އީރާނުގެ ޖަސްޓިސް މިނިސްޓަރު މުސްތަފާ ޕޫމުހައްމަދީ. --ފޮޓޯ:އޭއެފްޕީ
30 އޮކްޓޯބަރ 2016 - 13:35
ތެހެރާން (އޮކްޓޯބަރު 30) - ކުށްކުރާ މީހުންނަށް މަރުގެ އަދަބު ދިނުމުގެ ބަދަލުގައި އެއަށް ވުރެ "ލުއި އެކަށީގެންވާ އެހެން އަދަބެއް" ދިނުމަށް އީރާނުގެ ޖަސްޓިސް މިނިސްޓަރު މަސައްކަތް ކުރައްވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.
ތަސްނީމް ނިއުސް އެޖެންސީން ބުނީ ޖަސްޓިސް މިނިސްޓަރު މުސްތަފާ ޕޫމުހައްމަދީ ދެކެވަޑައިގަންނަވާ ގޮތުގައި މަރުގެ އަދަބު ލިބޭ ކުށްތައް މުރާޖައާ ކުރަންޖެހޭ ކަމަށެވެ.
"ކުށްތަކަށް އެންމެ އެކަށީގެންވާ އަދަބެއް ދިނުމަށް ބޭނުންވޭ. އޭރުން މަރުގެ އަދަބުގެ ބަދަލުގައި އެހެން އަދަބެއް ދެވިދާނެ،" ޕޫމުހައްމަދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަރުގެ އަދަބަކީ "ކޮރަޕްޓް މީހުންނަށް" ދޭން ޖެހޭ އަދަބެއް ކަމަށެވެ. އަދި މަރުގެ އަދަބު ދިނުމަކީ އަދިވެސް އެޖެންޑާގައި އޮތް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މަރުގެ އަދަބު ދިނުން އުވަލެއް ނުލެވޭނެ. މި ގައުމުގައި ވެސް ކޮރަޕްޓް މީހުން އެބައުޅޭ. އެ މީހުންނަށް އޮންނާނީ ހަމަ މަރުގެ އަދަބު،" ޖަސްޓިސް މިސްޓަރު ވިދާޅުވި އެވެ.
އީރާނުން މިދިޔަ އަހަރު 977 މީހުންނަށް މަރުގެ އަދަބު ދީފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ބުނެފައިވެ އެވެ. މީގެ ތެރޭން ގިނައީ މަސްތުވާތަކެއްޗާ ގުޅުން ހުރި ކުށްތަކުގައި އަދަބު ދިން މީހުންނެވެ. އީރާނުން 2014 ވަނަ އަހަރު ވަނީ 743 މީހުންނަށް މަރުގެ އަދަބު ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަކުރު އެންޑް ޒުބޭރް
30 October 2016
ތިވަރަށް ސަކަރާތްވީ.