ވައިޓް ހައުސްގައި ޓްރަމްޕް މިރޭ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
08 ޖެނުއަރީ 2020 - 23:53
ވޮޝިންޓަން (ޖެނުއަރީ 8) - އިރާގުގައި އެމެރިކާ ސިފައިން ތިބޭ ދެ މަރުކަޒަކަށް އީރާނުން މިސައިލް ހަމަލާ ދިން ނަމަވެސް އެ ހަމަލާތަކަށް އެމެރިކާ އިން ރައްދު ނުދޭނެކަމުގެ އިޝާރާތެއް ރައީސް ޑޮނަލްޑް ޓްރަމްޕް މިރޭ ދެއްވައިފި އެވެ.
އީރާނުގެ ހަމަލާތަކާ ގުޅިގެން ގައުމާ މުޚާތަބް ކުރައްވައި ޓްރަމްޕް ވިދާޅުވީ އީރާނާ ސުލްހަ ގާއިމް ކުރަން ބޭނުންވާ ކަމަށާއި ސުލްހަ ހޯދަން ބޭނުންވާ މީހުންނާ އެކު ސުލްހަ ގާއިމްކުރާނެ ކަމަށެވެ. މިސައިލް ހަމަލާތަކަށް ފަހު އީރާން މައިތިރިވަމުންދާ ކަމަށް އިޝާރާތް ކުރައްވައި އަސްކަރީ ރައްދެއް ދެއްވާނެ ކަމަށް ވިދާޅެއް ނުވެ އެވެ. އެކަމަކު އީރާނަށް ދަތިކުރުމުގެ އާ ފިޔަވަޅުތައް އެޅިކަން އިއުލާން ކުރެއްވި އެވެ.
އެމެރިކާގެ އަމާޒުތަކަށް އީރާނުން މިސައިލް ހަމަލާ ދެނީ. --ފޮޓޯ:އޭއެފްޕީ
ނައިބް ރައީސް މައިކް ޕެންސާއި އަސްކަރީ އިސް ޖެނެރަލުންނާ އެކު ވައިޓް ހައުސްގައި ބޭއްވި އިވެންޓުގައި ޓްރަމްޕް ވިދާޅުވީ އީރާނުގެ މިސައިލް ހަމަލާތަކުގައި އެމެރިކާގެ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.
ކޮންގްރެސްގައި އިމްޕީޗްމަންޓް ތަހުގީގާއި ކުރިމަތިލާން ޖެހުމުގެ އިތުރުން ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވަން ނިންމަވާފައިވާ ޓްރަމްޕް ވަނީ އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލި ހާދިސާ ދިފާއު ކުރައްވައިފަ އެވެ. ސުލައިމާނީ އަކީ އީރާނުގައި ގައުމީ ބަތަލެއް ނަމަވެސް ޓްރަމްޕް ވިދާޅުވީ އެއީ "ޓެރަރިސްޓެއް" ކަމަށެވެ. އަދި އެއީ މާކުރިން ވެސް ނައްތާލަން ޖެހޭ މީހެއް ކަމަށް ވިދާޅުވި އެވެ.
އެމެރިކާގެ ރައީސްކަމުގައި އަޅުގަނޑު ހުރިހާ ދުވަހަކު، އީރާނުގައި ނިއުކްލިއާ ހަތިޔާރު އުފެއްދިޔަ ނުދޭނަން،
ޓްރަމްޕުގެ ވާހަކަ ނިންމަވާލެއްވީ އީރާނާ އެކު ސުލްހަ އަށް ގޮވާލައްވަމުން ކަމަށް ވިޔަސް ވާހަކަ ފެއްޓެވީ އެމަނިކުފާނުގެ ވެރިކަމުގައި އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ. ޓްރަމްޕް ދެން އެދިވަޑައިގެންނެވީ ޔޫރަޕުގެ ބޮޑެތި ބާރުތަކާއި ރަޝިޔާ އާއި ޗައިނާ އިން އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވުމަށެވެ.
"އެމެރިކާގެ ރައީސްކަމުގައި އަޅުގަނޑު ހުރިހާ ދުވަހަކު، އީރާނުގައި ނިއުކްލިއާ ހަތިޔާރު އުފެއްދިޔަ ނުދޭނަން،" އީރާނުގެ މިސައިލް ހަމަލާތަކާ ގުޅިގެން ދެއްވި ފުރަތަމަ ބަޔާނުގައި ޓްރަމްޕް ވިދާޅުވި އެވެ.
އިރާގުގައި އެމެރިކާ ސިފައިން ތިބޭ މަރުކަޒުތަކަށް އީރާނުން މިސައިލް ހަމަލާ ދެނީ. --ފޮޓޯ:ދިއިރާންޕްރޮޖެކްޓް
އިރާގުގެ އަންބާރު ޕްރޮވިންސްގެ އައިނުލް އަސަދު އަދި އިރްބީލް ވައިގެ މަރުކަޒަށް އަމާޒުކޮށް އީރާނުން ވަނީ 22 މިސައިލް ފޮނުވާލައިފަ އެވެ.
އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވީ މިސައިލް ހަމަލާތަކަކީ އެމެރިކާގެ "މޫނުމަތީގައި ޖެހި އެތިފަހަރެއް" ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުބިރު
09 January 2020
ދުނިޔޭގެ ކޮންމެ ގައުމެއްގައިވިއަސް ނައްތާލަންޖެހޭ މީހުންނަކީ ކޮބައިކަން ޓްރަމްޕް އެކަނި އެ ނިންމާލަނީ.
ގޮއިދޫހަސަނު
09 January 2020
އީރާނުން އިންޒާރުދިންގޮތުން، ހަތިޔާރު ބަހައްޓާނެކަން އެނގޭ. އެއިންޒާރާއިގުޅިގެން މެދުއިރުމަތީދައުލަތްތަކާއި އިސްރާއީލްގެ ވެރިންނަށް ހަމަނިދިނުލިބި އެމެރިކާސިފައިން ތިބިތަންތަނުންބާލަންއަންގައި ކުރާކޯލްތަކުން ޚުދުޓްރަމްޕަށްވެސް ނުނިދޭނެކަން އެނގޭ. ސުލައިމާނީ އަކީ ޓެރަރިސްޓެއްކަމުގައިވާނަމަ، އޭނަ ޓެރަރިސްޓަކަށް ހެދީކަލޭމެން. ޤަބޫލުކުރެވޭގޮތުގައި ތިހިން ބުނިނަމަވެސް ކޮންމެސް ޔަހޫދީރޭވުމަކުން އީރާނަށް ލަގާއެއްދޭން ރާވާނެކަން ޔަޤީން.
ހޯރަބޭ
09 January 2020
އިރާނުން ދެތިން ފަޓާސް ގޮވާލުއިރަށް ޓްރަފް ސައިޒް ވީ.
ބޯރަބެ
09 January 2020
މީހެއްގެ ގަޔަށް ނާރާ ގޮތަށް ފަޅުތަންތަނަށް ފޮނުވި މިސައިލްގެ ވާހަކަތަ؟
ހަސަނު
09 January 2020
22 މިސައިލް ފޮނުވާލީ މީހުންނޫޅޭ ހުސް ސަހަރާތެރެއަށެވެ. އެމެރިކާ ފޮނުވި އެންމެ މިސައިލެއް ދިޔައީ އެމީހުން ބޭނުންވި ކޮމާންޑަރާއި އަދި އަށް މީހުން ގޮވައިގެންނެވެ.
ހާދަޓާގެޓޭ
09 January 2020
އެމެރިކާ މީހުންގެ މިސައިލުން ބޭނުންވާ 8 މީހުން އެކަނިދޯ ހަމަ މަރުވީ...މިސައިލް ވެއްޓެމުން ދިޔަ އިރު އެމީހުން އެކަނި ޓާގެޓް ކުރި ގޮތް ދެން މާބޮޑަށްވެސް މޮޅީ.
ޝޭޑް
09 January 2020
ޓްރަމްޕް ތީ އިމްޕީޗްމެންޓަށް ޖެހި ސްޓަންޓެއް.
ޓްރަންޕު
09 January 2020
ރައްދު ހަމަލާ ދޭވަރު ކަމެއް ނުކުރެވޭ ދޯ. ހާމާނަށް ޖެހުނީ ޖަމަލު ފޮޑިއެއް. ހަހަހަހަ
ނަޖުމުއްދީން
09 January 2020
ޓުރަންޕުބޭ މިހާރުވެސް ބަލި ގަބޫލުކުރީދޯ.