ކޫޕާ އާއި ޖެނިފާ.
10 އޯގަސްޓް 2020 - 06:42
ހޮލީވުޑްގެ އެކްޓަރު ބެން އެފްލެކްގެ ކުރީގެ އަންހެނުން އަދި ބަތަލާ ޖެނިފާ ގާނާ އާއި އެކްޓަރު ބްރެޑްލީ ކޫޕާ މިހާރު އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ދެ ތަރިންގެ ގުޅުމުގެ ވާހަކަ މީޑިއާތަކަށް ތިލަވެ، އެ ވާހަކަ މިހާރު ވަރަށް ހޫނުކޮށް ދެކެވެމުން އަންނަނީ މަލިބޫ ބީޗްގައި ދެ ތަރިން އެކީގައި ވަގުތު ހޭދަކުރަނިކޮށް ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯ ވެސް ލީކްވެފައި ވަނިކޮށެވެ. ބައެއް މީޑިއާތަކުން ވެސް އާންމުކޮށްފައިވާ އެ ފޮޓޯތަކުން ޖެނިފާ އާއި ކޫޕާއާ އެކު ކުޑަ އަންހެން ކުއްޖަކު ވެސް ހުންނަ ތަން ފެނެ އެވެ.
ޓީއެމްޒީން ބުނީ އެ ކުއްޖާ އަކީ ކޫޕާ ކުރިން ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި މަޝްހޫރު މޮޑެލް އައިރީނާ ޝޭކަށް ލިބުނު އަންހެން ދަރިފުޅު ކަމަށެވެ.
މަލިބޫ ބީޗްގައި ކޫޕާ އާއި ޖެނިފާ.
ކޫޕާ އާއި އައިރީނާ 2018 ގައި އެ އަހަރު ކޫޕާ ޑައިރެކްޓްކުރި ފިލްމު "އަ ސްޓާ އިޒް ބޯން" ގެ ބަތަލާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ އާއި ކޫޕާއާ ދެމެދު ހާއްސަ ގުޅުމެއް އުފެދި އެ ދެ މީހުން ރައްޓެހިވެގެން އުޅޭކަމުގެ އަޑުތައް އަރާފައި ވަނިކޮށެވެ. ނަމަވެސް އެކަން ދޮގުކޮށް، ގާގާ މި އަހަރުގެ ކުރީކޮޅު ވަނީ ވިޔަފާވެރިޔާ މައިކަލް ޕޮލާންސްކީއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަށް ކަށަވަރުކޮށް ދީފަ އެވެ.
މަލިބޫ ބީޗްގައި ކޫޕާ އާއި ޖެނިފާ.
ކޫޕާ އާއި އައިރީނާ ވަކިވި ފަހުން ބަތަލާ ލައުރާ ޑާން އާއި ކޫޕާ ރައްޓެހިވިކަމުގެ އަޑުތަކެއް ވެސް އެރި އެވެ. އެކަމަކު އެ ވާހަކަ ލައުރާ ދޮގުކޮށްފައިވެ އެވެ.
މީޑިއާތަކުން ބުނީ ކޫޕާއާ ޖެނިފާ ގުޅުނީ ބެން އެފްލެކާ ވަކިވި ފަހުން ރައްޓެހިވި ޖޯން މިލާއާ ވެސް ރުޅިވިތާ ދުވަސްތަކެއް ފަހުން ކަމަށެވެ. ޓީއެމްޒީން ބުނެފައިވާ ގޮތުގައި ކޫޕާ، 45، އާއި ޖެނިފާ، 48، ގެ މެދުގައި ވަރަށް ބޮޑު ގާތްކަމެއް އޮންނަތާ މިހާރު އަހަރެއްހާ ދުވަސްވެދާނެ އެވެ. އެކަމަކު އެ ދެ މީހުންގެ ގާތް ބައެއް މީހުން ބުނެފައިވާ ގޮތުގައި އެކުވެރިކަމަކަށް ވުރެ ހާއްސަ ގުޅުމެއް ދެ މީހުންގެ ދޭތެރެއަކު ނެތެވެ. ނަމަވެސް މަލިބޫ ބީޗުން ތިލަވި ފޮޓޯތަކުން ދޭހަކޮށްދެނީ އެހެން މާނައެއް ކަމަށް މީޑިއާތަކުން ބުންޏެވެ.
އެ ދެ ތަރން ކުރިން އެކީގައި ފިލްމެއްގައި ވެސް މަސައްކަތްކޮށްފައިވެ އެވެ. އެއީ 2010 ގެ "ވެލެންޓައިންސް ޑޭ" ގަ އެވެ.
ޖެނިފާ އާއި އެފްލެކް 2018 ގައި ވަކިވި އިރު އެ ދެ މީހުންނަށް ތިން ދަރިން ލިބިފައިވެ އެވެ. އެފްލެކާ 2008 ގައި ކުރި ކައިވެންޏަކީ ޖެނިފާގެ ދެވަނަ ކައިވެންޏެވެ. އޭނާ އެންމެ ފުރަތަމަ ކައިވެނިކުރީ އެކްޓަރު ސްކޮޓް ފޯލީއާ އެވެ. ދެހާސް ވަނަ އަހަރު ކުރި އެ ކައިވެނި ރޫޅުނީ 2004 ގަ އެވެ.
އެފްލެކް، 47، މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ބަތަލާ އެނާ ޑި އާމިސް، 31، އާ އެވެ.
ކޫޕާ ވެސް ކުރިން ކައިވެންޏެއްކުރި އެވެ. އެއީ 2006 ގައި ޖެނިފާ އެޒްޕޮޒޮޓޯއާ އެވެ. އެ ކައިވެނި ރޫޅުނީ އޭގެ އަހަރެއް ފަހުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy