15 ޑިސެމްބަރ 2019 - 08:50
ލިވަޕޫލް (ޑިސެމްބަރު 15) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 2-0 އިން ވަޓްފޯޑް ބަލިކޮށް ލީގުގެ އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ލީގުގައި ރޭ ލިވަޕޫލުން ކުޅުނު މެޗު ކާމިޔާބުކޮށް 17 މެޗުން 49 ޕޮއިންޓް ހަމަކޮށް 11 ޕޮއިންޓުގެ ލީޑެއް ނެގި އެވެ. އެކަމަކު ދެ ވަނައިގައި އޮތް ލެސްޓާ ސިޓީ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި 1-1 އިން ނޯވިޗް ސިޓީއާ އެއްވަރުވެ، ލިބުނު ޕޮއިންޓާ އެކު ލިވަޕޫލްގެ ލީޑުން އެއް ޕޮއިންޓް މަދުވީ އެވެ. ލެސްޓާ އަށް ރޭ ލިބުނު ޕޮއިންޓާ އެކު 17 މެޗުން ލިބިފައިވަނީ 39 ޕޮއިންޓެވެ.
ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 16 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު، މިރޭ އާސެނަލް އަތުން ރަށުން ބޭރުގައި މޮޅުވެގެން ލެސްޓާއާ ދެމެދު އޮތް ފަރަގު ކުޑަކުރެވޭނެ އެވެ. ހަތަރު ވަނައިގައި އޮތް ޗެލްސީ ވަނީ ރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ބޯންމައުތު އަތުން 1-0 އިން ބަލިވެފަ އެވެ. ޗެލްސީ އަށް 17 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ.
ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ދެ ގޯލު ވެސް ޖެހީ މުހައްމަދު ސަލާހު އެވެ. މި ދެ ގޯލާ އެކު ސަލާހު ވަނީ ލިވަޕޫލަށް 84 ލަނޑު ހަމަކޮށްފަ އެވެ. ސަލާހު އެ އަދަދަށް ގޯލު ޖެހިއިރު، މިއީ ލިވަޕޫލްގެ ކުރީގެ ދެ ފޯވާޑުން ކަމަށްވާ ލުއިސް ސުއަރޭޒާއި ފެނާންޑޯ ޓޮރޭޒަށް ވުރެން ގިނަ އަދަދެކެވެ. މި މެޗުގައި ލިވަޕޫލްގެ ސަޑިއޯ މާނޭ ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނުލާން ނިންމައިފަ އެވެ.
ކޯޗު ނައިޖެލް ޕިއާސަންގެ ކޯޗުކަމުގައި ކުޅުނު ވަޓްފޯޑަށް ވެސް މި މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންގެދިޔައިރު ބޭނުމެއް ނުހިފުނީ ލިވަޕޫލްގެ ގޯލުގައި ހުރި ކީޕަރު އެލިސަން ބެކާގެ ހުށިޔާރު ކަމުންނެވެ.
މި މެޗަށް ފަހު ލިވަޕޫލް މިއަދު ގަތަރަށް ފުރާނެ އެވެ. އެއީ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރުމަށެވެ. އެ މުބާރާތުގެ ސެމީގައި ބުދަ ދުވަހު ލިވަޕޫލް ކުޅޭނީ މޮންޓަރޭއާ އެވެ. އޭގެ އެއް ދުވަސް ކުރިން އިނގިރޭސި ލީގު ކަޕް ކުއާޓާ ފައިނަލުގައި ލިވަޕޫލުން އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭނެ އެވެ. އެ މެޗުގައި ލިވަޕޫލުން ބޭނުންކުރަނީ ޒުވާން ކުޅުންތެރިންނެވެ.
ލެސްޓާ ދަނޑުގައި ކުޅުނު މެޗުގައި ރޭ ނޯވިޗަށް ލީޑުނަގައިދިނީ ފިންލޭންޑްގެ ފޯވާޑް ޓީމޫ ޕޫކީ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލެސްޓާ އިން އެއްވަރުކުރިއިރު، މިއީ ލެސްޓާގެ ޖޭމީ ވާޑީ ބޮލުން ޖެހި ބޯޅައެއް ނޯވިޗްގެ ކީޕަރު ޓިމް ކްރުލް އަތުން ބައިކޮލަށް ވަން ގޯލެކެވެ. ލެސްޓާ ހިފެހެއްޓުމުގައި މި މެޗުގައި ނޯވިޗުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ޗެލްސީގެ ދަނޑުގައި ރޭ ބޯންމައުތުން މޮޅުވިއިރު، މިއީ އެންމެ ފަހުން ހަ މެޗުގެ ތެރެއިން ބޯންމައުތަށް ލިބުނު ފުރަތަމަ މޮޅެވެ. މެޗުގެ ހަމައެކަނި ގޯލު 84 ވަނަ މިނިޓްގައި ޖެހީ ޑޭން ގޮސްލިން އެވެ. މި މެޗުގައި ޗެލްސީން ފޮނުވާލި ގިނަ ހަމަލާތަކެއް ބޯންމައުތުގެ ކީޕަރު އާރޮން ރަމްސްޑޭލް ވަނީ މަތަކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިނާން
16 December 2019
މީހަމަ މަޖާ އެއްޗެއް ބަލަން
އަހޫ
16 December 2019
އެމްއާރްއެމް ވަރަށް ހެޕީ
ރަދީފްް
15 December 2019
މަރުހަބާ މައި ނިއު ފެވަރިޓް ޓީމް، އަދި ދުނިޔޭގެ އެންމެ ގަދަފަދަ ޓީމް ލިވަރޕޫލް.
ބައްތުބިންޖަވާ އަލްމާލްދީފް
15 December 2019
ލިވަޕޫލް އައްލު މޮޅެއް ނޫން. ހަމަ ނަސީބް މިފަހަރު ގެ ލީގް ނެގުން އެންމެ ގާތީ ބޯންމައުތު ކުޅުމައް ބަލާ އިރު، ދެން ލަކު އިޒް ޑިފަރެންޓް ސުޓޯރީ.. ބޯންމައުތު ކުޅުން މާ މޮޅު
ރަދީފް
15 December 2019
ބޯންމައުތަށް މިފަހަރު ލީގް ލިބެންއޮތީ ވަރުގަދަ މިރަކަލްއެއް މެދުވެރިވެގެން.އެއީ ނުވާނެކަމެކޭވެސް ނުބުނެވޭނެ.ބޯންމައުތު މިވަގުތު އޮތީ 19 ޕޮއިންޓް ލިބިގެން ޓޭބަލްގެ 14 ވަނައިގަ.ލިވަޕޫލް 1 ވަނައިގަ އޮތީ 49 ޕޮއިންޓާއިއެކު.