ފްލައިޓް މިސްވި އަފްޒަލް. ފޮޓޯ:ގަލްފްނިއުސް
09 އޯގަސްޓް 2020 - 13:18
ދުބާއީ (އޮގަސްޓް 9) - ދުބާއީން އިންޑިއާގެ ކޮޒިކޯޑުގެ އެއާޕޯޓަށް ހުކުރު ދުވަހު ދަތުރުކުރަން ހަމަޖެހިފައިވާ ބޯޓުން އަފްޒަލް ކޭޕީ އަށް ދަތުރު ނުކުރެވުނީ ދުބާއީގައި ގިނަ ދުވަހު ހުރުމުގެ ސަބަބުން ދައްކަން ޖެހުނު ޖޫރިމަނާއެއްގެ ސަބަބުން ކަމަށް އޭނާ ބުނެފި އެވެ.
އެ ޖޫރިމަނާ ދެއްކުމާއި ބޯޓު ފުރުމާ ދެމެދު އޭނާ އަށް ގެއްލުނީ އެންމެ ފަސް މިނިޓެވެ. އެކަމަކު އެ ޖޫރިމަނާ ދައްކަން ނެގި ވަގުތަކީ ލިބުނު އުފަލެއް ކަމަށް އަފްޒަލް މިހާރު ބުނެ އެވެ.
މިދިޔަ ހުކުރު ދުވަހު 1:35 ގައި އަފްޒަލް ހުރީ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ. ފްލައިޓް މިސްވުމުން އެކަމުގެ ހިތާމައިގަ އެވެ. ބޯޓު ފުރީ 1:30 ގަ އެވެ. ލަސްވި ފަސް މިނިޓަކީ ޖޫރިމަނާ ދައްކަން ނެގި ވަގުތެވެ.
އަބޫދާބީގައި ދިރިއުޅޭ އަފްޒަލް ބުނީ ވޯކް ވިސާ ހަމަވުމުން، ޖުލައި 10 ގައި އޭނާ ދުބާއީން ފުރަން ޖެހޭ ކަމަށެވެ.
"ކޮވިޑް-19 ގެ ސަބަބުން އަހަންނަށް އެނބުރި ގައުމެއް ދެވޭނެ ގޮތެއް ވެސް ނެތިފައި ހުރީ. އަހަރެން ދެން ނިންމީ ވިސާގެ މުއްދަތު އިތުރުކޮށް ޑިސެމްބަރުގެ ނިޔަލަށް ޔޫއޭއީގައި މަޑުކުރަން. ނަމަވެސް ރިޕާޓްރިއޭޝަން ފްލައިޓްތައް ބާއްވަން ފެށުމުން ގައުމަށް ދާން އަހަރެން ވެސް ހުށަހެޅިން،" އަފްޒަލް ބުންޏެވެ.
އެތައް ދުވަހެއްގެ އިންތިޒާރަށް ފަހު އޮގަސްޓް 7 ގައި ދަތުރު ކުރަން އޭނާ އަށް ޓިކެޓް ލިބުނެވެ.
"އަހަރަކަށް ވުރެ ގިނަ ދުވަހަށް ފަހު އެނބުރި އިންޑިއާ އަށް ދެވޭތީ އަހަރެން ހުރީ ވަރަށް އުފަލުން. އަހަރެންގެ އާއިލާ އިން ނިންމާފައި ވަނީ ކަރަންޓީނުގެ މުއްދަތު ނިމުމުން އަހަރެން ކައިވެނި ކުރާނެ ތާރީޚު ވެސް ހަމަޖައްސަން،" އަފްޒަލް ކިޔައިދިނެވެ.
އޮގަސްޓް 6 ގައި ޝާރްޖާ އަށް ގޮސް ޖެހިގެން އައި ދުވަހުގެ 8:30 އަށް ދުބާއީ އެއާޕޯޓަށް ދާން އޭނާ ނިންމި އެވެ. ލޭގެ ޓެސްޓް ހަދައި ބޯޑިން ޕާސް ވެސް އޭނާ އަށް ލިބުނެވެ. ސީޓް ނަމްބަރަކީ 18ސީ އެވެ.
"އަހަރެން ހުރީ އިމިގްރޭޝަން ކައުންޓަރުގައި. އަހަރެންގެ ކުރީގައި ހުރި މީހާ ބޯޑިން އަށް ފޮނުވި އިރު، އަހަރެން ހިފެހެއްޓީ. އޮފިޝަލުން ބުނީ އޯވަސްޓޭވުމުގެ ސަބަބުން 1،000 ދިރުހަމް ދަންޖެހޭ ކަމަށް. ފުރޭނީ އެ ފައިސާ ކްލިއާކޮށްގެން ކަމަށް އަހަރެންނަށް އެންގި،" އަފްޒަލް ބުންޏެވެ.
ޖޫރިމަނާ ދެއްކޭ ވަރަށް އަފްޒަލް އަތުގައި ފައިސާއެއް ނެތެވެ. އޭނާގެ އަތުގައި އޮތީ 500 ދިރުހަމް އެވެ. ހެނދުނު 10 އިން މެންދުރު 12 އަށް ޕާސްޕޯޓް ކޮންޓްރޯލްގައި ހުރެގެން ޖޫރިމަނާގެ ކަންތައް ހައްލު ކުރެވޭތޯ އޭނާ މަސައްކަތް ކުރި އެވެ.
"އެންމެ ފަހުން އެ މީހުން އެއްބަސްވި ޖޫރިމަނާ ނުދައްކާ ފުރިދާނެ ކަމަށް. އެކަމަކު އެނބުރި އަންނަ އިރު އެ މައްސަލަ ދިމާވާނެ ކަމަށް ބުނި. އެކަމަކު އެ ގޮތަށް އަހަރެންނަކަށް އެއްބަހެއް ނުވެވުނު. އެހެން ވަޒީފާއެއް ލިބިފައިވާތީ ދެ މަސްތެރޭ އެނބުރި އަންނަން އަހަރެން ބޭނުންވޭ،" އަފްޒަލް ބުންޏެވެ.
އަފްޒަލްގެ ރައްޓެއްސަކަށް ގުޅީ 1:15 ގަ އެވެ. އޭނާގެ ރަހުމަތްތެރިޔާ ވަނީ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެއާޕޯޓަށް ފައިސާ ފޮނުވައިދޭނެ ކަމަށް ބުނެފަ އެވެ. އެކަމަކު އަފްޒަލްގެ ރަހުމަތެރިއާ އަށް ފައިސާ ހިފައިގެން އެއާޕޯޓަށް ދެވުނީ 1:30 ގަ އެވެ. ޖޫރިމަނާ ދައްކާ ނިމުނީ 1:35 ގަ އެވެ. އެކަމަކު އޭރު ލަސްވެއްޖެ އެވެ.
އެއާޕޯޓް އޮފިޝަލުން ބުނީ ބޯޓު ނައްޓާލަނީ ކަމަށެވެ. އެހެން ފްލައިޓަކުން ޓިކެޓް ބުކް ކުރުމަށް އޮފިޝަލުން ބުންޏެވެ.
ދުބާއީގައި ދިރިއުޅޭ އަފްޒަލްގެ ތިމާގެ މީހެއްގެ ގެއަށް ގޮސް މެންދުރު ކައިގެން އޭނާ އޮށޯތީ ނިދާށެވެ. އިރުއޮއްސުނު ފަހުން އޭނާ އަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. އެއީ އަފްޒަލްގެ ރަހުމަތްތެރިޔާގެ ކޯލެކެވެ. އޭނާ ގުޅާފައި ބުނީ އަފްޒަލް އަށް މިސްވި ބޯޓު ކޮޒިކޯޑުގައި ޖައްސަނިކޮށް ރަންވޭ މަތިން ކަހާލައިގެން ގޮސް ވެއްޓިފައިވާ ކަމަށެވެ. އެ ހާދިސާގައި ވަނީ 18 މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޝް
10 August 2020
ރާއްޖޭގަ މި އުޅޭ ބަންގުން ވޯރްކް ވިސާ ހަމަ ވިޔަސް ހިތު ހުރި ދުވަހަކު ހިތު ހުރި ގޮތަކަށް އުޅެވޭ! އެމީހުން ދައްކާ ޖޫރިމަނާ އެއް ޓެކުހެއް ނެތް! ޓޫރިސްޓް ވިސާ ގަ އައިސްފަ ވެސް އުމުރު ދުވަހު އެބައުޅޭ މިތާ! ދެން ދިވެހިންގެ ވަޒީފާ ތަކުގަ ޓެކްސް ނުދައްކާ ވިސާ ފީ ވެސް ނުދައްކާ އެއުޅެނީ! ދިވެހިން އަތުން ބޮޑު ޓެކްސް މި ނަގަނީ! ދިވެހިން ޖޫރިމަނާ ވެސް މި ކުރަނީ! ނޫސް ވެރިން ވއްޖެ ނުން މި ވާހަކަ ލިޔަން!
ޝިޔާމް
09 August 2020
ހުރިހާ ކަމެއް ތަދުބީރުކުރައްވާ މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރޭއްވެވުން ފުރިހަމަކަން.
ސިމް ސިކުނޑި
10 August 2020
18 މީހުނޯ
ހެޔޮ ހިތުން
09 August 2020
އަޖާއިބުން ފުރިފައިވާ ތަޖްރިބާ ތަކެވެ. ޣައިބު ދެނެވޮޑިގެން ވަނީ ހަމަ އެކަނި ﷲ އެވެ. ދެރަ ކަމެކޭ ހީކުރާ ކަންތަށް މޮޅު ކަމަކަށް ވެ އެވެ. މޮޅު ކަމެކޭ ހީކުރާ ކަން ތަށް ބަދު ނަސީބަކަށް ވެއެވެ. އަފްޒަލް ޖެހޭނީ ﷲ އަށް ޝުކުރު އަދާ ކުރާށެވެ. ނަސީބެކޭ ބުނުމަކުން ނުފުދެއެވެ.