ލަންކާގެ ކޮލަމްބޯގެ މަގެއް: އެ ގައުމުގައި ތިބި އެހެން ގައުމުތަކުގެ މީހުންގެ ވިސާ މުއްދަތު އަނެއްކާވެސް ވަނީ އެއް މަހަށް އިތުރު ކޮށްދީފައި -- ފޮޓޯ/އޭއެފްޕީ
01 އެޕްރީލް 2020 - 15:05
ސްރީ ލަންކާގައި ތިބި އެހެން ގައުމުތަކުގެ ރައްޔިތުންގެ ވިސާގެ މުއްދަތު އަނެއްކާވެސް އިތުރު އެއް މަހަށް ލަންކާ ސަރުކާރުން ހަމަޖައްސައިދީފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ލަންކާގައި ވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ވައިގެ ދަތުރުތައް އެއްކޮށް މެދުކަނޑައިލުމުގެ އިތުރަށް ވިސާ ދޫކުރުން ވެސް މިދިޔަ މަހު ވަނީ މަޑުޖައްސާލައިފަ އެވެ. އެކަމަކު ލަންކާގައި ތިބި އެހެން ގައުމުތަކުގެ ރައްޔިތުންގެ ވިސާގެ މުއްދަތު މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ކުރިން އޮތީ އިތުރުކޮށް ދީފަ އެވެ.
ގިނަ އަދަދެއްގެ ދިވެހިން ވެސް ދިރިއުޅޭ ލަންކާގެ ސަރުކާރުން މިއަދު ވަނީ ހުރިހާ ބާވަތެއްގެ ވިސާގެ މުއްދަތު އަނެއްކާވެސް އިތުރު އެއް މަހަށް އިތުރުކޮށް ދީފަ އެވެ. އެހެންވެ، އެ ގައުމުގައި މިހާރު ތިބި އެހެން ގައުމުތަކުގެ މީހުންގެ ވިސާގެ އަންނަ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ވަނީ އިތުރުވެފަ އެވެ.
ކުރިން ވިސާގެ މުއްދަތު އިތުރު ކުރިއިރު، ލަންކާގެ އިމިގްރޭޝަނަށް ހާޒިރުވާން އެންގިޔަސް، މިފަހަރު ލަންކާ ސަރުކާރުން އެންގީ އިމިގްރޭޝަނަށް ވިސާ އިތުރު ކުރަން އިމިގްރޭޝަނަށް ނުދިއުމަށެވެ. އަދި ވިސާ އިތުރު ކުރުމުގެ ފީ އާއި ޕާސްޕޯޓްގައި އޭގެ ތަތްގަނޑު ޖެހުމާ ދެއްކުމާ ގުޅޭ އުސޫލުތައް ފަހުން ހާމަ ކުރާނެ ކަމަށް ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
މީގެ އިތުރުން ވިސާ އިތުރު ކޮށްފައިވާ މުއްދަތުގައި ލަންކާއިން ފުރަން ބޭނުންވާ ނަމަ، އިތުރު ޖޫރިމަނާއަކާ ނުލައި އެއާޕޯޓަށް ވިސާ ފީ ދެއްކުމަށް ފަހު ފުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އެކަމަކު އެ މުއްދަތުގައި ފުރުމުގެ ކުރިން ލަންކާ ސަރުކާރަށް އެކަން އަންގަން ވަނީ އެދިފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ އެ ގައުމުގައި އުޅޭ ގިނަ އަދަދެއްގެ ދިވެހިންނަށް ދަތިިތަކާ ވަނީ ކުރިމަތިވެފަ އެވެ. އެކަމަކު އެހީއަށް ބޭނުންވާ ދިވެހިންނަށް އެހީ ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ލަންކާގައި ތިބި ދިވެހިންނަށް އެ މީހުންގެ އާއިލާތަކުން އެހީ ފޮނުވޭނެ އިންތިޒާމް ވެސް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙާލިދު
01 April 2020
ޢައި މިސް ލަންކާ.