20 އެޕްރީލް 2020 - 23:30
ރާއްޖެ އިން ނުފުރިފައި ތިބި ޓޫރިސްޓުންނާއި ބިދޭސީން ގެންދިއުމަށްޓަކައި ގަތަރު އެއާލައިންސްގެ މަތިންދާބޯޓެއް މާދަމާ އަންނާނެ ކަމަަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، މި މަތިންދާބޯޓު މާދަމާ މެންދުރު ފަހު 3:00 ގައި ރާއްޖެ އިން ފުރާނެ ކަމަށެވެ. މި ބޯޓުގައި ފުރަން ޓިކެޓް ނަގާފައިވާ މީހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެންދިއުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ ގުޅިގެން އިންތިޒާމުތަކެއް ވަނީ ހަމަޖައްސައިފަ އެވެ.
ގަތަރުގެ ފްލައިޓް ކިއުއާރް-675 އިން މާދަމާ ފުރާ މީހުން، އެ މީހުންގެ ނަމާއި ޕާސްޕޯޓް ނަންބަރާއި އެ މީހަކު ހުރި ތަނުގެ އިތުރުން ގުޅޭނެ ނަމްބަރާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމުގެ ތަފްސީލު ޓޫރިޒަމް މިނިސްޓްރީ އަށް އެންގުމަށް އެދެ އެވެ.
މި މަތިންދާބޯޓުން ފުރާ މީހުން އެއާޕޯޓަށް ގެންދާ ވެހިކަލްތަކަށް ފުލުހުން ހުއްދަ ދޭނެ އެވެ. މި މީހުން ފުރުމައްޓަކައި ރިސޯޓުތަކުންނާއި ގެސްޓް ހައުސްތަކާއި ރަށު ކައުންސިލްތަކުން ފުރިހަމަ އެއްބާރުލުން ދިނުމަށް ޓޫރިޒަމް މިނިސްޓްރީން އެދެ އެވެ.
މިކަމާ ގުޅޭ ތަފްސީލުތައް 7223131 ނުވަތަ 7802949 އަށް ގުޅުމުން ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އެއާޕޯޓު ބަންދުކުރުމާ އެކު، ޓޫރިސްޓުން އައުން ވަނީ ހުއްޓިފަ އެވެ. ޓޫރިޒަމް މިނިސްޓްރީ މި މަހުގެ ކުރީ ކޮޅު ބުނީ، ރާއްޖޭގެ 27 ވަރަކަށް ރިސޯޓުގައި ހާހެއްހާ ޓޫރިސްޓުން ތިބި ކަމަށެވެ. ކޮވިޑް-19 ގެ ބަލި މީހަކު ފެނުމުގެ ކުރިން ޓޫރިޒަމް މިނިސްޓްރީން ވަނީ ލަގްޒަރީ ޓޫރިޒަމަށް ރާއްޖެ ހުޅުވައިލަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީޔާސީ ގުޅުން
20 April 2020
ގަތަރުން ތި ފްލައިޓް އަންނައިރު މެޑިކަލް ހަދިޔާއެއް ވެސް ނުލިބޭތޯ؟ ކީއްކުރާނީ ގަތަރާވެސް ވަނީ ބަޔަކަށް އަޅުވެތިވެ ސިޔާސީ ގުޅުން ކަނޑާލާފަ ވީއްޔާ.