ބީއެމްއެލް ހެޑް އޮފީސް: އެ ބޭންކުގެ ހައުސިން އާއި ޕާސަނަލް ލޯނުތަކުގެ އިންޓްރެސްޓް ރޭޓުތައް ވަނީ ކުޑަކޮށްފައި-- ފޮޓޯ: މިހާރު
01 ނޮވެމްބަރ 2020 - 11:28
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އަލަށް ނަގާ ޕާސަނަލް ލޯނާއި ހައުސިން ލޯނު އަދި ފައިނޭންސްގެ އިންޓްރެސްޓް ރޭޓް މިއަދުން ފެށިގެން ކުޑަކޮށްފި އެވެ.
މި ގެނެވުނު ބަދަލާއެކު ލުއި އެކްސްޕްރެސް ލޯނުގެ އިންޓްރެސްޓް ރޭޓް ވަނީ 18 ޕަސެންޓުން 15 ޕަސެންޓަށް ކުޑަކޮށްފަ އެވެ. އަދި ޝަރުތު ހަމަވާ ކަސްޓަމަރުންނަށް އެއްވެސް ރަހުނަކާ ނުލައި 300،000 ރުފިޔާއާ ހަމައަށް ލޯނު ލިބޭނެ އެވެ.
މީގެ އިތުރުން ގަވާއިދުން މުސާރަ ނުލިބޭ މީހުންނަށް ދޫކުރަމުން އަންނަ ލުއި މައިކްރޯ ލޯނުގެ ރޭޓު ވެސް މިހާރު ވަނީ 12 ޕަސެންޓަށް ކުޑަކޮށްފަ އެވެ. ކުރިން މި ލޯނު ދޫކުރަމުން އައީ 13 ޕަސެންޓުގެ އިންޓްރެސްޓު ރޭޓުގަ އެވެ.
ބީއެމްއެލުން ބުނިގޮތުގައި އާމްދަނީގެ ގޮތުގައި ކުލި ލިބޭ ގެދޮރުވެރިންނަށް އަމާޒުކޮށްގެން ދޫކުރާ ބީއެމްއެލް ލައިފްސްޓައިލް ލޯނު ވެސް ރަހުނަކާ ނުލައި ކުރިން 18 ޕަސެންޓު އިންޓްރެސްޓުގައި ލިބޭއިރު މިހާރު ލިބޭނީ 15 ޕަސެންޓް އިންޓްރެސްޓް ރޭޓުގަ އެވެ. އެގޮތުން މި ކެޓަގަރީން ކަސްޓަމަރުންނަށް 300،000 ރުފިޔާއާ ހަމައަށް ލޯނު ދޫކުރާއިރު 300،000-1.5 މިިއަން ރުފިޔާއާ ދެމެދުގެ ލޯނު ނަގާ ކަސްޓަމަރުންނަށް ކުރިއެކޭ އެއްގޮތަށް ރަހުނާ އެކު 12 ޕަސެންޓު، އިންޓްރެސްޓުގައި ލޯނު ދޫކުރާނެ އެވެ.
ބީއެމްއެލްގެ ހައުސިން ލޯނު ޕޯޓްފޯލިއޯއަށް ބަލާއިރު މިހާރު ވަނީ އިންޓްރެސްޓް ރޭޓު 11 ޕަސެންޓުން 10 ޕަސެންޓާ ހަމައަށް ދަށްކޮށްފަ އެވެ. މިއީ މިވަގުތު ރާއްޖޭގެ އެންމެ ކުޑަ އިންޓްރެސްޓް ރޭޓެވެ. މި ރޭޓުގައި ބޭންކުން ލޯނު ދޫކުރާނީ "ހޯމް ޕާޗޭސް ލޯން" (ގެދޮރު ގަތުމަށް ދޫކުރާ ލޯނު) އަދި "ހޯމް ކޮންސްޓްރަކްޝަން ލޯން"ގެ ތެރެއިން 50 ޕަސެންޓް އަމިއްލައަށް ހަރަދުކޮށްފައިވާ ޕްރެޖެކްޓްތަކަށެވެ.
ވިޔަފާރީގެ އުސޫލުން ގެދޮރު އިމާރާތްކުރާ ފަރާތްތަކަށް ދޫކުރާ "ރިއަލް އެސްޓޭޓް ލޯން"ގެ ރޭޓު މިހާރު ވަނީ 10.5 ޕަސެންޓަށް ކުޑަކޮށްފަ އެވެ. މި ލޯނު ކުރިން ދޫކުރަމުން އައީ 12 ޕަސެންޓުގެ އިންޓްރެސްޓް ރޭޓުގަ އެވެ.
ބީއެމްއެލްގެ ޑިރެކްޓާ އޮފް ރީޓެއިލް އަދި އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ ބީއެމްއެލް އިސްލާމިކްގެ ލޯނުތައްވެސް މި ރޭޓުތަކާ އެއްގޮތަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން އެ ބޭންކުގެ ކަސްޓަމަރުންނަށް މާލީ އެހީތެރިކަން ހޯދުމަށް ލުއިފަސޭހަވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަދު އާންމުކުރެވުނު ބަދަލުތަކަށް ބަލާއިރު އަގުތައް 15 ޕަސެންޓަށް ކުޑަކުރެވި، ބޭންކުގެ ލޯނު ޕޯޓްފޯލިއޯ އަށް މިވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައި. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އަޅުގަނޑުމެންގެ ކަސްޓަމަރުން ކޮވިޑް-19އާ ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލަމުންދާއިރު އަލަށް ކަނޑައެޅުނު ރޭޓުތަކުގެ ސަބަބުން ކަސްޓަނަރުންނަށް މާލީ އެހީތެރިކަން ހޯދުމަށް ލުއިފަސޭހަވެގެންދާނެ." މޫސާ ނިމާލް ވިދާޅުވި އެވެ.
ބީއެމްއެލުން ވަނީ އެ ބޭންކުން ދޫކުރާ ލޯނުތަކާއި ފައިނޭންސްތަކަށް އިތުރު ބަދަލުތަކެއް ގެންނާނެ ކަމަށް ބުނެފަ އެވެ. މި ބަދަލުތަކާ ގުޅޭ މައުލޫމާތު ކުރިއަށް ހުރި ހަފްތާތަކުގެ ތެރޭގައި ކަސްޓަމަރުންނަށް ފޯރުކޮށްދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިމްނާ
02 November 2020
މިބޭންކަކީވެސް، އަދި މިސަރުކާރަކީވެސް ދަށްފަންތީގެ ރަޢިއްޔަތުންނަށް ހެވެން އެދިގެން އުޅޭ ބައެއްނޫން. އެކަން މިކަމުންވެސް ވަރަށް ރަގަޅަށް ހާމަވެ، ސާފުކޮށްއެނގޭ. ސިޔާސީ ބޮޑަކަށް ، ފައިސާވެރިއަކަށް ކަމެއް ކޮށްދެއްވަން ވެއްޖެއާ ތަނުގަ ތިބިމީހުން ބަދަލުކޮށްފަވެސް. ވަގުތުން ގާނޫނު ބަދަލުކޮށްފަވެސް މިހާތަނަށް އެކަމެއްވަނީ ކޮށްނިންމާފަ.
ހަކީމް
02 November 2020
ދީނުގައި ގަދަފަދައިން ކަމެއް ހަރާމް ކުރީމަ އެއީ ހަރާން ކަމެއްކަން އިނގިހުރެ އެކަމެއް ކުރުމުގެ މަތީގައި 100% މުސްލިމުން ކަމުގައި ދައުވާ ކުރާ މީހުން މިތިބެނީ.
އެޑަމް
02 November 2020
މިހާރު އެމްއެމްއޭ އިންރާއްޖޭގަހިންގާ ފޮރިންބެންކުތަކައްވެސް މިއިންޓުރަސްޓު ޜޭޓުކުޑަކުރަން މަޖުބޫރުކުރަންވެއްޖެ! މިގޮތައްއޮތީމަދިރާގާ އުރީދޫއާ ބެންކުތަކުން ދިވެހިންލޫޓުވަނީތަނެއްދޮރެއްނުދަންނަމީހަކައް ރައްޔިތުންވެރިކަންދިނީމަވާނުވާނޭގިހުރެ ދިރާގާ ފެންކުންފުނީގެ މެޖޯރިޓީހިއްސާނުައަގުގާވިއްކާލާފި ދެންތިބެގެން މަލީހުއައް މިބަވަނީ ނެޓުއަގުހެޔޮނުކޮއްދީގެންއޭނަކިހިނެއްތަ ބައެއްގެ އަމިއްލައެއްޗެއްގަދަކަމުން އަގުހެޔޮކުރުވާނީ މިހާގަމާރު!!
ޒުލައިޚާ
02 November 2020
ކަސްޓަމަރުންނަށް އެންމެ ހަރާކޯރުވެ އަދި އެންމެ ބޮޑު ފައިދާއެއް ނަގަނީ ބޭންކް އޮފް މޯލްޑިވްސް އިން. މިހާރުވެސް ގިނަވާނީ އޭޓީއެމް ނެތް ރަށްތައް. އެންމެންގެ މުސާރަ ޖަމާކުރަން ޖެހެނީ ބީއެމްއެލް އަށް.
ލުއިއަކަށްވާ ލުއިއެއް ދީ
02 November 2020
20% ޑައުން ޕޭމަންޓް މާ ބޮޑު!
އާރީ
01 November 2020
އަދިވެސް އަހަރަމެން ނަގައިފަ އިން ލުއިއެކުސްފްރެސް ލޯނު 18 ފަސެންޓް އިންޓަރރެސްޓް ދަށްކަން އިންނަނި
ޙަބީބު
01 November 2020
ސަރުކާރުންވި ވައުދުކޮބާ ތިމަންނާމެންގެ ވެރިކަމެއްގަ %6 އިންޓްރަސްޓްގަ ލޯނުދޭނެވާހަކަބުނި ލުއިލޯނޯ ލަދެއްވެސްނުގަނޭ
އަކީނޯ
01 November 2020
ކޮންތަނެއްބާ ކުޑަވެގެން މިއުޅެނީ. ލަދެއްވެސް ނުގަނެއޭދޯ.
ފިތުރޯނު
01 November 2020
ހޯމް ކޮންސްޓްރަކްޝަން ލޯން ނަގަން ބޭނުންވާ ގިނަ މީހުންނަކީ 50 ޕަސެންޓް އަމިއްލައަށް ހަރަދުކުރެވޭނެ ބައެއް ނޫނެވެ. އެމީހުން ނަން ކިރިޔާ ޚަރަދު ކުރެވޭނީ %20 އެވެ. އެފަދަ ލޯނުތަކަށް އެއްވެސް ލުޔެއް ނެތެވެ. ،
ޢަލްޤާޒީ
01 November 2020
ހޯމް ކޮންސްޓްރަކްޝަން ލޯންގެ އިންޓެރެސްޓް %8 އަށް ދަށްކުރަން ސަރުކާރުން ވެފައިވާ ރިޔާސީވައުދު ފުއްދުމުގެ ސިޔާސަތު ތަންފީޒުވިޔަ ނުދިނުމަށް ބީއެމްއެލް އިން ތިކުރާ ޖެއްސުން ވަގުތުން ހުއްޓާލާށެވެ.