އެންއީއޯސީން މިއަދު ބޭއްވި މީޑީއާ ބްރީފިންގައި އޭސީޕީ ނަވީން ނޫސްވެރިއެއްގެ ސުވާލެއް އަޑުއައްސަވަނީ.
26 އެޕްރީލް 2020 - 20:04
މުދާ ހިފައިގެން ރަށްރަށަށްދާ ބޯޓުތައް އެ ރަށްރަށް ކައިރި ކުރުމުގައި ދަތިތައް ދިމާވާކަމުގެ ޝަކުވާ ލިބޭތީ، އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ފުލުހުން މިއަދު އެދެފި އެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި މީޑިއާ ބްރީފިންގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ކޮވިޑް-19 ފެތުރޭތީ އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން، މުދާ ހިފައިގެން މާލެއިން ފުރުމުގެ ހުއްދަ ދެނީ ޝަރުތުތައް ފުރިހަމަ ވުމުން ކަމަށެވެ. ނަމަވެސް މުދާ ބޭލެނީ ވެސް ކައުންސިލްގެ ހުއްދައެއްގެ ދަށުން ކަމަށާއި އެކަމުގެ ސަބަބުން އެ ބޯޓުތަކަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމުގެ ޝަކުވާ ލިބޭ ކަމަށް ވިދާޅުވި އެވެ.
ބޯޓުތަކުން ގެންނަ މުދާ ބާލައި އުފުލުމަށް ނޯތު ހާބަރު ސަރަހައްދުގައި އިކޮނޮމިކް މިނިސްޓްރީން ވަނީ ހާއްސަ ސެންޓަރެއް ގާއިމުކޮށްފި އެވެ. ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުގެ ދަށުން، އެ ބޯޓުތައް ލަފަން ޖެހޭނީ ނޯތު ހާބަރަށެވެ.
ނަވީން ވަނީ ބޯޓުތައް ރަށްރަށަށް ލެފުމުގެ ހުއްދަ ދިނުމުގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސައްހަ މައުލޫމާތު ހޯދައިގެން އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން އެދިވަޑައިގެންފަ އެވެ. އެހެން ނޫން ނަމަ އެ ބޯޓުތަކުގައި ތިބި ފަޅުވެރިންގެ ވަގުތުތައް ވެސް ބޭކާރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެދެން ކައުންސިލްތަކުން ވެސް އެލްޖީއޭ މެދުވެރިވެގެން، އެލްޖީއޭއިން އެ ސައްހަ މައުލޫމާތު ހޯއްދަވައި އަދި އަމަލުކުރަންޖެހޭ އުސޫލުތަކާ އެއްގޮތުގެ މަތިން އެކަންކަން ކުރެއްވުމަށް. އެހެން ނޫން ކަމަށް ވަންޏާ ވަރަށް ގިނަ ވަގުތުތަކެއް އެބަދޭ އޮޑިވެރިންނަށް ވެސް އަދި އެ އޮޑީގައި ދަތުރުކުރާ ކްރޫންއިންގެ ވަގުތުތައް ވެސް ދޭ. އެހެންވެ އެކަންކަމަށް ސަމާލުކަން ދެއްވައިގެން ކުރުން ވަރަށް މުހިއްމު،" ދަރުބާރުގޭގައި ބޭއްވި މީޑިއާ ބްރީފިންގައި ނަވީން ވިދާޅުވި އެވެ.
މުދާ ބަލާ މާލެ އަންނަ ބޯޓުތަކުގައި ތިބޭ މީހުންނަށް މާލެއަކަށް ނުފޭބޭނެ އެވެ. އޭޓީއެމް ކަހަލަ ތަނަކަށް ދާން ޖެހުނަސް ހުއްދަ ހޯދައިގެން ދާންޖެހޭނީ ފުލުހަކާ އެކީގަ އެވެ.
ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދު ލޮކްޑައުންކޮށް އަދި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކުރުމާއި އެހެން ބައެއް ރަށްރަށް ލޮކްޑައުންކޮށްފައި ވާތީ މުދާ އުފުލުމުގައި ބޮޑެތި ދަތިތައް ދަނީ ކުރިމަތިވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްް
26 April 2020
އެމްޕީ ރިޔާޒް ލޮކްޑައުން ކޮށްފައިވަނިކޮށް ތިމަރަފުށިން މިއަދު މާލެ އައިގޮތް ފުލުހުން ތަހުގީގުކޮށްދެން އެބަޖެހޭ! މަޖިލިސްމެންބަރުން ގާނޫނު މުގުރަންފަށައިފި.