ނިއު ދިއްލީގައި ކުރިއަށް ގެންދާ ބަރަތު އިންޓަނޭޝަނަލް ޓޫރިޒަމް ބާޒާރުގައި ހުރި މެގަ މޯލްޑިވްސްގެ ސްޓޯލް: އެ އެއާލައިނުން ދިއްލީ އާއި މުމްބާއި އަށް އަލަށް ފަށާ ދަތުރުތައް އިޝްތިހާރު ކުރަން މިއީ ރަނގަޅު ފުރުސަތެއް.-- ފޮޓޯ: މެގަ މޯލްޑިވްސް
06 އޮކްޓޯބަރ 2016 - 11:50
މެގަ މޯލްޑިވްސް އިން އިންޑިއާ އަށް ފެށުމަށް ހަމަޖައްސާފައިވާ ދަތުރުތައް އިޝްތިހާރު ކުރުމަށް އެ ގައުމުގެ އެންމެ ބޮޑު ޓޫރިޒަމް ފެއާގައި އެ ކުންފުނިން ބައިވެރިވެއްޖެ އެވެ.
ބޭރުގެ މަންޒިލްތަކަށް ދަތުރުކުރާ ރާއްޖޭގެ ހަމައެކަނި އަމިއްލަ އެއާލައިން އިން ބައިވެރިވީ، އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ އައިޓީބީ ބާލިން އިން އިންޑިއާ އަށް ހާއްސަކޮށް ބާއްވާ ބާރަތު އިންޓަނޭޝަނަލް ޓޫރިޒަމް ބާޒާރު (ބީއައިޓީބީ) ގަ އެވެ.
މެގަ މޯލްޑިވްސް އިން ބުނީ އެ އެއާލައިނުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އާއި މުމްބާއީ އަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނައިރު، މި ފެއާ ވެގެން ގޮސްފައި ވަނީ އަލަށް ފަށާ ދަތުރުތައް އިޝްތިހާރު ކުރުމަށް ލިބުނު ރަނގަޅު ފުރުސަތަކަށް ކަމަށެވެ.
މިދިޔަ ހޯމަ ދުވަހުން ފަށައިގެން މާދަމާގެ ނިޔަަލަށް ދިއްލީގައި ބާއްވާ މި ފެއާގައި މެގަ މޯލްޑިވްސްގެ އިތުރުން ރާއްޖޭގައި ރިސޯޓު ހިންގާ އެކި ލަގްޒްރީ ބްރޭންޑުތަކާއި ބައެއް ގެސްޓްހައުސްތައް އަދި ޓުއާ އޮޕަރޭޓާތަކުން ބައިވެރިވެ އެވެ.
އިންޑިއާ އަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި އެންމެ ކުރިއަރަމުން އަންނަ މާކެޓެވެ. އެ ގޮތުން، މިދިޔަ ޖުލައި މަހުގެ ނިޔަލަށް 34،884 ޓޫރިސްޓުން އިންޑިއާ އިން އައިސްފައި ވާއިރު، އެއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 21.5 ޕަސެންޓުގެ ކުރިއެރުމެކެވެ.
މެގަ މޯލްޑިވްސް އިން އިންޑިއާ އަށް ދަތުރުތައް ފެށުމުގެ ހުއްދަ އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ދިނީ މިދިޔަ ސެޕްޓެމްބަރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy