ލައުރާ އަދި ކޫޕާ.
17 ސެޕްޓެމްބަރ 2019 - 08:22
އެކްޓަރު ބްރެޑްލީ ކޫޕާ އާއި މަޝްހޫރު މޮޑެލް އައިރީނާ ޝޭކްގެ ލޯބީގެ ގުޅުން ދާދި ފަހުން ނިމުމަކަށް އައި އިރު، އެކަން އެންމެ ބޮޑަށް ގިނަ ބަޔަކު ގުޅުވީ ލޭޑީ ގާގާ އެވެ. ބައެއް މީޑިއާތަކުން އޭރު ރިޕޯޓްކޮށްފައިވާ ގޮތުގައި ކޫޕާ އާއި އައިރީނާ އަށް ދަރިއަކު ވެސް ލިބިފައި ވަނިކޮށް، އެ ގުޅުމުގައި ސިއްކަ ޖެހުނީ މިދިޔަ އަހަރު ކޫޕާ ޑައިރެކްޓްކޮށް ބަތަލުގެ ރޯލް ކުޅުނު ފިލްމު "އަ ސްޓާ އިޒް ބޯން" ގެ ބަތަލާ ގާގާ އާއި އޭނާގެ ގުޅުން އަތްނުފޯރާ ހިސާބަށް ގޮސްގެންނެވެ.
ނަމަވެސް ގާގާ ވަނީ އެއް އިރެއްގައި ވެސް އޭނާ އާއި ކޫޕާއާ ދެމެދު ލޯބީގެ ގުޅުމެއް ނެތް ކަމަށް ބުނެފަ އެވެ. އޭގެ ފަހުން ދެން އަޑު އެރީ ބަތަލާ ލައުރާ ޑާން، 52، އާއި ކޫޕާ، 44، ރައްޓެހިވެގެން އުޅޭ ވާހަކަ އެވެ. އަދި މި ދެ މީހުން އެކީގައި އެކި ފަހަރުމަތިން ނިއު ޔޯކުން ފެނިފައިވާތީ ބައެއް މީޑިއާތަކުން ވެސް ވަނީ މިއީ އާ ލޯތްބެއްގެ ފެށުން ކަމަށް ސިފަކޮށްފަ އެވެ.
New pics!
— BradleyCoopNews (Fan Account) (@BCooperfanpage) July 14, 2019
Bradley Cooper & actress Laura Dern Grab Lunch Together in NYC yesterday! #bradleycooper #lauradern pic.twitter.com/gjpF1Y05A7
އެކަމަކު ލައުރާ ވަނީ އެކަން ދޮގުކޮށްފަ އެވެ. އަސް ވީކްލީ އަށް ދިން އިންޓަވިއެއްގައި އޭނާ ބުނީ ކޫޕާއާ ރައްޓެހިވެގެން ނޫޅޭ ކަމަށެވެ.
"އަހަރެމެން ދެ މީހުންނަކީ ވަރަށް ގާތް ދެ ރައްޓެހިން. އަދި އެއީ ވަރަށް ހާއްސަ ކަމެއް ވެސް މެ. އެކަމަކު އަހަންނާއި ކޫޕާއަކާ ލޯބީގެ ގުޅުމެއް ނެތް،" ޖުރަސިކް ޕާކް އާއި ބްލޫ ވެލްވެޓް އަދި ދަ ޓޭލް ފަދަ ފިލްމުތައް ކުޅުނު ލައުރާ ބުންޏެވެ.
އޭނާ ބުނީ މީސްމީހުން އަބަދުވެސް ތިބެނީ ދައްކާނެ ވާހަކައެއް ނޭނގިފައި ކަމަށެވެ.
"އަހަންނާއި ކޫޕާ އެކީގައި ފެނުމަކީ ދެ މީހުން ކޮންމެހެން ލޯބީގެ ގޮތުން ގުޅިގެން އުޅެންޖެހޭ ސަބަބެއް ނޫން. އޭނާއަކީ އަބަދުވެސް އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް. އެހެން ގޮތަކަށް ބުނާ ނަމަ އެއީ އަހަރެންގެ ބެސްޓް ފްރެންޑުންގެ ތެރެއިން އެކަކު،" އެމެރިކާގެ ލަވަކިޔުންތެރިޔާ ބެން ހާޕާއާ 2005 ގައި ކުރި ކައިވެނި 2013 ގައި ރޫޅިފައިވާ ބަތަލާ ބުންޏެވެ.
ކޫޕާ ވެސް ކުރިން ކަިއވެންޏެއްކޮށްފައިވެ އެވެ. އެއީ ބަތަނާ ޖެނިފާ އެސްޕޮސިޓޯއާ އެވެ. ދެހާސް ހައެއްގައި ކުރި އެ ކައިވެނީ ދެމިއޮތީ އަހަރެއްހާ ދުވަހަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy