ފޮރިން މިނިސްޓަރު ޝާހިދު، ބްރޫނާއީގެ ރަސްގެފާނު ހަސަނުލް ބޮލްކިއާއާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ފޮރިން މިނިސްޓްރީ
07 މާޗް 2020 - 16:59
ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ބްރޫނާއީގެ ރަސްގެފާނު ހަސަނުލް ބޮލްކިއާ މުއިއްޒުއްދީންގެ އަރިހަށް މިއަދު އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ޝާހިދު، ބްރޫނާއީ އަށް އިއްޔެ ފެއްޓެވި ދަތުރުގައި، އެ ގައުމުގެ ރަސްގެފާނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހެޔޮއެދުންތައް އެރުވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އަދި، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަ ދެއްކެވި އެވެ. މީގެ އިތުރުން، ބްރޫނާއީގެ ސަރުކާރުން ރާއްޖެ އަށް ދޭ ސްކޮލާޝިޕްތަކަށްޓަކައި ޝުކުރު އަދާ ކުރައްވައި، އެ ސްކޮލާޝިޕްތަކުގެ ސަބަބުން ރާއްޖެ އަށް ލިބެމުންދާ ކުރިއެރުން ޝާހިދު ފާހަގަކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވެ އެވެ
"މީގެ އިތުރުން، ބައިނަލްއަގްވާމީ ވަރަށް ގިނަ މައްސަލަތަކުގައި ރާއްޖެއާ ބްރޫނާއީގެ ވިސްނުން އެއްގޮތް ކަން ފާހަގަކުރައްވައި، މި ކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަން މިނިސްޓަ ޝާހިދު ފާހަގަކުރެއްވި އެވެ. އަދި އޯ.އައި.ސީގެ މެމްބަރު ގައުމުތަކާ އެކު އޮންނަ ސިޔާސީ އަދި އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދިވެހި ސަރުކާރުން އިސްކަމެއް ދެއްވާ ކަމަށް ވެސް މިނިސްޓަ ޝާހިދު ފާހަގަކުރެއްވި އެވެ،" ބަޔާނުގައި ބުންޏެވެ.
އަދި ދެ ގައުމަކީ ވެސް ކޮމަންވެލްތުގެ މެމްބަރު ގަމުތައް ކަމަށް ވުމުން، ބައިނަލްއަގްވާމީ ދާއިރާތަކުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ވެސް ރަސްގެފާނާ އެކު ޝާހިދު މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ރާއްޖެ އާއި ބްރޫނާއީއާ ދެމެދު ސިޔާސީ ގުލުން ގާއިމްކުރީ މާޗް 31، 1984 ގަ އެވެ. އެކަމަކު، ދެ ގައުމުގެ ގުޅުމަށް ދޭންޖެހޭ މިންވަރަށް 1999 ވަނަ އަހަރުން ފެށިގެން އަޅައިނުލެވޭ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ.
"އެ ގޮތުން މިދިޔަ 21 އަހަރުގެ ތެރޭގައި ދެ ގައުމުގެ މަތީ ލެވެލްގެ އެއްވެސް ބޭފުޅަކު އެއް ގައުމުން އަނެއް ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެއް ނުވެ އެވެ،" ޝާހިދުގެ ދަތުރާ ގުޅުވައިގެން ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ވެ އެވެ.
ބްރޫނާއީގެ މިނިވަންކަން ފާހަގަކުރުމަށް 1987 ގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަތެވެ. އަދި އިސްލާމީ މަރުކަޒު ބިނާކުރުމަށް ބްރޫނާއީން ތިން މިލިއަން ޑޮލަރުގެ އެހީއެއް ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ބްރޫނާއީގައި މިހާރު ވެސް ރާއްޖޭގެ ފަސް ދަރިވަރަކު ކިޔަވަމުންދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެނދަން
08 March 2020
މައިތިރިވެގެން ގައުމުގަ ހުރެބަލަ އިހަށް މިދުވަސްކޮޅު.
ޢަޒީ
08 March 2020
ބްރޫނާއީ އަށް ފޮރިން މިނިސްޓަރު ނުދިޔަޔަސް ސްކޮލަރޝިޕް ލިބޭނެ! ޑިޕްލޮމެސީގަ އޮންނަ ހަމައެކަނި ގޮތަކީ ފޮރިން މިނިސްޓަރ ހުރިހާ ޤައުމަކަށް ބުރުޖެހުމެއް ނޫން! ރައްޔިތުންގެ ފައިސާ ތަޅާ ބުރުއްސުން ނޫން ކަމެއް ތި ޝާހިދަށް ކުރެވޭތަ؟
މުސްތަގްބާލ
08 March 2020
ޙެޑްއޮފްސްޓޭޓް ގެ މަގާމު އެފުރުއްވަނީ. ދެން ޢަންނަ ރިޔާސީ އިންތިހާބުގައި މާލޭގެ ރައްޔަތުންނާއި‘ އެމްއާރއެމް ފެކްށަނުގެ ތާއިދާއެކު ވާދަކުރައްވާނެ ބާ؟
އަރުވާލި އާދަނުގެ ސިޔާސީހާސަރު
08 March 2020
ވަރަށް ރުފިޔާ އޮތް ގައުމެއް ރާއްޖެއަށް ކޮންމެސް އެއްޗެއް ހޯއްދަވައްޗޭ
ވަހުދީ
08 March 2020
ސާހިދު ދުނިޔެ ވަށާ ތިޖަހާ ބުރުތައް ހުއްޓާލަ ބަލަ ދުވަސްކޮޅަކަށް.
ބޭބެބެ
07 March 2020
ހަސަނުލް ބުލްގިޔާ. މިއީ އެނަމަކީ
ާއުނިމާ
07 March 2020
މީ އަދި ކޮވިޑް19 އަކަށް ބައްލަވާ ބޭފުޅެއްވެސް ނޫން، ބަލަ ޚަރަދު އިތުރުނުކޮށް މައިތިރިވެގެން ހުންނަވާ ބައްލަވާ، މިހާރު ވީީޑިއޯ ކޮންފަރަންސިން މެދުވެރިކޮށްވެސް ބައްދަލުކުރެވޭނެ،
12345
07 March 2020
ލާރިކޮޅެއް ލިބޭތޯހެންހީވޭ. އިންޑިއާއިން ކުރާ ފުއްދުން ދެމިގެންދާ ވައުދުތަކާ ނުފުއްދާ ވައުދުތަކަށް ބިނާކޮށް ރައްޔިތުންނަށް ވައުދުވެ އެއްވެސްކަމެއް ނުވެގެން ތެޅިފޮޅޭހެން ހާދަ ހީވެއޭ.