މެރިން އެކްސްޕޯގެ ބޯޓްޝޯ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
23 ޑިސެމްބަރ 2019 - 22:35
ސަފާރީތަކަށް ހާއްސަ ބަނދަރެއްގެ ގޮތުގައި މާލެ އަތޮޅުގެ ދިޔަނަރު ދޭއް ފަޅު ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.
މޯލްޑިވްސް ބޯޓިން އެވޯޑްސް 2019ގެ ހާއްސަ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ސަފާރީތަކާއި ޓޫރިސްޓް އުޅަނދުފަހަރު އަޅާފައި ބާއްވާނެ ބަނދަރެއް ބޭނުންވާ ކަމަށާއި އެކަން އަންނަ އަހަރުގެ ތެރޭގައި ކޮށްދެއްވާނެ ކަމަށެވެ. މިފަދަ އުޅަނދުތަކެއް ނެތުމުން އެފަރާތްތަކަށް ދިމާވާ ދަތިތަކަށް އަވަސް ހައްލުތަކެއް ހޯއްދަވައިދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވޭ މި ދައުރުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވީ ވައުދާއި އެ ސިޔާސަތު ތަންފީޒުވެ އެ އަސާސްތައް އަންނަން. މިފެށޭ 2020 ވަނަ އަހަރު މާލެ ކައިރީގައި އޮންނަ ދިޔަނަރު ފަޅާ ޖެހިގެން އޮންނަ ފަޅު، އިރުމަތީގައިވާ ދިޔަނަރު ދޭއް ފަޅު ތިޔަބޭފުޅުންގެ ބަނދަރަށް ހަދާނަން،" އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ، ބޯޓިން ދާއިރާއަކީ ރާއްޖޭގެ ޓޫރިޒަމްގެ މުހިއްމު ބައެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ބޯޓިން ކުރިއެރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ސަފާރީތަކަށް އަތޮޅުތަކުގައި ފަސޭހަކަމާ އެކު ދަތުރުކޮށް، ފަޅުރަށްތަކަށް ވެސް ދެވޭނެ ފަސޭހަ ނިޒާމެއް ގާއިމް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސަފާރީތަކަށް ކުނި ނައްތާލުމަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވެފައިވާ އިރު، އެކަންކަން ހައްލުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޓޫރިޒަމް ދާއިރާގެ ގިނަ ގާނޫނުތަކެއް އަންނަ އަހަރު އިސްލާހު ކުރައްވާނެ ކަން ފާހަގަކުރައްވާ އަލީ ވަހީދު ވިދާޅުވީ، ލިވަބޯޑު ދާއިރާއާ ގުޅޭ ގަވައިދުތަކަށް އިސްލާހުތައް ގެންނާނީ މި ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ހިޔާލު ހޯއްދަވާނެ ކަމަށެވެ.
މޯލްޑިވްސް ބޯޓިން އެވޯޑަކީ، ރާއްޖޭގެ ލިވަބޯޑު އިންޑަސްޓްރީގައި ހަރަކާތްތެރިވާ މީހުންނަށް އަމާޒުކޮށްގެން އެފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ ފަރާތުން ދޭ އެވޯޑެކެވެ. މި އެވޯޑު 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު އަންނަނީ ދެމުންނެވެ.
މިއަހަރުގެ ބޯޓިން އެވޯޑު 29 ކެޓަގަރީއަކުން އަންނަނީ ދެމުންނެވެ. މި އެވޯޑު ދެނީ ކަނޑައާފައިވާ ފަނޑިޔާރުންގެ 70 ޕަސެންޓު މާކްސް އާއި އޮންލައިން އަދި އެސްއެމްއެސް އިން ލިބޭ 30 ޕަސެންޓް މާކްސް އިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
24 December 2019
ވަޒީރުވަނީ ތަފާތުއެތައްމުނާސަބާތަކުގައި އަދި ނޫސްވެރިންގެބައްދަލުވުމުގައި ސޯލިޙްއާއި އެމްޑީޕީގެ ގެސްޓްހައުސް ސިޔާސަތާއި ކަޑައެޅިގެންދެކޮޅަށްވާހަކަދައްކާ "ޓްއަރިޒަމް ޕޮލިސީކަޑައަޅާނީ ބާނީންބޭނުންވާފަދައިން ފްލަޑް ނުވާނެގޮތަކަށް" ކަމަށްބުނެ "ރައްޔިތުން ސަރުކާރަށްވޯޓްދިންމަޤުސަދަށް ސަރުކާރުންކަންކަންނުކުރާނެކަމަށް" ފާޅުގައިވަކާލާތުކޮށްފަ. # އެހެންނަމަވެސް ސަރުކާރުން އޭގެތަފްސީލެއްނުދިންތާގައި މަޖިލީހަށް ވަޒީރު ހާޒިރުކޮށް ޖަވާބުދާރުވެސް ނުކުރުވި؟!
އޮނަރަބްލް އަފީފު ދީދީ
24 December 2019
ރާއްޖޭގެ މުޅިއިޤްތިސޯދު އެކަމަކަށްބަރޯސާވެފައިއޮތް ޓްއަރިޒަމް ސެކްޓަރ ބަލަހައްޓާ ތަރައްޤީކޮށް ކުރިއަރުވާނެ ތައުލީމާއި އިލްމު ތަޖުރިބާއާއި ހުނަރުހުރި ބޭރުގެ ފަރާތްތަކާއި ވާހަކަދައްކާ މުއާމަލާތްކޮށް އިންވެސްޓަރުން ހޯދޭނެ ޤާބިލްކަންހުރި ވަޒީރަކު ޓްއަރިޒަމް މިނިސްޓްރީއަށް ގެނައުމަށް އެމްޑީޕީއާއި މަޖިލީހުގައިތިބި އެމްޑީޕީގެ މެންބަރުން ރައީސްގެ އަރިހުން އެދިވަޑައިގަންނަވާނީ ކިހާހިސާބަކަށް މިކަންތައްތައް ދިޔައިމަތޯ؟!
ސޮބުރީ
24 December 2019
ދުރުވިސްނުމެއްނެތް ޕާޓީގެ ޖަގަހަ ކެމްޕޭނުގަ އުޅޭހެން ތިޔާއުޅެނީ