މުނިފޫހިފިލުވުން / އެވަޓާ ސިލްސިލާ

"އެވެޓާ 2" ގެ ޝޫޓިން ނިންމާލައި، ތިނެއް ވެސް ނިމުމަކާ ގާތަށް

28 ސެޕްޓެމްބަރ 2020 - 08:35

ރިލީޒްކުރުން އެތައް ފަހަރަކު ފަސްކޮށްފައިވާ، ޑައިރެކްޓަރު ޖޭމްސް ކެމެރަންގެ "އެވެޓާ" ގެ ހަތަރު ފިލްމެއް ގެނެސްދޭން އަމާޒު ހިފާފައިވާ އިރު، އޭގެ ތެރެއިން "އެވެޓާ 2" ގެ ޝޫޓިން އެއްކޮށް ނިންމައިލުމަށް ފަހު މިހާރު ތިނެއްގެ ވެސް ބޮޑުބައި ނިމިފައިވާ ކަމަށް ބުނެފި އެވެ.

މި އަހަރުގެ "އޮސްޓްރިއަން ވޯލްޑް ސަމިޓް އެންވަޔަރަމަންޓް ކޮންފަރެންސް" ޕްރޮމޯޓްކުރަން އެކްޓަރު އާނޯލްޑް ޝްވެޒްނެގާ ކުރިއަށް ގެންދާ ކެމްޕޭނުގެ ތެރެއިން ކެމެރަންއާ އެކު ކުރިއަށް ގެންދިޔަ އިންޓަވިއު ސެޝަނެއްގައި "އެވެޓާ" ގެ ސީކްއެލްތަކާ ބެހޭ ވާހަކަތައް ހިއްސާކުރަމުން، "ޓައިޓޭނިކް" ވެސް ގެނެސްދިން ކުޅަދާނަ ޑައިރެކްޓަރު ބުނީ ނިއު ޒިލެންޑްގައި "އެވެޓާ 2" ގެ ޝޫޓިން އެއްކޮށް ނިންމާލައި މިހާރު، ތިން ވަނަ ބައިގެ ޝޫޓިންގެ ވެސް 95 ޕަސަންޓް ނިމިފައިވާ ކަމަށެވެ.

"އެވެޓާ 2" ގެ ޝޫޓިން ނިންމާލީ ކޮވިޑް-19 އާ ހެދި މާޗް މަހުގެ ތެރޭގައި ޝޫޓިން މެދުކަނޑާލާފައި އޮތުމަށް ފަހު، މިދިޔަ ޖޫން މަހުގެ ފަހުކޮޅު އަލުން ފަށާފައި ވަނިކޮށެވެ.

ކެމެރަންގެ "ޓާމިނޭޓާ" ގެ ތަރި އާނޯލްޑަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ކޮވިޑްގެ ބަލިމަޑުކަމާ ހެދި "އެވެޓާ" ގެ މަސައްކަތްތައް ލަސްވުމަކީ އެއްގޮތަކަށް ވެސް ބޭނުންވި ކަމެއް ނޫނެވެ. އަދި މިކަމާ ހެދި ފިލްމުގެ ކުރިއަށް ހުރި ބައިތައް ރިލީޒްކުރުން ފަސްކުރަން ޖެހުމަކީ ވަރަށް ވެސް ހިތްދަތިވި ކަމެއް ކަމަށް ބުންޏެވެ. ސަބަބަކީ "އެވެޓާ" ގެ ސީކްއެލްތަކަށް ބެލުންތެރިން އިންތިޒާރުކުރަމުން އަންނަނީ 2018 އިން ފެށިގެން ކަމަށްވާތީ އެވެ.

"އެވެޓާ" އަކީ 2009 ގައި ގެނެސްދިން ފިލްމެކެވެ. އަދި އެ އެ ފިލްމަކީ މި ވަގުތު ބޮކްސް އޮފީހުގެ އާމްދަނީ ރޭހުގައި ދެވަނައިގައި އޮތް ފިލްމެވެ.

ކެމެރަން ބުނީ "އެވެޓާ" ގެ ސީކްއެލްތައް ފަސްވުމަކީ އެއްގޮތަކުން ރަނގަޅެއް ކަމަށެވެ. ސަބަބަކީ ފިލްމުތައް ފުރިހަމަކުރަން އިތުރު ވަގުތު ލިބޭނެތީ އެވެ. އެހެންވެ ބެލުންތެރިންގެ އުންމީދަށް ވުރެ ވެސް ފުރިހަމަކޮށް ފިލްމުތައް ގެނެސްދޭން އޭނާގެ ޓީމުން މަސައްކަތްކުރާނެ ކަމަށް ބުންޏެވެ.

"ވަރަށް ހިތްހަމަޖެހޭ މިހާތަނަށް ކުރެވިފައި ހުރި މަސައްކަތްތަކާ ދޭތެރޭ. މިހާރު މަސައްކަތްތައް ގޮސްފައި އޮތް ހިސާބަށް ބަލާ އިރު އެވެޓާ ދޭއްގެ ޝޫޓިންގެ ސަތޭކަ ޕަސަންޓް ނިމި، ތިނެއްގެ ޝޫޓިންގެ ބާކީ އޮތީ ފަސް ޕަސަންޓް،" ކެމެރަން ބުންޏެވެ. "އަހަރެމެން ވަރަށް އުފާވެސް ކުރަން ނިއު ޒިލެންޑްގައި އެވެޓާގެ ސީކްއަލްތައް ޝޫޓްކުރަން ނިންމުނީތީ."

މިހާރު ތާވަލުކޮށްފައިވާ ގޮތުން ނަމަ "އެވެޓާ 2" ސިނަމާތަކަށް އަންނާނީ ޑިސެމްބަރު 16، 2022 ގަ އެވެ. ކުރިއަށް ހުރި ބައިތަކަށް ބަލާ އިރު "އެވެޓާ 3" ޑިސެމްބަރު 20، 2024 އަށް ތާވަލުކޮށްފައިވާ އިރު، "އެވެޓާ 4" ސިނަމާތަކަށް ގެންނާނީ ޑިސެމްބަރު 19، 2025 ގަ އެވެ. އަދި "އެވެޓާ 5" ރިލީޒްކުރާނީ ޑސެމްބަރު 22، 2028 ގަ އެވެ.

"އެވެޓާ 2" ގެ ކާސްޓުންގެ ތެރޭގައި ޕްރިކްއަލްގެ ކާސްޓްގައި ވެސް ހިމެނުނު ސޭމް ވޯތިންޓަނާއި ޒޯ ސަލްޑަނާ އާއި ސިގޯނީ ވީވާ އާއި ސީސީއެޕް ޕައުންޑާއި ސްޓެގެން ލޭންގް އާއި އަލަށް ކާސްޓާ ގުޅުނު "ޓައިޓޭނިކް" ގެ ބަތަލާ ކޭޓް ވިންސްލެޓާއި އާއި ކްލިފް ކާޓިސް އާއި ބްރިޓްން ޑާލްޓާން ފަދަ ތަރިން ހިމެނެ އެވެ.

"އެވެޓާ 2" 250 މިލިއަން ޑޮލަރުގެ ބަޖެޓަކުން ގެނެސްދޭ އިރު، ސީކްއެލްތަކަށް ޖުމްލަ 1 ބިލިއަން ޑޮލަރު ހަރަދުކުރާނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454