މެސެޑޯނިއާ ކޮޅަށް ފަހު ވަގުތު ގޯލް ޖެހުމަށް ފަހު އިމޮބިލޭ އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
10 އޮކްޓޯބަރ 2016 - 08:30
މެޑްރިޑް (އޮކްޓޯބަރު 10) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އަލްބޭނިއާ އަތުން 2-0 އިން މޮޅުވެ ގްރޫޕް އީ ގެ އެއް ވަނަ އަށް ސްޕެއިން އެރިއިރު، މެސަޑޯނިއާ އަތުން އިޓަލީ ފަހު ވަގުތު 3-2 އިން މޮޅުވެއްޖެ އެވެ.
ސްޕެއިނާއި އިޓަލީ އަށް ވެސް ހަތް ޕޮއިންޓް ލިބިފައިވާއިރު ސްޕެއިން އެއް ވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. އިޓަލީ ދެ ވަނައިގައި އޮތްއިރު ކުރިން އެއް ވަނައިގައި ހަ ޕޮއިންޓާ އެކު އޮތް އަލްބޭނިއާ މިހާރު އޮތީ ތިން ވަނައިގަ އެވެ.
ރަށުން ބޭރުގައި ސްޕެއިން ކުޅުނު މެޗުން އެ ޓީމު މޮޅުވީ ދެ ވަނަ ހާފުގައި ކާމިޔާބުކުރި ލަނޑުތަކުންނެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު 55 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޗެލްސީގެ ފޯވާޑް ޑިއޭގޯ ކޯސްޓާ އެވެ. ދެ ވަނަ ލަނޑު 63 ވަނަ މިނެޓުގައި ޖެހީ ނޮލީޓޯ އެވެ.
އަލްބޭނިއާގެ އަގޮލީ (ކ) އާއި ސްޕެއިނުގެ ޖެރާޑް ޕީކޭ ބޯޅައަށް އަރަނީ. --ފޮޓޯ: އޭއެފްޕީ
ރޭ މެސަޑޯނިއާ ދެކޮޅަށް އިޓަލީ ނުކުތީ ދެ ފޯވާޑުން ކަމަށްވާ ގްރަޒިއާނޯ ޕެއްލޭ އާއި އެޑާގެ ބަދަލުގައި ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ޗީރޯ އިމޮބިލޭ އަދި އަންދްރޭ ބެލޮޓީ އަރުވައިގެންނެވެ.
ޓޮރިނޯގެ ފޯވާޑް ބެލޮޓީ 24 ވަނަ މިނެޓުގައި ލީޑު ނަގައިދީފައިވަނިކޮށް މެސެޑޯނިއާ އިން ފަހަތުން އަރައި ދެ ލަނޑުގެ ލީޑެއް ނެގި އެވެ. އިޓަލީ ސަލާމަތްކޮށްދިނީ ލާޒިއޯގެ ފޯވާޑް އިމޮބިލޭ އެވެ. އޭނާ 75 ވަނަ މިނެޓުގައި އެއްވަރުކޮށްދިން އިރު މޮޅުވި ލަނޑު ޖެހީ އިތުރު ވަގުތުގެ ތެރޭގަ އެވެ.
މި ފަހަރުގެ ޔޫރޯގައި މޮޅު ކުޅުމެއް ދެއްކި ވޭލްސް ވަނީ ރޭ ޖޯޖިއާއާ 1-1 އިން އެއްވަރުވެ ގްރޫޕުގެ ރަނގަޅު ހިސާބަކަށް އެރުމުގެ ފުރުސަތު މިވަގުތަށް ގެއްލިފަ އެވެ. ފަސް ޕޮއިންޓާ އެކު ގްރޫޕް ޑީ ގެ ތިން ވަނައިގައި ވޭލްސް އޮތްއިރު ގްރޫޕުގެ ކުރީގައި އޮތީ ހަތް ޕޮއިންޓާ އެކު ސާބިއާ އެވެ. ހަތް ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ދެ ވަނައިގައި އޮތީ އަޔަލެންޑެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy