ފިއުޗާ ފޯވާޑް ޕާޓީގެ ޒުވާން ލީޑަރު ތަނަތޯން. --ފޮޓޯ:ރޮއިޓާސް
22 ފެބުރުއަރީ 2020 - 11:27
ބެންކޮކް (ފެބްރުއަރީ 22) - ތައިލެންޑުގައި ޑިމޮކްރެސީ ކުރިއަރުވަން މަސައްކަތް ކުރާ އިދިކޮޅު ޕާޓީއެއް ކަމަށްވާ ފިއުޗާ ފޯވާޑް ޕާޓީގެ ލީޑަރު ތަނަތޯން ޖުއާންގްރޫންގްރުއަންގްކިޓް، ޕާޓީ އަށް ދިން ހަ މިލިއަން ޑޮލަރުގެ ލޯނަކާ ގުޅިގެން އެ ޕާޓީ އުވާލައިފި އެވެ.
ތައިލެންޑުގެ ދުސްތޫރީ ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ޕާޓީ އަށް ތަނަތޯން ދިނީ ޚައިރާތެއް ކަމަށާއި އެކަމަކު އެއީ ގާނޫނާޚިލާފު ކަމެއް ކަމަށެވެ. ތައިލެންޑް ސަރުކާރަށް ފާޑުކިޔަމުންދާ އުމުރުން 41 އަހަރުގެ ތަނަތޯން އެ ޕާޓީ 2018 ވަނަ އަހަރު އުފެއްދީ މިދިޔަ އަހަރުގެ އިންތިޚާބުގައި ވާދަކުރުމަށެވެ. އިންތިޚާބުގައި އެ ޕާޓީން ވަނީ ހީވެސްނުކުރާ ވަރުގެ ކާމިޔާބެއް ހޯދައިފަ އެވެ. ފިއުޗާ ފޯވާޑް ޕާޓީ އަށް ވަނީ ހަ މިލިއަނަށް ވުރެ ގިނަ މީހުން ވޯޓުދީފަ އެވެ.
ޕާލަމެންޓުގައި ތިން ވަނަ އަށް އެންމެ ގޮނޑި ގިނައީ ފިއުޗާ ފޯވާޑް ޕާޓީ އެވެ. އެ ޕާޓީން 80 ގޮނޑި ތަމްސީލް ކުރެ އެވެ. ނަމަވެސް ކޯޓުގެ ހުކުމާ ގުޅިގެން ޕާޓީގެ ލީޑަރު ތަނަތޯން އާއި އިތުރު ނުވަ މީހަކު ވަނީ ސިޔާސީ ހަރަކާތްތަކުގައި އުޅުން 10 އަހަރުގެ މުއްދަތަށް މަނާކޮށްފަ އެވެ. އެހެންވެ އެ މީހުންގެ ގޮނޑިތައް ގެއްލޭނެ އެވެ.
ފިއުޗާ ފޯވާޑް ޕާޓީގައި ބާކީ ތިބި ޕާލަމެންޓުގެ 70 މެންބަރުންނަށް ވަނީ، އެ މީހުންގެ ގޮނޑިތައް ސަލާމަތް ކުރަން ބޭނުން ނަމަ، ދެ މަސް ދުވަހުގެ ތެރޭގައި އެހެން ޕާޓީތަކަށް ބަދަލުވުމަށް އަންގައިފަ އެވެ.
ތަނަތޯން ވިދާޅުވެފައި ވަނީ އިންތިޚާބުގައި ވާދަކުރަން ފައިސާ ހޯދާނެ އިތުރު ފުރުސަތެއް އެ ޕާޓީ އަށް ދީފައި ނުވާ ކަމަށެވެ. ޕާޓީން ޚަރަދު ކުރަން އޭނާ ފައިސާ ދިނީ އެހެންވެ ކަމަށް ވިދާޅުވި އެވެ. ތަނަތޯން ވިދާޅުވީ އޭނާގެ ޕާޓީ އުވާލީ ސިޔާސީ މަގްސަދެއްގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙައްމަދު1
22 February 2020
ރާއްޖެއާއި ވަރަށް ގުޅޭ ގާނޫނެއް. އަބަދުވެސް ހުރިހާ ކަމެއްވެސް ބާރު އޮންނަ މީހުން ބޭނުންވާ ގޮތަށް އޮންނަ ތަނެއް ވީމާ ވަރަށް ކަމުދާނެ.
ޑޮން ޑޮން
22 February 2020
ޖުމްޙޫރީ ޕާޓީ އަކީ ވެސް ލީޑަރުގެ އެހީގައި ހިންގާ ޕާޓީ އެއް..އުވާލަން ވީނު..