ކުޅިވަރު / އެފްއޭއެމް

އުއްމީދުތަކާ ގުޅިފައިވާ އެފްއޭއެމްގެ އިންތިހާބު މާދަމާ

އެފްއޭއެމްގެ ރައީސްކަމުން އިލްހާމް އަހުމަދު ދުރުކޮށް އެ އިދާރާ ހިންގުން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފީފާ އިން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރީ އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދު އިސްލާހުކޮށް އިންތިހާބެއް ބޭއްވުމަށް މަގުފަހިކުރުމަށެވެ. އެ ކޮމިޓީއަށް ވެސް ގިނަ ހުރަސްތަކެއް މިހާތަނަށް ކުރިމަތިވެ ތަން ހަމަކަޅަށް ނޭޅި ގިނަ ދުވަސްތަކެއް ވެފައިވައިވާއިރު ގިނަ ބަޔަކު ވަނީ މާޔޫސްވެފަ އެވެ. އެކަމަކު މާދަމާ އިންތިހާބު ބާއްވަން ޝެޑިއުލްކޮށްފައިވާއިރު ފެންނަ މަންޒަރުތަކުން ދައްކައިދެނީ، އެންމެ ފަހުން އެފްއޭއެމް ހަމަޔަކަޅަށް އެޅޭނެ ކަމެވެ. ތަނުގެ ހިންގުން ދާއިމީ އެގްޒެކެޓިވް ކޮމިޓީއަކާ މާދަމާ ހަވާލުކުރެވޭނެކަމުގެ ޔަގީންކަން ވަރަށް ބޮޑެވެ. އެފްއޭއެމްގެ މަސައްކަތްތައް ރަނގަޅަށް ފެށިގެން ނޫނީ ފުޓްބޯޅައިގެ ހާލަތު ރަނގަޅުކުރެވެން ނެތުމުން، މާދަމާގެ އިންތިހާބަކީ ރާއްޖޭގެ ފުޓްބޯޅަ ސަޕޯޓަރުންގެ އުއްމީދުތަކާ ގުޅިފައިވާ އިންތިހާބެކެވެ.

އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސް އޮންނާނީ މާދަމާ ހެނދުނު 10 ޖަހާއިރު ދަރުބާރުގޭގަ އެވެ. ރައީސްކަމަށް ކުރިމަތިލައްވާފައިވަނީ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) އެކަންޏެވެ. ކުރިމަތިލައްވާނެ ކަމަށް ކުރިން ބެލެވުނު މުހައްމަދު ޝަވީދު ވާދައެއްނުކުރައްވަ އެވެ. އަދި ޝަވީދުގެ ޓީމު ވެސް ވަނީ، ޓޮމްއާ ގުޅިފަ އެވެ. އެހެންކަމުން މައްސަލައެއް ދިމާނުވެ އިންތިހާބު ބޭއްވި އަދި ޓޮމް އިންތިހާބު ކާމިޔާބުކުރާނެކަމަށް ޔަގީނާ ގާތަށް ބެލެވެ އެވެ.

ޓޮމްގެ ނައިބުންނާއި އެކްސްކޯ:

އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން ނައިބް ރައީސްގެ ދެ މަގާމާއި އެކްސްކޯގެ މަގާމްތަކަށް ކެންޑިޑޭޓުން ހުށަހަޅާނީ ރައީސްކަމަށް ކުރިމަތިލާ ކެންޑިޑޭޓެވެ. އެހެންކަމުން ވޯޓަށް އަހާނީ މުޅި ޓީމަށެވެ.

ޓޮމްގެ ދެ ނައިބުންނަށް ކުރިމަތިލައްވާފައިވަނީ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަލީ އުމަރާއި ގައުމީ ޓީމަށް 1991 ވަނަ އަހަރުގެ ސާފް ގޭމްސް އިން ރިހި މެޑަލް ހޯދައިދިން ކެޕްޓަން މުހައްމަދު ކަލީމެވެ.

ޓޮމް (ވ) އާއި އަލީ އުމަރު 2012 ވަނަ އަހަރު ނިއު އަށް ކުޅުނު އިރު ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ނިއު ރޭޑިއަންޓް

ޓޮމް އާއި އަލީ އުމަރަކީ ގައުމީ ޓީމުގެ ފޯވާޑް ލައިން ބެލެހެއްޓި ހުނަރުވެރި ދެ ފޯވާޑުންނެވެ. އަލީ އުމަރު 1999 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށިއިރު ޓޮމް ޖާގަ ހޯދީ 2003 ވަނަ އަހަރު އެވެ. އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ދެ ވަނަ، އަލީ އުމަރުގެ މޮޅު ކުޅުމާ އެކު ރާއްޖެ ހޯދިއިރު ޓޮމް އަކީ ބަދަލު ކުޅުންތެރިއެކެވެ. ޓޮމްގެ މޮޅު ކުޅުމާ އެކު 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު އަލީ އުމަރަކީ ބަދަލު ކުޅުންތެރިއެކެވެ. ދެ ކުޅުންތެރިން ވަނީ އެކުގައި 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކުޅެފަ އެވެ. ފުރަތަމަ މެޗުގައި އަފްގާނިސްތާން ކޮޅަށް ރާއްޖޭން ނުވަ ލަނޑު ޖެހިއިރު ދެ ކުޅުންތެރިން ވެސް ލަނޑު ލިސްޓުން ޖާގަ ހޯދި އެވެ. ދެ ކުޅުންތެރިން ވަނީ ނިއު ރޭޑިއަންޓަށް ވެސް އެކުގައި ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން 2012 ވަނަ އަހަރުގެ ދިވެހި ލީގު މެޗަކުން ބަލިނުވެ ޓޮމްގެ ކެޕްޓަންކަމުގެ ދަށުން ނިއު ހޯދިއިރު އަލީ އުމަރަކީ މުހިއްމު ކުޅުންތެރިއެކެވެ.

އަލީ އުމަރު ކުޅެން ފެށި އަހަރު ކަމަށްވާ 1997 ވަނަ އަހަރު ކުޅުން ހުއްޓާލި ކަލީމަކީ ރާއްޖޭން 1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ރިހި މެޑަލް ހޯދިއިރު ކެޕްޓަނެވެ. ގައުމީ ޓީމު ހޯދި ފުރަތަމަ ބޮޑު ކާމިޔާބީގައި މުހިއްމު ދައުރެއް އަދާކުރި ކަލީމް ވަނީ ނިއު އަށް ކުޅެ ކޯޗު ވެސް ކޮށްދީފަ އެވެ. އަމިއްލަ ވިޔަފާރި ހިންގުމުގައި އިސް ދައުރެއް އަދާކުރި ނަމަވެސް ކަލީމްގެ ފުޓްބޯޅައިގެ ހިންގުމުގެ ހަމައެކަނި ތަޖުރިބާއަކީ 2007 ވަނަ އަހަރު ދުވަސްކޮޅަކު އެފްއޭއެމްގެ ޗެއާމަންކަން ކުރުމެވެ. އޭގެ ފަހުން 2008 ވަނަ އަހަރުގެ އެފްއޭއެމްގެ އިންތިހާބުގައި ނާކާމިޔާބުވީ އެވެ. ކަލީމް ވަނީ ސްވިމިން އެސޯސިއޭޝަނުގެ ރައީސްގެ މަގާމް ވެސް ފުރައިފަ އެވެ.

ޓޮމްގެ ފުޓްބޯޅަ ހިންގުމުގެ އަމަލީ ތަޖުރިބާ އަށް ބަލާއިރު އުފަން ރަށު ޓީމު ކަމަށްވާ މަހިބަދޫ ސްޕޯޓްސް ކްލަބް ހިންގުމުގައި އިސް ދައުރެއް އަދާކުރަމުން އަންނައިރު އޭނާ ވަނީ ނިއުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް ވެސް ފުރައިފަ އެވެ. މިހާރު ހުރީ ކްލަބް އީގަލްސްގެ ވައިސް ޗެއާމަންގެ މަގާމުގަ އެވެ. އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރުކަމާ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުވުމުގެ ކުރިން އަލީ އުމަރު މުޅިންހެން ފެނުނީ ފުޓްބޯޅަ ދަނޑުންނެވެ.

އެކްސްކޯއަށް ހުށަހަޅުއްވާފައިވަނީ ނޯމަލައިޒޭޝަން ކޮމިޓީގެ ނައިބް އަހުމަދު ޝަކީބާއި ކުރީގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާ އާއި ނިއުގެ ކުރީގެ ބޯޑް މެމްބަރު އަހުމަދު ޒަރީރާއި ޓީސީ ސްޕޯޓްސްގެ މެނޭޖަރު އަހުމަދު އީސާ އާއި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އަދި ގައުމީ ޓީމަށް 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކެޕްޓަން އައްސަދު އަބްދުލްގަނީ އެވެ.

ގައުމީ ޓީމުގެ މެޑިކަލް އޮފިޝަލެއްގެ ގޮތުގައި 1997 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރަމުން އަންނަ ޝަކީބް ފުޓްބޯޅައިގެ ހިންގުމުގެ ތެރެއަށް ވަނީ މިދިޔަ އަހަރު އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއަށް ފީފާ އިން އައްޔަންކުރުމާ އެކު އެވެ.

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު ޝަކީބް.

ނިއު ރޭޑިއަންޓުގެ ބޯޑް މެމްބަރު ނާޒިމާ މަޝްހޫރުވެފައިވަނީ މޮޅު ވޮލީބޯޅަ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެކަމަކު ކުޅުމާ ދުރަށް ގޮސް މިހާރު އޭނާ ބޮޑަށް ހަރަކާތްތެރިވަނީ ކުޅިވަރު ހިންގުމުގެ ތެރޭގަ އެވެ.

ރާއްޖެ އަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކެޕްޓަން އައްސަދު އެންމެ ފަހުން ފެނުނީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ ގޮތުންނެވެ. އެކަމަކު ކޯޗު ރިކީ ހާބަޓްއާ މައްސަލަ ޖެހި އޭނާ ވަނީ ޓީމުން ވަކިވެފަ އެވެ.

ނޯމަލައިޒޭޝަން ކޮމިޓީން އިންތިހާބަކާ ހަމަޔަށް އެފްއޭއެމް ގެނައި މަގު:

އިލްހާމްގެ އެކްސްކޯގެ ބާރު ކަނޑުވާލައި ފީފާ އިން ނޯމަލައިޒޭޝަން ކޮމިޓީއަކާ އެފްއޭއެމް ހިންގުން ހަވާލުކުރީ 2014 ވަނަ އަހަރުގެ ޑިސެމްބަރު 4 ވަނަ ދުވަހު އެވެ. މެންޑޭޓަކީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރުގެ ކުރިން އަސާސީ ގަވާއިދު ފާސްކޮށް އިންތިހާބު ބޭއްވުމެވެ.

ނޯމަލައިޒޭޝަން ކޮމިޓީން ހަވާލުވެ ގިނަ ބަދަލުތަކެއް ގެނަ އެވެ. ފުޓްބޯޅަ ކަލަންޑަރަށް ބަދަލު ގެނެސް ފުޓްބޯޅަ ފޯރިގަދަކުރަން ކާމިޔާބީ މަސައްކަތްތަކެއް ކުރި އެވެ. އަދި ކްލަބްތަކުގެ އެއްބާރުލުމާ އެކު ފަސޭހަކަމާ އެކު އަސާސީ ގަވާއިދު ފާސްކޮށް އިންތިހާބު ބާއްވަން ޝެޑިއުލްކުރި އެވެ. އެކަމަކު، ފަހުން އުފެދުނު ހިޔާލުތަފާވުންތަކާ އެކު ހޯމް މިނިސްޓްރީން ވަނީ އަސާސީ ގަވާއިދުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ އަސާސީ ގަވާއިދު ރެޖިސްޓްރީކޮށްނުދީފަ އެވެ. އެހެންވެ އިންތިހާބު ބޭއްވޭ ގޮތެއް ނުވި އެވެ. ދެ ވަނަ ފަހަރަށް އިންތިހާބު ބާއްވަން ފީފާ އިން ދިން މުއްދަތުގައި ވެސް އެކަން ނުވުމުން ދެން ފީފާ އިން މުއްދަތު ދިނީ މި އަހަރުގެ މާޗު 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހާތަނަށް އަސާސީ ގަވާއިދު ފާސްކުރި ނަމަވެސް، އެ އަސާސީ ގަވާއިދު ފީފާ އިން ގަބޫލެއް ނުކުރި އެވެ. އެއީ ފީފާގެ ރިފޯމް އެޖެންޑާއާ ހިލާފު މާއްދާތަކެއް ހުރި ކަމަށް ބުނެ އެވެ. އެހެންވެ ދެން އެންގީ މޭ 31 ގެ ކުރިން އަސާސީ ގަވާއިދު އަލުން ފާސްކޮށް އިންތިހާބު ނުބާއްވައިފި ނަމަ ރާއްޖެ އޮޓޮމެޓިކުން ސަސްޕެންޑްވާނެ އެވެ. މި ފަހަރު ވެސް މައްސަލަތައް ދިމާވެ އިންތިހާބު ނުބޭއްވިދާނެ ކަމުގެ ބިރު އުފެދުނެވެ. އެކަމަކު ޝަވީދު އަދި ޓޮމްގެ ފަޅިން ވެސް، ފަހުން އެއްބަވުމަކަށް އައިސް ކުރިން އޮތް ގޮތަށް އަސާސީ ގަވާއިދު ފާސްކޮށް އިންތިހާބު މާދަމާ ބާއްވަން ޝެޑިއުލްކުރީ އެވެ.

5 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިހަވީރު

31 May 2016

ތިބުނާ އެފް.އޭ.އެމް ގެ އަސާސީ ޤަވާއިދު ކިޔާލަން ވަރަށް ބޭނުން. ޑަވްންލޯޑް ކޮށްލެވޭނެ ލިންކެއް ޕޯސްޓްކޮށްލެވިދާނެތަ.

The name is already taken The name is available. Register?

އިބްރާިހިމް

31 May 2016

އަތޮޅު ތެރޭ ފްޓްބޯޅަ މި ހަލާކުކޮށްލީ، ދެން ކުޅޭނީ މާލޭ އަދި މަޖިލިސް ފްޓްބޯޅަ. ކީއްކުރަންތަ މަޖިލިސް މެންބަރުން ފްޓްބޯޅައިގެ ތެރޭގަ މިއުޅެނީ ، ފްޓްބޯޅަވެސް ސިޔާސީ ވީ ހެން ހީވަނީ. އެންމެފަހުން ވެސް އަތޮޅުތެރޭ މީހުންގެ ވޯޓް ކާލި މީހާ ފްޓްބޯޅަ ރަސްކަލަކަށް ދިވެހިރާއްޖޭ ގައި. ވަރަށް ސަލާމް.

The name is already taken The name is available. Register?

މިހަވީރު

31 May 2016

އިބްރާހިމަށް ސަލާމް. މަޖިލިސް މެންބަރަކު ފުޓްބޯޅައިގެ ތެރެއަށް ވަން ފުރަތަމަ ފަހަރެއް ނޫން މިއީ. އެފް.އޭ.އެމް ގެ އެކްސް ކޯ އަށް ކުރިމަތިލާފައި އޮތް ޓޮމްގެ ޓީމަކީ އަތޮޅު ތެރެއާއި މުޅި ރާއްޖޭގެ ފުޓުބޯޅަވެސް އާ ހަރުފަތަކަށް ގެންގޮސްދެވޭނެކަމުގެ ޤާބިލިއްޔަތު ލިބިފައިވާ ޓީމެއް.

The name is already taken The name is available. Register?

ޢަލީ ރިފާއު

30 May 2016

މިވަރަށް މައުލޫމަތު ކޮންމެ ނޫހަކުވެސް ހުންނާނެ ނަމައޭ ހިތަށް އަރާ! ބޭނުންވި ހުރިހާ މަޢުލޫމާތުތަކެއް މި ޚަބަރުގައި އެބަހުރި، ސަޅި!

The name is already taken The name is available. Register?

ނިސާ

30 May 2016

ޓޮމްއަށް ކާމިޔާބަށް އެދެން. ފެންވަރާއި ފަންވަރު އެބަހުރި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454