ދުނިޔެ / ރައީސް ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕްގެ އާންމު ވާހަކަ: "މިއީ އެއްވެސް ކަމެއް ނޫން"

ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ ބައެއް ސަޕޯޓަރުންނާ ވާހަކަ ދައްކަވަނީ: ކޮރޯނާވައިރަސް އަކީ މާ ބޮޑު ނުރައްކަލެއް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވި

02 އޮކްޓޯބަރ 2020 - 15:56

2 comments

ކޮރޯނާވައިރަސްގެ އަލާމާތްތައް އެމެރިކާ އިން ފުރަތަމަ ދައްކާލުމާ އެކު، ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެއީ އެ ގައުމަށް އޮތް ނުރައްކަލެއް ނޫން ކަމަށެވެ.

މިއަދާ ހަމައަށް އެމެރިކާ އިން އެކަނި 7.3 މިލިއަން މީހުންނަށް ބަލި ޖެހި، 200،000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

މާސްކް އެޅުއްވުމާ ދެކޮޅުހެއްދެވި އެވެ. މާސްކްއާ އެކު ހުންނަވަނިކޮށް ފޮޓޯ ނަގާކަށް ބޭނުމެއް ނުވެ އެވެ. ރިޔާސީ އިންތިހާބުގެ ވާދަވެރިޔާ ޑިމޮކްރެޓިކް ޕާޓީގެ ޖޯ ބައިޑަން، މާސްކް އަޅުއްވާތީ އެކަމަށް މަލާމަތްކުރެއްވި އެވެ.

އެކަމަކު ހާލަތު ރަނގަޅު ނުވެ ގޯސްވާން ފެށުމުން މާސްކް އަޅަން އާންމުންގެ ކިބައިން އެދިވަޑައިގަތެވެ. އަދި ބައެއް ހަފުލާތަކުގައި ޓްރަމްޕް ވެސް މާސްކާ އެކު ފެނެ އެވެ.

"އާންމު ސިއްހަތުގެ ފައިދާއަށް މާސްކް އަޅަން ސީޑީސީން ވަނީ އިރުޝާދު ދީފައި. އެއީ އަމިއްލަ އިހުތިޔާރުގައި އޮތް ކަމެއް. ކަލޭމެން ކޮންމެހެން އަޅާކަށް ނުޖެހޭ. އަހަންނަކަށް ހިއެއްނުވޭ އަހަރެން މާސްކެއް އަޅާނެހެންނެއް،" ވައިޓް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެޕްރީލް 3 ވަނަ ދުވަހު، ޓްރަމްޕް ވިދާޅުވި އެވެ.

މޭ 21 ގައި ފޯޑްގެ ފެކްޓަރީއަކަށް ޓްރަމްޕް ޒިޔާރަތްކުރެއްވި އެވެ. އެކަމަކު ނޫސްވެރިންނަށް ފެނުނީ މާސްކް ނާޅުއްވާ ހުއްޓަ އެވެ.

"މި ތަނުގެ ފަހަތުގައި ހުރި އިރު އަހަރެން އެއްޗެއް [މާސްކްއެއް] އެޅިން. އަހަރެން ބޭނުމެއް ނޫން ނޫސްވެރިންނަށް އެ ފެނުމުގެ އުފާ ލިބޭކަށް،" ޓްރަމްޕް ވިދާޅުވި އެވެ.

އޮގަސްޓް 13 ގައި މާސްކްއާ ބެހޭ ގޮތުން ދެއްކެވި ވާހަކަ ވެސް ކުރިއަށް ގެންދެވީ "ރަނގަޅު، ނުރަނގަޅު،" އެކަހަލަ ބީދައަކުންނެވެ.

"އެމެރިކާގެ ރައްޔިތުންގެ ކިބައިން އަހަރެމެން އެދެފިން މާސްކް އަޅަން އަދި އެއީ ގައުމީވަންތަ ކަމެއް ކަމަށް ވެސް. ފަހަރެއްގައި މާސްކަކީ ވަރަށް، ވަރަށް ރަނގަޅު އެއްޗަކަށް ވެސް ވެދާނެ، ނުވަތަ ރަނގަޅު އެއްޗަކަށް ވެސް ވެދާނެ، ނޫނީ ރަނގަޅު އެއްޗަކަށް ނުވެ ވެސް ހިނގައިދާނެ،" ޓްރަމްޕް ވިދާޅުވި އެވެ.

މިދިއަ ބުދަދުވަހު އޮތް ރިޔާސީ ބަހުސްގައި، ބައިޑިންގެ ކުރިމަތީގައި ހުންނަވާފައި ވެސް، މާސްކްއާ ބެހޭ ގޮތުން މަލާމަތްކުރެއްވި އެވެ. އެކަމަކު ބައިޑިންއަށް އަމާޒުކުރެއްވުމުގެ ކުރިން ވިދާޅުވީ މިހާރު ވެސް އަތްޕުޅުގައި މާސްކްއެއް އޮތް ކަމަށެވެ.

"ބޭނުން ޖެހިއްޖެއްޔާ އަހަރެން މާސްކް އަޅަން. އެކަމަކު އޭނާ އަޅުއްވާ ގޮތަކަށް ނޫން،" ޓްރަމްޕް ވިދާޅުވި އެވެ.

"ކަލޭމެންނަށް އޭނާ ފެންނަ ކޮންމެ ފަހަރު ހުންނަވާނީ މާސްކްގައި. ވާހަކަ ދައްކަވާ މީހުންނާ 200 ފޫޓު ދުރުގައި ހުންނެވިޔަސް، މާސްކް އަޅުއްވައިގެން، އަދި އެއީ އަހަންނަށް ފެނުނު އެންމެ ބޮޑު މާސްކް."

ބައްޔަކީ މާ ބޮޑު ބިރެއް ނޫން

ކޮރޯނާވައިރަސް ދުނިޔެއަށް ފެތުރެން ފުރަތަމަ ފެށި އިރު ވެސް ޓްރަމްޕް ގަބޫލުކުރެއްވީ އެއީ މާ ބޮޑު ނުރައްކަލެއް ނޫން ކަމަށެވެ. އެގޮތުން ޖެނުއަރީ 22 ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، ބަލިމަޑުކަމާ މެދު އެއްވެސް ކަންބޮޑުވުމެއް އޮތްތޯ، ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ "ނޫން، އެއްގޮތަކަށް ވެސް ނޫން،" ކަމަށެވެ.

"އަހަރެމެން ކިތައްމެ ރަނގަޅަކަށް ވެސް އެ ކޮންޓްރޯލްކުރާނަން."

އެމެރިކާއިން ފުރަތަމަ ފެނުނު ކޭސްތަކާ ގުޅިގެން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި "އެއީ އެންމެ ފަސް ކޭސް" އެވެ.

"އެ އެންމެން ވެސް ކާމިޔާބުކަމާ އެކު ރަނގަޅު އެބަ ވޭ،" ޓްރަމްޕް ވިދާޅުވި އެވެ.

ފެބްރުއަރީ 26 ގައި، އެމެރިކާގެ ސިއްހީ ދާއިރާގެ އިސް އޮފިޝަލުންނާ އެކު ހުންނަވައި، ޓްރަމްޕް ދެން ވެސް ވިދާޅުވީ އެމެރިކާއަށް ބަލީގެ ނުރައްކާ ވަރަށް ކުޑަ ކަމަށެވެ.

"އަހަރެމެންނަށް ލިބިފައި ވަނީ ދުނިޔެއިން ވެސް އެންމެ މޮޅު ތަޖުރިބާކާރުން، މި ތިބީ އެ މީހުން،" ޓްރަމްޕް ވިދާޅުވި އެވެ.

މާޗު މަސް އައިއިރު އެމެރިކާގައި ބަލި ފެތުރުން އޮތީ މައްޗަށް ދާން ފަށައިފަ އެވެ. އެކަމަކު އަމިއްލަ ގޮލްފް ހޮޓަލުގައި ހުންނަވައި ނޫސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި "ވައިޓް ހައުސް އާއި ވޮޝިންޓަނަށް ވައިރަސްގެ ނުރައްކާ އޮވެދާނެތީ ކަންބޮޑުވެވަޑައިނުގަންނަވާތޯ" ސުވާލުކުރުމުން ދެއްވީ ކުރީގެ ވެސް ފަސޭހަ ޖަވާބެވެ.

"ނޫން، އަހަރެން އެއްގޮތަކަށް ވެސް ކަންބޮޑެއްނުވޭ. އެއްގޮތަކަށް ވެސް. އަހަރެމެން މި އަންނަނީ ވަރަށް ރަނގަޅު މަސައްކަތެއް ކުރަމުން."

2 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަބަރު

03 October 2020

އާނ ބޮޑުކަމެއްނޫން. އެމެރިކާ. ބަލިޖެހުނު 7225504 މަރު 207074 މަރު ރޭޓް 63.3 ބްރަޒީލް ބަލިޖެހުނު 4847092 މަރު 144680 މަރު ރޭޓު 69.1 އިންޑިއާ ބަލިޖެހުނު 6394068 މަރު 99773 މަރު ރޭޓު 7.3 ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީ މޭރީ ލޭންޑް ޔޫއެސްއޭ އިން އިއްޔެގެ ތާރީޚާ ހަމައަށް ކޮށްފައިވާ އަޕްޑޭޓް. ކަމެއް ނޫންކަން ކަށަވަރުވެ ޔަގީންވެއްޖެނޫން. ދިވެހިންގެ ބަޔަކުވެސް މިކަހަލަ ވާހަކަދައްކާ. ފެންނަ އެއްޗެއްނޫން. ހަގީގަތެއްނޫން. އެންމެ ބޮޑު ހަގީގަތް ﷲ ވެސް ނުފެނޭ.

The name is already taken The name is available. Register?

ބީކޫލްދޯ

02 October 2020

ކޮވިޑް ބައްޔަކީ ޓްރަމްޕް ވިދާޅުވާ ގޮތަށް އެއީ މާބޮޑު ކަމެއް ނޫނޭ ކޮވިޑް ބަލި ޖެހުމުން ބޭސް ފަރުވާ ކުރާނީ ބޭސް ފަރުވާ ކޮށްގެން ރަނގަޅު ނުވި ނަމަ މަރުވާނީއޭ މަރުވީމާ ސަންދޯކަކަށް ލައިގެން ގޮސް ވަޅުލީމާ ހުންނާނީ ރަނގަޅަށޭ ދޯ ދިސް އިޒް އިޓް ނަތިންގް ޓު ވޮރީ ބީ ކޫލް ބޯއިސް އެން ގާރލްސް ދޯ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454