އިންޑިއާ އިންޓަނޭޝަނަލް ސައިންސް ފެސްޓިވަލް ގައި ބަހައްޓާފައިވާ ބައެެއް ތަކެތި މިނިސްޓަރު މަލީހް ބައްލަވަނީ.
06 ނޮވެމްބަރ 2019 - 22:16
ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން އިންޑިއާގެ ހޯދުންތައް އަވަށްޓެރި ގައުމުތަކަށް ވާސިލްކޮށްދިނުމަށް، ސައިންސް އަދި ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އެދިވަޑައިގަންނަވައިފި އެވެ.
އިންޑިއާގެ ކަލްކަތާގައި މިހާރު ކުރިއަށް ދާ އިންޑިއާ އިންޓަނޭޝަނަލް ސައިންސް ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަލީހް ވިދާޅުވީ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން އެ ގައުމުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާއި އެ ހޯދުންތައް އަވަށްޓެރި ގައުމުތަކަށް ވާސިލްކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި އެ ދާއިރާއިން އިލްމު ހިއްސާ ކުރުމުގެ މުހިއްމުކަން ފާހަގަ ކުރައްވައި އެކަމަށް އޭނާ ގޮވާލެއްވި އެވެ.
އެ ރަސްމިއްޔާތުގައި މަލީހް ވަނީ، އިންޑިއާގެ އިންސްޓިޓިއުޝަންތަކާއި ރާއްޖެއާ އޮންނަ ގުޅުން ހަރުދަނާ ކުރުމާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. އަދި ސައިންސާއި ޓެކްނޮލޮޖީ، އިންޖިނިއަރިން އާއި ހިސާބުގެ ދާއިރާތައް ރާއްޖޭގެ ތައުލީމުގެ މަންހަޖުގައި ހިމެނުމަށް މަސައްކަތް ކުރާއިރު، އެކަމަށް އިންޑިއާއިން ވެދެވޭނެ އެހީތެރިކަމާ ގުޅޭ ގޮތުން ވެސް ވާހަކަ ދެއްކެވި އެވެ.
ސައިންސް ފެއާގެ ބައެއް ކޮންކްލޭވްތަކަށް މިނިސްޓަރު މަލީހު ބައްލަވަނީ.
މިއީ އިންޑިއާގެ ގިނަ ކޮލެޖްތަކާއި ޔުނިވަސިޓީތަކުން ބައިވެރިވާ ސައިންސް އަދި ޓެކްނޮލޮޖީ ފެސްޓިވަލެކެވެ. މިނިސްޓަރު ވަނީ މި ފަދަ އިންޓަނޭޝަނަލް ފެސްޓިވަލްތަކުގައި ދިވެހި ދަރިވަރުންނަށް ބައިވެރިވެވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވައިފަ އެވެ.
މި ފެސްޓިވަލުގެ ބައެއްގެ ގޮތުން، މަލީހް ވަނީ އެސްއެންބޯސް އިންސްޓިޓިއުޓަށް ވަޑައިގެން، އެ މަރުކަޒުން ދިވެހި ދަރިވަރުންނަށް ތައުލީމާއި ތަމްރީނުގެ ފުރުސަތު ހޯދުމާ ގުޅޭގޮތުން ވާހަކަ ދައްކަވައިފަ އެވެ. އޭގެ އިތުރުން އިންޑިއާ އާއި ދުނިޔޭގެ ބޮޑެތި ގައުމުތަކުން ސައިންސްގެ ދާއިރާއިން މި ވަގުތު ކުރިއަށް ދާ ބޮޑެތި މެގަ ސައިންސް ޕްރޮޖެކްޓުތައް ބައްލަވާލައްވައި އޭގެ މައުލޫމާތު މިނިސްޓަރު ހޯއްދެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޅިކަލޯ
07 November 2019
އަޅެ މީނަ މޮޔަތަ. މީހުން އެތައް ޒަމާނެއް ކޮށްފަ ހުންނަ މަސައްކަތް ތިހެން ބުނީމަ ލިބޭތަ. މީހާ އިސްކޮޅު ނުކާ ވަރުގެ ބޮޑެތި ވާހަކަ ތިޔަ ދައްކަނީ.
އަޅުގަނޑު ޢާރިފް
07 November 2019
ކޮންހައި ހާސަރު މޮޅު ވާހަކައެއްތޯ؟ އެންމެ ސުވާލެއް. މުޅި މާލޭގެ ހުރިހާ އޮފީސްތަކެއް ސަރުކާރު ވިއުގައަކުން ގުޅާލައިގެން، މިވީހާ ޒަމާނު ތިހަ ހިންގާ ހިންގުމުގެ ނަތީޖާ އަކީ ކޮބައިތޯ. އެ ވިޔުގައިގެ ތްރޫޕުޓް ޗާޓެއް ދައްކާލެވިދާނެތޯ. އެންސީއަޓީ ހޭލައްވާނީ ކޮންއިރަކުތޯ. ފުރަތަމަ ތިމާއާ ތިމާއުޅޭތަނުގެ ހާލަތު ރަނގަޅުކޮށްފަ ދެން ހިނގާ އެހެންވާހަކަ ދައްކަމާ. މިޒަމާނުގަ ގްރޭޑް 10 ނިންމާފަ ނުކުންނަ ކުއްޖާއަށް ޒަމާނީ ޓެކްނޮލޮޖީއާ އައުހޯދުންތައް ވެސް އެނގޭ.
ހަކީމް
07 November 2019
ވެރިކަމުގެ ފުރަތަމަ އަހަރު ނިމުމުގެ ކުރިން އިންޓަރނެޓް އަގުހެޔޮ ކުރުކުކީ މިހާރު ވެރިކަން ކުރަން އަރާތިބި މީހުންގެ ވައުދެއް. މިކަން ވެއްޖެތޯ ...
ދިވެހި ދަރިން
07 November 2019
އިންޑިޔާގެ ޓެކްނޮލޮޖީ ހޯދަން އުޅުން ބުއްދިވެރިއެއްނޫން.....ކޮންމެވެސް ވަރަކަށް ތަރުކާރީއާއި މޭވާ ޙޯދުން އެންމެ ރަނގަޅު.
ބަބުރަންޖީ ހާޖީ
06 November 2019
ހަމަ ހިނިއަންނަނީ. އިންޑިޔާމީހުންނަކީ އެބައިމީހުންނަށް ފައިދާއެއްނުވާގޮތަށް އެއްކަމެއްވެސްކުރާ ބައެއްނޫން. އެހެނެއްނޫން. އެއްޗެއް ދީފިއްޔާ އެއްޗެއް ދީފާނެ. ހަމަ ބުނެލާހާއިރަކަށް ނުލިބޭނެ.