ކުޅިވަރު / އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް

ޔޫތު ޗެމްޕިއަންޝިޕުގެ ތަށި އީގަލްސް އިން ދިފާއުކޮށްފި

ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް ފަހު އީގަލްސް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ވީސްޕޯޓްސް

އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތަށި ކްލަބް އީގަލްސް އިން ދިފާއުކޮށްފި އެވެ.

މިއަދު ކުޅުނު މި މުބާރާތުގެ ފައިނަލު މެޗުން ޓީސީ ސްޕޯޓްސް ކްލަބްގެ މައްޗަށް އީގަލްސް އިން ކުރި ހޯދީ 5-3 އިންނެވެ. މިއީ އީގަލްސް އިން މި މުބާރާތް ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. މި މުބާރާތް އެންމެ ފަހުން ބޭއްވީ 2014 ވަނަ އަހަރު އެވެ. މިދިޔަ އަހަރު މި މުބާރާތް ނުބާއްވަ އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފް އީގަލްސް އިން ނިންމާލީ ދެ ލަނޑުން ކުރީގައި އޮވެގެންނެވެ. މި ހާފްގައި އީގަލްސް އިން ޖެހި ދެ ލަނޑު ވެސް ކާމިޔާބުކުރީ ހިލޭ ޖެހުމުންނެވެ. ފުރަތަމަ ހިލޭ ޖެހުން އަންސަރު އިބްރާހިމް (އަންކޮ) ކާމިޔާބުކުރީ މެޗުގެ 41 ވަނަ މިނިޓްގަ އެވެ. ދެ ވަނަ ލަނޑު ޖެހީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އަހުމަދު ރިޒުވާން (ރިޒޭ) އެވެ.

ދެ ވަނަ ހާފްގައި ޓީސީން ހަސަން ނާއިޒު (ދާދު) ކުޅެން އެރުވިނަމަވެސް ފިޓްނަސް ރަނގަޅު ނުވުމުން އޭނާގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ނުފެނެ އެވެ.

ދެ ވަނަ ހާފް ފަށައިގެން ހަތަރު މިނިޓް ތެރޭގައި އިބްރާހިމް އައިޝަމް ވަނީ އީގަލްސް އަށް ތިން ވަނަ ލަނޑެއް ޖަހައިދީފަ އެވެ. މެޗުގެ 49 ވަނަ މިނިޓްގައި އޭނާ މި ލަނޑު ޖެހީ ލިބުނު ކޯނަރަކުން ބޮލުންނެވެ.

އޭގެ ފަހުން ހަތަރު ވަނަ ލަނޑެއް ޖަހަން އީގަލްސް އިން ފޮނުވާލި ގިނަ ހަމަލާތަކެއް ޓީސީ ކީޕަރު އިބްރާހިމް ނާޖިހު ވަނީ މަތަކޮށްފަ އެވެ. އަންކޮ އީގަލްސްގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 57 ވަނަ މިނިޓްގަ އެވެ.

އީގަލްސް ހަތަރު ލަނޑުގެ ލީޑެއް ނެގުމުން ޓީސީ ވަނީ ކުރިއަށް ޖެހިގެން ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެ ޓީމުން 10 މިނިޓް ތެރޭގައި ދެ ލަނޑު ޖަހައިފަ އެވެ. މެޗުގެ 62 ވަނަ މިނިޓްގައި ޓީސީގެ ފުރަތަމަ ލަނޑު ޖެހީ އަލީ ހާފިޒު (އައްޔަ) އެވެ. އީގަލްސް އޭރިއާ ތެރެއިން އައްޔަ އަށް ލިބުނު ބޯޅަ އޭނާ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ޓީސީގެ ދެ ވަނަ ލަނޑު ޖެހީ ކެޕްޓަން އިބްރާހިމް ވަހީދު (އިއްބެ) އެވެ. މެޗުގެ 72 ވަނަ މިނިޓްގައި އީގަލްސް އޭރިއާ ބޭރުން އިއްބެ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ޓީސީން އެއްވަރުކުރަން ކުރިއަށް ޖެހިލި ވަގުތު އީގަލްސްގެ ފަސް ވަނަ ލަނޑު ޖެހީ ރިޒޭ އެވެ. މިއީ މި މެޗުގައި ރިޒޭ ޖެހި ދެ ވަނަ ލަނޑެވެ. މެޗުގެ 82 ވަނަ މިނިޓްގައި ރިޒޭ މި ލަނޑު ޖެހީ ޓީސީ ޑިފެންޑަރު މުހައްމަދު މާޒިން އާއި ކީޕަރު ނާޖިހު ކައިރިން ނައްޓާލުމަށް ފަހު އެވެ.

މެޗުގެ ފަހު ލަނޑު ޖެހީ ޓީސީންނެވެ. މެޗުގެ 87 ވަނަ މިނިޓްގައި ޓީސީ އަށް ލިބުނު ޕެނަލްޓީ އަކުން މި ލަނޑު ޖެހީ އައްޔަ އެވެ. މި ޕެނަލްޓީ އަކީ އީގަލްސް އޭރިއާ ތެރެއިން އެ ޓީމުގެ ޝިފާން ހަސަން އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މެޗުގެ ފަހު ވަގުތުގައި ޓީސީން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް އީގަލްސް ކީޕަރު އާދަމް އިމްއާން ވަނީ މަތަކޮށްފަ އެވެ.

މުބާރާތުގެ މޮޅު ކޯޗުގެ މަގާމު ލިބުނީ އީގަލްސްގެ އަހުމަދު ޝާކިރު (ޝާކިއްޓޭ) އަށެވެ. އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ އީގަލްސްގެ އިމްއާން އާއި އަންކޮ، ޓީސީގެ އައްޔަ އަދި މާޒިޔާގެ މުހައްމަދު އިންޝާލް އެވެ. ފެއާޕްލޭ ޓީމަކީ މާޒިޔާ އެވެ.

އެފްއޭއެމުން 2011 ވަނަ އަހަރު ބާއްވަން ފެށި މި މުބާރާތުގެ ޗެމްޕިއަންކަން އީގަލްސްގެ އިތުރުން ހޯދީ މާޒިޔާ، ވިކްޓަރީ އަދި ވެލެންސިއާ އެވެ.

1 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 13%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮންތަ

23 October 2016

އީގަލްސްގެ އިމާން އެއް ނޫނޭ އިމްއާން އޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454