ބާޒާރުމަތީގައި ހުރި ފިހާރައަކަށް މީހަކު މުދާ ގެންދަނީ: މުދަލާއި ހިދުމަތުގެ މާލެ އާއި އަތޮޅުތަކުގެ ފަރަގު ވަރަށް ބޮޑު. -- މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން
26 ސެޕްޓެމްބަރ 2016 - 18:42
މިިދޔަ އެއް އަހަރުގެ ތެރޭގައި ރާއްޖޭގެ އިންފްލޭޝަން ރޭޓް 0.63 ޕަސެންޓް ދަށްވެ، ތަކެތީގެ އަގުހެޔޮ ވެފައިވާ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިއަދު ބުނެފި އެވެ.
ތަފާސްހިސާބާ ބެހޭ ގައުމީ އިދާރާ އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮގަސްޓް މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓަކީ 0.09- ޕަސެންޓެވެ. އަދި މިދިޔަ ޖުލައި މަހުގެ އިންފްލޭޝަން ރޭޓް ހުރީ 0.26+ ޕަސެންޓްގަ އެވެ. މަހުގެ އަގުތަކަށް އައި ބަދަލު ނުލާ ބަލައިފި ނަމަ އޮގަސްޓު މަހު އިންފްލޭޝަން ރޭޓް ހުރީ 0.24+ ޕަސެންޓްގަ އެވެ. އެ އަދަދު އޭގެ ކުރީ މަހު ހުރީ 0.31+ ޕަސެންޓްގަ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު މިދިޔަ މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް 0.63- ޕަސެންޓްގައި ހުރިއިރު، މި މުއްދަތުގެ ތެރޭގައި މާލޭގެ އިންފްލޭޝަން ރޭޓަކީ 0.37 ޕަސެންޓެވެ. އަދި އަތޮޅުތަކުގެ އިންފްލޭޝަން ރޭޓަކީ 0.86- ޕަސެންޓެވެ.
އެ ބިއުރޯ އިން ބުނި ގޮތުގައި މުޅި ރާއްޖެ އާއި މާލެ އަދި އަތޮޅުތަކުގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު ދުންފަތާއި ދުފުމުގެ ބައި، އަންނައުނާއި ފައިވާނުގެ ބައި، ގޭގެ ކުލި، ފެން، ކަރަންޓު، ގޭސް އަދި ތެލުގެ ބައި، އަދި ކުޅިވަރާއި ސަޤާފީ ކަންތަކުގެ ބައި ފިޔަވާ އެހެން ބައިތަކުގެ އަގުތަކަށް ބަދަލު އައިސްފައި ވަނީ މުޅި ރާއްޖެ އާއި މާލެ އަދި އަތޮޅުތަކަށް ދާދި އެއްގޮތަކަށެވެ.
މުޅި ރާއްޖޭގެ އަގުތައް ދަށަށް ދިއުމަށް އެންމެ ބޮޑަށް ހިއްސާކޮށްފައި ވަނީ ދަތުރުފަތުރުގެ ބައިންނެވެ. އަގުތައް މައްޗަށް ދިއުމަށް އެންމެ ބޮޑަށް ހިއްސާކޮށްފައި ވަނީ ތައުލީމުގެ ބައިން ކަމަށް ވެސް ތަފާސްހިސާބާ ބެހޭ އިދާރާ އިން ބުންޏެވެ.
- މިިދިޔަ އަހަރުގެ އޮގަސްޓު މަހުން މިދިޔަ އޮގަސްޓާ ހަމައަށް އިންފްލޭޝަން ރޭޓް ވަނީ 0.63- ޕަސެންޓް ދަށަށް ގޮސްފަ އެވެ.
- މިދިޔަ އޮގަސްޓު މަހު މައިގަނޑު ގޮތެއްގައި އަގު ދަށަށް ގޮސްފައިވާ ތަކެތީގެ ތެރޭގައި މަހުގެ ބާވަތްތަކާއި ބޫޓާއި ފައިވާން، ތެލާއި ފެޓްސް، ގޯތިގެދޮރު މަރާމާތުކުރަން ބޭނުންކުރާ ސާމާނު، އެހެނިހެން ކާނާގެ ބާވަތްތައް، ފަރުނީޗަރު، އެއްގަމު މަސް އަދި ލިޔެކިއުމަށް ބޭނުންކުރާ ސާމާނު ހިމެނެ އެވެ.
- މިދިޔަ އޮގަސްޓު މަހު މައިގަނޑު ގޮތެއްގައި އަގު މައްޗަށް ގޮސްފައިވާ ބާވަތްތަކުގެ ތެރޭގައި ތަރުކާރީ، ގޭގެ ކުލި، ބިހާއި ކިރު، އަންނައުނު، ޒީނަތްތެރިވުމަށް ބޭނުންކުރާ ސާމާނު، ބޭސް، މޭވާގެ ބާވަތްތައް، ގޯތިގެދޮރުގައި ބޭނުންކުރާ ހަރުމުދާ އަދި ގެދޮރު ސާފުކުރުމާއި ބެލެހެއްޓުމަށް ބޭނުންކުރާ ސާމާނު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ
30 September 2016
މިދިޔަ ފެބރުއަރީ ގައި ދުނިޔޭގެ ތެލުގެ އަގު ވ ބޮޑަށް ތިރިިވި، އެއިގެ އަސަރު، ތިޔަ ފެނނަ ދަށްވުމަކީ، މީކީ އެއވެސް ހާލެއްގައި ރާއޖެއިން އިކޮނޮމިކަލް ޑިސިޝަނެއް ނަގައިގެން ތިރިވި ތިރިވުމެއްނޫން..
ހުސައިން
27 September 2016
ސާބަހޭ ރައީސް ޔާމީން... މިކަމުވެސް ދޭހަވަނީ ރައީސް ޔާމީންގެ ހިންގުންތެރިކަން... އަދި ދުރުވިސްނޭކަން... ރާއްޖޭގެ ތަރައްގީ ކުރިއެރުމަށް ކުރަމުން ގެންދަވާ މަސައްކަތްތައް... ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ލިބޭނެ ކަމަށް ވައުދުވެގެން 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވި މީހުންނަށް އެކަން ނުކުރެވުނުއިރު ރައިސް ޔާމީންގެ ވެރިކަމަށް ތިން އަހަރު ފުރި ހަތަރު ވަނަ އަހަރު ގުނަމުންދާއިރު ތަކެތީގެ އަގުތައް މިވަނީ ތިރިވެފަ... އަދި ޑޮލަރު މިވަނީ ތިޔާގިވެފަ... އަތްފޯރާ ފަށަށް ތަކެތީގެ އަގުތައް ގެނެސްދީ ރައިސް ޔާމީން...
ބިސްބޯއީ
27 September 2016
އެހޭން؟ ދެން ކުކުޅު ބިހުގެ އަގޯ؟ ބާޒާރުގައި ނެތީމާ އޭގެ އަގު ޖަހާނުލެވުނީތަ، އިންފުލޭޝަން ކިޔާން؟
އަލްޖިބްރާ
27 September 2016
ތަކެތީގެ އަގުހެޔޮވެއްޖެއޭ އެގޮއްވަނީ ދުނިޔޭގެ އެހެން ޤައުމުތަކުގެ މީހުންގެ ކަންފަތައް އަޑުއިއްވަން ވެގެނެވެ. ހޫނުފެނަށް ވެއްޓުނީމާ ދޮގުހަދަން މަޖްބޫރުވަނީއެވެ. އެއްދޮގު ފޫބައްދަން 10 ދޮގު ހަދާތަން އަންނާނެއެވެ. އަޑުއަހަން ތިބޭށެވެ.
ބޮންދު
27 September 2016
ތިޔަކަހަލަ ދޮގު ހަބަރު ޝާއިރު ނުކުރެއްވުން އެދެން. ކޮން ބާވަތެއްގެ އެއްޗެއްތޯ އަގުހެޔޮވީ. ޢެންމެ ކުޑަމިނުން އަޅުގަނޑު މެންގެ ކަނޑުން ބާނާ މަސް މިއަދުވެސް އާދައިގެ ކަޅުބިލަ މަހެއްގެ އަގު ހުރީ ސަތޭކަ ހަތްދިހަ ރުފިޔާއަށް އެވެސް ތާޒާކަން ގެއްލިފައިވާ އައިސްކުރި މަސް. ކުޑަ ކޮފީފުޅިއެއްގެ އަގު މީގެ ކުރިން -/14 ރުފިޔާ މިހާރު -/35 ރުފިޔާ. ޢަގުވީ ހެޔޮތޯ؟
މުގާބޭ
26 September 2016
އީދަށް ސޭލުއަޅުވާލިތަންކޮޅު ތިދެއްކީ.
ާއާރް ޖޭ
26 September 2016
ކޯޗެއް އަގުހެޔޮވީ. މިއަދުވެސް ލުނބޯ ކިލޯ އެއްހުރީ 70 އަށް. ކަރާ ކިލޯއެއް އުޅެނީ 40 އަށް. މީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަޅުގަނޑުމެން ބޭނުން ކުރާ އެއްޗެހި. މީގެން ކޯޗެއްތޯ އަގު ހެވީ. މީތޯ ސަރުކާރުން ތިބުނާ އަގުތައް ހެޔޮވި އެޗެއްސަކީ. މިހެން ކިތަންމެ އެއްޗެއް އެބަހުރި އަގު އުފުލިފަ. މިއަށް ކިޔާނީ ރައްޔިތުން ހަނާވުން.
ޙަސަންބެއްޔާ123
26 September 2016
ތިއީ ދޮގެއް.. މަވެސް މިއަދު ބާޒާރުން ތިބުނާ އެއްޗިހި ގަތިން . ކަރާ ކިލޯއެއް 30ރ އަށް. ލުނބޯ ކިލޯ އެއް 50ރ އަށް.
އަންނި
27 September 2016
ތިޔަކިޔަނީ ރޯދަ މަހު އަގުތައް ހުރިގޮތުގެ ވާހަކަ... ވިޔަފާރިވެރިން އަގުތައް ތިރި ނުކުރައްޔާ ކީކުރާނީ... އެކަމާ ސަރުކާރަކާ ކަމެއް ނުކުރެވޭނެ... މިހާރު ކަރާ ކިލޯއެއް 10 ރުފިޔާ އަދި 15 ދެމެދުގައި އެބަހުރި އަދި ލުނބޯ ކިލޯއެއް 30 އާއި 40 ދެމެދުގައި ލިބޭ... ހަގީގަތާ އެއްގޮތަށް ވާހަކަ ދައްކަވާ...
ޜަޝީދުބެ
26 September 2016
މީ ކޮން ގައުމެއްގެ ވާހަކަ ބާވައެވެ؟ އެ ގައުމަކަށް ދެވޭތޯ މަސައްކަތް ފަށަންވީއެވެ. ދިވެހިރާއްޖެ ކިޔާ ދެ ގައުމެއް އޮންނަކަމަށް ވަނީތާއެވެ.
މުހައްމަދު20
26 September 2016
ރާއްޖޭގެ އިގުތިސާދު ކުރިއަރައި މުދަލުގެ އަގު ހެޔޮވެެގެން މިދިޔައީ ސަރުކާރުން ގެންގުޅޭ ހަރުދަނާ އިގުތިސާދީ ސިޔާސަތުގެ ސަބަބުން މީގެ ފައިދާ އެންމެހައި ރައްޔިތުންނަށްކުރާނެކަމީ ޔަގިންކަމެއް