01 ސެޕްޓެމްބަރ 2020 - 12:58
ތިލަފުށީ ކައިރިން އިއްޔެ ފެނުނީ، އެ ރަށުގެ ސައިޓެއްގައި މަސައްކަތްކުރާ ބިދޭސީއެއްގެ ހަށިގަނޑު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ތިލަފުށީ ބޭރު ކަނޑުމަތިން، މަރުވެފައި އޮއްވާ ފެނުނީ އެ ރަށުގައި މަސައްކަތްކުރާ ނޭޕާލްގެ 31 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެކަމުގައި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުންނަށް ހުށަހެޅީ އިއްޔެ ހެނދުނު 8:30 ހާއިރެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ލިބިފައި ނުވާތީ، ބިދޭސީ މީހާގެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރި ކަމެއް ނުވަތަ ނޫންކަމެއް ވެސް ނޭނގެ އެވެ.
ސިނާއީ ކަންކަންކުރުމަށް ތިލަފުށީގައި އެކި ކުންފުނިތަކުން ބިން ކުއްޔަށް ނަގައިގެން މަސައްކަތް ކުރެ އެވެ. އެ ރަށުގައި ވަރަށް ގިނަ ބިދޭސީންގެ އެކޮމަޑޭޝަން ވެސް ހަމަޖައްސައިފައި ހުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy