ބީއެމްއެލްގެ އިސްލާމިކް ބޭންކިން ބްރާންޗް: މި ތަނުން އަންނަ އާދިއްތަ ދުވަހު ހިދުމަތް ދޭން ފަށާނެ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
29 ސެޕްޓެމްބަރ 2016 - 22:34
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްލާމިކް ބޭންކިން އަށް ހާއްސަ ބްރާންޗެއް މިރޭ ހުޅުވައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިސްލާމިކް ބްރާންޗް ހުޅުވީ ސީޓްރެކްސް ބިލްޑިންގްގައި ކުރިން ބާޒާރު ބްރާންޗް ހިންގި ތަނުގަ އެވެ. ބީއެމްއެލްގެ ރަސްމީ ކުލަ ކަމަށް ވާ ރަތުގެ ބަދަލުގައި އެ ބްރާންޗުގައި ބޭނުންކޮށްފައި ވަނީ އިސްލާމީ މާލީ އިދާރާތަކުގައި އާއްމުކޮށް ބޭނުންކުރާ ފެހި ކުލަ އެވެ.
"ބީއެމްއެލް އިސްލާމިކް ހެޑްކުއާޓާޒް"ގެ ނަން ދީފައިވާ ބްރާންޗުގެ ކުރިމަތީގައި ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވާތީ އިސްލާމިކް ބޭންކިން އަށް ދިވެހިންގެ މެދުގައި ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަަމަށެވެ. އެކަމަކު، އިސްލާމިކް ބޭންކިން އަށް ހާއްސަކޮށް މިހާތަނަށް ހިދުމަތް ދެމުން އައިސްފައި ވަނީ، އޭނާ ފާހަގަކުރެއްވި ގޮތުގައި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އެކަންޏެވެ.
އަންނަ ހޯމަ ދުވަހު ހިދުމަތް ދޭން ފަށާ ބީއެމްއެލްގެ އިސްލާމިކް ބޭންކިން ބްރާންޗާ އެކު އެކަން ބަދަލުވެ، ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ބޭންކިންގެ ހިދުމަތް ހޯދަން އޮތް ޑިމާންޑާ އެއްވަރަށް މުޅި ރާއްޖޭގައި އެ ހިދުމަތް ދެވޭނެ ކަމަށް އެންޑްރޫ ވިދާޅުވި އެވެ.
ބީއެމްއެލްގެ އިސްލާމިކް ބޭންކިން ބްރާންޗް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ބޭންކުގެ ސީއީއޯ އެންޑްރޫ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އަޅުގަނޑުމެން ބޭނުންވީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން ބޭންކިން ހިދުމަތް އިހުތިޔާރު ކުރާނެ ގޮތްތަކެއް ތައާރަފް ކުރަން،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ ޝަރީއާ އެޑްވައިޒަރީ ކޮމިޓީގައި އިސްކޮށް ހުންނަވާ ޝޭހު ޝުއައިބު ވިދާޅުވި ގޮތުގައި ބީއެމްއެލްގެ އިސްލާމިކް ބޭންކިންގެ ހިދުމަތް ފަރުމާކޮށްފައި ވަނީ އިސްލާމިކް ބޭންކިންއާ ގުޅޭ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށެވެ. އެ ގޮތުން، އިސްލާމިކް ބޭންކިން ބޭނުން ކުރާ ކަސްޓަމަރުން ޖަމާކުރާ ފައިސާ މުޅިން ވަކިން ބެލެހެއްޓޭ ގޮތަށް ބޭންކުގެ ނިޒާމުތަކާއި އެ ނޫން ވެސް ކަންކަން ހަމަޖައްސާފައިވާ ކަމަށާއި އެ ފައިސާ ބޭނުން ކުރެވެނީ ވެސް ޝަރީއާ ހުއްދަ ކުރާ ބޭނުންތަކަށްކަން ކަށަވަރު ކުރެވޭކަން އޭނާ ފާހަގަކުރެއްވި އެވެ.
އިސްލާމިކް ބޭންކިން ބްރާންޗް ހުޅުވައި ދެއްވުމުގެ ކުރިން، މިރޭގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި އެއީ ހުރިހާ ދިވެހިން ވެސް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެކެވެ. އިސްލާމިކް ބޭންކިން އަށް ހާއްސަ ބްރާންޗެއް ހުޅުވުން، އޭނާ ސިފަކުރެއްވީ، ބީއެމްއެލް އިން ހެޔޮ މަގަށް އެޅި، ހެޔޮ ފިޔަވަޅެއްގެ ގޮތުގަ އެވެ.
"... ބީއެމްއެލް އިސްލާމިކް ހުޅުވިގެން ދިއުމަކީ އަޅުގަނޑު ދަންނަވާނީ އިސްލާމިކް ބޭންކިން އަށް ރާއްޖޭގައި ހުޅުވިގެން ދިޔަ ވަރަށް ފުޅާ ދޮރެެއް ކަމަށް،" ޝަހީމް ވިދާޅުވި އެވެ.
ބީއެމްއެލްގެ އިސްލާމިކް ބޭންކިން ބްރާންޗް، އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޝަހީމް (ވ) އާއި ބޭންކުގެ ސީއީއޯ އެންޑްރޫ (ވ) ހުޅުވައިދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޝަހީމް ވިދާޅުވި ގޮތުގައި އިސްލާމީ މާލީ ހިދުމަތްތައް ދިނުމުގައި ރާއްޖޭން ވަރަށް ރަނގަޅު މިސާލެއް މި ސަރަހައްދުގައި ދަނީ ދައްކަމުންނެވެ. އެ ގޮތުން، އިސްލާމީ މާލީ ކަންކަމަށް ހާއްސަ މަރުކަޒެއް ގާއިމުކޮށް، ޝަރީއާ ހުއްދަ ކުރާ ގޮތަށް ޓީބިލް ވިއްކަން ފަށާފައި ވާއިރު، ބީއެމްއެލްގެ އިސްލާމިކް ބޭންކިން ހިދުމަތް ފުޅާވެގެން ދިއުމަކީ ރާއްޖޭގައި މި ދާއިރާ އަށް އަންނަ ބޮޑު އިންގިލާބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު ދައުރު އޮތީ އަޅުގަނޑުމެންނަށް، ތިޔަ ލޮބުވެތި އަހުންނާއި އުހުތުންނަށް، އެކިއެކި މުއައްސަސާތަކަށް، އެކިއެކި މާލީ މުއާމަލާތްތައް ކުރާ އިދާރާތަަކަށް، ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް. ... ބީއެމްއެލް އިސްލާމިކަށް ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނާއި މުއައްސަސާތަކުން އެއްބާރުލުން ދެއްވުމަށް،" ޝަހީމް ވިދާޅުވި އެވެ.
ބީއެމްއެލް އިސްލާމިކް ބޭންކިންގެ ދަށުން، އެ ބޭންކުގެ ހުރިހާ ބްރާންޗަކުން މިހާރު ވެސް "ވަދީޣާ"ގެ ނަމުގައި އަމިއްލަ އަދި ވިޔަފާރިތަކަށް އެކައުންޓް ހުޅުވައިދެ އެވެ. އަދި "ބީއެމްއެލް އިސްލާމިކް ވިސާ ޑެބިޓް ކާޑު"ގެ ނަމުގައި ކޭޝް ކާޑެއް ވެސް ދޫކުރެ އެވެ. މީގެ އިތުރުން، ގެދޮރު ހަދައި ގެދޮރު ގަތުމަށް ހާއްސަ އިސްލާމިކް ފައިނޭންސް ސްކީމެއް ވެސް އަންނަ މަހު ތައާރަފް ކުރަން ވަނީ ނިންމާފަ އެވެ.
ބީއެމްއެލް އިސްލާމިކް ބްރާންޗް ހުޅުވިއިރު، އެ ބޭންކު ފިޔަވައި އިސްލާމިކް ބޭންކިންގެ ހިދުމަތް ދެނީ އެމްއައިބީންނެވެ. މާޗު 7، 2011 ގައި ހުޅުވި އެމްއައިބީ އުފެއްދީ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓްގެ 85 ޕަސެންޓް އަދި ދިވެހި ސަރުކާރުގެ 15 ޕަސެންޓް ހިއްސާވާ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަކުއާ
30 September 2016
ސަހީމަކީ ވަރަށް އިސްލާމިކް މީހެެއް
ކމނޓ
29 September 2016
ނުބަޔަކުން ހެވެއް ދުވަހަކުވެސް ނާންނަހުއްޓެވެ. އޮޅުވާލުމެއްގެ ތެރެއިން މެނުވީއެވެ.
އަޙްމަދު
29 September 2016
ކުރިން ނަގާފައިވާ ރިބާއިން ތިޔަ ބެންކް ހުޅުވިއަސް އެވާނީ ރިބާއަށް.
ޢެމްއެމްއައި
30 September 2016
ނޭނގި ތިބެ ވާހަކަ ނުދައްކާ. މިބޭންކް އިން ވަނީ އިސްލާމީ އުސޫލުތަކަށް ތަބާވާ ތަނަކަށް ބީއެމްއެލް އިސްލާމިކް ހެދުމަށްޓަކައި އިސްލާމީ ޝަރީޢަތާއި ޚިލާފު ކަންކަމުގެ ތެރޭގައި ތަޣައްޔަރުވެފައި ނެތް އެކަށީގެންވާ ވަރުގެ ފަންޑެއް އެކުލަވައިލެވެންދެން އެތަނުން މަސައްކަތް ކުރުމަށް ނިންމާފައެވެ. މާނައަކީ ޓެއިންޓެޑް މަނީ ނެތް ތަނެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާފައެވެ.
އާދަނު
30 September 2016
ހިތައް އައިހާ އެއްޗެއް ކިޔާފައި ކޮމެންޓް ކުރަނީ އޭ ދޯ؟ ރިބާ އޭ ކިޔާފައި ތިކަހަލަ ވާހަކައެއް ގޮވާލާއިރު ކީއްތަވަނީ އެއްފަހަރުވެސް ކަން އޮތްގޮތް ބަލާލަން. ތިމާއަށް ފެންނަ އެންމެ ނުބައިގޮތަކަށް ކޮންމެ ކަމެއްވެސް ލޭބަލް ކުރެވޭތޯ ބަލަންވާނެ.
އަލީ
29 September 2016
100% މުސްލިމް ގައުމެއްގައި އިސްލާމިކް ނޫން ބޭންކެއް ހުންނަން ޖެހޭނެ ކަމަކަށް ނުދެކެން
އިބްރާހިމް
29 September 2016
ތިޔަ ވިދާޅުވާ ފެށޭ މަހާ އަންނަ މަސް އަންނަތާ އަހަރުވަނީ އަދިވެސް ހަމަ އަންނަނީ!ތިޔައީ އަނެއްކާވެސް އިތުރު ބޭންކެއް ހުޅުވުނީމަ ކަސްޓަމަރުން ގެއްލިދާނެތީ ކިޔުއްވާ އާ ޅެމަކައް ނުވާނެތޯ؟
އަލީ ވަހީދު
30 September 2016
ކެކެކެކެ. ދެ ދުވަހުން ބޭންކެއް ހުޅުވޭތަ؟ ތިކަން ކުރަން އުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ. މިހާރު ބޭންކް އޮފް މޯލްޑިވްސްގައި ހުރި ފަންޑާ ވަކިން ހިންގުމަށްޓަކައި ވަކި ފަންޑެއް ހޯދުމަށް ގިނަ ދުވަސް ވީ.