02 ނޮވެމްބަރ 2019 - 16:08
އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މައްސަލައިގައި ހިންގާ ތަހުގީގަށް ހާޒިރުނުވެވޭނެ ކަމަށް ރިޕޯޓް ލިޔުމުގައި ބައިވެރިވި އަޒްރާ ނަސީމް ފުލުހުންނަށް އަންގައިފި އެވެ.
ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގައި އިސްކޮށް އުޅުއްވި ޝަހިންދާ އިސްމާއީލާއި އަޒްރާ، ފުލުސް އޮފީހަށް ހާޒިރުވާން އޮތީ ދެ ހަފުތާގެ މުއްދަތެއް ދީފަ އެވެ. އެ މުއްދަތު މި ހަފުތާގައި ހަމަވާނެ އެވެ.
ފުލުހުން އެންމެ ފުރަތަމަ މީޑީއާ އަށް ދިން މައުލޫމާތުގައި ބުނީ ޝަހިންދާ އާއި އަޒްރާ ވެސް ހާޒިރުވާން ދެކޮޅު ހަދާފައިވާ ކަމަށެވެ. ނަމަވެސް ފަހުން ބުނީ އެގޮތަށް އެންގީ އަޒްރާ އެކަނި ކަމަށެވެ.
މި މުއްދަތުގެ ކުރިން އަޒްރާ ވަނީ ފުލުސް އޮފީހަށް ޖަވާބު ފޮނުވައިފަ އެވެ. އޭގައި، ތަހުގީގަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދީފައި އޮތް ނަމަވެސް ހާޒިރުވާން ވަނީ ދެކޮޅު ހަދައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ތަހުގީގަށް ހާޒިރުވާން އުޒުރުވެރިވަނީ، ރައްކާތެރި މާހައުލެއް ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތުމުން، ސަލާމަތީ ސަބަބުތަކަކަށްޓަކައި ކަމަށް އަޒްރާ އަންގާފައިވާ ކަމަށެވެ. ނަމަވެސް ޝަހިންދާ އަދި ވަކި ޖަވާބެއް ނުދެއްވަ އެވެ.
މި މީހުންގެ އިތުރުން ވެސް އެ ރިޕޯޓް ލިއުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހުންގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެކަމަކު ރިޕޯޓް ލިއުމުގައި ބައިވެރިވީ އެއްވެސް މީހަކު ރާއްޖެއަކު މިހާރު ނެތެވެ.
އެމްޑީއެން ރިޕޯޓާ ގުޅިގެން ހިންގާ ތަހުގީގުގައި ފުލުހުން ވަނީ އިލްމުވެރިންތަކެއް ލައްވައި އެ ރިޕޯޓް ދިރާސާކޮށްފަ އެވެ. އެ ދިރާސާގައި، އިސްލާމްދީނަށް ތައުހީނުކޮށްފައިވާ ކަމަށް އިލްމުވެރިން ވިދާޅުވުމުން، އެކަން ޖަމިއްޔާތަކުގެ މަސްއޫލުވެރިފަރާތް ކަމަށްވާ، ޔޫތު މިނިސްޓްރީ އަށް ފުލުހުން ވަނީ އަންގައިފަ އެވެ.
ޖަމިއްޔާތަކާ ބެހޭ ގާނޫނުގައިވާ ގޮތުން ކޯޓުގެ އަމުރަކުން ޖަމިއްޔާތައް އުވާލެވެ އެވެ. އަދި ކޯޓުގެ އަމުރަކާ ނުލައި ވެސް ޖަމިއްޔާ އުވާލުމުގެ އިޚްތިޔާރު ރަޖިސްޓްރާ އަށް ލިބިގެންވެ އެވެ.
އެމްޑީއެން އިން އާއްމުކުރި ރިޕޯޓުގައި ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ. ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަމަށް ފުރައްސާރަ ވާ ގޮތަށް ވެސް ލިއެފައިވެ އެވެ. މީގެ އިތުރުން، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރި އެވެ.
ދީނަށް ފުރައްސާރަކޮށް، ހަޖޫ ޖަހާފައިވާ އިރު ރިޕޯޓް ލިއުނު މީހުންނާ މެދު ފިޔަވަޅު އެޅުން ލަސްވާ މައްސަލައިގައި ދީނީ އިލްމުވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޖަމިއްޔާ އުވާލަން އެދި އަމިއްލަ ފަރާތަކުން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
04 November 2019
ގިނަ ދިވެހިންނަކީ ހަމަ އެކަނި ނަމާކޮށް ރޯދަހިފާ ބައެއް! ދީނީ ރިވެތި އަޚްލާޤް ފެނިގެންދަނީ ހަމަ ވަރަށް މަދުން!
މަލަކުރި
04 November 2019
ތިޔައީ ކޮން ނަސީމެއްގެ އަޒުރާ އެއްތަ
އިންސާނާ
04 November 2019
ބިއްލޫރި ފޮއްޓެއްގެތެރޭ އޮވެގެން ރައްކާތެރިކަންލިބިދާނެހެން ހީވަނީތަ ނުލިބޭނެ އަދިދެވޭނެބަޔަކުވެސްނުތިބޭނެ ރައްކާތެރިކަންދެއްވާ ހަމައެކަނިފަރާއް ﷲ އަށާ އެކަލާނގެ ރަސޫލާއް ފުރައްސާރަކޮށްފަ ދެންކާކުކާރިން ނޫނީ ކޮންބައެއްގެކާރިން ރައްކާތެރިކަންހޯދަންއުޅޭ މޮޔައެއް
ސައްލި
04 November 2019
ފުލު ރިދާދު އެ ލިޔުން ތަރުޖަމާކޮށް ދީބަލަ.އަހަރެންނަކަށް އިގިރޭސިއެއް ނެގޭ.
ޮއެހެންތަ
03 November 2019
ލެޓް ދެމް ފީޑް ދެއާ އީވިލްނެސް. ތެދުމަގު ފެންނާނީވެސް އެކަމަށް އެދޭ ބަޔަކަށް.
ތަހުގީގަށް ހާޒިރު؟
03 November 2019
ކޮންމެ ތަހުޤީގަކަށް ނުޖެހޭ ހާޒިރުވާކަށް، މިހީވަނީ ޖެހިގެން ހުރިގޭގަ އުޅޭނީހެން!
ހމ
03 November 2019
ކަނބުލޯ ބުނަންތަ ރަނގަޅު ވާހަކައެއް. ސަލާމަތްކަން އޮތީ މަތިވެރި އިސްލާމްދީނުގައި. އެދީނާ ދުރަށް ދާވަރަކަށް އޮތީ ނުރައްކާ.
ާއުނިމާ
03 November 2019
ތިމާގެ ދީނަށް ފުރައްސާރަކުރުމަށްވުރެ ނުބައިކަން ބޮޑު ހުތުރުކަންބޮޑު އަމަލެއް އޮންނާނެބާވައޭ ހިތައް އަރާ! މިސަރުކާރަށާއި މިސަރުކާރު ގެންނަށް މަސައްކަތްކުރި ހުރިހާ ލީޑަރުންނަށް އިތުބާރު ގެއްލިއްޖެ! މިލީޑަރުންތައްވެސް ކޮބާބާވާއޭ މިއަދު ހިތައްއަރާ! އަނިޔާވެރިކަން ނިންމަން އުޅުނުއިރު ފޯރި ހުއްޓެއްނު! މިއަދު އަޅުގަނޑުމެންގެ ލޯބިވާ ދީން ގޮވަމުންދާއިރު ވަޒީފާއިން އަތާފައި ބަދެވިފަ، ކީހާޅެން ފަރިއްސައްވެފައި! ހިތާމައިގެ ކޮޅެއްވެސްނެތް!
ކުމާރުބިންމާލްދީފީ
03 November 2019
ރިޕޯޓުގައި ބާރު އަޅާފައި އޮތީ އިސްލާމް ފޮތްތަކުގައި އުމުރާ ގުޅޭގޮތުން އިސްލާމީ ބައެއް ކަންކަން ގެންނާޝޯ. މަވެސް ގަބޫލު ކުރަން ގުރޭޑު 1،2،3،4 ގެ ފޮތްތަކުގެ ލިޔުންތައް އުމުރު ފުރައަކާ މެޗެއް ނުވާކަން. ބަހުގެ ލަފުޒުތައްވެސް ހުންނަނީ މާ މަތީގައި.
ފުލުރިދާދު
03 November 2019
މަށަކީ މުސްލިމެއ. ދިވެއްސެއް. އިގިރޭސިބަހުން ލިޔެފައި ހުންނަ އިލްމީ ލިޔުން ކިޔަން އެގޭކަމުގެ ލިއުމެއް އެބައޮތް. ތިޔަ ރިޕޯޓަކުން ރަސޫލާ އަށް ހަޖޫޖަހައިފައި އޮތް އެއްވެސް ފޮޅުވަތެއް ނުފެނުނު. ސޯޝަލްމީޑިއާގައި ފެތުރި ސަފުހާތައް ( 10، 11، 12،16،17،13،14 18) ތަކުރާރުކޮށް ކިޔުމުން މަށަކަށް ދޭހައެއްނުވޭ އެބުނާ ނުބައި މާނައެއް. ދީނީ ކަމެކޭ ބުނީމައި ވަކި ބަޔަކު ބުނާބަސް މީހުން ގަބޫލު ކުރަނީ. ލިޔެފަ އޮތްއެއްޗެއް ފެށިގެން ގޮސް ނިމެންދެން ކިޔާލުމެއްނެތް
އާކިރި
03 November 2019
ކަލޭ ދިވެއްސަށާ އިނގިރޭސިއަށް ކިތަންމެ މޮޅަސް މިއަދު އިނގިއްޖެ ކަލޭގެ ފެންވަރު.
ސަރުކާނު
04 November 2019
ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ. އެކަމަކު ތިކަމުގެ ދިފާއުގަ މިއަދު ނުކުތަސް މާދަން ނުނިކުމެވޭނެ.
ދޮންދީދީ
04 November 2019
ކަލޭގެ ފެންވަރު ތިއޮތީ އެނގިފައި ނުން.
ރިދާދުފުލު
04 November 2019
ހުމް.. ވާނުވާނޭނގޭ މީހުންގެ ލިސްޓަށް އެކަކު އިތުރުވީދޯ.