ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: 39 ފަރާތަކަށް ހާއްސަ އިނާމު ދެއްވާނީ އެ މަނިކުފާނު -- ފޮޓޯ: ނިޝާން އަލީ/ މިހާރު
07 ނޮވެމްބަރ 2019 - 14:15
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ހާއްސަ އިނާމު މި އަހަރު 39 ފަރާތަކަށް ދޭން ހާއްސަ އިނާމާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ އިނާމުުތައް ހަވާލުކުރައްވާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އާދީއްތަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބާއްވާ ޖަލްސާގައި ކަމަށެވެ.
މި އިނާމުތައް، އޭގެ ހައްގުވެރިންނާ ހަވާލުކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ހާއްސަ އިނާމާ ބެހޭ ކޮމިޓީއާ ހަވާލާދީ ރައީސް އޮފީހުން ބުނީ އެ އިނާމު ދޭން ކަނޑައަޅާފައި ވަނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ ތެރެއިން ލެވެލް 10 ވަނަ ސަނަދުގެ ކާމިޔާބީއެއް ހާސިލްކުރައްވާފައި ބޭފުޅަކަށާއި މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯއްދަވާފައިވާ 32 ބޭފުޅަކަށް ކަމަށެވެ. ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފް ހޯއްދަވާފައިވާ ހަ ފަރާތަކަށް ވެސް އިނާމު ދޭން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އޭގެ ތެރޭގައި ގައުމީ ދެ ޓީމު ހިމެނެ އެވެ.
މީގެ އިތުރުން ސަރުކާރުން ދެއްވާ ހާއްސަ ބައެއް މެޑަލްތައް ވެސް އެ ޖަލްސާގައި ރައީސް ދެއްވާނެ އެވެ. އޭގެ ތެރޭގައި ގުރުއާން ހިތުދަސްކުރެއްވި 16 ހާފިޒަކާއި މިދިޔަ އަހަރު ބޭއްވި ސާނަވީ އިމްތިހާނާއި މަތީ ސާނަވީ އިމްތިހާނުން އެކި މާއްދާތަކުން ދުނިޔެއިން އެއް ވަނަ ހާސިލްކުރެއްވި 17 ދަރިވަރުން ހިމެނެ އެވެ.
އެކި ޝަރަފު ހާސިލްކުރައްވާފައިވާ 13 ސްކައުޓަކަށް ވެސް އެ ރަސްމިއްޔާތުގައި އެކި އިނާމުތައް ހަވާލުކުރައްވާނެ އެވެ. އެއީ ދެ ސްކައުޓަކަށް ރައީސް ދެއްވާ ހަނދާނީ ފިލަ އާއި ޕްރެސިޑެންޓް ސްކައުޓް ބެޖް ހާސިލްކުރެއްވި ފަސް ބޭފުޅަކަށް ދެއްވާ ބެޖާއި ބޭޑަން ޕަވަލް ބެޖް ހާސިލްކުރެއްވި ހަ ސްކައުޓުންނަށް ދެއްވާ ބެޖެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިނާމަށް ހުށައެޅި ދަރިވަރެއްގެ މުދައްރިސް
09 November 2019
ވަރަށް ހިތްވަރާއެކު ކިޔަވާ އެއްވަނަ ޙާސިލް ކުރީ. އިނާމުދެނީ ބޭނުން ބަޔަކަށް. މިއީ މިއަށް ވުރެއް ހަރުދަނާކޮށް ކުރަންޖެހޭ ކަމެއް. ކޯހަކުން އެއްވަނަ ޙާސިލް ކުރުމަކީ ވަރަށް ބޮޑުކަމެއް. ހަރުދަނާގޮތެއްގައި ނުކުރެވެންޏާ މިކަހަލަ އިނާމުދިނުން ހުއްޓާލަން ފެނޭ. ހިތްވަރާ އެކު ކުރާމަސައްކަތަށް އެރޭ ވަރަށް ބޮޑުހުރަހަކަށް މިކަންކަންވަނީ.