓީއާ ވެސް ގާތް ކުރެ އެވެ. އެކަމަކު އެއީ މަނާ ކަމެކެވެ. ލޯންޗުތަކުގެ ވެރިން ބުނާގޮތުގައި އެ ސަރަހައްދަށް ގާތް ކުރަނީ އެ ނޫން ގޮތެއް ނެތިގެންނެވެ.

"އެކަމަކު އެތަނުގައި ވެސް މަޑުކޮށްގެން ނުއެއް އޮވެވޭނެ. ބައި ގަޑިއިރެއް ހާއިރުގެ ތެރޭގައި އެ ސަރަހައްދުން ނައްޓާލަން ޖެހޭނެ،" ރ. އަތޮޅަށް ދަތުރުކުރާ ލޯންޗެއްގެ ކައްޕި ބުންޏެވެ.

ބަޔަކު ލޯންޗެއްގައި މާލޭން ފުރަނީ: --މިހާރު ފޮޓޯ/ނިޝާން އަލީ

ލޯންޗުތައް ދުއްވާ ފަރާތްތަކުގެ އަނެއް ކަންބޮޑުވުމަކީ ފުރާ މީހުން މަޑުކޮށްލުމަށް ވަކި ތަނެއް ހާއްސަކޮށްފައި ނެތުމެވެ. ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ މީހުންނެއް މާލެއިން ރަށްރަށަށް ފުރާއިރު އެ އެންމެން ވެސް ލަގެޖުތައް ހިފައިން ގިނަ ފަހަރަށް ތިބެން ޖެހެނީ މަގުމަތީގަ އެވެ. ވާރޭ ވެހިއްޖެ ނަމަ ތެމިފޯވެގެންނެވެ. އަވިން ސަލާމާތް ވާން ވެސް އެ މީހުން ވަންނަން ޖެހެނީ ކައިރީގައި ހުންނަ ކެފޭ ރެސްޓޯރަންޓުތަކުގެ ހިޔަލަށެވެ.

އއ. އަތޮޅުގެ ހަތަރު ރަށަކަށާއި ކައިރި ބައެއް ރިސޯޓުތަކަށް ދަތުރުކުރާ ނެވި ލޯންޗުގެ ވެރިޔާ އަބްދުﷲ ޒިޔާދު ބުނިގޮތުގައި އޭނާގެ ލޯންޗުތަކުގައި ދުވާލަކު 400 މީހުން ދަތުރު ކުރާއިރު، މާލެ އައިސް އެ އެންމެން ވެސް ސީދާ ބާލަން ޖެހެނީ މަގުމައްޗަށެވެ. ވާރޭ ވެހެން ފަށައިފި ނަމަ ހިޔާވާނެ ގޮތެއް ނޯވެ އެވެ. ލޯންޗު ލަސްވާ ހާލަތެއްގައި ވެސް ފަސިންޖަރުން މަޑުކޮށްލަން ތަނެއް ނުހުންނަ ކަމަށާއި އެއީ ދަތުރުކުރާ މީހުންނަށް ލިބޭ ވަރަށް ބޮޑު ތަކުލީފެއް ކަމަށް އޭނާ ބުންޏެވެ.

"ވެހިކަލެއް އެއްޗެއް ޕާކުކޮށްލާނެ ޖާގަ ވެސް ނުލިބޭނެ އެ ސަރަހައްދުން. މުޅި ހިސާބު އޮންނާނީ ތޮއްޖެހިފައި،" މީގެ ފަސް އަހަރު ކުރިން ފެށިގެން ދަތުރުތައް ކުރަމުން އަންނަ ޒިޔާދު ބުންޏެވެ.

ގިނަ ލޯންޗުތައް ކުރިން ލަފާ ފުރަނީ މޭރީބްރައުން ރެސްޓޯރަންޓް ހުންނަ މާލޭގެ ހުޅަނގު ދެކުނު ފަރާތުންނެވެ. އެކަމަކު އެ ހިސާބު ހިއްކައިގެން ގެނައި ބަދަލުގައި އާ ނެރެއް ކެނޑުމާ އެކު އެ ސަރަހައްދަށް ވަނުމަކީ ލޯންޗުފަހަރަށް ފަސޭހަ ކަމެއް ނޫނެވެ. މޫސުން ގޯސް ދުވަސްވަރެއްގައި ނަމަ އެ ނެރުން ވަނުމަކީ ނުރައްކަލެކެވެ. އެހެންވެ، ލަފާ ފުރުމަށް މިހާރު އެ ސަރަހައްދު ބޭނުމެއް ނުކުރެ އެވެ.

ފެރީގެ ހިދުމަތް އެންމެ ފުޅާކޮށް ދޭ ސަރުކާރު ކުންފުނި، އެމްޓީސީސީގެ ލޯންޗުތައް ގާތްކުރަނީ އެ ކުންފުނީގެ ފެރީ ޓާމިނަލްތަކަށެވެ. ނަމަވެސް އެ ފުރުސަތު، އަމިއްލަ ލޯންޗުތަކަކަށް ނޯވެ އެވެ. މިއީ އެ މީހުންގެ ކަންބޮޑުވުމެކެވެ.

މި އަހަރުގެ ބޮޑު އީދު ޗުއްޓީއަށް ރަށަކަށް ފުރަން ގޮސް ތިބި ބަޔަކު، ލޯންޗަށް ލަގެޖުތައް އަރުވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޒިޔާދު ދެކޭގޮތުގައި ޕްރައިވެޓްކޮށް ފެރީ ލޯންޗުގެ ހިދުމަތް ދޭ މީހުންނަށް ވެސް، ފަސޭހަކަމާ އެކު މީހުން އަރުވައި ބާލާ ހެދުމުގެ ފުރުސަތު އޮންނަން ޖެހެ އެވެ. ފީއެއް ނަގައިގެން، ވަކި އިންތިޒާމެއްގެ ދަށުން ނަމަވެސް ފެރީ ޓާމިނަލްތައް ބޭނުން ކުރުމުގެ ހުއްދަ ދިނުމަކީ އެކަމަށް ގެނެވިދާނެ ހައްލެއް ކަމަށް އޭނާ ބުންޏެވެ.

"މިސާލަކަށް ލޯންޗުތައް ފުރުން ފެރީ ޓާމިނަލްއިން ހަމަޖެއްސިދާނެ، އޭރުން ވަކި ވަގުތަކަށް ފުރާ ހުރިހާ ލޯންޗުތަކެއް އެތަނަށް ގޮސް، މީހުން ނެގިދާނެ. މީހުން ވެސް މަޑުކޮށްލައިގެން ތިބޭނެ ތަން އޭރުން ލިބޭނެ،" އޭނާ ބުންޏެވެ.

"މިހާރު ލޯންޗުތައް ޕާކުކުރަނީ ވެސް އަދި ފުރާ ނޫނީ ލަފަނީ ވެސް އެއް ސަރަހައްދަކުން."

މާލެއަށް އަރާ ފޭބުން ހުޅުމާލެ ނުވަތަ ވިލިމާލޭން!

މިއީ މި ހިދުމަތްތައް މިހާރު ބަލަހައްޓަމުން އަންނަ މާލޭ ސިޓީ ކައުންސިލުން ނެރުނު ހައްލެކެވެ.

މާލޭ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ އެމްޓީސީސީ އާއި އެހެން ކުންފުނިތަކާ އެކު އެ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ވެސް އެންމެ ބޮޑަށް ފާހަގަކުރި އެއް މައްސަލައަކީ، ރަށްރަށުން މާލެ އަންނަ ލޯންޗު ފަހަރު މަޑުކުރާނެ ތަނެއް ނެތުން ކަމަށެވެ. އަދި އެކަމަށް ހައްލެއް ގެންނަން މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަ ނަމްބަރު ޖެޓީ ސަރަހައްދުގައި ލޯންޗުތަކެއް އަޅާފައި: ލޯންޗުތަކަށް އަރާ ފައިބަން ޖެހެނީ އެއް ލޯންޗުން އަނެއް ލޯންޗަށް އަރައިގެން

ޝިފާ ވިދާޅުވީ ރަށްރަށުން މާލެ އަންނަ ލޯންޗުތައް ނުވަތަ ރަށްރަށަށް ފުރާ އުޅަނދުތައް ސީދާ މާލެ އައުމުގެ ބަދަލުގައި ހުޅުމާލެއަށް ނުވަތަ ވިލިމާލެއަށް ގާތް ކުރެވިދާނެ ކަމަށެވެ. ޖާގަ އޮތް އެ ދެ އަވަށުން މާ ރަނގަޅަށް ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލޭގެ އެއްގަމު މިއޮތީ ތޮއްޖެހިފައި. ވަށައިގެން ފަޅުތެރެ ތޮއްޖެހިއްޖެ. އެހެންވީމައި، ބައެއް އުޅަނދުތައް ސީދާ މާލެ އައުމުގެ ބަދަލުގައި ހުޅުމާލެއަށް ނުވަތަ ވިލިމާލެއަށް ގާތްކުރެވިދާނެ. އޭރުން އެ ތޮއްޖެހުން ކުޑަވާނެ ނޫންތޯ،" ޝިފާ ވިދާޅުވި އެވެ.

އަނެއް ހައްލަކީ، އޭނާ ވިދާޅުވި ގޮތުގައި، ލޯންޗުތަކުން އަރާ ފޭބުމަށް، މާލޭގައި ހުންނަ ވިލިމާލެ ޓާމިނަލް ބޭނުންކުރުމެވެ.

ޝިފާ ވިދާޅުވީ ރަށްރަށުން މާލެ އަންނަ ނުވަތަ ފުރާ ލޯންޗުތައް އެމްޓީސީސީގެ އެ ޓާމިނަލް ބޭނުން ކުރުމާ ގުޅޭ ގޮތުން އެ ކުންފުންޏާ ވާހަކަ ދައްކާފައިވާ ކަމަށެވެ. މި ފަދަ މައްސަލަތައް ހައްލުވާނީ ހުރިހާ މުއައްސަސާތަކުގެ އެއްބާރުލުން ލިބިގެން ކަމަށާއި، އެހެންވެ، ވީހާ ވެސް އަވަހަަކަށް އެކަމަށް އަމަލު ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ބައެއް ލޯންޗުތައް ދުއްވާ މީހުން ބުނިގޮތުގައި މާލެ އައުމުގެ ބަދަލުގައި ހުޅުމާލެއަށް ނުވަތަ ވިލިމާލެއަށް ގާތް ކުރުމަކީ އުޅަނދުތަކަށް ދަތިކަމަކަށް ނުވި ނަމަވެސް އެއީ ދަތުރުކުރާ މީހުންނަށް ކުރިމަތިވެދާނެ އިތުރު ތަކްލީފެކެވެ. ނަމަވެސް މި ވަގުތު އެކަމަށް ކޮންމެވެސް ހައްލެއް ގެނައުން މުހިއްމު ކަމަށް އެ މީހުން ދެކެ އެވެ. ކޮންމެ ދުވަހަކު އެއް ލޯންޗުން އަނެއް ލޯންޗަށް ފުންމަމުން މާލެ އެރުމަކީ ގިނަ މީހުންނަށް ފަސޭހަ ކަމެއް ނޫނެވެ.

33 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 71%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިރުޓޭ

07 September 2019

މީ ވަރަށް ބޮނޑު ތެނދު ވަހަކަ އެއް! އެއް ލޯންޗުން އަނެއް ލޯންޗަށް ފުންމަމުން ފައިބަން ޖެހުމަކީ ވަރަށް ބޮނޑު މައްސަލައެއް ހަޤީޤަތުގަވެސް!

The name is already taken The name is available. Register?

އަާދަމް

03 September 2019

މީގެކުރިން 6.7 މިދެޖެަަޓީ ކާރި ދަމާ ކަޑާ ދޯނިި ތަށް ފުރިފަ އޮންނަ އިރުވެސްޖެޓީން ފައިބަން ލިބޭ ތިކަން ހައްލުވާނި ލޯންޗު ތަށް އެތާ އެޅުން މަނާ ކުރުމުން

The name is already taken The name is available. Register?

ރާވެރިބެ

02 September 2019

ރާއްޖެތެރޭ މީހުންނަށް އޮތްމިވަރަކީ ތިއީ! މާލޭމީހުންނަށް ބޮޑެތި ފެރީ ޓާމިނަލްތަކާއި ބުރިޖުވެސް. ވާރޭ ވެހިއްޖެ ހާލާތެއްގައި ނިވާވެލާނެ ފަދަވެސް އަޅުގަނޑުމެންނަށް ނެތް؟ އެއީތޯއޭ ރާއްޖެރޭ މީހުންނަށް އޮތް ހައްގުމިނަވަރަކީ؟

The name is already taken The name is available. Register?

ޔާހޫ

02 September 2019

މިގޮތުގައި ކިތައް އަހަރު

The name is already taken The name is available. Register?

މާމެމާމެމި

02 September 2019

މިކަމަށް އޮތް ހައްލަކީ ވެރިކަން ކުރާ ރަށް ބަދަލުކުރުން. މާލެއިން މީހުންތައް ބޭލުން.

The name is already taken The name is available. Register?

އައިމޮން

02 September 2019

ރާއްޖެތެރޭ މީހުންވެސް ބަރާބަރަށް ސަރުކާރަށް ޓެކްސް ދައްކާއިރު އެމީހުންނަށް މިހާބޮޑު ތަކުލީފެއް އުފުލަން ޖެހުމަކީ ސިޓީ ކައުންސިލް ފެއިލްވެފަވާކަމުގެ ބޮޑު ހެއްކެއް! މޭޔަރު ހިތުން މޮޅު ހިޔާލެއް ތިދިނީ! ފުރާމީހުން އެތައް ހަރަދެއްކޮށް އަނެއްކާ ދާންވީ ހުޅުމާލެ ނޫނީ ވިލިގިލިއަށް؟ މޭޔަރު އޭސީ ކޮޓަރީގަ ބޮޑު މުސާރަ ނަގައިގެން އިންނެވެނިކޮށް ވަރިހަމަދޯ؟ ކަންކަން ހައްލު ނުކޮށްދެވެންޏާމު އިސްތިއުފާދީފަ ކަމަށް ގާބިލު ޒުވާނުންނަށް ފުރުސަތުދީބަލަ!

The name is already taken The name is available. Register?

ފަޅުވެރި

02 September 2019

މީހެއްގެ އަތުގައި ނުހިފާވެސް އަސްލު ފޭބޭނެ. އަންހެންވެރިން މާ އަވަހީ ބިރުގަންނަލެއް. ދަބަހާއި ކުޑަކުދިން ފަޅުވެރިއެއްގެ އެހީތެރިކަމާއިއެކު ބޭލުމުން ދެން ފަސޭހަ ވާނެ އެއްލޯންޗުން އަނެއްލޯންޗަށް އަރަން.

The name is already taken The name is available. Register?

ކޮވެލި

02 September 2019

މާލޭ ސިޓީ ކައުންސިލަކަށް ތިކަމެއް ނުވާނެއެވެ. ނުލާހިކު ރީތިކޮށް މާލޭގައި ހަދާފައިހުރި ޕާކުތައް ވީރާނާ ވަމުންދާއިރު އެއިން ތަނެއް މަރާމާތެއް ކޮން ނުލެވުނު ބައެއް. މަގުތަކުގެ ކާނު ސާފުކޮށް ނުލެވުނު. މަސްމާރުކޭޓާއި ލޯކަލް މާރުކޭޓާއި އެ ސަރަހައްދު ރީކޮށް ނުބެލެހެއްޓޭ. ބޭނުމެއް ނުކޮށް މާލޭގައި ބިންތައް ހުރި އެތަންތަނުގައި ޕާކު ކުރެވޭނެ ގޮތެއް ނުހޯދި ދަނީ. އޯޑިއޯން ނާދީ ހުރިތަން ފަދަ އެތައް ތަނެއް ބޭނުމެއް ނުކޮށް އޮންނަނީ. ހައްލުހޯދަންޖެހޭ ކަންކަން

The name is already taken The name is available. Register?

ޕިކްސް

02 September 2019

ކަންކަން ކުރަންނޭގޭ ނުވަތަ ކުރަން ބޭނުންނުވާމީހުން ސިޓީ ކައުންސިލްގަ ތިބީމަ ވާގޮތް މިފެންނަނީ.

The name is already taken The name is available. Register?

ހަސީނާ

02 September 2019

މާލޭ ސިޓީ ކައުންސިލްގެ ރައީސް ޝިފާ އަށް ސަލާމް! އެވެސް އޮޓަރު ހުރި ކަމެއް ނުކޮށް ޓުވިޓާރ އަދި ޓީވީގަ ވައި އަނގަ ތަޅިވާ ކަނބަލެއް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454