14 ސެޕްޓެމްބަރ 2019 - 08:59
ދުނިޔޭގެ އެންމެ ހިތްގައިމު އެއް ގައުމު ކަމަށްވާ އިޓަލީ އަށް މި ފަހުން ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ އެ ގައުމުގެ ބައެއް އަވަށްތަކުގެ އާބާދީ ދަށްވެ، އަވަށްތައް ފަޅުވަމުން ދިއުމެވެ. މިކަމާ ގުޅިގެން މި އަހަރުގެ ކުރީކޮޅު އިޓަލީން މުޅިން އާ ފުރުސަތުތަކެއް ވެސް ހުޅުވައިލި އެވެ.
އޭގެ ތެރެއިން އެއް ކަމަކީ ކުލަކުލައިގެ މާތަކުން ހިތްގައިމުކަން ގެނެސްދޭ ފެހިކަން ގަދަ ބަގީޗާއެއް ކަހަލަ ލޮކާނޯގެ އާބާދީ ވަރަށް ބޮޑަށް ދަށްވެފައިވާތީ، އެތަނަށް ހިޖުރަކުރާ އާއިލާތަކަށް 10،000 ޑޮލަރާއި އެއް ޑޮލަރަށް ގަނެވޭނެ ހިތްގައިމު ކޮޓެޖަކާއި ވިހާ ކޮންމެ ކުއްޖަކަށް 1،000 ޑޮލަރު ދޭން ނިންމުމެވެ. މީގެ އިތުރުން މަދުވެގެން 6،874 ޑޮލަރުގެ އާމްދަނީއެއް ލިބޭ ވަޒީފާއެއް ވެސް، ހިޖުރަކުރާ މީހުންގެ ތެރެއިން ވަޒީފާ އަދާކުރަން ބޭނުންވާ މީހުންނަށް ހޯދައިދޭނެ ކަމަށް އިއުލާންކޮށްފައިވެ އެވެ.
އާބާދީ ދަށްވުމުގެ މައްސަލަ އަށް ހައްލެއް ހޯދަން އިޓަލީގެ ސިސިލީގެ ސަމްބޫކާއިން މި އަހަރުގެ ކުރީކޮޅު، ގެ ވިއްކާ އަގު އެންމެ 1 ޑޮލަރަށް ތިރިކޮށްފައިވެ އެވެ.
މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެންމެ ޑޮލަރަށް ގެ ވިއްކާތީ ސަމްބޫކާ އަވަށަށް ހިޖުރަ ކުރަން ބޭނުންވާ މީހުންގެ އަދަދު މިހާރު އަންނަނީ އިތުރުވަމުންނެވެ.
މި ފަހަރު އަނެއްކާ ވެސް އިޓަލީގެ އަވަށަކުން މި ވަނީ ހަމަ މިހަކަލަ ފުރުސަތެއް ހުޅުވާލަން ނިންމައިފަ އެވެ. އެގޮތުން އެ ގައުމުގެ ވެރިރަށް ރޯމްގެ އިރުމަތީގައި އޮންނަ ފެހިކަން ގަދަ މޯލިސްގެ އާބާދީ ދަށްވަމުންދާތީ އެކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެ އަވަށް ހިޖުރަކުރާ އާއިލާތަކަށް 27،000 ޑޮލަރު (415,800ރ.) ދޭން ނިންމައި، މި ސްކީމް ހޯމަ ދުވަހު ލޯންޗްކުރަން ވަނީ ނިންމައިފަ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން 2014 ގެ ފަހުން މޯލިސްގެ އާބާދީ ވަނީ 9،000 އަށް ވުރެ ވެސް ދަށްވެފަ އެވެ.
އެ އަވަށުގެ ކަމާބެހޭ ފަރާތަތްކުން ބުނިގޮތުގައި މޯލިސް އަށް ހިޖުރަކުރާ މީހުންނަށް އެ ތަނުގައި ވަޒަންވެރިވާން ތިން އަހަރު ދުވަހުގެ މުއްދަތެއް ދޭނެ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކޮންމެ މަހަކު 700 ޔޫރޯ (770 ޑޮލަރު) ދޭނެ އެވެ. ހަމަމިއާ އެކު ވިޔަފާރިއެއް ފަށަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ފަހިކޮށްދޭނެ އެވެ.
"އަހަރެމެން މި ބޭނުމެއް ނޫން މި އަވަށް އެއްކޮށް ފަޅުވެ ވީރާނާވެފައިވާ ތަނަކަށްވާން. އެހެންވެ ހިޖުރަކުރަން ބޭނުންވާ މީހުންނަށް އިނާޔަތްތަކާ އެކު ފުރުސަތު ހުޅުވާލީ،" މޯލިސްގެ ރީޖަނަލް ކައުންސިލަރު އެންޓޯނިއޯ ޓެޑެސްޝީ ވިދާޅުވި އެވެ. "އަހަރެމެންގެ ކާބަފައިންގެ ހަނދާންތައް ވެސް ދިރުވެން އޮތީ ކޮންމެ އަގެއް ދައްކައިގެން ނަމަވެސް، މޯލީސްގެ ފަޅުނުވާނެ ކަހަލަ ފިޔަވަޅުތަކެއް އަޅައިގެން."
އެހެންވެ ވަކިން ހާއްސަކޮށް މޯލިސް އިން ހިޖުރަކުރަން ބޭނުންވާ ޒުވާނުންނަށް މަރުހަބާކިޔާނެ އެވެ. އަދި އެ މީހުންގެ ދިރިއުޅުން އެތަނުގައި އާރާސްތުކުރަން ކައުންސިލުން އެކި ގޮތްގޮތުން އެހީވެދޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Arިާ
14 September 2019
ސީރިޔަގ ަ އުޅޭ ހާލުގަޖެހިފަ ތިބެ މީހުންނަށް. ދީ
ރާޖާ
14 September 2019
ތޮއްޖެހިފައިވާ މާލޭގެ ރައްޔަތުންނަށް ރަގަޅު އޮޕްޝަނެއް
ޙުސެންފުޅު
14 September 2019
ދަމާ!