މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ފަހު ޔުއެފާގެ ރައީސް ކެފެރިން (ކ) ލިވަޕޫލްގެ ކެޕްޓަން ހެންޑަސަންއާ ތަށި ހަވާލުކުރަނީ.-- ފޮޓޯ: އޭއެފްޕީ
07 އެޕްރީލް 2020 - 12:08
ވިއޭނާ، އޮސްޓްރިއާ (އޭޕްރީލް 7) - ކޮރޯނާވައިރަސްގެ ސަބަބުން ހުއްޓާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގު ކެންސަލްކުރަން ޖެހުނަސް ލީގުގެ އެއް ވަނައިގައި މި ވަގުތު އޮތް ލިވަޕޫލަށް ލީގު ތަށި ދޭ ގޮތަށް ކަނޑައެޅޭނެ ކަމަށް ޔުއެފާގެ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ކެފެރިން ވިދާޅުވެއްޖެ އެވެ.
މި ފަހަރުގެ ސީޒަން ކުރިއަށްގެންދެވޭނެ މާހައުލެއް ގާއިމްކުރެވޭނެ އިރެއް ޔަގީންކަމާ އެކު އެއްވެސް ފަރާތަކަށް ބުނަން ނޭނގޭތީވެ ލީގު ފެށޭނެ ސީދާ ތާރީހެއް އޮތީ ކަނޑަނޭޅި އެވެ. ޕްރިމިއާ ލީގާއި އިނގިރޭސި އެހެން ފުޓްބޯޅަ މުބާރާތްތައް އޮތީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފަ އެވެ. އެހެންވުމާ އެކު ބައެއް ފަރާތްތަކުން އަންނަނީ މި ފަހަރުގެ ސީޒަން އެއްކޮށް ކެންސަލްކޮށްލަން ޖެހޭ ކަމަށް ބުނަމުންނެވެ.
ޕްރިމިއާ ލީގުގެ އެއް ވަނައިގައި މި ވަގުތު ލިވަޕޫލް އޮތީ 25 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ލީގު ކަށަވަރުކުރަން ލިވަޕޫލަށް ބޭނުންވަނީ ހަ ޕޮއިންޓެވެ. ލީގު ހުއްޓާލައިފިނަމަ ލިވަޕޫލަށް ލީގު ތަށި ދޭން ޖެހޭނެ ކަމަށް ބުނެ، އިނގިރޭސި ފުޓްބޯޅައިގެ އެކި ތަޖުރިބާކާރުން އަޑުއުފުލަމުންދިޔަ ނަމަވެސް އެކަމާ ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކުން ވަނީ ނުނިމޭ ސީޒަނެއްގެ ޗެމްޕިއަނެއް ކަނޑަނޭޅޭނެ ކަމަށް ބުނެފަ އެވެ.
ސްލޮވީނިއާގެ ނޫހެއް ކަމަށްވާ ޑެއިލީ އެކީޕާ އަށް ދިން އިންޓަވިއުއެއްގައި ކެފެރިން ވިދާޅުވީ މެތަމެޓިކަލީ ބަލާއިރު ލިވަޕޫލަށް އަދިވެސް ލީގު ކަށަވަރުނުވާކަމަށާއި އެކަމަކު ލީގުގޮސްފައި އޮތް ހިސާބާއި ހާލަތު އޮތްގޮތުން ލީގު ކެންސަލްކުރިޔަސް ލިވަޕޫލަށް ލީގު ލިބެންޖެހޭ ކަމަށެވެ.
"ލިވަޕޫލަށް ތަށި ނުދީ ނިންމާނެ ގޮތެއް އަދި ނުވިސްނޭ. މެތަމެޓިކަލީ ބަލާއިރު ލިވަޕޫލަށް ލީގު އަދި ނުލިބޭ. އެކަމަކު މެޗުތައް ކުޅެފިނަމަ އެ މީހުން ހޯދާނެ. އެކަމަކު މެޗުތައް ނުކުޅެވުނަސް އަހަރެމެން އެބަޖެހޭ ގޮތެއް ހޯދަން،" ކެފެރިން ވިދާޅުވި އެވެ.
ޔުއެފާ އިން ވަނީ އެއްވެސް ގައުމެއްގެ ލީގު ކެންސަލްނުކުރަން އަންގައިފަ އެވެ. އެކަމަކު ދާދި ފަހުން ބެލްޖިއަމްގެ ލީގު ހުއްޓާލައި އެއް ވަނައިގައި އޮތް ކްލަބް ބްރޫޖަށް ވަނީ ތަށި ދީފަ އެވެ. ލީގު ހުއްޓާލިއިރު ބްރޫޖް އެއް ވަނައިގައި އޮތީ 15 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ފުރަތަމަ ބުރުގެ އެއް މެޗާއި ގަދަ ހަ ޓީމު ކުޅޭ ފަހު ބުުރު ނުކުޅޭގޮތަށް ނިންމުމަށް ފަހު އެވެ.
ކެފެރިން ވިދާޅުވީ ކޮންމެ ގޮތެއް ވިޔަސް ލީގުތަކުގެ މަގާމުތައް ކަނޑައެޅޭނެ ހައްލެއް ހޯދަން ޖެހޭނެ ކަމަށާއި އެ އުސޫލުން ބަލާއިރު ވެސް ލިވަޕޫލަށް ލީގު ތަށި ލިބޭނެ ކަމަށެވެ.
"ދެން ހޯދަން އުޅޭ ހައްލަކާ މެދު ވިސްނާއިރު ވެސް ލިވަޕޫލަށް ލީގު ލިބޭނެ. އަހަންނަށް އެނގޭ ހުސް ދަނޑެއްގައި މެޗުތަށް ކުޅެފިނަމަ އެއީ ސަޕޯޓަރުންނަށް ލިބޭނެ ވަރަށް ބޮޑު ދެރައެއް. ކޮންމެ އުސޫލެއްގެ ތެރެއިން ވެސް ލީގުގެ މަގާމުތައް ކަނޑައަޅައި ގޮތެއް ނިންމާއިރު ލިވަޕޫލަށް ލީގު ލިބެންޖެހޭނެ ގޮތަކަށް މި އޮތީ،" ކެފެރިން ވިދާޅުވި އެވެ.
ޔުއެފާގެ ވިސްނުމަކީ ހުރިހާ ގައުމެއްގެ ލީގު ފުރިހަމަކުރުން ކަމަށާއި ފުރިހަމަ ނުކުރެވޭ ހާލަތެއްގައި އެންމެ އިންސާފުވެރި ގޮތަށް ކަންތައްތައް ނިންމަން ޔުއެފާ އިން ލަފާދޭނެ ކަމަށް ކެފެރިން ވިދާޅުވި އެވެ.
ދެ ފަހަރެއްގެ މަތިން ޕްރިމިއާ ލީގު ފަސްކޮށްފައިވާއިރު، ޖޫން މަހުގެ ތެރޭގައި އަލުން ފެށޭނެ ކަމަށް ބަލައި އިނގިރޭސި ސަރުކާރާއި ޕްރިމިއާ ލީގުން އަންނަނީ މަޝްވަރާކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ޔުއެފާއާ އެކު ބޭއްވި މަޝްވަރާތަކުގައި ޕްރިމިއާ ލީގު ވެސް ފުރިހަމަކުރަން ވަނީ ނިންމައިފަ އެވެ. ޔުއެފާ އިން ވަނީ އަންނަ ސީޒަން ފެށުން ފަސްކޮށްފައި ވެސް މިހާރު ކުރިއަށްދާ ސީޒަން ނިންމަން ޖެހޭނެ ކަމަށް ބުނެފަ އެވެ. އަދި ލީގު ނުނިންމާ ގައުމުތަކަށް އަންނަ ސީޒަނުގެ ޔޫރަޕްގެ މުބާރާތްތަކުން ފުރުސަތު ނުދޭނެކަމަށް ޔުއެފާ އިން ވަނީ އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވީއޭއާރު
08 April 2020
އަޅެ މި ޔުއެފާ ރައީސް މީ ލިވަރޕުލަށް ވިކި ހުސްވެފަ ހުރި ސޮރެއްތަ އެހާ ޔަގީންކަމާއި އެކު މިބުނަނީ..ލިވަރޕޫލް ލީގުގަވެސް މޮޅުވެފަ އޮތީ މުޅިން ވީއޭއާރުން ފޭކް ޖައްސައިގެން ..އާރސެނަލް ފޭނެއް
ޕޮކަޑިމޭން
07 April 2020
މެތަމެޓިކަލީ ބަލާއިރު ލިވަޕޫލަށް ލީގު އަދި ނުލިބޭ ކަމަށާ އެކަމަކު މެޗުތައް ކުޅެފިނަމަ އެ މީހުން ލީގު ހޯދާނެ ކަމަށް ބުނަން އެނގެން މީނަ މިއީ ވަހީ ބާވައްލައްވާ މީހެއްތަ؟މެތަމެޓިކަލީ ހަމަ ލިވަޕޫލަށް ލީގު ނުލިބުންވެސް އެކަށީގެންވޭ. ﷲ އީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާންގެ
ޕޮކަޑިމޭން2
08 April 2020
މެތަމެޓިކަލީ ގެ މާނަ މަނިކުފާނަށް ފަހުމް ނުވާކަން އެނގިއްޖެ...ޝުކުރިއްޔާ