ސްކޫލް ދަރިވަރުންތަކެއް ސްކޫލަށް ދަނީ: އަލިފާނުގައި ގެއްލުންވި ދަރިވަރުންނަށް ޔުނީފޯމް ދެނީ ހުދުމާ އާއި އެޑިއުކޭޝަން މިނިސްޓްރިން ގުޅިގެން -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
24 ސެޕްޓެމްބަރ 2019 - 13:05
މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ގެއްލުންވި ސްކޫލް ދަރިވަރުންނަށް ބޭނުންވާ ޔުނީފޯމް ހިލޭ ދޭން ހުދުމާ ފިހާރަ އިން ފަށައިފި އެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް، ސްކޫލް ޔުނީފޯމް ވިއްކާ ފިހާރައިގެ މެނޭޖިން ޑިރެކްޓަރު ދޫމާ މޫސާ "މިހާރު" އަށް މިއަދު ވިދާޅުވީ ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުން ވި ދަރިިވަރުންނަށް ޔުނީފޯމް ހިލޭ ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި، ޔުނީފޯމުގެ ސައިޒު ނެތް ކުދިންނަށް، ޔުނީފޯމް ފަހަން ބޭނުންވާ ފޮތި ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޔުނީފޯމްގެ އިތުރުން އެ އަށް ބޭނުންވާ ސްކޫލު ބެޖު ވެސް ހުދުމާ އިން އެ ކުދިންނަށް ހިލޭ ދޭނެ އެވެ.
ހުދުމާ އިން އިއްޔެ ކުރި ފޭސްބުކް ޕޯސްޓެއް
މި ކަން ކުރަނީ ހުދުމާ އާއި އެޑިއުކޭޝަން މިނިސްޓްރީން ގުޅިގެނެވެ.
ޔުނީފޯމް ބޭނުންވާ ދަރިވަރުންގެ ލިސްޓެއް އެޑިއުކޭޝަން މިނިސްޓްރީން ހުދުމާ އަށް ދީފައިވާ ކަމަށް ދޫމާ ވިދާޅުވި އެވެ. ނަމަވެސް އަލިފާނުގެ ހާދިސާގައި ގެއްލުންވި ހުރިހާ ދަރިވަރުން ހިމެނޭ ލިސްޓެއް އަދި ނުލިބޭ ކަމަށާއި އެ މިނިސްޓްރީން ކުދިންގެ ނަން ފޮނުވާ ވަރަކަށް ޔުނީފޯމު ދޫކުރަމުން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލިސްޓުގައި ހިމެނޭ ހުރިހާ ދަރިވަރުންނެއް އަދި ނާދޭ. އެކަމަކު އެ ކުދިން އަންނަ ވަރަކަށް އަޅުގަނޑުމެން ޔުނީފޯމް ދޭނަން،" ދޫމާ ވިދާޅުވި އެވެ.
މާލޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އަލިފާނުގެ މި ހާދިސާގައި ހަތަރު ގުދަނަކާއި ހަ ގެއެއް އެނދި އެވެ. މި ހާދިސާއާ ގުޅިގެން މާލޭގައި ކެމިކަލް ގުދަން ބެހެއްޓުން ވަނީ މަނާކޮށްފަ އެވެ. އެ ހުރިހާ ގުދަންތައް ތިން މަސް ދުވަހުގެ ތެރޭގައި ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށް ސަރުކާރުން ވަނީ މިދިޔަ އާދިއްތަ ދުވަހު ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބޫ
24 September 2019
ސާބަހޭ ހުދުމާ އަށް، ފޮތް ފިހާރަ ތަކުން ސްޓޭޝަނަރީ، ބޫޓް ފިހާރަ ތަކުން ބޫޓު، ދަބަސް ފިހާރަތަކުން ދަބަސްތައް ހަމަކޮށްދެނިކޮން ވަަރަށް ސަޅިކޮށް މިކަން ކޮށްލެވޭނެ. ދިވެހިން، ދިވެހިންގެ ގޮތުގައި އެކުވެރިކަންމަތީ ލަހައްޓަވާށި. އާމީން. ހުދުމާގެ ވެރިންނަށް ވަރަށް ހެޔޮދުއާ.
ފޮނިކަލޯ
24 September 2019
މާތްﷲ ދޫމާ މޫސާ ގެ ވިޔަފާރީގައި ބަރަކާތް ލައްވައި ޢާއިލާއަށް ހެޔޮ ރަޙްމަތް ލައްވާށި ، އާމީން